Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

މާބަނޑު ދުވަސްވަރު ވިޓަމިންގެ ބާވަތްތައް ބޭނުން ކުރުން މުހިއްމު

3 އޮކްޓޯބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ބަނޑުގައި އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކާނާ ފޯރުކޮށްދެނީ މައިމީހާގެ ހަށިގަނޑުންނެވެ. އެހެންކަމުން މާބަނޑުދުވަސްވަރު ރަނގަޅު އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރަން ޖެހެއެވެ. މިގޮތުން ވިޓަމިންގެ ކާނާއަކީވެސް އެއިގެ މުހިއްމުކަމުގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ.

ވިޓަމިން އޭ

ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަންގަނޑު ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ. ހަމަ މިހެން ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓް އެކެވެ. ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ، ބިސް، ފޯރޓިފައިޑް ކިރު، ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ.

މާބަނޑުވުމުން ނަގާ ޕްރިނޭޓަލް ވިޓަމިންގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800 މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ. ވިޓަމިން އޭގެ މިންވަރު ހަށިގަނޑުގައި މާ ގިނަވުމަކީ ބައިގެން ދިއުމާއި، މޭނުބައިކުރުމާއި، ބޮލުގައި ރިހުމާއި، ބޮލުން އިސްތަށިފޭބުމާއި، ފުރަމެޔަށް ގެއްލުން ލިބުމާއި، ކަށިތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިކުރުވާ ކަމެކެވެ.

ވިޓަމިން-ބީ

ވިޓަމިން ބީ-6 އިން ލޭގެ ރަތް ސެލްތައް އުފެދުމަށް އެހީތެރިވެއެވެ. އަދި ސިކުނޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމަށާއި، ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތަށް އެހީތެރިވެއެވެ. ދޮންކެޔޮ، އަދި ސެލެރީ އަކީ ވިޓަމިން ބީ-6 ހިމެނޭ ބާވަތްތަކެވެ. ވިޓަމިން ބީ-6 ގެ 0.96 މިލިގްރާމް ދުވާލަކު މާބަނޑުއަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަކޮށް ބެހެއްޓުމަށް ވިޓަމިން ބީ-12 އަކީ ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން ބީ-12 ހިމެނޭ ބާވަތްތަކުގެ ތެރޭގައި އެއްގަމުމަހާއި، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ.

ފޮލިކް އެސިޑް

ބީ-ވިޓަމިންގެ ތެރޭގައި ހިމެނޭ ފޮލިކް އެސިޑަކީ ކުޑަދަރިފުޅުގެ މައިބަދައާއި، ސިކުނޑިއާއި، އޭގެ ވަށައިގެންވާ ފަށަލަތަކުގައި އުފެދޭ އައިބުތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި، އެހެނިހެން އައިބުތަކުން ސަލާމަތްކޮށްދިނުމުގައި ވެސް ފޮލިކް އެސިޑް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަލިވެއިނުމުގެ ކުރިންނާއި، ބަލިވެއިނުމުގެ ފަހުން ވެސް ފުރަތަމަ 3 މަހުގެ ތެރޭގައި 400 މައިކްރޯގްރާމްގެ ފޮލިކް އެސިޑް ކޮންމެ ދުވަހަކު ނަގާނަމަ މިފަދަ އައިބުތައް ކުރިމަތިވުން ކުޑަކޮށްދެއެވެ.

ވިޓަމިން-ސީ

މިއީ ހަންގަޑާއި ،ދަތްތަކާއި، ކަށިތަކާއި، ހިރުގަނޑާއި، ދިފާއުކުރުމުގެ ނިޒާމު ސަލާމަތުން ބެހެއްޓުމަށް އެހީވެދޭ ޕްރޮޓީން އެކެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު މައިމީހާ އާއި، ކުޑަދަރިފުޅުގެ ހިރުގަނޑާއި އެހެނިހެން ޓިޝޫތައް ސަލާމަތުން ބެހެއްޓުމަށް ވިޓަމިން-ސީ އެހީތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން