Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދިވެހި

ދިވެހިންގެ ތެރޭގައި އާއިލާތައް އޮންނަ ގޮތާއިމެދު ކަންބޮޑުނުވޭ ހެއްޔެވެ؟

21 އޮކްޓޯބަރ 2017 - 12:00

ފާތިމަތު މުހައްމަދު

އެންމެ ކާމިޔާބު ކައިވެންޏަކީ ކޮބާ ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެއީ މައިން ބަފައިންގެ ރުހުން ލިބިގެން ކުރާ ކައިވެނިތޯ ނުވަތަ ދެ މީހަކު ލޯބިވެގެން ލޯބީގެ ހައްޤުގައި ކުރާ ކައިވެނި ކަމާމެދު ވަރަށް ގިނަ ބަހުސްތައް ކުރެވެއެވެ.

އިންސާނީ ހައްޤުތަކަށް އަޑުއުފުލާ މީހުން ކަމަށް ބުނާ މީހުން ބުނާ ގޮތުގައި ކައިވެނި ކުރަން ވުމުން އަންބަކު ނުވަތަ ފިރިޔަކު އިޚްތިޔާރު ކުރުމުގެ ހައްޤަކީ ކައިވެނިކުރާ ދެމަފިރިންނަށް ލިބިގެންވާ ހައްޤެކެވެ. އެކަމަށް އިތުރު އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވުމަކީ ކުރެވިގެން ވާނެކަމެއް ނޫނެވެ.


ދީނީ އިލްމުވެރިންގެ ރައުޔު މިކަމުގައި ތަފާތެވެ. ދީނީ އިލްމުވެރިންގެ ގިނަ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކައިވެނީގެ “ގޮށް” މައިން ބަފައިން އިޚްތިޔާރު ކުރާގޮތަކަށް ޖަހައި ދިނުމެވެ. ކައިވެނީގައި ވަލީ ނުވަތަ މައިންބަފައިންގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމަކަށްވާތީ މައިންބަފައިންގެ ރުހުމާއި ނުލާ ކައިވެނިކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ވަލީ ލިބުން ދަތިވެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އަދުލުވެރި ފަނޑިޔާރަކު މެދުވެރިކޮށް މައްސަލަ ހައްލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ސްރީލަންކާފަދަ ޤައުމުތަކަށް ގޮސް ކައިވެނިކުރެއެވެ. ވަލީ އާއި ނުލާ ކައިވެނި ކުރެވޭތީއެވެ. އެފަދަ ގޮތްގޮތަށް ކައިވެނި ކުރުމަށްފަހު ރަޖިސްޓްރީ ކުރަން ހުށަހެޅުމުން މައްސަލަތައް ކުރިމަތިވެއެވެ. އެފަދަ ހާލަތްތަކުގައި ބުނަނީ ރަޖިސްޓްރީކޮށް ނުދިން ނަމަވެސް އަހަރެމެންނަކީ ދެމަފިރިން ކަމަށާއި ރަޖިސްޓްރީ ކޮށް ނުދިންނަމަވެސް އަހަރެމެން ދިރިއުޅޭނީ ދެމަފިރިންގެ ގޮތުގައި ކަމަށެވެ.

ކަންއެގޮތަށް އޮތުމާއިއެކު އެމީހަކު ހިތް އެދޭ މީހަކާއި ކައިވެނި ކުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވަރުގަދަ ރޫޙެއް ވަނީ އުފެދިފައެވެ. ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެންވެސް ކައިވެނި ކުރަން ބޭނުންވާ ފަދައިން ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ތިމާމެންގެ ޒަވާޖީ ހަޔާތް ދެމެހެއްޓުމުގެ މުހިއްމު ކަމާމެދު ވިސްނައި ލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ. ހިތާމައަކީ ކައިވެނި ކުރަން އުފެދޭ ރޫހާއި އެއްވަރަށް ކައިވެނި ދެމެހެއްޓުމުގެ ރޫޙު ނެތްކަމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކޮންމެ ފަދަ ޤުރުބާނީ އެއް ވެގެން، ކޮންމެ ގޮތަކުން ނަމަވެސް ކުރި ކައިވެނީގައި ލިބުނު ދަރިން ބަލައި ތަރުބިއްޔަތު ކުރުމުގެ ރޫޙު ކުޑަކަމެވެ.

ކައިވެނީގެ އެންމެ ފޮނި މޭވާ އަކީ ކައިވެނީގައި ލިބޭ ދަރިންނެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ދަރިން ލިބުމެވެ. ދަރިން ލިބުމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ ކޮންމެ ދެމަފިރިއަކަށްވެސް އުފުލަންޖެހޭ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމައަށް ޒިންމާދާރު ނުވެވޭ ގިނަ ބަޔަކު ދިވެހި މުޖުތަމައުގައި ތިބިކަން ފާހަގަ ކުރެވޭއިރު އެމަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މީހުން އެ މީހުންގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ގެންދަނީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ.

ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ރެކޯޑެއް ލިބޭ ކަމެއް އޮތްނަމަ އެކަމަކީ އަޅުގަނޑުމެންގެ މެދުގައި އޮތް ވަރި އަދި ކައިވެނިކަމަށް ވެފައިވާއިރު މިކަމަށް ހައްލު ހޯދުމަށް އެކަށީގެންވާ ފެންވަރުގައި މަސައްކަތް ކުރެވެމުންދާ ކަމަކަށް ނުފެނެއެވެ.

ހަމައެފަދައިން ދަރިން ލިބުމަށްފަހު އަނބިމީހާ ވަރިކޮށް ދޫކޮށްލުމާއި ތިމާއަށް ލިބުނު ދަރިންނާއި އަޅާނުލުމާއި ދަރިންނަށް ޚަރަދު ނުކުރުމާއި ދަރިން ތަރުބިއްޔަތު ކުރަން މަސައްކަތް ނުކުރުމުގައިވެސް ދިވެހިންނަކީ ރެކޯޑު ލިބޭ ބައެކެވެ. ހަމަމިއާޢިއެކު ދަރިން ލިބޭ އަދަދު ގިނަވުމަކީ މައްސަލައެއް ނޫނެވެ. އެއްވެސް މީހަކު އެމީހަކަށް ލިބުނު ދަރިންގެ އަދަދު ގިނަވަގެން ނިކަމެތިވެ ފަޤީރުވެފައެއް ނުވެއެވެ. ލިބޭ ހުރިހާ ނިކަމެތިކަމެއް ލިބެނީ ދަރިންގެ ހައްޤުތަކަށް އިހްތިރާމު ނުކުރެވުމުންނެވެ. ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ނުދެވުމުންނެވެ. ތިމާއަށް މާތްﷲ ދެއްވާ އާމްދަނީ އިން އަނބިދަރިންނަށް ޚަރަދުނުކޮށް އެހެން ކަންކަމަށް ޚަރަދު ކުރުމުންނެވެ. އަނބިދަރިންނާއެކު ދިރިއުޅުމުގެ ޒިންމާ އަދާކުރަން ފަސްޖެހުމުންނެވެ.

އަނބިދަރިން ގޮވައިގެން ދިރިއުޅެމުން ގެންދާ މީހަކު ކުށްކުރުން ފަދަ ކަންކަން ކުރާއިރު އެކަމުގެ އުޤޫބާތަކީ ޖަލުގައި ބަންދުވާން ޖެހުންކަން އެމީހަކަށް އެނގޭނެއެވެ. އެފަދަ ދުވަހަކުން ތިމާގެ އަނބިދަރިންނަށް އެހީތެރިވާނެ ބަޔަކު ނުތިބޭނެކަން ވެސް އެނގޭނެއެވެ. އާއިލާގައި ބަޔަކު ތިބި ނަމަވެސް ދާއިމީ ގޮތެއްގައި އެހެން ބައެއްގެ ޚަރަދުތައް ކުރެވޭވަރުގެ ފުދުންތެރިކަން ލިބިފައިވަނީ މަދު ބަޔަކަށެވެ. އެކަންވެސް އެނގޭނެއެވެ.

ނަމަވެސް މިފަދަ ހުރިހާ ކަންކަމެއް އެނގިހުރެ އެކިއެކި ކުށްތައް ކޮށްގެން ބަންދުގައި އެތިބީ ކިތައް މީހުންތޯއެވެ؟ އެމީހުންގެ ޢާއިލާތައް މިއަދު ދިރިއުޅެމުން ގެންދަނީ ކޮންފަދަ ނިކަމެތި ހާލުގައިކަން އެމީހުންނަށް އިހްސާސްކުރެވޭ ބާވައެވެ!

ކިޔުންތެރިންގެ ހިޔާލުތައް

×

ޢަންތަރީސް | 22 އޮކްޓޯބަރ 2017 - 21:56

ޙުރިހާވެސް މައްސަލައަކީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފަށް އުޅެން ދިމާކުރުން.

ޓްރެންޑިން