Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ކުޑަދަރިފުޅު ނުކެއުމާއި އެއިގެ ހައްލު

10 ސެޕްޓެމްބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ތުއްތުކުދިން ނުކެއުމަކީ އާއްމުކޮށް ކޮންމެ މަޔަކު ވެސް އެކަމާއި ޝަކުވާކޮށް ނުވަތަ ކަންބޮޑުވާ ވަރުގެ ކަމެކެވެ. އެކަމާއި ވިދިގެން ކެވޭފަދަ ބޭސްތައް ބޭނުންކުރެވެއެވެ. 

ކޮންމެއަކަސް ކުދިން ނުކެއުމުގައި ބެލެނިވެރިން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ޙާއްސަ ގޮތްތަކެއް ކެއުމާއި އެނޫންވެސް އެހެން ކަންކަމުގައި ހުންނާނެ ކަމެވެ. ޙާއްސަކޮށް ކުދިން ވަކިއުމުރުތަކަށް ދިޔުމުންވެސް މިމައްސަލަ ދިމާވާނެއެވެ. މިސާލަކަށް ފުރަތަމަ ހަމަހުގައި ދަރިފުޅު ވަރަށް އަވަހަށް ބޮޑުވާނެއެވެ. އަދި ވިހޭއިރު ހުރި ބަރުދަނުގެ ތިންގުނަ ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި މައްޗަށް އަރާނެއެވެ. ނަމަވެސް ދެވަނަ އަހަރު ބަރުދަން ލުއިވުމާއި ކާހިތްވުން ކުޑަވާ ގޮތްދިމާވެއެވެ. މިގޮތުން ކޮންމެ އުމުރަކަށް ވެސް ކުއްޖާއަށް ބޭނުންވާ ކާއެއްޗެހީގެ މިންވަރު ތަފާތުވެއެވެ. ހަމަ އެހެން ކާހިތްވާ މިންވަރުވެސް ޢުމުރާއި ގުޅިގެން ތަފާތުވެއެވެ. މިކަމުގައި ބެލެނިވެރިން ސަމާލުވާންޖެހޭ ކަމަކީ އެ އުމުރެއްގައި ކުއްޖާ ޠަބީޢީކޮށް ބޮޑުވުމަށް ބޭނުންވާ މިންވަރަށް ކެއުމާއި ބުއިމުގެ މިންވަރު ދަރިފުޅަށް ލިބޭތޯ ބެލުމެވެ.

އަދި ބެލެނިވެރިން ވިސްނަންވީ ކަމަކީ އަވަށްޓެރި އެހެން ކުދިން ކާވަރާއި އެކުދިންގެ ބަރުދަނާއި ތިމާގެ ދަރިފުޅުގެ ކަންތައްތަކާއި އަޅާނުކިޔުމަށެވެ. އެއިގެ މަޤްސަދަކަށް ހަދަންވީ ދަރިފުޅު ފަލަކުރުމުގެ ބަދަލުގައި ޠަބީޢީކޮށް ކުއްޖާ ބޮޑުވުމަށް ބޭނުންވާ ފައިދާހުރި ކާނާގެ މިންވަރު ދަރިފުޅަށް ހާސިލުކޮށްދިނުމެވެ.

 

އަމިއްލައަށް ކުރެވިދާނެ ކަންތައްތައް

މައްސަލައިގެ ރަނގަޅު ހައްލަކީ ދަރިފުޅަށް ކާންދިނުމުގެ ނިޒާމު ރަނގަޅު ކުރުމެވެ. އޭރުން ކުއްޖާ އޭނާއަށް ބޭނުންވާ އެކަށީގެންވާ މިންވަރު ބޭނުންކުރާނެއެވެ. މި ނިޒާމު ރަނގަޅު ކުރުމަށްޓަކައި އެންމެ ފުރަތަމައަށް ކުރަންޖެހޭ ކަމަކީ މައިބަފައިންގެ ހާސްކަން މި ކަމާ މެދު ފިލުވާލުމަށް ފަހު، ދަރިފުޅު ކާހިތްނުވަނީ ބައްޔެއްގެ ސަބުންތޯ ބެލުމެވެ. އެހެންނަމަ އެކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.

އަދި ހަމަމިއާއިއެކު ދަރިފުޅު ބަލިވެ އުޅެނިކޮށް އެއްވެސް އައު ވައްތަރެއްގެ ކެއުމެއް އަލަށް ނުދޭށެވެ. ބަލިވެފައި ހުންނައިރު އާދަވެގެން ކާ ކެއުން މަތިން ވެސް ފޫހިވާއިރު، އާކެއުމެއް ތަޖުރިބާކުރުވަން އުޅެފި ނަމަ މުޅިން އެއްކޮށް އެ އެއްޗެއް މަތިން ފޫހިވެދާނެއެވެ. އަދި ދަރިފުޅު ވަކި އެއްޗެއް ކެއުމާ ދެކޮޅު ހަދާނަމަ އެއިން ލިބިދޭ ފައިދާ ލިއްބައިދޭ އެހެން ކާނާއެއް ހޯދާށެވެ. އެއް ފައިދާއެއް ލިއްބައިދޭ ތަފާތު ކާނާތައް ވަރަށް ވެސް ގިނައެވެ. މަޤްސަދަކަށް ވާންވާނީ ވަކި ނަމެއް ކިޔާ އެއްޗެއް ކާންދިނުމުގެ ބަދަލުގައި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާނޭ މާއްދާ ދަރިފުޅުގެ ހަށިގަނޑަށް ވާސިލުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން