Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ބިދޭސީންނަށް އިޙުތިރާމު ނުކުރަނީ ކީއްވެ؟

21 މޭ 2017 - 22:26

މަރިޔަމް ލައިސާ

އަޅުގަނޑުމެންގެ ޤައުމުގައި އެންމެ އާއްމުވެފައިވާ އެއް ކަމަކީ ތަފާތު ކުރުމެވެ. ފަތުރުވެރިންނަށް ކިތައްމެ އިޙުތިރާމް ކުރި ކަމުގައިވިޔަސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އިޙުތިރާމު ކުރާތަން ފެންނާނީ ނިސްބަތުން މަދު ބައެއްގެ ފަރާތުންނެވެ. ބިދޭސީންނަށް އިޙުތިރާމު ނުކުރެވެންވީ ކީއްވެ؟

ބިދޭސީންނަކީ ވެސް އިންސާނުންނެވެ. އެމީހުން ވެސް އެމީހުންގެ ޤައުމާއި އާއިލާ ދޫކޮށް ރާއްޖެ އަންނަނީ ގިނަފަހަރު އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތިގެންނެވެ. ތިމާ އެމީހަކު ގެނައި ކަމުގައި ވިޔަސް ނުވަތަ އެހެން މީހަކު ގެނައި ކަމުގައި ވިޔަސް އޭނާއަށް އިޙުތިރާމު ކުރަން ޖެހޭނެއެވެ. އެއީ އޭނާ ކޮންމެ ކަހަލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އެވެ.

އެމީހުންނާއި ދޭތެރޭ ދެރަކޮށް ހިތާއިރު ފުރަތަމަ ތިމާއާއި ދޭތެރޭ އެފަދަ ގޮތަކަށް މީހަކު ހިތައިފިނަމަ ކުރާނެ އިޙުސާސާއި މެދު ވިސްނާލާށެވެ. އިންސާނުންނަކީ ހަމަ ހަމަ ބައެކެވެ. ކޮންމެ އިންސާނެއްގެ ވެސް ޙިއްސުތަކާއި އިޙުސާސްތަކެއް ވާނެއެވެ. އޭނާ ކިތައްމެ ފަޤީރުވި ކަމުގައި ވިޔަސް އަމިއްލަ މުދަލާއި މެދު ބޮޑާ ނުވާށެވެ.

ރާއްޖެއިން ބޭރަށް އާއިލާ ދޫކޮށް ވަޒީފާ އެއް އަދާ ކުރަން ދިއުމުން ތިމާއާއި ދޭތެރޭ ދެރަކޮށް މީހަކު ކަންތައް ކޮށްފި ނަމަ ތިމާއަށް ވާނީ ކިހިނެއްތޯއެވެ؟ އާއިލާއާއި ދުރުގައި ހުންނަނީ ކަމުގައި ވާނަމަ އިތުރަށް ވިސްނޭނެއެވެ. އިތުރަށް ދެރަވާނެއެވެ. ގޮތް ހުސްވެގެން ރާއްޖެއަށް މަސައްކަތް ކޮށްދެން އަންނަ ބިދޭސީންނަށް އަޅުގަނޑުމެންގެ ޤައުމުގައި އެއްވެސް ވަރަކަށް ކަމޭ ނުހިތާކަން ފާހަގަ ކުރެވެއެވެ. މިފަދަ އެތައް މަންޒަރެއް ވަނީ އަޅުގަނޑުމެންގެ ލޮލަށް ފެނިފައެވެ. އަދި މިފަދަ އެތައް ކަމެއް އަޅުގަނޑުމެން ކުރިމަތީގައި އަންނަނީ ހިނގަމުންނެވެ.

ތިމާއަށް ކުރުމަށް ކުޅަދާނަ ނުވާ ކަންތައް ކުރުމަށްޓަކައި ތިމާ ބިދޭސީން ގެނެއެވެ. ނަމަވެސް އޭނާއަށް އިޙުތިރާމް ކޮށްގެން ނުވެއެވެ. އެއީ ހާދަ ހެއްވާ ކަމެކެވެ. ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ކުރެވޭ ކަމުގައި ވާނަމަ ބިދޭސީން ގެންނަނީ ކީއްކުރަން ހެއްޔެވެ؟

އަޅުގަނޑުމެން ދިވެހިންނަށް ހުންނަނީ ބައެއް ފަހަރު ފެންވަރު އޮޅިފައެވެ. ބޭސް ފަރުވާއަށް ދާން ވެސް މި ޖެހެނީ އެ ޤައުމުތަކަށް ވާއިރު ވިސްނާނުލާ ކިތައްމެ ކަމެއް ކުރަމުން ގެންދެއެވެ. ތިމާ އެތަނަކަށް ދާ ދުވަހަކުން ތިމާއާއި ދޭތެރޭ އެގޮތަށް ކަންތައް ކޮށްފި ނަމަ ހިތް ހަމަ ޖެހޭނެ ހެއްޔެވެ؟ ބިދޭސީ އަކަސް ދިވެއްސަކަސް ހަމަ ހަމަ ވާން ޖެހޭނެއެވެ. ކަޅަސް ދޮނަސް އެވެ.

ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އެވެ. އެއީ އެ ބިދޭސީ މީހާ ކުރާ މަސައްކަތް ތިމާވެސް ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ކޮށްފައި ހުންނާނެއެވެ. ފާހަނަ ސާފު ކުރުމުން ފެށިގެން ގޭގެ ކުނި އުކާލުމާ ހަމައަށް ތިމާ އަށް ހުންނާނީ މަސައްކަތް ކުރެވިފައެވެ. އަދި ނުކުރާ ނަމަ ކޮންމެވެސް އެއް ދުވަހަކުން ކުރަން ޖެހިދާނެއެވެ. އެހެން ކަމުން، އެންމެންނަށްވެސް އިޙުތިރާމު ކުރަން ދަސް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން