Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

މަގުމައްޗަށް ކުނި އެޅުން: ރާއްޖެ ސާފު ކުރަން އެންމެންގެ އެއް ބާރުލުން ބޭނުންވޭ

22 މޭ 2017 - 09:25

މަރިޔަމް ލައިސާ

މަގުމަތިން ހިނގާލާފައި ދާއިރު ކުނި ނުފެންނަ ތަނެއް ހުރޭ ހެއްޔެވެ؟ އަޅުގަނޑަކަށް ނުފެނެއެވެ. އޭގެ މާނައަކީ ސަރުކާރުން ނުވަތަ ބައެއް މީހުން މަގުމަތި ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ނުކުރެއެކޭ ނޫނެވެ. ހިތާމައަކީ ބައެއް މީހުންނަށް ކުނި އުކާލަން އެންމެ ފުރަތަމަ ފެންނަނީ މަގުމަތިކަމަށްވާތީއެވެ.

ކޮންމެ ދުވަހަކު ހެނދުނުގެ ވަގުތެއްގައި ސަރުކާރުން ހަމަޖައްސާފައިވާ މުވައްޒަފުން ބުރަ މަސައްކަތާއި އެކު މާލޭގެ މަގުތައް ސާފު ކުރެއެވެ. ނަމަވެސް ސާފުކޮށް އޮންނާނީ ހިނދުކޮޅަކަށެވެ. ވަޒީފާއަށް ދާން ނިކުތުމާއި އެކު މަގުމައްޗަށް ކުނި ގިނަވާން ފަށައެވެ. އެއީ ކީއްވެ ހެއްޔެވެ؟

ހޭލައިގެން އެ ބޯ ކޮފީ ޕެކެޓް ވެސް އެއްލާލަން މަގުމަތި ނޫން ތަނެއް ނުފެނުނީތޯއެވެ؟ ނުވަތަ ސުޕާރިއެއް ކާލުމަށްފަހު އެކަރުދާސް ކޮޅު ލާން ކުނި ޑަސްބިން އެއް ފެންނަން ދެން ވެސް އަތުގައި ބާއްވަން ހަމަ އެހާ އުނދަގުލީ ހެއްޔެވެ؟ ނިސްބަތުން މަދު ބަޔަކު މިފަދައިން މަގުމަތި ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ކޮށްފާނެއެވެ.

ކޮންމެ ރެސްޓޯރެންޓަކުން ޓިޝޫ އެއް ހިފައިގެން ނިކުމެ އޭތި މަގުމައްޗަށް އެއްލާލާ މަންޒަރު ކިތައް ބޭފުޅުންނަށް ފެނިފައި ވޭތޯއެވެ؟ ނޫނީ ދަތް ކޮށްޓާ އިލޮޝި އަނގައަށް ލައިގެން ނިކުމެ އޭތި އެއްލާލާތަން ކިތައް ބޭފުޅުންނަށް ފެނޭތޯއެވެ؟ މިއީ ވަރަށްވެސް ގިނައިން ފެންނަ މަންޒަރުތަކެވެ. އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގެ ސާފުޠާހިރުކަން މި ގެއްލުވާލަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުންނެވެ.

ޤައުމު ސާފުޠާހިރުކޮށް ބޭއްވުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުން ވާނެއެވެ. އެއްބަޔަކު މި މަސައްކަތް ކުރިއަސް ނުވާނެއެވެ. އަދި ކުރާ ބަޔަކު ވެސް މަގުމަތި ސާފުކަންމަތީ ނުބޭއްވޭނަމަ އެ މަސައްކަތް ކުރަން ފޫހި ވާނެއެވެ. އަދި މިކަން މީ ނުވާނޭ ކަމެއް ކަމަށް ބަލައި އުއްމީދު ކަނޑާލާނެއެވެ. މަގުމައްޗަށް ހެނދުނުގެ ވަގުތުގައި ނިކުންނަ 10 ވަރަކަށް މުވައްޒަފުންނަކަށް މިތަނެއް ސާފެއް ނުކުރެވޭނެއެވެ. އަދި ހަމަ އެކަނި އެމީހުން ލައްވާ މަގުމަތި ކުނި ކަހާލުމަކުންވެސް ރާއްޖެ ސާފުޠާހިރެއް ނުވާނެއެވެ.

ކޮންމެ މަގެއްގެ ކަންމައްޗެއްގައި ކުނި ބާލިދީއެއް ބަހައްޓާ ރާއްޖެ ސާފުކޮށް ބާއްވަން މަސައްކަތެއް ކުރާކަން ދައްކާށެވެ. އޭރުން އެންމެންގެ އެއްބާރުލުން ވެސް ލިބޭނެއެވެ. އަދި އެންމެން ނެރެ ރާއްޖެތެރެއާއި މާލެ ސާފު ކުރުމަށް ފޮނުވާށެވެ. ހަމަ ގައިމުވެސް މާލޭގައި އެކަނިވެސް އެތައް ހާސް ދިވެހިންނެއް ދިރިއުޅެއެވެ. އެހެން ކަމުން އަމިއްލަ ޤައުމު ސާފުކޮށްލަން އެންމެން އެއްބާރުލައިގެން އެއް ދުވަހު ނިކުމެލިއްޔާ ތިބޭފުޅުންނަށް ގެއްލުމެއް ވާނެތޯއެވެ؟

މިއީ އަޅުގަނޑުމެންގެ ޤައުމެވެ. އަޅުގަނޑުމެން މި ޤައުމަށް ނުކޮށްދޭ ޚިދުމަތެއް ވަކި އެހެން ބަޔަކު ކޮށްދޭނެތޯއެވެ. ޤައުމު ދެކެ ލޯބިވާށެވެ. ތިމާވެށި ރައްކާކޮށް ޤައުމު ސާފުޠާހިރުކަމާއި އެކު ބާއްވަން މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން