Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

އަޅާ ކިއުމަކީ އުފަލުގެ ހަލާކު

14 އޮގަސްޓް 2017 - 15:45

ޙައްވާ އަޒްލީނާ ޢަލީ

ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އެހެން މީހަކާ އަޅާކިއުމުގެ ތަޖުރިބާ އާއި ކުރިމަތިލާފައިވާނެ މީހެކެވެ. މައިންބަފައިން އެމީހުންގެ ދަރިން އެހެން ކުދިންނާއި އަޅާކިޔައެވެ. "ދަރިފުޅާއެވެ. މިފަހަރު ނަދާއަށްވުރެން ދަރިފުޅު މަތިން މާކްސް ހޯދީމާ މަންމަ ހާދަ އުފާވެއެވެ." ނަވަތަ "ދަރިފުޅު މިފަހަރު ތި ހޯދީ ދާނިޔާއަށްވުރެ ދަށުން" ނެވެ. ކިޔެވުމުގެ މައިދާނުގައި، މަސައްކަތުގެ މައިދާނުގައި އަދި ދިރިއުޅުމުގެ މައިދާނުގައިވެސް އަޅާ ކިއުމުން ސަލާމަތްވެވެން ނެތެވެ. "ހަމީދު މަށަށް ގަޑިއަށް ގަނެދީބަ! އިއްޔަ ވަފިއްޔާގެ ފިރިމީހާ އޭނާއަށް ރަން ކެވެލިގަނޑެއް ގަނެދިން. އަޅެ ހަމީދުވެސް މަށަށް އެހާ ހެޔޮނަމަ"އެވެ. އަނބިންނާއި ފިރިން އެމީހުންގެ ބައިވެރިން އެހެން މީހުންނާއި އަޅާ ކިޔަނީއެވެ.

އަހަރެމެން އަޅާ ކިޔަނީ ހަމައެކަނި މީހުން ކުރާ ކަންތަކެއް ނޫނެވެ. މީހާގެ ކުލަޔާއި ސިފައާއި ހަށިގަނޑަށް ދާންދެނެވެ. ސުވާލަކީ އަހަރެމެން އަޅާ ކިޔަނީ ކީއްވެ ހެއްޔެވެ. ބައެއް މީހުން ތިމާ އެހެން މީހުންނާއި އަޅާކިޔަނީ ތިމާ ދެރަކޮށްލަންށެވެ. އަނެއްބައި ފަހަރަށް ތިމާ އަނެކާ ފަދައިން އުޅުމަށް ނުވަތަ ކަމެއް ކުރުމަށް ހިތްވަރު ދިނުމަށެވެ. ޚާއްސަކޮށް މައިންބަފައިން ދަރިން އެހެން ކުދިންނާއި އަޅާ ކިޔަނީ މި ސަބަބަށްޓަކައެވެ. ނަމަވެސް އެމީހުން ބޭނުންވާ ނަތީޖާ އެކަމުން ނުކުމޭ ހެއްޔެވެ.

ހީކުރާ ގޮތާއި ޚިލާފަށް ދަރިން އެހެން މީހުންނާއި އަޅާ ކިޔާނަމަ އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލެއެވެ. ބައެއް ކުދިން އަވަހަށް ހިތްވަރު އެލެއެވެ. ތިމާ ކުރާ މަސައްކަތް މައިންބަފައިން ބަލައިނުގަންނަ ކަމުގެ އިޙްސާސްކުރެއެވެ. މިކުދިންގެ މިވިސްނުން ބޮޑުވެ ތަސައްރަފް ފުދި ދިރިއުޅުމުގެ މައިދާނުގައިވެސް ކުރެވޭނެއެވެ. ތިމާއަށް ލިބޭ މުސާރަ އަނެކާއާއި އަޅާ ކިޔޭނެއެވެ. ލިބޭ މިންވަރަށް ޝުކުރުކޮށް އުފާވާން މިކުދިންނަކަށް ނޭގޭނެވެ.

ކުދިންގެ ކުރިއެރުމަށް އެހެން ކުދިންނާއި އަޅާ ކިއުމުގެ ބަދަލުގައި މައިންބަފައިން ކުރަންވީ ކަމަކީ ކުއްޖާގެ މަސައްކަތް އެކުއްޖާ ކުރިން ކުރި މަސައްކަތާއި އަޅާ ކިޔާށެވެ. ކުއްޖާ ކުރިން ކުރަމުން އައި މަސައްކަތަށްވުރެ ބޮޑަށް މަސައްކަތްކުރާނަމަ ތަޢުރީފްކޮށް ބަލައިގަންނާށެވެ. ކުއްޖާގެ މަސައްކަތް ދައްވާނަމަ ވާހަކަ ދައްކައި ހިތްވަރު ދޭށެވެ. މިގޮތަށް ބޮޑުކުރާ ކުއްޖަކު ދިރިއުޅުމުގެ މައިދާނުގައި ކުރިއަރާނެއެވެ. އެހެން މީހުންނާއި ތިމާ އަޅާ ކިޔައި ވާދަކުރުމުގެ ބަދަލުގައި ތިމާގެ ދިރިއުޅުމާއި ނަފްސު ތިމާ ހުރި ހިސާބުން އިތުރަށް ކުރިއަރުވަން މަސައްކަތްކުރާނެއެވެ. ތިމާއަށް ލިބޭ ކާމިޔާބީތައް އަބަދުވެސް އަނެކާއާއި އަޅާ ކިޔާނަމަ ހިތްހަމަޖެހުމެއް ނުލިބޭނެވެ. ނޭގި ނަމަވެސް ފެންނަ ފެނުމަށް ކުރާ ކުޑަކަންތައްތަކުން އެތައް ނޭދެވޭ ނަތީޖާއެއް ނިކުތުމީ އެކަށީގެންވާ ކަމެއްކަން ވިސްނަންވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން