Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކަސްރަތު

އެމްޕަވަރ ފިޓްނަސް ޖިމްގެ މެސެޖް ހީކުރިގޮތާ ތަފާތު

17 އޮކްޓޯބަރ 2017 - 09:00

އާޝިޔާ މުޙައްމަދު

2011 ވަނަ އަހަރު އުފެދުނު މި ޖިމްއަކީ އެހެން ޖިމް ތަކާއި އަޅާ ބަލާއިރު ވަރަށް ތަފާތު ޖިމްއެކެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލަން ޖެހެނީ މި ޖިމްގެ ނަމެވެ.

ނަމުގައި 'އެމްޕަވަރ' އެކުލާވާލާފައިވަނީ ވަރަށް ބޮޑު މަޤްސަދެއްގައެވެ. ފުރަތަމަ ފެށިގެން އައިއިރު މިއީ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް ހިތްވަރުދިނުމަށް ދެވުނު ނަމެކެވެ. ނަމުން އަންގައިދެނީ އަމިއްލަ ފައިމައްޗަށް ތެދުވެ މީހަކަށް ބަރޯސާނުވެ ކުރިއަށް ދިޔުމަށެވެ. ކަންކަމަށް އިސްނަގާ އަމިއްލަ ނަފްސުން ގެއްލިފައިވާ ބާރު ހޯދުމެވެ. އަދި ކޮންމެ މީހަކަށް ވިއަސް، އެއީ އަދި އަންހެނެއް ނުވަތަ ފިރިހެނަކަށް ވިއަސް އަމިއްލަ ސިއްހަތަށާއި ދުޅަހެޔޮކަމަށް ވިސްނާ އެކަމަށް އަމިއްލައަށް ޒިންމާނެގުމެވެ.

އެތައް ބައިވަރު ނަފްސާނީ އަދި ޖިސްމާނީ ދާއިމީ ބަލިމަޑުކަމެއް މުޅި ދުނިޔެއަށް ފެތުރިފައިވާ ޒަމާނެއްގައި އެމީހެއްގެ ދުޅަހެޔޮކަމަށް މަސައްކަތްކުރަން ޖެހޭނީ އެމީހެކެވެ. މީހަކު ކޮށްދޭނެ ކަމަށް ހުރުމުން ކޮންމެ ކަމެއްވެސް އޮންނާނީ ނުވެފައެވެ.

ތެދެކެވެ. އެންމެ ހިކި، ފަލަ، ކުރު، ދިގު، ކަޅު، ދޮން، ޅަ އަދި ދުވަސްވީ މީހާއަށްވެސް ހަމަ ކޮންމެ ކަމެއް އަދި ބައްޔެއްވެސް ޖެހިދާނެއެވެ. ނަމަވެސް އަމިއްލަ ސިއްހަތަށް ނުބަލާ، ކޮންމެ އެއްޗެއް ކައިގެން، ހަރަކާތްތެރި ނުވާ މީހާއަށް އެކި ބާވަތުގެ ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި ޙާއްސަކޮށް އިންސާނާގެ އުމުރުން ދުވަސްވުމުން ބަލި ޖެހި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސާމިންވަރު އިތުރުވެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. އަދި މިކަންތައްތަކުން ރައްކައުތެރިވުމަށް ކުރެވެން އޮތް ކަމެއް ކުރުމަކީ އެމީހެއްގެ ޒިންމާއެކެވެ. އަމިއްލަ ނަފްސާ ޖިސްމަށް ޓަކައެވެ. އާއިލާއަށްޓަކައި އަދި ދަރިންނަށްޓަކައި، ކަމެއް ވަންދެން މަޑުނުކޮށް، ދުރާލާ ވިސްނުމަކީ އަޅުގަނޑުމެން އެންމެންވެސް އަށަގަންނަންޖެހޭ ބޭނުންތެރި އާދައެކެވެ.

ޙާއްސަކޮށް ކުދިން ކުޑައިރު މިފަދަ ރަނގަޅު އާދަތައް އަށަގަތުމަށް މައިންބަފައިން ބާރު އެޅުވުން ވަރަށް ވެސް މުހިއްމެވެ. އެއީ އެކުއްޖާ ބޮޑުވުމަށް ފަހުވެސް ދިރިއުޅުމުގެ ދުޅަހެޔޮ ވައްޓަފާޅިއަކަށް ލޯބި ޖެއްސުމަށްޓަކައެވެ.

ނަފްސުގެ ބާރުވެރިކަމަކީ އެމީހަކު އަމިއްލައަށް ހޯދުމުން ލިބޭނެ އެއްޗެކެވެ. ކަންތައްތައް ވާނީ ވެސް ހިތްވަރުކޮށްފައި އިސްނަގާ ކުރިމަތިލުމުންނެވެ. ތިމާގެ ސިއްހަތަށް ދެވޭ އަހައްމިއްޔަތުގެ ސަބަބުން އަމިއްލަ ދިރިއުޅުމުގެ އެހެން ކަންތައްތަކުން ވެސް އޭގެ ހެޔޮ ބަދަލު ފެންނާނެކަން އެއީ ކަށަވަރުކަމެކެވެ. އެތައް ދިރާސާއަކުން ދައްކާގޮތުގައި ކަސްރަތުކޮށް ރަނގަޅު ކާނާ ކެއުމުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުންވެސް ރައްކައުތެރިކަން ލިބެއެވެ.

އެމްޕަވަރ ފިޓްނަސް އިން ފާހަގަ ކޮށްލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކުން ޖިމް ހަދާފައި ހުރުމުގެ އިތުރުން އަންހެން ބޭފުޅުންނަށް ޙާއްސަކޮށް އެކި ގަޑިތަކުގައި ކިލާސްތައް ބާއްވައެވެ. ގިނަ އަންހެން ބޭފުޅުން ބޭނުންވާ ޕްރައިވަސީ ލިބެން ހުރެއެވެ. މީގެ އިތުރުން ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ޙާއްސަކުރެވިފައިވެއެވެ. މިގޮތުން ކަސްރަތާއި ފިޓްނަސް ދާއިރާއިން ރާއްޖޭގައި މިހާރު ހުންނެވި އެންމެ މޮޅު އެއް ބޭފުޅެއް ކަމަށްވާ މަނޯޖް އަކީ ވެސް މިޖިމްގައި މަސައްކަތްކުރައްވާ އިންސްޓްރަކްޓަރއެކެވެ. ވީމާ ބުޓީކް ސްޓައިލަކަށް ހަދާފައިވާ މި ޖިމްއަކީ ހުރިހާ ބޭފުޅުންނަށްވެސް ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ތަނެކެވެ.

ހަމަ މިއާއެކު ފާހަގަ ކޮށްލަން ޖެހެނީ އެމްޕަވަރ ފިޓްނަސް އިން ނަގާ ޔޯގާ ކިލާސްތަކެވެ. ދުނިޔޭގެ ފެންވަރުގައިވެސް ޤަބޫލުކުރެވިފައިވާ މި ވައްތަރުގެ ކަސްރަތަކީ ޖިސްމާނީ ދުޅަހެޔޮކަން ގެނެސްދިނުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިއްމު ބައެއް ކުޅެދޭ ކަސްރަތެކެވެ. މިގޮތުން ބްރީތިންގެ ކަސްރަތު ތަކުން މީހާގެ މޫޑު ރަނގަޅުވެ، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސާ ރިއްސުމުން ވެސް ސަލާމަތްވެއެވެ. ޙާއްސަކޮށް އުމުރުން ދުވަސްވުމާ ގުޅިގެން ހަށިގަނޑުގެ ހަރަކާތްތަކަށް އަންނަ ހީނަރުކަމުން، ހިތުގެ ބަލިތައް، ހަކުރު ބަލި އަދި ލޭ މައްޗަށް ދިޔުން ފަދަ ދާއިމީ ބަލިތަކުންވެސް ރައްކައުތެރިކޮށްދެއެވެ.

މްގައި މަސައްކަތްކުރައްވާ ސޮނިކާއަކީ ޔޯގާގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެބޭފުޅާއާ އެކު މަސައްކަތްކުރަން އަދި ޔޯގާގެ ދުނިޔެއަށް އަލަށް އަންނަ ފަރާތަކަށްވެސް ވަނުމަށް ފަސޭހަކޮށްދޭ މުދައްރިސެކެވެ. ޖިމްގައި ވަކި ކިލާސްތައް އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ނާއި އެއްކޮށް ހިންގުމުގެ އިތުރުން ޖިމް އަށް ނާދެވޭ ބޭފުޅުންނަށް އެބޭފުޅެއްގެ ގޭގައިވެސް ކިލާސް ނެގޭނެ އިންތިޒާމުވެއެވެ.

އަދި ޕަރސަނަލް ޓްރެއިނިންގ ނެގުމުގެ ފުރުސަތު ހުޅުވާލާފައިވުމުގެ އިތުރުން ހަށިގަނޑު ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ވަކި ރޫޓީން އެއް އީޖާދުކޮށްފައެވެ. މިކަން ކުރައްވާފައިވަނީ ޖިމްގައި މަސައްކަތްކުރައްވާ ދިވެހި އިންސްޓްރަކްޓަރ ލޫލޫ އެވެ. މި ރޫޓީންގައި ހިމެނޭ ބައިތަކުގައި ކާރޑިއޯ އާ ސްޓްރެންތިންގ ކަސްރަތުތައް ވެއެވެ. ވީމާ މިއީ އަވަހަށް ބަރުދަން ލުއިކުރުމަށް ބޭނުންވާފަރާތަކަށް ބައިވެރިވާން ވަރަށް ރަނގަޅު ފުރުސަތެކެވެ.

މިއަދު ދިވެހިރާއްޖޭގައި ގިނަ އަންހެނުންނަކީ ރަނގަޅަށް ކިޔަވާ، ވަޒީފާތަކަށް ނިކުމެ، އަދި ގޭގައި ނަމަވެސް އަމިއްލަ މަސައްކަތްތައް ކުރާ ބައެކެވެ. މާލޭއާ ރަށްރަށުގެ މަގުތަކަށް ބަލާލިއަސް ބައިސްކަލު، ސައިކަލު އަދި ކާރުފަދަ އުޅަނދު ދުއްވާ އެތައް ބައިވަރު އަންހެނުންނެއް އުޅެއެވެ.

ނަމަވެސް މިއަދުވެސް ކަސްރަތު ކުރުމަށް ދާންބޭނުންވާ ޖިމް ނުވަތަ ސަރަހައްދަކަށް، ފިރިމީހާ އަށް ސައިކަލުގައި ލާދޭން ނުދެވޭތީ ވެސް ނުދާ އަންހެނުން އުޅެއެވެ. އަމިއްލައަށް ދާންވީމާ ޖެހިލުންވަނީ ކަމުގައި ވުން އެކަށީގެންވެއެވެ. ނަމަވެސް މިއީ އެންމެނެއް ނޫނެވެ. ބައެއް މީހުންނެވެ. ހަމަ މިއާއެކު ދިރިއުޅުމެއް ފަށާ ދަރިން ލިބުމުން ދިރިއުޅުމުގެ ޒިންމާތަކުގައި މަސްއޫލުވެ، އަމިއްލަ ނަފްސަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭ އެތައް ބަޔަކުވެސް ވެއެވެ. ދިރިއުޅުމުގައި ޒިންމާތައް ގިނަކަމުން ދެން ލިބޭ ވަގުތު ކޮޅު ބޭނުންވަނީ އަރާމުކޮށްލާށެވެ. އެހެނަސް ވަގުތަކީ ހޯދީމާ ލިބޭ އެއްޗެކެވެ.

އެހެންނަމަވެސް ވިސްނަންވީ ކަމަކީ ކަސްރަތަކީ ވަގުތު ހޯދައިގެން ވިއަސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ދެމަފިރިން އެއްކޮށް ޖިމްއަށް ގޮސް ވިއަސް ކަސްރަތު ކުރަންވީއެވެ. އެއީ އެކަކު ކިލާސް ނަގާ އަނެކަކު ޖިމްގައި ކަސްރަތުކުރިކަމުގައި ވިއަސް އެވެ. އަދި ޖިމްއަކަށް ދާން ބޭނުން ނުވާނަމަ ހަފްތާއަކު 30 މިނެޓު ހިނގާލަން ދާށެވެ. ބޭނުންވަނީ ލިބޭ 24 ގަޑިއިރުން 30 މިނެޓެވެ. ކަސްރަތު ކުރެވޭނެ އެކި ކަހަލަ ގޮތްތައް ވެއެވެ. ވީމާ އެކަމަށް ވަގުތު ހޯދުމަކީ އެބޭފުޅެއްގެ ޒިންމާއެކެވެ.

ޖިމްއަކަށް ގޮސް ކަސްރަތު ކުރުމާ މެދު ޔަގީން ނުވާފަރާތްތަކަށް، ނުވަތަ އެމްޕަވަރ އިން ނަގާދޭ ކިލާސްތަކުގެ އަޖުމަ ބަލާލަން ބޭނުންފުޅުވާ ފަރާތަކަށް އެމްޕަވަރ ފިޓްނަސްގެ ފްރީ ކިލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"ޖިމްގެ މާހައުލަކީ ވަރަށް ރަހުމަތްތެރި އަދި އުފާވެރި މާހައުލެއް، ވީމާ ތިބޭފުޅުން މިތަނުގައި ހޭދަކުރާ ވަގުތު ކޮޅު ވާނީ ވަރަށް އުފާވެރި ހިތްހަމަ ޖެހޭ ވަގުތަކަށް. ވީމާ ޖެހިލުން ނުވެ، ބަލާލަން ވަޑައިގަންނަވާ"

ވީމާ އަމިއްލަ އަށް ޒިންމާ ނަގައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާށެވެ. އެމީހެއްގެ ނަފްސާ ޖިސްމުގެ ދުޅަހެޔޮކަމުގެ ޒިންމާ ނަގަންޖެހޭނީ އެމީހެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން