Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ދުނިޔެ

ދުންފަތުގެ ސަބަބުން އިންސާނާގެ ހަށިގަނޑާއި އެއްވަރަށް ތިމާވެއްޓަށްވެސް ގެއްލުންވޭ!

13 ޖޫން 2017 - 22:02

ޒުލައިޚާ އަޙްމަދު

ދުންފަތުގެ އިސްޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން އަހަރެއްގެ މައްޗަށް 7 މިލިއަން މީހުން މި ދުނިޔެ ދޫކުރެއެވެ. ހަމަމިއާއެކު ދުންފަތުގެ ސަބަބުން އަޅުގަނޑުމެންގެ މި ދުނިޔެއަށްވެސް ބޮޑެތި ގެއްލުން ތަކެއްވެއެވެ. އެގޮތުން ދުންފަތާއި ހެދި ދުނިޔެއިން ގަސް ކަނޑައި، ތިމާވެށި ތަޢައްޔަރުވާން ދިމާވެއެވެ.

ޑަބްލިޔު އެޗް އޯ އިން މިއަހަރު ވަނީ ދުންފަތުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ރިޕޯޓެއް ނެރެފައެވެ.

ދުންފަތް އިންދުމާއި އެ ޕެކް ކުރުމާ ދޭތެރޭ ބިންގަނޑަށް އެތަކެއް ވިހަ މާއްދާތަކެއް ދޫކޮށްލައެވެ. ހަމަމިއާއެކީ ދުންފަތުން ޖައްވަށް ވިހަ ގޭސްތައްވެސް ފޮނުވައެވެ. އެހެންކަމުން ދުންފަތަކީ ހަމައެކަނި އިންސާނުންނަށް މޭގެ ކެންސަރު ޖައްސާ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ މި ދުނިޔެއަށްވެސް ދުންފަތުން ކެންސަރު ޖެހެއެވެ.

ދުނިޔޭގެ 124 ޤައުމަކުން ދުންފަތުގެ ދަނޑުވެރިކަން ކުރެއެވެ. އަދި މިކަމަށް 4.3 މިލިއަން ހެކްޓަރުގެ ބިން ބޭނުންކުރެއެވެ. އާންމު ގޮތެއްގައި ދުންފަތް އެންމެ ގިނައިން އުފައްދަނީ އާމްދަނީ އެންމެ މަދުން ލިބޭ ޤައުމުތަކުގައެވެ. މިގޮތުން ދުންފަތް އެންމެ ގިނައިން އުފައްދަނީ ޗައިނާ، ބްރެޒިލް، އަދި އިންޑިޔާގައެވެ.

ދުންފަތް ގަހަކީ އެހެން ގަސްތަކާ އެކީގައި ހައްދާ ގަހަކަށް ނުވުމުން މި ގަހާއި ގަސް އިންދާ ފަސްގަނޑު އެހާ ވަރުގަދައެއް ނޫނެވެ. އެހެންކަމުން މިގަސް ހެދިބޮޑުވުމަށާއި ސޫފިތަކުން ރައްކާތެރިކުރުމަށް ގިނަ އަދަދެއްގެ ކެމިކަލް ބޭނުންކުރެވެއެވެ. މި ކެމިކަލްތައް ބޭނުން ކުރުމުގެ ސަބަބުން ފަސްގަނޑު ހަލާކުވެ، ގަސް އިންދުމުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށްވެސް ސިއްޙީ މައްސަލަތަކާ ކުރިމަތިވެއެވެ. މި ދަނޑުވެރިނއގެ ތެރެއިން 60 – 70 އިންސައްތަ މީހުންނަކީ އަންހެނުންނެވެ.

 

ކޮންމެ 300 ސިގިރެޓަށް އެއްގަސް ކަނޑާލެވޭ!

ދުންފަތް އުފެއްދުމަކީ ވަރަށް ގިނައިން ލަކުޑި ބޭނުންވާ ކަމެކެވެ. އެއީ ދުންފަތް ހިއްކަނީ އާންމު ގޮތެއްގައި ދަރު ނުވަތަ ލަކުޑި އަންދައިގެން ކަމުގައި ވުމުންނެވެ. މިކަމަށްޓަކައި އާންމުގޮތެއްގައި އަހަރެއްގެ މައްޗަށް 11.4 މެޓްރިކް ޓަނުގެ ލަކުޑި ބޭނުންކުރެވެއެވެ. އެއީ ކޮންމެ 300 ސިގިރެޓަށް އެއް ގަހެވެ. މިގޮތަށް ގަސް ކެނޑުމުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ މައްސަލަ ބޮޑުވެއެވެ.

 

ދުންފަތުގެ ސަބަބުން އެތަށް ނުރައްކާތެރި ކެމިކަލްތަކެއް ބޭރުވޭ!

ޑަބްލިޔު އެޗް އޯ އިން ލަފާކުރާ ގޮތުގައި 2012 ވަނަ އަހަރު 967 މިލިއަން މީހުން 6.25 ޓްރިލިއަން ސިގިރެޓް ބޭނުން ކުރިއެވެ. މީގެ މާނައަކީ އެ އަހަރު ހަމަ އެކަނި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން 6000 މެޓްރިކް ޓަނުގެ 'ފޯމަލްޑިހައިޑް' އާއި 47000 މެޓްރިކް ޓަނުގެ 'ނިކޮޓިން' ޖައްވަށް ބޭރުވިއެވެ.

ދުންފަތުގެ ދުމުގައި 4000 ކެމިކަލް މާއްދާ އެކުލެވިގެންވާއިރު މީގެ ތެރެއިން 250 މާއްދާ އަކީ ޔަގީނުންވެސް ގެއްލުން ހުރި މާއްދާ ތަކެވެ. ހަމަމިއާއެކު ދުންފަތުގެ ދުމުގައި ދުނިޔެ ހޫނު ވުމަށް މެދުވެރިވާ ގޭސްތައް ކަމަށްވާ 'ކާބަންޑައިއޮކްސައިޑް'، 'މީތޭން' އަދި 'ނައިޓްރަސް އޮކްސައިޑް' ވެސް ހިމެނެއެވެ.

ޑަބްލިޔު އެޗް އޯ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ދުންފަތުގެ ދުމުން ބޭރުވާ މިފަދަ ބައެއް މާއްދާތައް ޖައްވުތެރޭގައި ހިރަފުހާ އެކުވެގެން ހަރުލައެވެ. އަދި މިފަދަ ބައެއް މާއްދާތައް އަޅުގަނޑުމެން ބޯން ގެންގުޅޭ ފެން ވެސް ތަޢައްޔަރުކުރުވައެވެ.

 

ދުންފަތުގެ ސަބަބުން ދުނިޔެއަށް އަޅާ ހަލާކުނުވާ ޒާތުގެ ކުނި އިތުރުވޭ!

ދުނިޔޭގައި ބޭނުން ކުރާ ކޮންމެ ސިގިރެޓެއްގެ ތިން ބައިކުޅަ ދެބަޔަކީ ކުނީގެ ގޮތުގައި އުކާލެވޭ އެއްޗެކެވެ. އެހެންކަމުން މިއީ ދުނިޔޭގައި އެންމެ އާންމު އެއް ކުނީގެ ބާވަތެވެ.

މި ކުންޏަކީ އޭގައި ގިނަ 'އާސެނިކް' ފަދަ ގިނަ އަދަދެއްގެ ކެމިކެލް އެކުލެވިގެންވާ އެއްޗެކެވެ. ކުނީގެގޮތުގައި އުކާލުމުން ބޯން ބޭނުން ކުރާ ފެނުގެ ތެރެއަށްވެސް މި ކެމިކަލްތައް ވަދެގެންދެއެވެ.

ޑަބްލިޔު އެޗް އޯ އިން ލަފާކުރާ ގޮތުގައި އަހަރެއްގެ މައްޗަށް 340 އާއި 680 މިލިއަން ކިލޯގްރާމާއި ދެމެދުގެ އަދަދަކަށް ދުންފަތުގެ ސަބަބުން ކުނި ދުނިޔޭގައި އުކާލެވެއެވެ.

 

ދުނިޔޭގެ ނިސްބަތުން ދުންފަތް ބޭނުންކުރާ މިންވަރު ދަށްވަމުން ދިޔަ ނަމަވެސް ބައެއް ޤައުމު ތަކުގައި އަދިވެސް ދުންފަތް ބޭނުން ކުރުން ދަނީ އިތުރު ވަމުންނެވެ. ދުންފަތް އުފެއްދުމުގެ ކޮންމެ މަރުހަލާ އަކީ އެކަމުގެ ސަބަބުން ދުނިޔެއަށް އެތަކެއް ގެއްލުން ވަމުން އަންނަ މަރުހަލާއެކެވެ. ޑަބްލިޔު އެޗް އޯ އިން ޤަބޫލު ކުރާ ގޮތުގައި ދުންފަތް ހިމެނޭ ބާވަތް ތަކުން ޓެކްސް ނެގުމަކީ ދުންފަތް ބޭނުން ކުރުން މަދު ކުރުމަށް އޮތް އެންމެ މުހިއްމު އެއް ހައްލެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން