Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ބޮސް ( އެކާވަންނަ ވަނަބައި )

27 އޮކްޓޯބަރ 2017 - 09:00

ޝައިން

މާޔާއަށް ޚިޔާލުން އެނބުރި އާދެވުނީ އޭނާގެ ފޯނު ރިންގްވުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަންފެނުމާއެކު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

" ހެލޯ ދަރިފުޅާ މާޔާ....ދަރިފުޅު ގުޅާފަ އޮތީމަ މިގުޅީ....އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ؟..." މާޔާ ފޯނުނެގުމާއެކު ނިޔާޒް ބުނެލިއެވެ.

" ނޫނޭ...ހުރިހާކަމެއް ރަނގަޅެއްނޫން....އަޅުގަނޑު ބޭނުން ވާހަކައެއް ދައްކާލަން....އެހެންވީމަ މިރޭ ކޮންމެވެސް ތާކުން ބައްދަލުކޮށްލެވިދާނެތަ؟..." މާޔާ އަހާލިއެވެ.

" ދަރިފުޅު މިގެޔަށް އަންނަންވީނު....މީހަމަ ދަރިފުޅުގެވެސް ގެޔެއްނު....ޖެހިލުންވާން ޖެހޭ އެއްވެސްކަމެއް ނޯންނާނެ...." ނިޔާޒް ލޯތްބާއިއެކު ބުނެލިއެވެ.

" ނޫނޭ...އަޅުގަނޑު ބޭނުންވަނީ އައިކްއާ ނުލައި އަޅުގަނޑު އެކަނި ބައްދަލު ކުރަން....ވަރަށް މުހިއްމު ވާހަކައެއް ދައްކަން ޖެހޭތީ....ކައިވެނީގެކުރިން ކޮންމެހެންވެސް ބައްޕައަށް އެނގެންޖެހޭ ވާހަކައެއްވީމަ ބައްދަލުކޮށްލަން ބޭނުންވަނީ..." ސީރިއަސްކަމާއެކު މާޔާ ބުނެލިއެވެ.

" އެހެންތަ؟ އެހެންވީމަ ތިޖެހުނީ ބައްދަލުކުރަންތާ ދޯ....ދަރިފުޅު ބުނޭ ދާންވީތަނެއް....ބައްޕަ ދާނަން..." ނިޔާޒް އެދުނެވެ.

" އެންމެ ރަނގަޅު....ހުޅުމާލެއަށް ދާނީ....މިރޭ އަށެއް ޖަހާއިރު...އަޅުގަނޑު ގޮސްފަ ގުޅާލީމަ އަޅުގަނޑު ހުރިތާކަށް އާދެވޭނެއެއްނު..." މާޔާ އަހާލިއެވެ.

" މައްސަލައެއްނެތް..." ނިޔާޒް އެއްބަސްވިއެވެ.

******

ރޭގަނޑުގެ ވަގުތެވެ. މާޔާ ފެންވަރައި ރީތިވެލައިގެން ނުކުތްއިރު އައިކް ހުރީ މާޔާބަލައި އައިހެވެ.

" އަހަރެންދާންތަ މައީއާއެކީ...." މާޔާ ފެނުމުން އައިކް އަހާލިއެވެ.

" އިކޫ...އަހަރެން އިކޫގާތު އަންނާށޭބުނީވެސް އިކޫއާއެކު ފެރީ ޓާރމިނެލްއަށް ދާހިތުން....އަހަރެން ބޭނުންނަމަ ކާރުގަވެސް ދެވޭނެއްނު....އަހަރެންނަށް އެނގޭ މިރޭ އިކޫ ވަރަށް ބިޒީކޮށްކަން ތިއުޅެނީ...އެހެންނޫނަސް މިރޭ މިދަނީ ބައްޕަގެ ތިމާގެ މީހެއްގެ ގާތަށް....އަހަރެންނަށް ކިހިނެއް ކެރޭނީ އިކޫ ގޮވައިގެންދާން....ކައިވެނީގެ ކަންތައް ހަމަޖެހުނީމަ އިކޫ ގެންދާނަން...އޯކޭއެއްނު..." މާޔާ އައިކް އަށް ވިސްނައިދިނެވެ.

" އޯކޭ މައި ބިއުޓިފުލް..." އައިކް ހިނިތުންވެލަމުން ބުނެލިއެވެ. މާޔާ ގޮވައިގެން ގޮސް ފެރީޓާރމިނަލަށް ލުމަށްފަހު އައިކް އެނބުރި ގެޔާދިމާއަށް މިސްރާބު ޖެހުމުން މާޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އައިކްއަށް ގުޅީ ހަމަ ގަސްތުގައެވެ. އޭނާ ބޭނުންވީ އައިކްގެ އުނދަގުލެއް ނުފޯރާ ހުޅުމާލެއަށް ދިއުމަށެވެ. އައިކްއަށް އަންގައި ނުލައި ގޮސްފިނަމަ ޝަކުވާކުރާނެކަން އޭނާއަށް އެނގެއެވެ. މިގޮތަށް ކަންތައް ކުރުމުން އައިކް އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ.

*****

މާޔާއާއި ނިޔާޒް ތިބީ ހުޅުމާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ކާއެއްޗެއްސަށް އޯޑަރ ކުރުމަށްފަހު ދެމީހުންވެސް އާދައިގެ ގޮތަކަށް ހާލު އަހުވާލު އޮޅުން ފިލުވާލިއެވެ.

" ކޮބާ ދަރިފުޅު ދައްކަން ތިއުޅޭ ވާހަކައަކީ؟..." އެންމެ ފަހުން ނިޔާޒް އަހާލިއެވެ.

" އިހަށް ކާނީދޯ.....ފަހުންވެސް ވާހަކަ ދެއްކޭނެއްނު....އެހެންނޫނީ މިދައްކަން އުޅޭ ވާހަކައަކުން ނުކެވިވެސް ހިނގައިދާނެ..." މާނަވީ ގޮތަކަށް މާޔާ ބުނެލިއެވެ.

" އާނ ތީވެސް ހަމަ ރަނގަޅު ވާހަކައެއް...." ނިޔާޒްވެސް އެއްބައިވެލިއެވެ. ކާއެއްޗެހި ގެނައުމުން ދެމީހުންވެސް ކެއުމައިގެން މަޝްއޫލުވިއެވެ. ދޭތެރެ ދޭތެރެއިން ވިޔަފާރީގެ ކަންކަމާ ބެހޭގޮތުން މާޔާ ސުވާލުކޮށްލައެވެ. އެނޫން އިތުރު ވާހަކައެއް އެދެމެދުގައި ނުދެކެވެއެވެ.

" ހޫމް...މިހާރު ކައިވެސް ނިމުނީ....ދެން ހިނގާ ހިނގާލަން ދަމާ....މިތާ ކައިރީގަ އޮންނާނެ ވަރަށް ހިތްގައިމު ޕާރކެއް...އެތަނަށް ގޮސް ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާނީ..." މާޔާ އެދުނެވެ.

" އެކަމު ދަރިފުޅާ....ކީއްކުރަން އެތަނަށް ދަނީ....ބައްޕަގެ ގެސްޓްހައުސްއަށް ގޮސް ތިބެގެންވެސް ވާހަކަ ދެއްކޭނެއެއްނު....ތި ޕާރކްފަދަ ތަންތާނގަ ތިބޭނެ ފާޑުފާޑު މީހުންވެސް...." ނިޔާޒް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

" އެކަމުވެސް އަޅުގަނޑު ބޭނުމީ އެގޮތް....ގުދުރަތީ މާހައުލެއްގަ ތިބެގެން ވާހަކަދައްކަން ފަސޭހަވާނެއްނު..." މާޔާ އިތުރަށް ބުންޏެވެ.

" އާނ...ދަރިފުޅުބޭނުން ގޮތެއް..." އެންމެފަހުން ނިޔާޒް އެއްބަސްވިއެވެ.

" ބައްޕާ އަހަރެންނަކީ ކާކުކަން އެނގޭތަ؟ މިބުނީ އަހަރެން މީ ކާކުގެ ދަރިއެއްކަން އެނގޭހޭ..." މާޔާ ސީދާ އޭނާގެ މައުލޫއިން ފެށިއެވެ.

" އާނ...ތީ އަޒީޒްގެ ދަރިއެއްނު....ތިހެން މީހަކު އަހާކަހަލަވެސް ސުވާލެއް ނޫނެއްނު..." މާޔާ އަހަރެންނޭ ކިޔައިގެން ވާހަކަދައްކަން ފެށުމުން ނިޔާޒް  ހައިރާންވީ ނަމަވެސް ހީލަމުން ޖަވާބުދިނެވެ.

" ނޫން....މުޅިން ގޯސް....އަހަރެންމީ އަޒީޒްގެ ދަރިއެއްނޫން....އެކަމު އެއްއިރެއްގަ ތިބައްޕަގެ ވަރަށްގާތް މީހެއްގެ ދަރިއެއް....ތިބައްޕަގެ ކުންފުނީގަ ވަރަށް ވަފާތެރިކަމާއެކު އެތައް ބުރަ މަސައްކަތެއް ކުރިފަހުން، ވައްކަމުގެ ތުހުމަކޮށް ވަޒީފާއިން ކަނޑާލާ މުޅި ދުނިޔެއަށް ބަދުނާމު ކުރި ނިކަމެތި އިންސާނާގެ ދަރިއެއް....ނުކުރާކުށެއްގެ ތުހުމަތު އެޅި އެތައްވޭނަކާ ހިތާމަތަކަށްފަހު، ބުއްދިފިލާގޮސް އަމިއްލަ ފުރާނައިން އަތްދޮވެލި އިންސާނާގެ ދަރިއެއް....މިހާރު އެނގިއްޖެތަ؟..." މާޔާ އޭނާގެ ވާހަކަތައް މެދުކަނޑާލަމުން ނިޔާޒްއާ ދިމާ ބަލާލިއިރު، ނިޔާޒްއިނީ ހަރަކާތްހުއްޓި މާޔާގެ މޫނަށް ބަލާށެވެ.

" ކިހިންވީ؟...އަދިވެސް ހަނދާން ނުވަނީތަ؟...." މަލާމާތުގެ ގޮތަކަށް ހީލަމުން މާޔާ ބުންޏެވެ.

" ތީހަމަ ރާޝިދުގެ ދަރިއެއްތަ؟..." ޔަޤީންނުވާފަދަ ގޮތަކަށް ނިޔާޒް އަހާލިއެވެ.

" އާނ މިއީ ހަމަ އެރާޝިދުގެ ދަރިއެއް...މިހާރު ހަނދާންވެއްޖެ ދޯ....ކިހާ ނިކަމެތި ހާލެއްގަތަ އަހަރެންގެ ބައްޕަ ނިމިގެން ދިޔައީ....ކިހާ ތަކުލީފެއް އުފުލާފަތަ އަހަރެންގެ މަންމަ މަރުވެގެން އެދިޔައީ.....އެއީ ހަމަ ތި ނުލަފާ މީހާގެ ސަބަބުން...." މާޔާ ރުޅިވެރިކަމާއެކު ނިޔާޒްއާ ދިމާއަށް ބުންޏެވެ. އަދި އޭނާގެ މަންމައާއި ބައްޕަ ވަކިވެދިޔަ ހިތާމަވެރިގޮތް އަސަރާއެކު ކިޔައިދިނެވެ.

" މާޔާ....އަހަރެންނަކަށް ނޭނގެ ރާޝިދު ކަންތައް ހިނގިގޮތެއް...އަހަރެން ލަންކާގަ ހުރެފަ އައިފަހުން ރާޝިދު ނިޔާވިކަން އެނގުނީ....ހަޤީޤަތުގަވެސް ވަރަށްދެރަވި އެދުވަހު....ރާޝިދުގެ އަންހެނުންނާ ދަރިފުޅު ހޯދަންވެސް އަހަރެން މަސައްކަތް ކުރިން....އެކަމު އެމީހުން ދިޔަތަނެއް ނޭނގުން..." ނިޔާޒް ދެރަވެލާފައި ކިޔައިދިނެވެ.

" ހުއް...ނޭގުނޭ....ތިމާގެ ބޭނުންފުދުނީމަ އަހަރެންގެ ބައްޕަވީތަން ބަލާނެތަ؟....އެހުރިހާ ދުވަހު ވަފާތެރިކަމާއެކު މަސައްކަތްކުރީތީ ލިބުނީ ކޯއްޗެއް؟...ވަގު ތުހުމަކޮށްފަ ކަނޑާލީ....އަހަރެންގެ ބައްޕަގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ މީހަކީ ތީ....އަހަރެންގެ މަންމަގެވެސް....ތީ ޤާތިލެއް..." މާޔާ ހަޅޭއްލަވައިގަތެވެ.

" މާޔާ....ހަމަޖެހިބަލަ!...ހިނގާބަލަ ގެސްޓްހައުސްއަށް ގޮސް ހަމަޖެހިލައިގެން ތިވާހަކަ ދައްކަން.....މިއީ އެންމެ ރަނގަޅު ތަނެއްނޫނެއްނު..." ހާމާކަން ބޮޑު މާހައުލެއްގައި އިންނަން ވުމުން ނިޔާޒްއިނީ ޖެހިލުންވެފައެވެ.

" ކިހިނެއްވީ؟....މިތާ ތިބެގެން މިވާހަކަ ދެއްކީމަ އެހެންމީހަކަށް އަޑުއިވިދާނެތީ ޖެހިލުންވަނީތަ؟....ބަންދުކޮޓަރިއެއްގަ ތިބެ މިވާހަކަ ދެއްކިޔަސް ހަޤީޤަތެއް ބަދަލެއްނުވާނެ..." މާޔާހުރީ އޭނާގެ ގޮތުގައެވެ.

" އެކަމު މާޔާ....އަހަރެން މިބުނީ ހަޤީޤަތް....އަހަރެން ގަބޫލުކުރަން އަހަރެންނަށް ކުރެވުނީ ކުށެއްކަން.....އަހަރެން އެކަންކަމަށް ތައުބާވެސް ވެއްޖައިން....ކިތަންމެ ބޭނުންވިޔަސް މާޒީ ބަދަލެއް ނުކުރެވޭނެ.....އަހަރެން ހަޤީޤަތުގަވެސް ރާޝިދުއާމެދު ކަންތައްވީގޮތުން ދެރަވޭ....މާފާށް އެދެންވެސް ބޭނުން ގަބޫލު ކުރޭ މާޔާ...." ނިޔާޒް ހިތާމަޔާއެކު ބުންޏެވެ.

" މިހާރު ދެރަވާ ވާހަކަ ބުނީމަ އަހަރެން ކިހިނެއް ގަބޫލުކުރާނީ....ތިހާ ފަސޭހައިން ބުނެލުމުން އަހަރެން ކިހިނެއް މާފުކުރާނީ..." މާޔާ ނުރުހުމާއެކު ބުނެލިއެވެ.

" މާޔާ....އަހަރެން ކިހިނެއް ކަންތައް ކުރިއްޔާ މާޔާ ގަބޫލުކުރާނީ....އަހަރެންނަކަށް މާޒީ ބަދަލެއް ނުކުރެވޭނެ....އެކަމު މާޔާގެ މުސްތަޤުބަލް އުޖާލާކުރުމަށް މަސައްކަތް ކުރެވިދާނެ..." ނިޔާޒް އަސަރާއެކު ބުންޏެވެ.

" މައްސަލައެއްނެތް....އަހަރެން މާފު ކުރާނީ ޝަރުތެއްގެ މަތިން....އަހަރެންނަށް އެނގޭ އަހަރެންގެ މައިން ބަފައިން އަނބުރައެއް ނުލިބޭނެކަން....އެކަމު އެމީހުންނަށް ދިން ހިތާމައިގެ ބަދަލު އަހަރެން ބޭނުން.....އަހަރެންގެ އޮތީ އެންމެ އެދުމެއް....ނިޔާޒްގެ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި އަހަރެންގެ ނަން މައްޗަށް ރެޖިސްޓްރީ ކޮށްދީ....އޭރުން އަހަރެން މާފުކުރާނަން...." މާޔާ އޭނާގެ ޝަރުތު އިއްވާލިއެވެ.

" މާޔާ....އެކަމު ތީ ކިހިނެއްވާނެކަމެއް.....އަހަރެންގެ ތިންދަރިން ތިއްބާ އަހަރެން ކިހިނެއް އެމުދާ މާޔާއަށް ދޭނީ....އަހަރެން ގަބޫލުކުރަން އަހަރެންނަށް ކުރެވުނީ ވަރަށްވެސް ބޮޑު ކުށެއްކަން....އެކަމު އަހަރެންނަކަށް މާޔާ ތިއެދޭގޮތަކަށް ކަންތަކެއް ނުކޮށްދެވޭނެ...." ނިޔާޒް މާޔޫސީ ގޮތަކަށް ބުނެލިއެވެ.

" އޭރުވެސް އަހަރެން ހިތަށްއެރި ތިހެންނޭ ބުނާނީ....އެކަމު ހީނުކުރާތި އަހަރެން އެހާފަސޭހައިން މިކަން ދޫކޮށްލާނޭ....ބަލަ ތި ކުންފުނި ކުރިއަރާގޮސް ތިވިޔަފާރި އެހާފުޅާވީ ހަމަ އަހަރެންގެ ބައްޕަގެވެސް މިންނެއް މަސައްކަތުންނޭ....އެބައްޕައަށްވެސް ތިމުއްސަނދިކަމުން ބައެއް ލިބެންޖެހޭނެ....އަހަރެންގެ ބައްޕައާމެދު ކަންތަކުރި އިހާނެތިގޮތް އައިކްއަށް އެނގިއްޖެނަމަ ވާނެގޮތަށް އެނގޭތަ؟ އޭނާ ތިލޯބިވާ ބައްޕަ ދޫކޮށްލާނެ މުޅި އުމުރަށް....އައިކް އަހަރެންދެކެ އިންތިހާއަށް ލޯބިވޭ....އަދި ނުވިތާކަށް އައިކްގެ ހަޤީޤަތް ނާއިކްއަށާ ނާޒްއަށް އެނގުނީމަ ވާނެގޮތް ވިސްނާލަބަލަ! އެކުދިން ވަކި ރުޅިއެއްނާންނާނެތަ އެކުދިންގެ މަންމައަށް ބޭވަފާތެރިވީގޮތް އެނގުނީމަ....އަހަރެންނަށް ހީވަނީ މިކަންކަން ފަޅާއެރީމަ އެއްދަރިއަކުވެސް ތިބައްޕަދެކެ ލޯތްބެއް ނުވާނެހެން....އެންމެން ނަފުރަތު ކުރާނެ....އެކަނިކޮށް ބާކީކޮށްލާނެ....މުސްކުޅިވީ ދުވަހު އެކަނުވެސް އަޅާނުލާނެ....އެގޮތަށް ވާންތަ ބޭނުމީ..." މާޔާ އިންޒާރެއް ދިންފަދައެވެ. މާޔާގެ ވާހަކަތައް އަޑުއަހާފައި ބުނާނެ އެއްޗެއްވެސް ނިޔާޒްގެ ދުލަކަށް ނައެވެ. މާޔާއަކީ އޭނަ ހީކުރިހައި އާދައިގެ އަންހެން ކުއްޖެއް ނޫނެވެ.

" މާޔާ....އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން.....އޭރުން އަހަރެންނަށް ގޮތެއް ނިންމަން އެނގޭނީ...." އެންމެފަހުން ނިޔާޒް ބުންޏެވެ.

" އެންމެ ރަނގަޅު....ވިސްނާނެ ވަރަކަށް ވިސްނަންވީ....ކައިވެނީގެ ކުރިން އަހަރެންނަށް އަހަރެންގެ ބައި ލިބެންޖެހޭނެ....އަހަރެން ބޭނުންނަމަ އަހަރެންނަކީ ކާކުކަން ނުބުނެވެސް ކައިވެނި ކުރެވުނީސް....އެކަމު އެހެންހަދަން އަހަރެން ބޭނުންނުވީ....އަހަރެންނަކީ ތިހާ މަކަރުވެރި މީހެއްނޫން ވިއްޔަ...." މާޔާ އަނެއްކާވެސް ނިޔާޒްއަށް މަލާމާތްކޮށްލިއެވެ. ނިޔާޒް ޖަވާބެއްނުދީ އިންތަނުން ތެދުވެގެން ޕާރކުން ނުކުންނަން ހިނގައި ގަތުމުން މާޔާވެސް ނިޔާޒްގެ ފަހަތުން ނުކުތެވެ.

*****

ނުނިދިފައި އެނދުފައި ފުރޮޅި ފުރޮޅި އޮތް ނާއިކް އޭނާގެ ފޯނުނަގައި ގަޑިބަލާލިއެވެ. މިހާރު މެންދަމުން އަލިވެ ދެއެއްޖަހަނީއެވެ. ނަމަވެސް އޭނާގެ ލޮލަށް ނިދިނައިސްފައި އޮތީ އާނާގެ މަތިން ހަނދާންވާވަރުންނެވެ. އާނާއަށް ގުޅަން ހިތައްއަރާފައިވެސް ގުޅަން އޭނާ ޖެހިލުންވަނީއެވެ. މިހާރަކަށް އައިސް އާނާވެސް އޭނާއަށް މާބޮޑު ސަމާލުކަމެއް ދޭހެނެއް ހިއެއްނުވެއެވެ. ދެފިކުރެއްގައި އޮވެފައި ނާއިކް އާނާއަށް ގުޅާލިއެވެ. ދެފަރަކު ރިންގްވީތަނާ އާނާ ފޯނުނެގިއެވެ.

" ހެލޯ....އަދިވެސް ނުނިދަނީތަ؟..." އެހާ އަވަހަށް ފޯނުނެގުމުން ހައިރާންކަމާއެކު ނާއިކް އަހާލިއެވެ.

" ހޫމް....ނިދިނައިސްގެން...." އާނާ ޖަވާބުދިނެވެ.

" އަހަރެންގެ މަތިން މާބޮޑަށް މިސްވަނީތަ؟..." ނާއިކް ސަމާސާ ކޮށްލިއެވެ.

" ވެދާނެ އެހެންކަމަށްވެސް...." ހީލަމުން އާނާ ބުނެލިއެވެ.

" އާނާ އަހަރެން އެބައޮތް ވާހަކައެއް ދައްކަން ވެފަ.....އާނާއާ އެކަނިވެލާނެ ފުރުސަތެއް ނުލިބިގެން އެވާހަކަ ނުބުނެވިގެން މިއުޅެނީ.....ރޭގަނޑުވެސް މާއަވަހަށް ވިއްޔަ ނިދަނީ...." ޝަކުވާގެ ރާގަކަށް ނާއިކް ބުނެލިއެވެ.

" މިހާރު މިއޮތީ ހޭލައެއްނު....ދެންބުނެބަލަ!.." އާނާ އެދުނެވެ.

" އާނާ އަހަރެން ބޭނުން އާނާއާ ކައިވެނިކުރަން.....އެކަމު އަހަރެންނަކަށް ނޭނގެ މިވާހަކަ ބޮޑުބޭބެއާ ދައްކާނެގޮތެއް.....ބޮޑުބޭބެ ރުޅިވެސް އަތުވެދާނެ އެފަދަ އެއްޗެއް އަހަރެން ބުނަނިކޮށް.... އަހަރެންނަށް އާނާއާ ދުރުގަ އުޅެން ވަރަށް އުނދަގޫ.... ކިހިނެއް އަހަރެން ހަދާނީ؟ " ނާއިކް ކަންބޮޑުވެފައި އަހާލިގޮތުން އާނާގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

" އަހަރެންނަށްވެސް ވަރަށް ވިސްނޭ ތިކަމާ....އެކަމު އަހަރެމެންނަށްވުރެ ކުރިން މާޔާގެ ކައްތައް ނިންމަން ޖެހޭނެއްނު....ބުނީމެއްނު މާޔާ ކޮންމެވެސް މީހަކާ ގުޅުން އޮންނަ ވާހަކަ...އެއީ ކާކުތަ؟..." ކުއްލިއަކަށް ހަނދާންވެގެން އާނާ އަހާލިއެވެ.

" އޯހ ސޮރީ....އަދި އެވާހަކަވެސް ނުބުނެވޭ ދޯ....މާޔާ ގުޅިގެން އުޅެނީ އައިކްއާ....މިހާރު ކައިވެނިކުރަންވެސް ނިންމައިފި...." ނާއިކްގެ ވާހަކަތައް އިވިފައި އާނާ އިންތިހާއަށް ހައިރާންވިއެވެ. ގަބޫލު ނުކުނުރެވިގެން އެތައް ފަހަރަކު ތަކުރާރުކޮށް ސުވާލުވެސް ކުރިއެވެ. އެންމެފަހުން، އައިކްއާއި މާޔާގެ ލޯބީގެ ވާހަކަ ނާއިކް ކިޔައިދިނުމުން އާނާއަށް ގަބޫލު ކުރެވުނެވެ.

" އެހެންވެ ދޯ ގަމުގަ އުޅުނުއިރު، އަހަރެން އައިކް ސަރ އާއެކުގަ އުޅުނީމަ އެހާ ރުޅިއެއް އެއައީ....އަދި ކިރިޔާ މިއެނގުނީ..." އާނާ ވިސްނާލަމުން ބުންޏެވެ.

" ހޫމް...އެމީހުންގެ ކައްތަ އެއޮތީ ކޮޅެއްގަ ޖެހިފަ...އެކަމު ދެން އަހަރެމެންގެ ކައްތައް ނިންމާނެ ގޮތެއްނު ނޭނގެނީ...." ނާއިކް އަނެއްކާވެސް މާޔޫސް ކަމާއެކު ބުނެލިއެވެ. ދެމީހުން އެގޮތުގައި އެކި އެކި ވާހަކަ ދައްކަން ފަތިސްވުމަކާ ގާތްވަންދެން ތިއްބެވެ. ނަމަވެސް ދެމީހުންކުރެ އެކަކަށްވެސް އެކަމަކަށް ހައްލެއް ނުހޯދުނެވެ.

*****

އައިކް އުފަލާއެކު ކައިވެނީގެ ކަންކަން ހަމަޖައްސަމުން ދިޔައިރު، މާޔާ ވިސްނަމުން ދަނީ ނިޔާޒްގެ ނިންމުން އަންނާނެ ގޮތަކާއިމެދުގައެވެ. އޭނާގެ ރޭވުން ކާމިޔާބު ވެއްޖެނަމަ އޭނާއަށް އައިކްއާ ކައިވެނި ނުކޮށްވެސް ފަރުޖެއްސިދާނެއެވެ. އައިކްއާ ކައިވެނި ކުރުމަކީ ކޮންމެހެން އޭނާގެ ހުވަފެނެއް ނޫނެވެ. އައިކް ދެކެ ކުރިން އޭނާ ލޯބިވީނަމަވެސް، އެދެމެދުގައި އައި ދުރުކަމަށްފަހު އެލޯބި ފަނޑުވެގެން ދިޔައެވެ. ފަހުން އައިކް އޭނާގެ ފަހަތުން އުޅުމުން އޭނާގެ  ހިތް އައިކްއަށް ލެނބުނު ނަމަވެސް، ކުރިންވީފަދަ ލޯތްބެއް އޭނާ އައިކްދެކެއެއް ނުވެއެވެ. އައިކްގެ ޚިޔާލާއި އޭނާގެ ޚިޔާލުވެސް ހުރިހާގޮތަކުން ތަފާތެވެ. ކައިވެނި ކުރިނަމަވެސް އައިކްއާއެކީ އުޅެން އޭނާއަށް ފަސޭހަ ނުވާނެކަން އޭނާއަށް އެނގެއެވެ.

ނާއިކް އެތައްގޮތަކަށް ވިސްނުމަށްފަހު ނަވާޒްއާ ވާހަކަދެއްކުމަށް ނިންމިއެވެ. ކޮންމެގޮތެއް ވިޔަސް އޭނާއަށް އާނާއާ ނުލައި އުޅެވޭކަށްނެތެވެ. އާނާ ނުފެނި ދިޔަ ދުވަސްކޮޅު އޭނާ މޮޔަނުވީ ކިރިޔާއެވެ. ދެން އިތުރަށް އާނާއާ ދުރުގައި ހުރުމަކީ އޭނާއަށް ކެތްވާނެ ކަމެއްނޫނެވެ. އެހެންކަމުން އޭނާ ނިންމާފައިވާގޮތް ހާމަކުރުމަށްޓަކައި ނަވާޒްއާއެކު ކެއުމަކަށް ދިއުމަށް އޭނާ ނިންމިއެވެ.

" އާނާ....އަހަރެން ވަރަށް ނާރވަސްވޭ އެބަ....މިރޭ ބޮޑުބޭބެ ގާތު ބުނަން ނިންމައިގެން މިހުރީ....އެކަމު މިހާރު ވަރަށް ހިތްބިރުގެނޭ އެބަ..." އާނާއަށް ގުޅައިގެންހުރެ ނާއިކް ބުންޏެވެ.

" ދެން އެހާ ފިނޑިނުވެބަލަ! ތީ ވަރަށް ކެރޭމީހެއްނު....ގޯސްކަމެއް ކުރާކަށް ނޫނެއްނު ތިއުޅެނީ...އަހަރެންނަށް ޔަޤީން ބައްޕަ ރުޅި ނާންނާނެކަން..." ނާއިކްއަށް އާނާ ހިތްވަރުދިނެވެ.

" އާނާ ބިރެއްނުގަނޭތަ؟...ހަމަ އެއްވެސް ވަރަކަށް ބިރެއްނުގަނޭތަ؟..." ނާއިކް އަހާލިއެވެ.

" ބިރުގަނޭ...ދައްތަ ހިތަށްއަރާނެ އެއްޗެއް ނޭނގޭތީ..." އާނާވެސް ޖެހިލުންވެފައި ބުނެލިއެވެ.

" ހޭއި...އަހަރެން މިދަނީ....މިހާރު ގަޑިޖެހެނީ....ނޭނގެ ވާނެގޮތެއްވެސ....ލަވް ޔޫ" ގަޑިބަލާލަމުން ހާސްވެފައި ނާއިކް ބުނެލިއެވެ.

" އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.....އަހަރެން ދުޢާކުރާނަން...." ނާއިކްއަށް އާނާ ހިތްވަރުދެމުން ޔަޤީންކަމާއެކު ބުނެލިއެވެ.

ހަފްތާއެއް ވަންދެން މާޔާ އިންތިޒާރު ކުރިއިރުވެސް ނިޔާޒްގެ އެއްވެސް ޚަބަރެއްނުވިއެވެ. އެންމެފަހުން އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އައިކްވީ އޮފީސް ބޭނުމަކު ހުޅުމާލެއަށް ގޮހެވެ. ކޮންމެވެސް ބަހަނާއެއްގައި ނާއިކްއަށް ގުޅުމަށްފަހު، ގޭގައި އުޅޭތޯ މާޔާ ޔަޤީންކުރިއެވެ. ނާއިކްވެސް ނެތްކަން އެނގުމުން މާޔާ ހިތްހަމަޖެހިގެން ހުރެ ނިޔާޒްގެ ގެޔަށް ދިޔައެވެ. މާޔާ ގޮސް ބެލްއެޅިތާ އިރުކޮޅެއްފަހުން ނިޔާޒް ދޮރުހުޅުވިއެވެ.

" އަނހާ! މާޔާ...އާދޭ އާދޭ...ހާދަ ދުވަހަށްފަހުއޭ ތިއައީ." މާޔާ ފެނުމުން ހިތަށްވެރިވި ނުތަނަވަސްކަން ފޮރުވަމުން ނިޔާޒް ބުނެލިއެވެ. މާޔާ ބަހެއްވެސް ނުބުނެ އެތެރެއަށްވަނެވެ.

" ބައްޕަ މިވަގުތު މިއުޅެނީ ވަރަށް ބިޒީކޮށް....މިތާ ބެލްކަނީގަހުރި ބޮކި އަނދައިގެން ބޮކި ބަދަލުކުރަންކަމަށް މިއުޅެނީ....އެއްޗެއް ބޯންވީނު....ކޮފީއެއް ހަދާދެންތަ؟..." މާޔާ އައި ބޭނުން އެނގޭއިރުވެސް، އެނގޭކަމަށް ނުހަދައިހުރެ ނިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ.

" އަހަރެން މިތަނަށް މިއައީ ކޮފީބޯކަށްނޫން....އެނގެއެއްނު އަހަރެން އައިބޭނުން....ދެން ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ.....އަހަރެން ދެއްކި ވާހަކަތައް ހަނދާންނެތުނީތަ؟....ހީކުރީތަ ތިގޮތަށް އަޅާނުލާ ހުރީމަ އަހަރެން މަޑުން ހުންނާނޭ..." މާޔާ ރުޅިއައިސްފައި އޭނާ އައިބޭނުން ހާމަކުރިއެވެ.

" މާޔާ....ހަމަޖެހިބަލަ!....މިތާ އިށީނދެބަލަ!..." ސޯފާއަށް އިޝާރާތްކުރަމުން ނިޔާޒް ބުނެލިއެވެ. ރުޅިއައިސްފައިހުރި މާޔާ ހަށަންބަދެލަމުން ގޮސް ސޯފާގައި އިށީނެވެ. ނިޔާޒްވެސް މާޔާގެ ގާތުގައި އިށީނެވެ.

" މާޔާ....އަހަރެން ވަރަށް ވިސްނައިފިން.....އަހަރެން ގަބޫލުކުރަން މާޔާގެ ބައްޕައާމެދު އަހަރެންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން.....އެކަން ބަދަލެއް ނުކުރެވޭނެ....މާޔާވެސް ތީ ކިޔަވައިގެންހުރި ތަންދޮރު އޮޅުންފިލާފަވާ ކުއްޖެއްނު....އިންސާނުންނަށް ދޯ ކުށްކުރެވެނީ....އަހަރެންގެ ދިރިއުޅުމަށް ބަލާލިޔަސް އެނގޭނެ އަހަރެން މިހާރުވެސް މިއުފުލަނީ މާޒީގާ ކުރެވިފަ ހުރި ކުށްތަކުގެ ސަޒާކަން....މިމުއްސަނދިކަމުން އަހަރެންނަށް ކޮންއުފަލެއް ލިބުނީ؟....ކޮން ހިތްހަމަޖެހުމެއް ލިބުނީ؟....އަހަރެންނަށް އެނގޭ މާޔާ އަހަރެންގެ ފަރާތުން ބަދަލުހިފަން ބޭނުންވެގެންކަން ތިގޮތަށް ކަންތައް ތިކުރަނީ....މާޔާއަށް މަދުވާ އެއްޗެއް ނޯންނާނެކަންވެސް އެނގޭ....ތިއީ އަމިއްލަ ވިޔަފާރިއެއް ކުރަމުންދާ ފުދުންތެރި ކުއްޖެއް....އަހަރެންގެ މުދަލަށް މާޔާ ދަހިވެތިނުވާނެކަންވެސް އެނގޭ.....އެހެންވީމަ ކިހިނެއްވާނީ މާޒީ ހަނދާން ނައްތާލާފަ އުފާވެރި މުސްތަޤުބަލެއް ހޯދަން މަސައްކަތް ކުރިއްޔާ....އައިކް މާޔާދެކެ އިންތިހާއަށް ލޯބިވޭ...އަހަރެންގެ މުދަލަކީ އައިކްގެވެސް މުދާ....އައިކްއަށް ލިބޭ ކޮންމެ އެއްޗެއް މާޔާއަށްވެސް ލިބޭނެ....އުފާވެރި ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ....މާޔާ ބޭނުމިއްޔާ ރާއްޖޭގަ ނޫނީ ރާއްޖެއިން ބޭރުގަ ދިރިއުޅެވޭނެގޮތްވެސް އަހަރެން ހަދާދޭނަން....މާޔާއަށް ދުވަހަކުވެސް ދަތިކަމެއް ދިމާނުވޭތޯ އަހަރެން ބަލާނަން....އަހަރެންގެ އަމިއްލަ ދަރިއެކޭ އެއްފަދައިން އަހަރެން މާޔާ ގެންގުޅޭނަން....މުޅިއުމުރަށްވެސް ގެންގުޅޭނަން..." ނިޔާޒް ލޯތްބާއެކު މާޔާއަށް ވިސްނައިދިނެވެ.

" އެކަމަކު....ދުވަހަކުވެސް ތިއީ އަހަރެންގެ ބައްޕަކަމުގަ އަހަރެން ނުދެކޭނަން.....ދުވަހަކުވެސް އަހަރެން މާފެއްވެސް ނުކުރާނަން.....މިހާރުވެސް ތިއުޅެނީ އަހަރެން ހައްދާލާކަށްނު....ބޭރުގައުމަކަށް ގެންގޮސް އަހަރެން މަރާލުމަކީވެސް އެކަށީގެންވާކަމެއް....އޭރުން މުޅިއުމުރަށް އަހަރެންގެ ކިބައިން ސަލާމަތްވީނު.....ތިބުނާ އެއްގޮތެއްވެސް އަހަރެން ބޭނުމެއްނޫން....އަހަރެން ބޭނުންވާގޮތް ކުރިން ބުނެފިން....އެގޮތަށް ކަންތައްކޮށްދީ....އެހެންނޫނީ ނަތީޖާ މާރަނގަޅެއްނުވާނެ..." އިންތަނުން ތެދުވަމުން މާޔާ ބުނެލިއެވެ.

" އަހަރެން ހިޔެއްނުކުރަން މާޔާވެސް ރާޝިދުފަދައިން ބަސްބުނާނެ ކަމަކަށް....އަހަރެން ހިތުގެ އަޑިން މާޔާއަށް ވިސްނައިދިނީ...ރަނގަޅުގޮތް ބުނެދިނީ....އެކަމު މާޔާ ތިކަންތައްކުރަނީ މާޔާގެ ބައްޕަވެސް ކަންތައްކުރި ފަދައިން....އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި.....އެންމެ ރަނގަޅު....މާޔާ ބޭނުން ގޮތަކަށް ކަންތައްކުރޭ!....އަހަރެންގެ ދަރިންގެ ކުރިމަތީގަ ފަޟީހަތްވާންވެސް އަހަރެން މިހުރީ ތައްޔާރަށް....އަހަރެންގެ ހަޤީޤަތް އެނގިގެން އަހަރެންގެ ދިރިއުޅުމަށް އަންނާނެ އިތުރު ތޫފާނެއް ނެތް....މިހާރުވެސް އަހަރެން މިއުޅެނީ އެކަނިވެރި ދިރިއުޅުމެއް....ދެންވެސް އަހަރެން އުޅޭނީ އެކަނި....ކެތްކުރެވޭތޯ އަހަރެން ބަލާލަން..." ނިޔާޒް ހިތާމަވެރިކަމާއެކު ބުނެލަމުން ސޯފާއިން ތެދުވެގެން ބެލްކަންޏަށް ދިޔައެވެ. އަދި އޭނާކުރަންހުރި މަސައްކަތަށް ރުޖޫޢަވިއެވެ. ނިޔާޒް ދިޔަ މަންޒަރުބަލަން ރުޅިގަދަވެފައި މާޔާ ހުއްޓެވެ. ނިޔާޒްއަކީ އޭނާ ހީކުރިފައި ފަސޭހައިން ހަތިޔާރު ބަހައްޓާފައި އަމާންދޭނެ މީހެއް ނޫންކަން އޭނާއަށް ޔަޤީންވެއްޖެއެވެ. އޭނާގެ ރޭވުން ނާކާމިޔާބު ވެއްޖެއެވެ. ދެން އޮތީ އެންމެގޮތެކެވެ. އޭނާ ގޮތްދޫކޮށްފައި ނިޔާޒް ބުނާގޮތް ހެދުމެވެ. ނަމަވެސް، މީގެފަހުން ނިޔާޒް އޭނާއަށް އިތުބާރެއް ނުކުރާނެވެ. އޭނާ ނިޔާޒްއާ ދެއްކި ވާހަކަތައް އައިކްއާއި ނާއިކްއާ ހަމައަށް ފޯރައިފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އެހެންވިޔަކަ އޭނާ ނުދޭނެއެވެ.

ރުޅިއައިސްގެ ހުރެ އެގެއިން ނުކުތުމަށް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު، އަދި އެއްފަހަރު އޭނާ ފަސްއެނބުރި ބަލާލިއެވެ. އޭރު ނިޔާޒްހުރީ ބެލްކަނީގައިހުރި އެލްމެނިއަމް ހަރުގަނޑެއްގެ އެންމެމަތީ ހަރުފަތުގައެވެ. ދެއަތް މައްޗަށް ނަގައިގެންހުރެ، ބޮތްކެއް ހަރުކުރުމައިގެން އޭނާ އަވަދިނެތި އުޅެއެވެ. އެވަގުތު ކުއްލިއަކަށް މާޔާގެ ސިކުނޑިއަށް ޝައިތާނާ ނުބައި ވަސްވާހެއް ލައިދިނެވެ. މާޔާ މަޑުމަޑުން ނިޔާޒްއާ ދިމާއަށް ހިނގާފައި ދިޔައެވެ. މާޔާގެ އެއްވެސް ޚަބަރެއްނެތި ނިޔާޒް ހުރިއިރު، އޭނާއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްގެ ބޮޑުކަމެއް އޭނާއަށް އަންދާޒާވެސް ކޮންނުލެވެއެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލުތައް

×

ތާނީ | 27 އޮކްޓޯބަރ 2017 - 14:42

ހާދަ ޑްރާމާ ބޮޑު ވާހަކައެކޭ މީ.. އެއްވެސް ރިއަލިޓީ އެއް ނެތް..

ޙައިރާން | 27 އޮކްޓޯބަރ 2017 - 15:05

މިހާރު ވާހަކަ ވަރަށް ރީތި

އަޒޫ | 27 އޮކްޓޯބަރ 2017 - 15:21

ވ ރީތި މިބައިވެސް .. އަޅެ ނިޔާޒު މަރާ ނުލާތި އައިކު ނޫނީ ނައިކު އަށް ތިތަނަށް އާދެވޭ ގޮއި ހަދާބާ.. އަދި މާޔާ ގެ ހުރިހާ ކަމެ ފަޅާ އަރުވާލަބާ ޕުލީސް

h ހިޔާލް | 28 އޮކްޓޯބަރ 2017 - 10:29

ޥ.ފުރިހަމަ.... ދެންވާނީ ކިހިނެއްބާއޭ މިހިތައް އަރަނީ... ދެރަވާގޮތަކަށް ނުގެންދައްޗޭ... އަނެއްބައި އަވަހަށް އަޕްލޯރޑް ކުރާނެކަމަށް އުންމީދު ކުރަން...

ޙައިރާން | 28 އޮކްޓޯބަރ 2017 - 15:54

ޟައިން...ވަރަށް އަވަހަށް އަޕް ކޮއްބަލަ..ވަރަށް ރީިތި

ޓްރެންޑިން