Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ދެމަފިރިން ދޭތެރޭ އޮންނަ ލޯބި އިތުރުކުރުމަށް ސުންނަތުން ނެގިދާނެ ފިލާވަޅުތަކެއް

8 އޮގަސްޓް 2017 - 18:30

ޙައްވާ އަޒްލީނާ ޢަލީ

ގިނަމީހުންނަށް ހީވާ ކަހަލައެވެ. "ރޮމޭންސް" އަކީ ފެންވަރު މޮޅު ރެސްޓޯރެންޓެއްގައި އުބައްތި ދިއްލައިގެން ތިބެ ކެއުމެވެ. ނުވަތަ އަގު ބޮޑު އޮގޮއްޓި އާއި ގަޑި ފަދަ ހަދިޔާ ގަނެ އަނެކަކު ހިތްހަމަޖައްސައިދިނުމެވެ. ނަމަވެސް ދިރިއުޅުމުގައި ހިގާ އާންމު ކަންތަކުގެ ތެރެއިންވެސް ދެމެފިރިން އެކަކު އަނެކަކަށް ލޯބި އިޙްސާސްކޮށްދެވިދާނެއެވެ.

 

އެކަކު އަނެކަކަށް ކާންދިނުން

ސުންނަތުން ސާބިތުވާ ގޮތުން ރަސޫލާ (ޞ.ޢ.ވ) އަކަލޭގެ ފާނުގެ އަނބިކަބަލުންނަށް ފަރިއްކޮޅު އަރުވައެވެ. އަދި ހަދީޘެއްގައި ވަނީ އަނބިންގެ އަނގަޔަށް ލަވާ ކާއެތި ކޮޅަކީވެސް ޞަދަގާތެއް ކަމުގައެވެ. އެހެންކަމުން އަހަރެމެން މިކަން ދޫކޮށްލައިގެން ނުވާނެއެވެ. ދިރިއުޅުމުގެ ކަންތަކުގައި ބުރަވެގެން ގޮސް ދެމީހުން އެކުގައި ކާން ތިބެވޭ ފަހަރު ބައެއްފަހަރު މަދެވެ. ނަމަވެސް އެކުގައި ކާން ތިބެވޭނަމަ މިކަންތައް ކުރާށެވެ. ﷲ އިރާދަކުރެއްވިއްޔާ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި އިތުރުވެ ވަރުގަދަވެގެން ދާނެއެވެ. ކަމަކާއި ހިތްހަމަ ނުޖެހިފައި ހުއްޓަސް މިކަންތައް ކުރުން ދޫކޮށްނުލާށެވެ.

 

އެއްތަށިން ފެން ބުއިން

އައިޝަތުގެފާނުންގެ އަރިހުން ރިވާވެފައިވާ ގޮތުގައި ރަސޫލާ (ޞ.ޢ.ވ) ފެން ބައްލަވަނީ އެކަމާނާ ފެންބޯއިރު ތަށީގައި ތުންފަތް ޖެހޭ ތަނުގައެވެ. މިއީވެސް އަހަރެމެންނަށް ކިހާ ބޮޑު ފިލާވަޅެއް ހެއްޔެވެ. މުޅި އުއްމަތަށް އިސްލާމްދީނުގެ މަގު ދައްކައި ދިނުމުގެ ޒިންމާ އުފުއްލެއްވި ރަސޫލާ (ޞ.ޢ.ވ) އެކަލޭގެފާނުގެ އަނބިކަބަލުންނަށް ސަމާލުކަންދީ ލޯބި ދިންވަރު މިކަމުންވެސް އެނގިގެން ދެއެވެ. އެހެންކަމުން ދެމަފިރިން އެއްތަށިން ފެން ބުއިމުގެ އާދަ ހަރުލައްވާށެވެ.  

 

ހީ ސަމާސަ ކުރުން

ރަސޫލާ (ޞ.ޢ.ވ) އައިޝަތުގެފާނާއި އެކު ދުއްވަވައި ވާދަ ޖެއްސެވިއެވެ. އެކަލޭގަފާނުގެ އަނބިކަބަލުންނަށް ވާހަކަ ކިޔައިދީ މުނިފޫހި ފިލުވައިދެއްވިއެވެ. ރަސޫލާ  (ޞ.ޢ.ވ) ސައުދާގެފާނުގެ ގޭގައި މަޑުކޮށްގެން ހުންނެވި ދުވަހަކު އައިޝަތުގެފާނު އެގެއަށް ހަލުވާ ގެންނެވިއެވެ. ސައުދާގެފާނުގެ ގެއަށް ރަސޫލާ  (ޞ.ޢ.ވ) ޒިޔާރަތްކުރައްވާ ދުވަހުގައި އައިޝަތުގެފާނު ވަޑައިގަތުމުން މިކަމާ ސައުދާގެފާނު ހިއްޕުޅައިނުގެން ހަލުވާ އަބުރައި ގެންދެވުމަށް ވިދާޅުވިއެވެ. އައިޝަތުގެފާނު ވިދާޅުވީ ހަލުވާގައި ނުހިފައިފިނަމަ މި ހަލުވާ މޫނުގައި ހާކައިލާނޭކަމަށެވެ. ކޮންމެއަކަސް އައިޝަތުގެފާނު ސައުދާގެފާނުގެ މޫނުގައި ހަލުވާ ހާކައިފިއެވެ. ސައުދާގެފާނު ހައިރާންވެ ވަޑައިގެން އިންނަވަނިކޮށް ރަސޫލާ  (ޞ.ޢ.ވ) ސައުދާގެފާނުގެ އަރިހުގައި ހަމަ ކަމަނާވެސް ހަމައެފަދައިން ކަންތައް ކުރެއްވުމަށް ވިދާޅުވެ ސަމާސާ ކުރެއްވިއެވެ.

 

މިފަދަ އެތައް ހާދިސާތަކުން ދެމަފިރިން ހީ ސަމަސާކޮށް އުޅުމުގެ މުހިންމުކަން އެނގިގެންދެއެވެ

ރަސޫލާ (ޞ.ޢ.ވ)ގެ ސުންނަތުން އަހަރެމެންގެ ދިރިއުޅުމުގެ ކަންތަކަށް އެތައް ފިލާވަޅުތަކެއް ލިބެން އެބަހުއްޓެވެ. އެކަލޭގެފާނުގެ ސުންނަތް ދަސްކޮށް އެއަށް އަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖެވެރިކަމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން