Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ރާއްޖެއަށް "ޕެރެޑައިޒް" ގެ ނަމުން ނަން ދެވިފައިވަނީ ކީއްވެ؟

5 މޭ 2017 - 20:21

މަރިޔަމް ލައިސާ

ރާއްޖޭގެ ރީތި މަލަމަތި ފެނިފައިވެސް ރާއްޖެއަށް އެނަން ނުދޭންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ފެނި ހައިރާން ނުވާނީ ކާކުބާއެވެ؟ ގައިމުވެސް ރާއްޖެއަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ޤައުމެވެ. އަދި ރާއްޖެ ވަނީ ފަތުރުވެރިންގެ ތެރޭގައި އެންމެ މަޝްހޫރު 10 ޤައުމުގެ ތެރޭގައި ހިމެނިފައެވެ. އެހެންކަމުން، މިކަމުން ވެސް ދޭހަވަނީ ރާއްޖޭގެ ރީތިކަމެވެ.

ރާއްޖޭގެ މަލަމަތި އަދި ގޮނޑުދޮށަކީ ގިނަ ބައެއްގެ ތަޢުރީފު ލިބޭ ތަނެކެވެ. ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާ ތަނެކެވެ. ގިނަބައެއްގެ ހިތްތައް އަތުލާފައިވާ ތަނެކެވެ. ހަމަ އެފަދައިން ރާއްޖޭގެ މޫދު އެއީ ރީތިކަމުގެ މިސާލެކެވެ. ސާފު ހުދު ދޮންވެއްޔާ އެކުވެގެން އަންނަ ރީތި ނޫކުލަ ގަދަ މޫދު ފެނިފައި ރާއްޖޭގެ ފަސްގަނޑުގައި އަދި އެ ރީތި ފެންގަނޑުގައި ފައި ޖައްސާލަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟

ރާއްޖެއަކީ ގިނަބައެއްގެ މެދުގައި ޕެރެޑައިޒްގެ ނަމުން ނަން ދެވިފައިވާ ޤައުމެކެވެ. ރީތި މަލަމައްޗާއި ގޮނޑުދޮށުގެ އިތުރުން ޕެރެޑައިޒް މި ނަން އަމާޒުވަނީ ކޮން ކަންތައްތަކަކަށް ހެއްޔެވެ؟ ރާއްޖޭގެ ފިނި ހޫނުމިނަކީ ފަތުރުވެރިންނަށް ވަރަށް ކަމުގޮސްފައިވާ ކަމެއްކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ ބަހާއި، ޘަޤާފަތާއި، އުޅޭ އުޅުން ގިނަ ފަތުރުވެރިންނަށް ވަނީ ކަމުގޮސްފައެވެ. އަދި މަސްވެރިކަމާއި، ރާއްޖޭގައި ރާޅު ބިންދާލާ ގޮތް ވަނީ ގިނަ ފަތުރުވެރިންގެ ހިތް އަތުލައިފައެވެ.


މިކަންތައްތަކުގެ އިތުރުން، ސްނޯކްލިންގް ނުވަތަ ޑައިވިންގް އަށް ދާން ކަމުގައިވިޔަސް ރާއްޖޭގެ ސާފު މޫދާއި، ގަދަ ނޫކުލައިގެ ކަނޑާއި އެތަނުގައި އެވާ މޫދުގަލާއި މުރަކަތައް ފެނިފައި ކޮންމެ މީހެއްގެވެސް އަނގަ ހުޅުވޭނެއެވެ. ރާއްޖޭގެ ރީތި ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުން ފަތުރުވެރިން ނިކުމެގެން އެނބުރި ދަނީ ހިނިތުންވުމަކާއި އެކުއެވެ.


ރާއްޖެއަށް އެނަމުން ނަންދެވިފައިވާ ސަބަބުތައް ވަރަށް ވެސް ގިނައެވެ. އަދި އެ ނަމުން ރާއްޖެއަށް ނަން ދެވުމަކީ ރާއްޖެއަށާއި ދިވެހިންނަށް ވަރަށް ބޮޑު ފަޚުރެކެވެ. އެހެންކަމުން، މި ނަން ދެމެހެއްޓުމަށްޓަކައި ހުރިހާ ދިވެހިން އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރަންވީއެވެ. ރާއްޖެ ސާފުކޮށް ބޭއްވުމަށެވެ. މޫދުތަކާއި ގޮނޑުދޮށުގެ ރީތިކަން ދެމެހެއްޓުމަށެވެ. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ނަން ވިދުވާލުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން