Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ސިއްހަތު

މާބަނޑު ދުވަސްވަރު މޭ ނުބައިކޮށް ހޮޑުލަވާނަމަ ކުރެވިދާނެ ކަންތައްތައް

15 ނޮވެންބަރ 2017 - 09:00

އާޝިޔާ މުޙައްމަދު

މާބަނޑުއިރުގައި ހޮޑުލެވުމަކީ ދުޅަހެޔޮ ކަމުގެ ނިޝާނެކެވެ. ނަމަވެސް މާ ގިނައިން ހޮޑުލެވޭނަމަ ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.
އޭގެ ތެރޭގައި؛


1. ހުސްބަނޑަށް ނުހުރުން
ހެނދުނު ހޭލާ ގޮތަށް ކާން އާދަ ކުރާށެވެ. މާގިނައިރު ވަންދެން ހުސްބަނޑާ ހުންނަ ނަމަ ބަނޑުގައި އެސިޑިޓީ އުފެދި ހޮޑުލެވޭނެއެވެ.


2. ދިޔާއެއްޗެހި ބޭނުން ކުރުން
މާބަނޑު ދުވަސްވަރުގައި އެންމެ މުހިއްމު އެއް ކަމަކީ ހަށިގަނޑު އަބަދުވެސް ތާޒާކޮށް ބެހެއްޓުމެވެ. އަދި ތާޒާކޮށް ބެހެއްޓުމަށްޓަކައި ގިނައިން ދިޔާ ތަކެތި ބޭނުން ކުރާށެވެ. ނަމަވެސް ކައި ނިމުމާއިއެކު ދިޔާ އެއްޗެހި ނުބޯށެވެ. ހޮޑުލެވިއްޖެ ނަމަވެސް ވަގުތުން ދިޔާ އެއްޗެއް ބޮއެ ހަށިގަނޑުގައި ވަރު ޖައްސާށެވެ. އަދި ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯން އާދަކުރާށެވެ.


3. އަވަސް އަވަހަށް ކެއުން
މާބަނޑު ދުވަސްވަރުގައި އަވަސް އަވަހަށް، ނަމަވެސް ކާ ކޮންމެ ފަހަރަކު މަދުން ކާށެވެ. މިގޮތަށް ކާނަމަ ބަނޑުގައި ވައި އުފެދޭ މިންވަރު މަދުވެއެވެ. އަދި ވައި ނުއުފެދޭ ނަމަ، ހޮޑުލެވުމުން ސަލާމަތް ކޮށްދޭނެއެވެ. ވީމާ އެއްފަހަރާ މާ ގިނައިން ނުކައި އަވަސް އަވަހަށް މަދުން ކާށެވެ. އޭގެ ސަބަބުން ކާއެއްޗެހި ހަޖަމު ކުރުމަށްވެސް ފަސޭހަ ކޮށްދޭނެއެވެ.


4. އަރާމު ކުރުން
މާބަނޑު ދުވަސްވަރު ހަށިގަނޑު އަވަހަށް ވަރުބަލިވާނެއެވެ. އަދި އޭގެ ސަބަބުން ހޮޑުލެވެން މެދުވެރިވެއެވެ. އެހެންކަމުން، ގިނައިން އަރާމު ކުރާށެވެ.


5. ނުކެއްކުން
ކައްކާ ނަމަ ކާ ތަކެތީގެ ވަހުން ހޮޑުލުން އެކަށީގެންވެއެވެ. އެހެންކަމުން، ކެއްކުމާއި ދުރު ވެވޭނެ ކަމުގައި ވާނަމަ ދުރުވާށެވެ.

 

6. ތެޔޮ ގިނަ އަދި ލޮނު ގަދަ ކާނާ ނުކެއުން

މިފަދަ ކާނާ އަކީ ބަނޑުގައި މާ ގިނަ އިރު ހުންނަ ނަމަ ހޮޑުލަވާ ގޮތް މެދުވެރިކުރުވާ އެއްޗެހިއެވެ. މާބަނޑު އިރުގައި ކާއެއްޗެހި ހަޖަމު ވާލެއް ލަސްވާނެއެވެ. ވީމާ ކާ ތަކެތި ބަނޑުގައި ހަރުލާފައި ހުންނަ ވަގުތު ގިނަވެއެވެ. އެހެން ކަމުން އެފަދަ އެއްޗެހި ކާ ކަމުގައި ވާނަމަ ފަސޭހައިން ހޮޑުލެވެއެވެ.

 

7. ހިނގާލަން ދިއުން
ހުރިހާ ޑަކުޓަރުން ވެސް ލަފާ ދޭ ގޮތަށް މާބަނޑުއިރުގައި ހިނގާލަން ދާށެވެ. އެއީ އެއްތަނެއްގައި އިށީނދެގެން މާ ގިނައިރުވާ ކަމުގައި ވާނަމަ ވެސް ހޮޑުލެވުން އެކަށީގެންވެއެވެ. އަދި ހަމަ އެހެންމެ، ހިނގުމަކީ މާބަނޑުއިރުގައި ކުރަން އެންމެ ރައްކާތެރި ކަސްރަތެވެ. މިކަމުން ކާ އެއްޗެހި އަވަހަށް ހަޖަމުވެ ހޮޑުލެވުމުން ސަލާމަތް ކޮށްދެއެވެ.


8. އުޅޭތަން ސާފު ވައި ވަންނާނެހެން ބެހެއްޓުން
ތިމާ މާބަނޑުއިރުގައި އުޅޭ ތަނަކީ ސާފު ވައި ވަންނާނެ ގޮތަށް ހަދާފައިވާ ތަނަކަށް ވާން ޖެހޭނެއެވެ. އެއީ ސާފު ވައިގެ ސަބަބުން ހޮޑުލެވުމުން ދުރުކޮށްދޭތީއެވެ.

 

މާ ގިނައިން މޭ ނުުބައިކޮށް ހޮޑުލެވޭ ނަމަ މަތީގައި ބަޔާން ކުރެވުނު ކަންތައްތައް ހަނދުމައިގައި ބަހައްޓާށެވެ. އަދި މިކަމުން ވެސް ހައްލު ނުވެއްޖެނަމަ ޑަކުޓަރެއްގެ ލަފާ ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން