Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ޤައުމުގެ ޙާލަތު!

13 މޭ 2017 - 10:03

މަރިޔަމް ލައިސާ

ރާއްޖެއަކަށް މާބޮޑު ބަދަލެއް އައިސް ބޮޑެތި ތަރައްޤީތަކެއް ވެފައެއް ނުވެއެވެ. ނަމަވެސް ކުށްކުރާ ފަރާތްތައް މިއަންނާނީ ގިނަވެ، އެމީހުން ކުށްކުރާ ގޮތް ވެސް ތަރައްޤީ ވެފައެވެ. އެހެން ކަމުން، މީހުން ދެކޭ ގޮތުގައި މާލެއަކީ އެހާ އަމާން ތަނެއް ނޫނެވެ. މަގެއް މައްޗަށް ނުކުތަސް ފޮށިނުލާ މީހެއް ނުހުންނާނެއެވެ. ޒުވާން އުމުރުފުރައިން ފެށިގެން މެދު އުމުރު ފުރައިގެ މީހުންނާ ޖެހެންދެންވެސް މަގުމަތިން ފޮށޭނެއެވެ. އަދި މި ނިމުނީކީ ނޫނެކެވެ. ސައިކަލުތަކުގައި ދާ ބައެއް މީހުން، ހިނގާފައި ދާމީހުން ފަހަތުން އައިސް އުނދަގޫވެސް ކުރެއެވެ. ކިތައްމެ މޮޅުކަމެއްގެ ގޮތުގައި ބައެއް ފިރިހެނުން ދެކުނަސް، މިއީ ވަރަށް ހަޑިކަމެކެވެ.


މިދެއްކީ ހަމައެކަނި މަގުމަތީގައި އަންހެން ބޭފުޅުންނަށް ދިމާވާ މައްސަލަތަކެވެ. ދެން، ފިރިހެން ބޭފުޅުންނަށް ނަޒަރު ހިންގާލަމާތޯއެވެ؟ ފިރިހެނުންނަށް ވެސް މާލޭގެ މަގުތައް މިވަނީ ނާމާންވެފައެވެ. ކޮންމެ ދިމާލަކުން ވެސް ހަމަލާއެއް އައިސްދާނެ ކަމުގެ ބިރު ހިތުގައި އޮންނާނެއެވެ. ތިމާގެ ކުށަކާއި ނުލައިވެސް ތިމާގެ ފުރާނަ ނަގާލަފާނެ ކަމުގެ ބިރު ހިތުގައި އިންނާނެއެވެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މާލޭގައި އެއްވެސް ބަޔަކަށް ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރާކަށް ނޭނގެއެވެ. އަނގައަށް ވުރެ އަތް އިސްކުރެވެއެވެ. މިއީ ކީއްވެބާއެވެ؟ ކޮންމެ އަކަސް މި ސުވާލުގެ ޖަވާބު އިނގޭނީ މާރާމާރީތައްކޮށް އުޅޭ ބޭފުޅުންނަށެވެ.


ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި މިހާ ކުށް ގިނަވުން އެއީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. ގިނަ މައިންބަފައިން، ދަރިން ގެއިން ބޭރަށް ފިޔަވަޅެއް އެޅުމުން، ކަޅި ޖަހާލާނުލާ ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ޖެހިފައި އެވަނީ ޤައުމުގެ ޙާލަތުންނެވެ. އެތައް ބައެއްގެ ދަރިން ގެއްލި މުޅި އުމުރު ދުވަހު އެކަމުގެ ހިތާމައިގައި އިންސާފު ނުލިބި އުޅެންވެސް ޖެހިފައި އެވަނީ ޤައުމުގެ ޙާލަތުންނެވެ. ކުރިމަގުގައި ރާއްޖޭގެ ނަން ރީތިކޮށްދެން ތިބި ކުދިން ގެއްލި ހަލާކުވަނީ ވެސް ޤައުމުގެ ޙާލަތުންނެވެ.


މީހަކަށް ގެއްލުމެއް ދެވުމަކީ ތިމާ އުފާވާން ޖެހޭ ވަރު ކަމެއް ނޫނެވެ. އަދި ހަމަ އެގޮތަށް ޤައުމަށް ގެއްލުމެއް ދެވުމަކީ ތިމާ ފަޚުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ ތިމާ ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ. އާނ އެކެވެ. ތިމާ އެހެން މީހަކަށް ދޭ ކޮންމެ ގެއްލުމަކީ ޤައުމަށް ދެވޭ ގެއްލުމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން