Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ދުނިޔޭގެ އާބާދީ ދުވަސް 2017

11 ޖުލައި 2017 - 10:46

ގުޑުމީނާ

މިޔަދަކީ ދުނޔޭގެ ޢާބާދީ ދުވަހެވެ. މިދުވަސް ފާހަގަ ކުރަމުންދާއިރު ޢާބާދީ އާއި ގުޅުން ހުރި އެއްމެ މުހިންމު އެއް ފަރާތް ކަމުގައިވާ ދަރިމައިވާ ޢުމުރުގެ އަންހެނުންނާ މެދު ވިސްނާލުމަކީ ކޮންމެހެން ވެސް ކުރުން މުހިއްމު ކަމެކެވެ. އެގޮތުން ދަރިމައިވާ ޢުމުރު، ނުވަތަ 15 އަހަރާއި 49 އަހަރާއި ދެމެދުގެ އަންހެނުންނަށް ސިއްޙީ ގޮތުން ދިމާވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމަކީ ނުކޮށް ދޫކޮށްލެވޭ ވަރަށްވުރެ ބޮޑުކަމެކެވެ.

ޖުމްލަގޮތެއްގައި ވިހާޢުމުރުގެ އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތައް ބެހިފައި ވަނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެއީ ރައްކާތެރިނޫން ގޮތެއްގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބަލިތައް، އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ، އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ހަށިގަނޑަށް އަންނަ ނޭދެވޭ ބަދަލުތަކެވެ. މީގެތެރެއިން މިލިޔުމުގައި މިބަލައިލަނީ ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ހަށިގަނޑަށް އަންނަ ނޭދެވޭ ބަދަލުތަކަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ވިހާއުމުރުގެ އަންހެނުންގެ އެއްމެ ފަލަ އާބާދީއެއް އޮންނަ ޤައުމަކީ ދިވެހިރާއްޖެއެވެ. މިގޮތުން 18 އަހަރުން މަތީގެ އާބާދީގެ %10.8 އަންހެނުންނަކީ ފަލަބަލީގެ މީހުނަށް ވާއިރު %33.9 އަންހެނުންނަކީ ބަރުދަން ހުނަނަންވާ ވަރަށް ވުރެ މަތީގައި ހުންނަ މީހުންނެވެ.

ދިވެހިރާއްޖޭގައި މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ބަރުދަން ހުންނަންވާ ވަރަށް ވުރެ މަތީގައި ހުންނަ އަންހެނުންގެ އާބާދީ މިހާ ބޮޑުވާ ސަބަބުތައް ބައިވަރެވެ. މީގެ ތެރޭގައި ކެއުމުގައި ހިމަނަންޖެހޭ މިންގަނޑުތައް ހަމަ، ނުވަތަ ބެލެންސްޑް ކެއުމެއް ނުކެއުމަކީ އެއްމެ ބޮޑު އެއް ސަބަބެވެ. ގިނަފަހަރަށް ބެލެންސް ވުމުގެ ބަދަލުގައި ކެއުމުގައި އެއް ބައެއް މާ ގިނައިން ހިމެނުމާއި އެހެން ބައި ބައި އެއްގޮތަކަށް ވެސް ނުހިމެނުން ނުވަތަ މަދުވުމަކީ ބަރުދަން އާދަޔާ ޚިލާފަށް އިތުރުވާން ދިމާވާ އެއް ސަބަބުކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

އާންމުކޮށް ދިވެހިންގެ ކެއުމުގައި ކާބޯހައިޑްރޭޓްސް، ނުވަތަ ހަކަތަ ލިއްބައިދޭ ކާނާ، މިސާލަކަށް؛ ބަތް، ރޮށި، ނޫޑްލްސް، ޕާސްތާ އަދި ޕާން ފަދަ ބާވަތްތައް ގިނަ ޢަދަދަކަށް ހިމެނެއެވެ. ނަމަވެސް ތަރުކާރީ އާއި މޭވޭގެ ބާވަތްތައް ހިމެނޭލެއް ވަރަށްވެސް މަދެވެ. މިއީ މިދެންނެވި ފަދައިން ބަރުދަން އިތުރުވުމަށް ދިމާވާ ވަރަށް ބޮޑު ސަބަބެއް ކަމުގައި ދަންނަވަން ޖެހެއެވެ. މީގެ އިތުރުންވެސް ޒުވާނުންގެ ތެރޭގައި އާންމުވެފައިވާ އެނާޖީ ޑްރިންކްސް ބޭނުން ކުރުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަރުދަން އިތުރުވުމާއި އެނޫންވެސް ތަފާތު ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ދެންނެވިފަދައިން ކާބޯހައިޑްރޭޓްސް ނުވަތަ ހަކަތަ ލިއްބައިދޭ ކާނާ ދިވެހިންގެ ކެއުމުގެ ބޮޑުބައެއް ޙިއްސާކުރާއިރު، އެހަކަތަ އަންދާނޭ ނުވަތަ ބޭނުން ކުރަންޖެހޭނޭ ފަދަ މަސައްކަތެއް ނުވަތަ ކަސްރަތެއް ނުކުރުމަކީ ބަރުދަން އިތުރުވުމަށް އިތުރު ބާރަކަށްވާ އެއްކަންތަކެވެ. ޚާއްސަކޮށް މިއުމުރުގެ އަންހެނުންގެ މެދުގައި ފިރިހެނުންނަށްވުރެ ބޮޑަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ބައި އުޅެނީ ދަށްކޮށްކަން އަޅުގަނޑުމެންގެ މުޖްތަމަޢަށް ބަލާލުމުންވެސް އެނގިގެންދެއެވެ. މިއީ އަންހެނުންގެ މެދުގައި ފިރިހެނުންނަށް ވުރެ ބޮޑަށް ފަލަބައްޔާއި ބަރުދަން ހުންނަން ވާ ވަރަށް ވުރެ އިތުރުމީހުން ގިނަވުމަށް މެދުވެރިވާ އެއްސަބަބެވެ.

މިދެންނެވިހެން ދިރިއުޅުމުގެ އާދަތައް ބައްޓަން ވުމުން މީގެ ސަބަބުން ސިއްޙަތައް، ޚާއްސަކޮށް ދަރިމައިވުމުގެ ސިއްޙަތަށް ކުރާ އަސަރުތަކަށް ވެސް ބަލާލަމާތޯއެވެ؟ މިގޮތުން ދިރާސާތަކުން ދައްކާގޮތުގައި ބަރުދަން ހުންނަންވާ ވަރަށްވުރެ މަތިވުމަކީ އޭގެ ސަބަބުން އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގެ ބޮޑެތިމައްސަލަ ތަކަކާއި ކުރިމަތިވާ ކަމެކެވެ. މީގެ ތެރޭގައި މައްސަރުގެ ކަންތައް އަވަސްވުމާއި ލަސްވުން، އޮވޭރިއަން ސިސްޓް އުފެދުން އަދި މައްސަރުކަންތައް ނުޖެހުންވެސް ހިމެނެއެވެ. މިކަންތައް ތަކަކީ ދަރިމައިވާން ބޭނުންވާ ދެމަފިރިންނަށް ދަރިން ލިބުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ސަބަބުތަކެކެވެ.

މީގެ އިތުރުންވެސް ބެލެންސްޑް ޑައިޓެއް ކެއުމުގައި ބޭނުން ނުކުރާނަމަ މާބަނޑުވާ ދުވަސްވަރު ހަށިގަނޑަށް އިތުރަށް ބޭނުންވާ ދަގަނޑުގެ ބަޔާއި، ކެލްސިއަމް އަދި ފޯލިކް އެސިޑްގެ ބައި މަދުވެ، ލޭ ދައްވެ، މައިމިހާ އާއި ކުޑަދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކާ ވުމުގެ ފުރުޞަތު ބޮޑުވެއެވެ.

މިދެންނެވި ކަންތައްތަކަކީ ދަރިމައިވާ އުމުރުގެ އަންހެނުންނަށް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން މެދުވެރިވެދާނެ ބައެއް މައްސަލަ ތަކެވެ. މިމައްސަލަ ތަކުން އަރައިގަތުމަށް ކާބޯ ހައިޑްރޭޓްސް ނުވަތަ ހަކަތަ ލިއްބައިދޭ ކާނާ ކެއުމުގައި ހިމަނަންވީ ވަރަށް ވުރެ އިތުރު ނުކުރުން މުހިއްމެވެ. މިއާއި އެކު މޭވާއާއި ތަރުކާރީ ހަށިގަނޑަށް ދުވާލަކަށް ބެނުންވާ މިންވަރަށް، ނުވަތަ ރިކޮމެންޑެޑް ޑެއިލީ އިންޓޭކް ހަމަވާވަރަށް ބޭނުން ކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމަ މިއާއެކު އެކްޓިވް ލައިފްސްޓްއިލެއް އެޑޮޕްޓް ކުރުމަކީ، ނުވަތަ ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ މައްޗަށް ދިރިއުޅުން ބައްޓަންކުރުމަކީ ދަރިމައިވުމުގެ ސިއްޙަތުގެ އިތުރުންވެސް މީހާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ، ޒުވާންކަން އިތުރުކޮށްދޭ، ޢުމުރުން ދުވަސްވުމުން ހަށިގަނޑަށާއި ހަންގަނޑަށް އަންނަ ބަދަލުތައް އައުން ލަސްކޮށްދޭ، ގައިން ގަޔަށް ނާރާ ގިނަބަލިތަކުން ދުރުކޮށްދޭ ސިއްޙީ ރަނގަޅު އާދައެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން