Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ބޮލީވުޑް

ކެތްރީނާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތް އިރު ސަލްމާންގެ ފަރާތުން އޭނާއަށް ލިބުނު އެހީގެ ވާހަކަ!

16 ޖޫން 2017 - 10:15

މަރިޔަމް ލައިސާ

ކެތްރީނާ ކައިފް އަދި ސަލްމާން ޚާން އެއްކޮށް އުޅުނު ކަމުގައި ވިޔަސް އަދި ނުވިޔަސް އެ ދެމީހުންނަކީ އެކަކު އަނެކަކަށް ވަރަށް ޙާއްސަ ދެމީހުންނެވެ.

ވަރަށް ފަހުންފިލްމްފެއަރގެ އެޑިޓަރ ޖިތޭޝް ޕިލާއި ކެތްރީނާ ކައިފް އާއި ކުރި އިންޓަވިއުއެއް ގައި އޭނާ ވަނީ ސަލްމާން އަކީ އަބަދުވެސް އޭނާގެ ދިރިއުޅުމުގައި މެދުކެނޑުމެއްނެތި ނަސޭހަތް ދޭން ހުރި މީހާ ކަމަށް ބުނެފައެވެ.

"އަހަރެމެން އެންމެންނަށްވެސް އެނގޭ ސަލްމާން އަކީ މީހުންނަށް އެހީވުމަށް ލޯބިކުރާ މީހެއްކަން. ނަމަވެސް އަހަންނަށް ސަލްމާން އެންމެ ބޮޑު ހިއްވަރަކަށް ވެގެން ދިޔައީ، އޭނަ އަހަންނަށް ކަންތައްތައް ތަފާތު ކޮށްދޭކަށް ނޫޅޭ. އޭނަ އަހަންނަށް ކޮންމެ ވަގުތެއްގައިވެސް ހިއްވަރު ދިނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށާ ބުރަކޮށް މަސައްކަތް ކުރުމަށް." ކެތްރީނާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އިތުރަށް ސަލްމާން ޚާން އާއި އެކު ހޭދަކުރެވުން އެންމެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގެ ވާހަކަ އެހުމުން ކެތްރީނާ ވަނީ އެ ސުވާލުތައް އެހުމަށް ޖެހޭނީ އިތުރު ޝޯއެއް ބާއްވަން ކަމަށް ބުނެ ހިނިގަނޑެއް ޖަހާލާފައެވެ.

ނަމަވެސް 33 އަހަރުގެ މި ފިލްމީތަރި ވަނީ އޭނާ ފިލްމީ ދާއިރާއަށް ވަދެ ކުރިއެރުމުގައި ސަލްމާންގެ ފަރާތުން ލިބުނު އެހީ ބުނެދެމުން ކުޑަ ވާހަކަ އެއް ކިޔާލަދީފައެވެ.

"އަބަދުވެސް އަހަންނަށް ކަންތައްތައް ވާނެ ކަމަށް ޤަބޫލުކުރާނެ. އޭރުގަ އަހަރެންނަށް އޮތީ "ސާޔާ" ފިލްމުގެ ބައެއް ކުޅެން ހަމަޖެހިފަ. އަނޫރާގް ބާސޫ އެއީ ޑައިރެކްޓަރު، ޖޯން އަބްރަހަމް އެއީ ބަތަލު. އެއްރޭ އަހަންނަށް ގުޅާފަ ބުނަނީ ޝޮޓެއް ނަގަން އަންނަން. އެއީ އެއްވެސް ވާހަކަ އެއް ދައްކަން ޖެހޭ ޝޮޓެއް ނޫން. އަހަރެން ވާން ޖެހުނީ ޖިންނި އަކަށް. އެއީ ހަމަ އެކަނި ހިނގާލާފަ ދާން ޖެހޭ ޝޮޓެއް. ދެ ދުވަސް ވަންދެން ޝޫޓިންގްގައި އުޅެފަ އަހަރެން އެއްލާލީ އެމީހުން. އަހަރެން ނިކުމެފަ ފެށީ ރޯން. ދެލޯ ބޮޑުވެ ރަތްވެފަ އޮތީ ރޮއެ ރޮއެ." ކެތްރީނާ ވާހަކަ ކިޔައިދެމުން ދިޔައެވެ.

"ދެން އެދުވަހު ސަލްމާންއާ ދިމާވި އިރުވެސް އަހަންނަށް ރަނގަޅަށް ހުއްޓާނުލެވޭ. ދެން ސަލްމާން ފެށީ ހޭން. ހިތަށް އެރި ހާދަ ނުބައި މީހެކޭ. އަހަރެން އޭރު ވިސްނަމުން ދިޔައީ އަހަރެންގެ ކެރިއަރ ނިމުނީ އޭ. އެންމެ ފުރަތަމަ ފިލްމުން ވެސް ބޭރުކޮށްލީމަ އަހަރެންގެ ދިރިއުޅުން ވެސް މި ނިމުނީއޭ އެކަމަކު އަދިވެސް އޭނަ ހެނީހޭ ހިތަށް އެރީ. ދެން އޭނަ އެންމެ ފަހުން އައިސް އަހަރެން ހިތްހަމަ ޖައްސައިދެމުން ބުނަނީ އަހަންނަކަށް އަދި ނުވިސްނޭނެއޯ މީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޯ. އޭނައަށް އިނގެޔޯ އަހަރެން މި ހިސާބުން ދާނެ ހިސާބު. މިކަހަލަ ކަންތައް ވާނެއޯ. ތިމަންނަ ދޭނެ ޖަވާބެއް ނެތޯ އެކަމަކު މިކަހަލަ ކަންތައްތައް ހިނގާނެއޯ. އެތަން ފެންނާނެއޯ. އެހެންވީމަ ބުރަކޮށް މިކަމަށް ސަމާލުވެގެން މިކަން ކުރާށޯ ބުނީ." ވާހަކަ ނިންމާލަމުން ކެތްރީނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން