Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ބަހުބަލީ 2، ރިކޯޑްތައް މުގުރާލައިފި

10 މޭ 2017 - 11:23

މަރިޔަމް ލައިސާ

އެސް އެސް ރާޖަމައުލީ ލިޔެ ޑައިރެކްޓް ކޮށްފައިވާ "ބާހުބަލީ 2-ދަ ކޮންކްލޫޝަން" މި ފިލްމް މިވަނީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމަކަށްވެ އެތަކެއް ރިކޯޑުތަކެއް މުގުރާލާފައެވެ. އިންޑިއާއިން ބޭރުގައި މި ފިލްމް އެތަކެއް ރިކޯޑުތަކެއް މުގުރާފައި ވާއިރުގައި އިންޑިއާގައި މި ފިލްމް ނެރުނުތާ 11 ވަނަ ދުވަހު 700 ކްރޯޑްއަށް މި ފިލްމު ވާޞިލްވެފައިވާ ކަމަށް ބޮކްސްއޮފީސް އިންޑިއާގެ ރިޕޯޓަކުން ދައްކައެވެ.


"ބަހުބަލީ 2" މިވަނީ އެ ފިލްމް ނެރުނުތާ 10 ދުވަސްތެރޭގައި 1000 ކްރޯޑް ހޯދާފައިވެއެވެ. ހުރިހާ ބަހަކުން 1047 ކްރޯޑް ރުޕީސް ހޯދާފައި ވާއިރުގައި ހިންދީ ބަހުން އަޑުއަޅާފައިވާ ފިލްމަށް ލިބިފައިވަނީ 500 ކްރޯޑެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެހެން ބަސްބަހުން މި ފިލްމަށް އަޑުއަޅާފައި ވިޔަސް ހިންދީ ބަހުން ދެއްކި ފިލްމަށް މާ ލާރި ލިބިފައިވެއެވެ.


ޚިޔާލީ ހަނގުރާމައެއް ދައްކައިދޭ މި ފިލްމްގައި ޕްރަބާސް އަދި ރަނާ ޑައްގުބަޓީ ވިދާލާފައި ވާއިރުގައި، ދެވަސެނާ ގެ ގޮތުގައި އެ ފިލްމުގައި ހަރަކާތްތެރިވި އަނުޝްކާ ޝެޓީއާއި، އަވަންތިކާގެ ގޮތުގައި ފެނިގެންދިޔަ ތަމަންނާ ބާޓިއާއާއި، ކައްޓައްޕާ ގެ ގޮތުގައި ފެނުނު ސަތްޔަރާޖް އަދި ސިވާގާމީ ދޭވީ ގެ ގޮތުގައި ފެނިގެންދިޔަ ރާމްޔަ ކްރިޝްނާ މިވަނީ ވަރަށްވެސް ފުރިހަމަ ހަރަކާތެއް ފިލްމުގައި ދައްކާލާފައެވެ.


"ބަހުބަލީ 2" މި ފިލްމް ވަނީ ދުނިޔޭގެ އެކިހިސާބު ތަކުގެ 9000 ތިއޭޓަރުގައި އަޅުވާފައެވެ. 2016 ވަނަ އަހަރު ފުރަތަމަ ނެރެން އުޅުނު މި ފިލްމް ނެރެވުނީ މިއަހަރުއެވެ. އަދި މި ފިލްމް މިވަނީ ގިނަ ގުނަ ކާމިޔާބީތަކާއި އެކު އައު އުސްމިންތަކަކަށް އަރާފައެވެ. މި ފިލްމުގައި ހަރަކާތްތެރިވި ޕްރަބާސް އަށް މި ފިލްމުގެ ޝޫޓިންގް ތެރޭގައި އެކަނި 6000 އަށް ވުރެ ގިނަ ޕްރޮޕޯސަލްތައް ލިބުނު ކަމަށް ރިޕޯޓު ތަކުން ދައްކައެވެ. މި ފިލްމު މިވަނީ މިއަހަރުގެ ބޮލީވުޑް ރިކޯޑްތައް މުގުރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން