Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކެއުން ބުއިން

ޗޮކްލެޓް ކެއުމުން އެހާ އުފާވަނީ ކީއްވެ؟

25 ޖޫން 2017 - 11:00

ޒުލައިޚާ އަޙްމަދު

ގިނަ މީހުން ޗޮކްލެޓް ކަނީ މީރުކަމުންނެވެ. އެހެންނަމަވެސް ޗޮކްލެޓްގައި ހިމެނޭ 300 އަށްވުރެ ގިނަ ކެމިކަލް މާއްދާތަކުގެ ތެރެއިން ބައެއް މާއްދާތަކަކީ ސިކުނޑީގައިވާ އުފާވެރިކަމާ ގުޅިފައިވާ ހިސާބުތައް 'ސްޓިމިއުލޭޓް'ކޮށް މީހާގެ ހަކަތަ އިތުރުކޮށްދޭ މާއްދާތަކެކެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުން ޗޮކްލެޓް ކެއުމަށް ގިނަ މީހުން ޝައުޤުވެރިވަނީ ބަނޑުހައިވާތީއެއް ނޫނެވެ. ނަމަވެސް ޗޮކްލެޓްގެ ސަބަބުން ސިކުނޑިއަށް ލިއްބައިދޭ އުފާވެރިކަމެއްގެ ސަބަބުންނެވެ. އެގޮތުން އެހެން ޗޮކްލެޓްތަކަށްވުރެ ޑާކް ޗޮކްލެޓް ކެއުމުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ.

ތިރީގައި މިވަނީ ޗޮކްލެޓްގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ސިކުނޑިއަށް އަސަރު ކުރުވާ ބައެއް މާއްދާތަކެވެ.

 

'ކެފެއިން'

ކެފެއިން އަކީ މީހާގެ ސަމާލުކަން އިތުރުކޮށްދޭ މާއްދާއެކެވެ. އަދި މި މާއްދާގެ ސަބަބުން ސިކުނޑީގައިވާ 'ޑޮޕަމިން ރިސެޕްޓާސް'ތަކުން އުފާވެރިކަން ގެނެސްދޭ ކެމިކަލްތައް ބޭރު ކުރުމަށް އެހީވެދެއެވެ.

 

'ފީނައިލްއިތައިލްއެމައިން'

މި މާއްދާއަކީ "ލަވް ޑްރަގް"ގެ ނަމުން މަޝްހޫރު ވެފައިވާ މާއްދާއެކެވެ. ސަބަބަކީ މި މާއްދާގެ ސަބަބުން މީހަކު ދެކެ ލޯބިވުމުން ސިކުނޑިން އުފައްދާ ފަދަ ކެމިކަލްތައް އުފައްދައިދޭތީއެވެ. އަދި މި މާއްދާގެ ސަބަބުން ސިކުނޑިން 'ޑޮޕަމިން' އުފައްދާ މިންވަރު އިތުރުކޮށްދީ މީހާއަށް އުފާވެރިކަން ގެނެސްދެއެވެ.

 

'އެނަންޑަމައިޑް'

ޗޮކްލެޓްގައި ހިމެނޭ މި މާއްދާއަކީ ސިކުނޑިން އުފާވެރިކަން ތަޖުރިބާ ކުރާ ގޮތް ބަދަލުކޮށްލާ މާއްދާއެކެވެ. މިމާއްދާއަކީ ގުދުރަތީގޮތުންވެސް ސިކުނޑިން އުފައްދާ މާއްދާއެކެވެ.

 

'ތިއޯބްރޮމިން'

މި މާއްދާގެ ސަބަބުން ޗޮކްލެޓަކީ ޖަނަވާރުންނަށް ނުރައްކާތެރި އެއްޗަކަށްވެއެވެ. އަދި އިންސާނުންވެސް މާގިނައިން ޗޮކްލެޓް  ކެއުމުން ބޮލުގައި ރިއްސުންފަދަ ކަންކަން ދިމާވަނީ މި މާއްދާގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން