Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

މާފްކުރަން ދަސްކުރާށެވެ!

11 އޮގަސްޓް 2017 - 17:30

ޙައްވާ އަޒްލީނާ ޢަލީ

ކޮންމެ އިންސާނަކަށްވެސް ހަޔާތުގައި އެހެން މީހެއްގެ ފަރާތުން ދެރަކަމެއް ނުވަތަ އުދަނގުލެއް ކުރިމަތިވެދާނެއެވެ. ސްކޫލް ދަޢުރުގައި އެހެން ކުދިން ތިމާއަށް މަލާމަތްކޮށް އަނިޔާކޮށްފާނެއެވެ. ބޮޑުވެ ވަޒީފާއަށްދާން ފެށުމުން ވެރިއަކަށް ހުންނަ މީހާ ނާއިންސާފުން ކަންތައް ކޮށްފާނެއެވެ. އެކުގައި އުޅޭ ރައްޓެހިން ތިމާގެ ސިއްރުތައް ބޭޒާރުކޮށް ތިމާގެ ގޯސް ވާހަކަ އެހެން މީހެއް ކައިރީ ދައްކަފާނެއެވެ. ކައިވެންޏަށް އެތަށް އަހަރެއް ވާފަހުން ޙަޔާތުގެ ބައިވެރިއާ ބޭވަފާ ވެދާނެއެވެ. ދަރިން ބޮޑުވެގެން އަޅައިނުލައި އިހާނެތިކޮށް ކަންތައް ކޮށްފާނެއެވެ.

މިއީ ހައްތާވެސް ދިރިއުޅުމުގެ އިމްތިހާނުތަކެވެ. ކޮންމެ މީހަކުވެސް ދަތުރުކުރަމުންދަނީ ތަފާތު މަގުތަކުންނެވެ. ކުރިމަތިވާ ކަންތައް ތަފާތެވެ. ނަމަވެސް އަހަރެމެން އެންމެން ބޭނުންވާ ކަމެއް އެބައޮތެވެ. އެއީ އުފަލާއި ހިތްހަމަޖެހުމެވެ. އަހަރެމެން ކުރާ ކޮންމެ ކަމަކީވެސް މިކަމަށް ބިނާވެފައިވާ ކަންތެކެވެ. ނަމަވެސް އަހަރެމެންނަށް ދިމާވެފައިވާ ހިތާމަވެރި ކަންތަކަށް މާފް ނުކޮށް އެކަންތައް ހިތުގައި އަޅައިގެން އުޅޭނަމަ ހިތްހަމަޖެހުމާއި އުފާލިބުމަކީ ނުވާނެކަމެކެވެ. ސަބަބަކީ ކަންތަކަށް މާފް ނުކުރާނަމަ ހިތުގައި ބަރުކަން އުފެދޭނެއެވެ. އެހިތުގައި އުފާވެރިކަމަށް އޮންނަ ޖާގަ ކުޑަވާނެއެވެ.

ސުވާލަކީ މާފުކުރާނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ ތިމާގެ ވިސްނުން ބަދަލުކުރާށެވެ. ކޮންމެ ކަމަކީވެސް ތިމާއަށް އާ ތަޖުރިބާއަކާއި ފިލާވަޅެއް ދަސްކޮށްދޭ ކަމެއްގެ ގޮތުގައި ބަލާށެވެ. ތިމާގެ ލޯބިވާ މީހަކު އަނިޔާވެރިވެއްޖެނަމަ އެއީ ތިމާއަށް ފިލާވަޅެއް ދަސްކޮށްދޭ ކަމެއް ގޮތުގައި ހަދާށެވެ. މިތަޖުރިބާއަކީ މީހުންނަށް އިތުބާރުކުރުމުގައި ސަމާލުވުމަށް ލިބޭ ފިލާވަޅެއް ކަމުގައި ބަލާށެވެ.

ދިރިއުޅުމުގައި ދިމާވާ ކޮންމެ ދަތިކަމަކީވެސް މީހާއަށް ފިލާވަޅެއް ދަސްކޮށްދޭ ކަމެކެވެ. މާފްނުކުރާނަމަ ތިމާ ދާ ކޮންމެ ތަނަކަށްވެސް އަދި ކުރާކޮންމެ ކަމެއްގައިވެސް އެލުވިގެންވާ ބަރެއްވެއެވެ. އެއީ ތިމާގެ އުފަލާއި ކާމިޔާބީއަށް އެޅިފައި އޮންނަ ހުރަހެކެވެ. އެބަރު ކަނޑައި ދޫކޮށްލާށެވެ. ހިތުގައި އޮންނަ ހިތި އިހްސާސް ހަނދާން ނައްތާލާށެވެ. ނަމަވެސް އެކަމުން ދަސްވި ފިލާވަޅު މުޅި އުމުރުގައިވެސް ހަނދާން ބަހައްޓާށެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން