Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ޒަމާނަކީ އަހަރެމެންނަށް ނޭނގި ގޮސް ޖެހެވޭ ދަންތުރައެއް

12 ޖުލައި 2017 - 17:00

ޞޮފާ (ފަތިސްތަރި ޞޮފާ)

އަހަރެމެންގެ މާމަމެނާއި ކާފަމެން އުޅުނު ޒަމާން މާޒީއާއެކު ގޮސް އޮބިއްޖެއެވެ. އަހަރެމެންގެ މަންމަމެންވެސް އެ ދުވަސްތައް ހަނދާން ހުންނަނީ ވަރަށް ކުޑަކޮށެވެ. އެ ދުވަސްތަކުގެ ވާހަކަތަކަކީ މިހާރު އަހަރެމެންނަށްޓަކައި ދޭތެރެއަކުން އިވޭ ހިމޭން ރީތި ރާގެއްފަދައެވެ. އަދި އެއްފަހަރު އަޑުއިވޭނެނަމައޭ ހިތަށް އަރައެވެ. އެކަމަކު އެ އަޑުއަހާކަށް އެ ދުވަސްތައް ހޯދާކަށް އަހަރެމެން ނުދަމުއެވެ. މާޒީގެ ފަހަތުން އަހަރެމެން ނުދުވަމުއެވެ.

އެ ދުވަސްތަކާ އަޅާކިޔާ ވަޒަން ކޮށްލަން މިއަދު އަހަރެމެންނަށް ލިބިފައި މިވަނީ ތަރައްޤީއާއި ތަހުޒީބުގެ ކުލަކުލައިން ދިއްލިފައިވާ ޒަމާނެކެވެ. އެ ޒަމާނުގެ ހަނދާން އާވިޔަސް އަވަހަށް އެނބުރެވެނީ މި ޒަމާނާ ދިމާލަށެވެ. މިއީ ބަލާބެލުމަށް ވިދާ ބަބުޅާ ޒަމާނެވެ. އެންމެންމެ ހިތް ކިޔާ ޒަމާނެވެ. ނަމަވެސް ޙިމާޔަތާއި ރައްކާތެރިކަން މި ޒަމާނުގައި ކުޑައެވެ. ސަބަބުތައް އެބަހުއްޓެވެ.

ބަލާލަމާތޯއެވެ. އަހަރެމެން އެކަކު އަނެކަކަށް ކުރި ޤަދަރު ކޮބައިހެއްޔެވެ؟ އަނެކާގެ ޙައްޤަށް އެރިދާނެތީ ގަތް ބިރު ކޮބައިހެއްޔެވެ؟ ލިބިގަތުމަށްވުރެ ދިނުމަށް ފަރިތަވެފައި އޮތް އާދަ ކޮބައި ހެއްޔެވެ؟ ވަފާތެރިކަމުގެ ތެރެއަށް ބޭވަފާގެ ތިއްކެއްވެސް ޖެހިދާނެތީ ސަމާލުވެ އުޅުނު ޘަޤާފަތް ކޮބައިހެއްޔެވެ؟ ނެތެކޭ ނުބުނެވޭނެއެވެ. އެކަމަކު ފެނުން ނާދިރު ވެއްޖެއެވެ.

އިންސާނެއްގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ޙަޤީޤަތަކީ އެމީހެއްގެ ދީނެވެ. އަހަރެމެން އެންމެންނަކީ މުސްލިމުންނަށްވީތީ ޝުކުރުވެރިވުން ޙައްޤެވެ. މި މުސްލިމްވަންތަކަން ފުރިހަމަވަނީ ބައިވަރު ކަންތައްތަކެއް އޭގައި އެކުލެވިގެންނެވެ. ވަފާތެރިކަމަކީ މީގެ ތެރެއިން މުހިއްމުކަން ކުޑަ ނޫން މަސްދަރެކެވެ. އެހެންނަމަވެސް ދިވެހިންގެ ވަފާތެރިކަން ދިވެހިންގެ ތެރެއިން ގޮމަކަސްތޫރިއެއް ހޯދުން ފަދަ ވެއްޖެއެވެ. އަހަރެމެންނަށްޓަކައި މިހާރު ހުރިހާވެސް އެއްޗަކީ ފައިސާއަށްވީ ހިސާބުން ފެށިގެން އަހަރެމެންގެ ތެރެއިން ވަފާތެރިކަން ގެއްލިއްޖެއެވެ.

ދެމަފިރިންގެ ދެމެދުން ވަފާތެރިކަން ގެއްލިއްޖެއެވެ. ރަޙްމަތްތެރިންގެ މެދުގައި ވަފާއަކީ ދަންނަ އެއްޗަކަށްވެސް ނުވެއެވެ. ޢާއިލީ ގުޅުންތަކާއި ދޭދޭ ގުޅުންތަކުގައި ވަފާއަކީ ވާ އެއްޗެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ ފައިސާއެވެ. ގެދޮރެވެ. މާލެވެ. ޖާހެވެ. މިކަން އެންމެ ބޮޑަށް ސާބިތުކޮށްދެނީ އިނދެގެން އުޅޭ ދެމަފިރިންގެ ދިރިއުޅުމަށް ވަމުން އަންނަ ގޮތުންނެވެ.

ލޯތްބާއެކު އިން ދެމަފިރިންގެ ތެރެއިން ގިނަ މީހުން އެ ބައިވެރިޔާ ދޫކޮށްލާފައި މިހާރު ދަނީ ފައިސާއާއި ދިމާލަށެވެ. އަންހެންމީހާ ދާނީ ފައިސާވެރި ފިރިހެނަކު ފެނިގެންނެވެ. ފިރިހެންމީހާ ދާނީ ފައިސާވެރި އަންހެނަކު ފެނިގެންނެވެ. މިހެން މިވަނީ އުޅެމުން ދިޔަ ދިރިއުޅުމުން އުނިވާ ކަންތައްތައް ގިނަވެފައި ބޭނުންވާ ކަންތައްތައް ވަޅުލާން ޖެހޭތީއެވެ. އެ ދިރިއުޅުން ދެކެ ފޫހިވެ ވަރުބަލިވެގެންނެވެ. ސުވާލެއް ކުރެވިއްޖެނަމަ، ޖެހިލުމެއްނެތި، ޖަވާބުގައި ބުނަނީވެސް މިހެންނެވެ.

ދެއަނބިން، ތިންއަނބިން އަދި ހަތަރު އަނބިންވެސް ހޯދުން އާދައަކަށްވެއްޖެއެވެ. ކަމަކީ ކުރުން ހުއްދަ ކަމެކެވެ. ނަމަވެސް މަޤްޞަދު ގޯސްވެ ނިމިއްޖެއެވެ. ރަނގަޅަށް ބަލާލާއިރު، އަބަދުވެސް ދެން އިންނަނީ ކުރިން އިނދެގެން އުޅުނު މީހުންނަށްވުރެ ފުދުންތެރި އަންހެނަކާއެވެ. ކެރޭ، ހީވާގި، ތަޢުލީމީ މީހަކާއެވެ. ފައިސާކޮޅެއް، ނުވަތަ މާލެއިން ބިންކޮޅެއް އޮތް މީހެއްނަމަ ފާޅުކަން ބޮޑު ލޯތްބަކާއެކު އިންނަލެއް އަވަހެވެ. އެކަމަކު އެހިސާބުން ދެން ތިބި އަނބިންނަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެއެވެ. ހަގު އަނބި އެއީ ޒީނަތަށް ލީ ހެދުމަށް ހަދައިގެން އުޅޭއިރު އަދި އެކަށް ރީތިނުވެވި ހުރިކަން ހަނދާން ނުހުރެއެވެ. ތިމާ އަނބިން ގިނަ ކުރިވަރަކަށް ބޮލުގައި އެޅޭ ޒިންމާތައް ގިނަވާނޭކަމާއި ދަރިން ގިނަވި ވަރަކަށް ވާޖިބުތައް އަދާނުކުރެވިދާނެތީ ބިރުގަންނަން ޖެހޭނެކަމެއް ހަނދާނެއް ނުހުރެއެވެ.

ފިރިހެނުން އެކަންޏެއް ނޫނެވެ. އަހަރެމެންގެ އަންހެންކަނބަލުންވެސް ހަމަ މިފަދަ ވެއްޖެއެވެ. ލޯބިން އިން ފިރިމީހާއަށް ތިމާއަށް ބޭނުންވާ ވަރަށް ފައިސާ ހޯދައިނުދެވޭތީ، ބޭނުން ތަންތަނަށް ނުފޮނުވޭތީ އަދި ބޭނުން ކޮންމެ އިރަކު ތައްޔާރުކުރި ކާނާ ނުގަނެވޭތީ ވާ ފޫއްސެއްގެ ބޮޑުކަމުން އެ ފިރިމީހާ ކައިރިން ވަރިވެ ފައިސާގެ ފަހަތުން ދުއްވައިގަންނަލެއް މާ އަވަހެވެ. އެއީ މީހެއްގެ ފިރިއެއްވިޔަސް ހެވެވެ. ހައެއްކަ ކުދިންގެ ބައްޕައަކަށްވިޔަސް ހެވެވެ. ހަމަޖެހިގެން އުފަލުގައި އުޅޭ ޢާއިލާއެއްގެ ފިރިހެންމީހާވިޔަސް ހެވެވެ. ތިމާބޭނުންވާ ވަރަށް ފައިސާ ލިބޭނަމަ އެ ލިބޭ ދިމާލަކަށް ދަނީއެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ކައިވެނިތައް ރޫޅާލާފައި ދަނީއެވެ.

މި ނަމޫނާތައް ބަލަން ތިބީ އަހަރެމެންގެ ކުދި ދަރިންނެވެ.

ބުރަ މަސައްކަތުން ދިރިއުޅުން އާރާސްކުރަމުން އަންނަ ބައްޕައަށްޓަކައި ކުޑަވެސް ޤުރުބާނީއެއް ވެލަން މަންމަ ތައްޔާރުނޫންކަން ދަރިންނަށް އެނގިގެން ދެއެވެ. އެކަނިމާއެކަނި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ދަރިން ބަލަމުން ދާ މަންމައަށްޓަކައި ކުލުނުވެރިކަމެއް ބައްޕަގެ ހިތުގައި ނެތްތަން ދަރިންނަށް ފެނި ފާހަގަ ކުރެވެއެވެ. ދެމީހުންވެސް އެމީހެއްގެ އުފަލަށްޓަކައި އަނެކަކު ދޫކޮށްލާފައި ދާއިރުވެސް ދަރިން ހަމަ ބަލަން ތިބެއެވެ. އެކަކުވެސް އަނެކަކަށްޓަކައި ޤުރުބާނީއެއް ނުވެއެވެ. ކުލުނެއް ނެތެވެ. ލޯތްބެއް އަމުދުން ނެތެވެ. ދަރިންނަށް އެ ދެއްކި ނަމޫނާގައި އަނެއް ޖީލު ބިނާކުރަނީ އެ ދަރިންނެވެ. ބޮޅަކަށްފަހު ބޮޅެއް އިތުރުވަމުން އިތުރުވަމުން ދެއެވެ. ރަޙުމާއި ކުލުނު، ވަފާއާއި ބޭވަފާ އަދި ލޯތްބާއި ޤުރުބާނީގެ މީރުކަމެއް ނުދެކި މާއްދީ ބޭނުންތަކަށްޓަކައި އެންމެންވެސް އުޅެމުން ދަނީއެވެ.

ކައިވެނިތައް ރޫޅެނީއެވެ. ދަރިން ބިކަ ވަނީއެވެ. އެކަމަކު އަހަރެމެން ދުވަނީ ފައިސާގެ ފަހަތުންނެވެ. މިއީ ޒަމާނުގެ ފެޝަނަކަށް ވެ ނިމިއްޖެއެވެ.

އަހަރެމެން މި އުޅެނީ މިޒަމާނުގައެވެ. ވިދާ ބަބުޅާ ޒަމާނުގައެވެ. ލިބޭ މިންވަރަށްވުރެ އެދޭމިންވަރު ގިނަ ޒަމާނެވެ. އެކަމަކު މިއީ ޒަމާނުގެ ކުށެއް ނޫނެވެ. މިއީ އަހަރެމެންގެ ހިތާ ސިކުނޑީގެ ކުށެވެ. ޙަޤީޤީ ލޯބި ނެތި ދިއުމުން ދެން ދިމާވާ ކަންތައްތަކެވެ. ޤުރުބާނީގެ މާނަ ނޭނގޭތީ ވާ ގޮތެކެވެ. އެއީ ކިހިނެއް ވާ އެއްޗެއް ކަމާއި އޭގެއިން ލިބޭ އުފާވެރިކަން ނޭނގޭތީ ދިމާވާ ގޮތެވެ. ތެދުވެރިކަމާ ވަފާތެރިކަން ނެތިދިއުމުން ވީ ގޮތެވެ.

ފައިސާއިން ގެއެއް ގަނެވިދާނެއެވެ. އެކަމަކު އެ ގެއަށް އުފާވެރިކަން ގެނައުމަށްޓަކައި، އެކަކު އަނެކަކަށް ތެދުވެރި، ވަފާތެރި، އެހީތެރި، ކުލުނުވެރި ދެމަފިރިއަކު ބޭނުން ވެއެވެ. ފައިސާއިން މުދާ ގަނެވިދާނެއެވެ. އެކަމަކު އެ މުދާ ބޭނުންކުރަން ތިބި މީހުންގެ ކިބައިން އުފާވެރިކަމެއް ދުށުމަށް ބޭނުންނަމަ ލިބޭ މިންވަރުން ފުއްދައިގެން އުޅެން ދަންނަ އަންހެނަކު އެ ގޭގައި އިންނަން ޖެހެއެވެ. ފައިސާއިން މޮޅެތި ސްކޫލަށް ދަރިންކޮޅު ފޮނުވިދާނެއެވެ. އެކަމަކު އެ ކުދިންނަކީ ކުލުނުވެރި ތަނަވަސް ހިތެއްގެ ކުދިބަޔަކަށް ހެދުމަށްޓަކައި އެކުދިންގެ މަންމައާއި ބައްޕަގެ ބަދަހި ގުޅުން ފެންނަން ޖެހެއެވެ.

ފައިސާއާއި މުދަލަކީ އަހަރެމެންގޮސް އަމިއްލައަށް ޖެހެވޭ ދަންތުރައެކެވެ. މިކަން އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.

އާޚިރުގައި އަހަރެމެންނަށް މުހިއްމު ވާނީ ފައިސާއެއް ނޫނެވެ. ގާތްކަމާއި އެކުވެރި ކަމެވެ. ކުލުނާއި ލޯތްބެވެ. އެހެންނަމަވެސް މިކަންކަން ލިބޭނީ ޒަމާނުގެ ފަހަތުން ދުވުން އަހަރެމެން ހުއްޓާލައިގެންނެވެ.

ޒަމާނަކީ އަހަރެމެން ގެންނަ އެއްޗެކެވެ. އެކަމަކު އެ ޒަމާނުގެ ފަހަތުން އަހަރެމެން ދުވަން ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ގެނެސްފައި އޭގެ އަޅަކަށް އަހަރެމެން ވުމުން ގައިމުވެސް ހަމައެއް ނުޖެހެއެވެ. މާޒީވެ ދިޔަ ޒަމާން ފަހަތުން ގޮސް އެ ޒަމާނާ އަރާ ހަމަކުރާކަށް އަހަރެމެން މަސައްކަތް ނުކުރަމުއެވެ. މުސްތަޤްބަލަކީ ހޯދަން ޖެހޭ އެއްޗެކެވެ. އެކަމަކު ވިސްނުމާ ފިކުރުގެ ބޭނުންކޮށްގެން، ހެވާ ނުބައި ވަކިވެ ހުރެގެން، ތިމާގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ އުފާ ހެޔޮގޮތުގައި ހޯދުމުގެ މަޤްޞަދުގައި ހުރެގެން މުސްތަޤްބަލް ހޯދަން ނިކުތުމުގެ ބަދަލުގައި، ވަކި ބައެއްގެ މުސްތަޤްބަލް ފަހަތުން ދުވެފައިގޮސް އެބަޔަކާ އަރާ ހަމަކުރަން މަސައްކަތް ކުރުމަކީ ގޯހެކެވެ. އެއީ އުނި ވިސްނުމެކެވެ. ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ވިސްނުމެކެވެ.

--------(ނިމުނީ)----------

ކިޔުންތެރިންގެ ހިޔާލުތައް

×

އިމާދު | 24 ޖުލައި 2017 - 10:44

އޮއްޓަރެއްނެތި ފަށުވި އިބާރާތްތަކެއްވާ ލިޔުމެއް.

ޓްރެންޑިން