Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ބޮސް ( ބާވަންނަ ވަނަބައި )

29 އޮކްޓޯބަރ 2017 - 09:00

ޝައިން

ނިޔާޒް ނުވެސް ވިސްނާ ހުއްޓައި މާޔާ ހަރުގަނޑު ކޮށްޕާލުމުން ދާދި ފަސޭހަކަމާއެކީ ނިޔާޒްއާއެކު ހަރުގަނޑު އަރިއަޅާލިއެވެ. ނިޔާޒްގެ އަތުގައި އޮތް ބޮކި ވެއްޓި ފުޑުފުޑުވީ އަޑާއި ވެއްޓެމުންދިޔަ ނިޔާޒްގެ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ހިނދުކޮޅަކަށް ގުގުމައިގެން ދިޔައެވެ. ގޯތިތެރޭގައި އޮތް ހަމައެކަނި ހުސްބިންކޮޅަށް ނިޔާޒް ވެއްޓުމާއެކު އޭނާގެ ހަރަކާތްވެސް ހުއްޓުނެވެ. ނިޔާޒް ބިންމަތީގައި ޖެހުނު އަޑަށް މަގުމަތިން ދިޔަ ބަޔަކުވެސް ދެކޮޅު ހޯދާބަލާލިއެވެ. އުސްދޮރާއްޓަކުން ބަންދުކުރެވިފައިވާތީ ގޯތިތެރެ ނުފެނުނު ނަމަވެސް އެމީހުނަށް ނިޔާޒް ވެއްޓުނު އަޑު ރަނގަޅަށް އިވި އެކަމާ ކަންބޮޑުވިކަން އެމީހުންގެ ހަރަކާތުން އެނގުނެވެ.

 ބެލްކަނީގައި އެމަންޒަރު ބަލަންހުރި މާޔާގެ ހިތް ބިރުން ރޫރޫ އަޅައިގެން ދިޔައިރު އޭނާގެ ދެފައިކޮޅުން ކުއްލިއަކަށް ވާގި ހިނގައްޖެއެވެ. ނިޔާޒް ވެއްޓުމާއެކު އޭނާ އައިސްފައިވާ ގަދަރުޅިވެސް ވަގުތުން ފިނިވެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ހުރިދިމާއަށް ތިރިވެ އިރުކޮޅަކު އިނުމަށްފަހު އޭނާ ފުންމައިގެން ތެދުވިއެވެ. ތިރިއަށްދާން ހިތަށްއަރާފައިވެސް ގަތްބިރުން ތިރިއަށްދާކަށް ނުކެރުނެވެ. މަގުމަތީގައި މީހުން ތިބެއްޖެނަމަ އޭނާއަށް ނުކުމެވޭނީ އެމީހުންގެ ކުރިމައްޗަށްކަން ގައިމެވެ. އެމީހުން މިހާރު ޕޮލިހަށް ނުގުޅާކަމެއްވެސް ނޭނގެއެވެ. ދެން ހަދާނެ ގޮތެއްނޭނގި މާޔާގޮސްވަނީ އައިކްގެ ކޮޓަރިއާއި ޖެހިގެންހުރި ހުސްކޮޓަރިއަށެވެ. އެއީ އައިކް ބައެއްފަހަރު މަސައްކަތް ކުރަން އިންނަ ތަނެކެވެ. އެހެންކަމުން އެތަން ހުންނަނީ އާއްމުކޮށް ތަޅުނުލައެވެ. މާޔާ ކޮޓަރިއަށްވަދެ ތަޅުލުމަށްފަހު ކަނަކަށްވަދެ ބިއްޖެހިފައި އިނެވެ. އޭރު އޭނާގެ ހިތްތެޅޭވަރުން ހީވަނީ މޭފޫއަޅާފައި ނުކުމެދާނެ ހެންނެވެ. ނިޔާޒް މަރުވީކަމުގައި ހިތްބުނަން ފެށުމުން ގަތްބިރުން އޭނާގެ ބޮލަށް އެނބުރުން އެރިއެވެ.

*****

ނަވާޒްއާއި ނާއިކްތިބީ ކްރިސްޓަލް ރެސްޓޯރެންޓް އެންމެމަތީގައި ހުޅުވިފައިވާ މާހައުލުގައެވެ. ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު ދެމީހުންވެސް އާދައިގެމަތިން ވިޔަފާރީގެ ކަންކަން ހުރިނެތްގޮތް އޮޅުން ފިލުވާލިއެވެ. ވިޔަފާރީގެ ވާހަކައަކީ ނާއިކްއަށްވެސް ދައްކަން އެންމެ ފަސޭހަވާހަކައެވެ. އެހެންކަމުން އެވާހަކަ ހީކުރިވަރަށްވުރެ ދިގުދެމިގެންވެސް ދިޔައެވެ.

" ދެން ލައްކަ ގިނަ ވާހަކަ ދެއްކިއްޖެދޯ އެކަމު ބޮޑުބޭބެއަށް ހީވަނީ ނާއިކް ދައްކަން އައި ވާހަކަ އަދިވެސް ނުދެއްކޭހެން....ރަނގަޅަށްތަ މިހީވީ؟..." ވިޔަފާރީގެ ވާހަކަތައް އެއްފަރާތްކޮށްލަމުން ނަވާޒް އަހާލިއެވެ.

" އާނ....އަހަރެން ވަރަށް ބޮޑުކަމަކު ބޮޑުބޭބެގާތު އެދެންވެފަ އޮތީ...." ޖެހިލުންވެ އިނދެ ނާއިކް ބުންޏެވެ.

" ހަމަ އެދެންވީ...ކުރެވޭވަރު ކަމެއްވިއްޔާ ކޮށްދޭން މިހުރީ ތައްޔާރަށް....ބޮޑުބޭބެއަށް ނުކުރެވޭވަރު ކަމެއްވިއްޔާ، ކުރެވޭވަރު މީހަކު ހޯދައިގެންވެސް ކުރާނަން...." ނަވާޒް ވަރަށް ޔަޤީންކަމާއެކު ބުންޏެވެ. އެވަގުތު ނާއިކްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނާއިކް އޭނާ ބުނަން އުޅުނު ވާހަކައިގެ ކުރިއަށް ދިއުމުގެ ކުރިން ކާއެއްޗެހި އައުމުން ދެމީހުން ކާން ފެށިއެވެ.

*****

ހުޅުމާލެއިން އެނބުރި މާލެއައިއިރު އައިކްހުރީ ކުރަންދިޔަ ކަންތައް އަވަސްގޮތެއްގައި ނިމުމުން ވަރަށް ހިތްހަމަޖެހިފައެވެ. ދޮރާށި ހުޅުވާލާފައި ގޯތިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ހުއްޓެވުނީ ލެއިގެ ކޯރެއްގައި ހަރަކާތް ހުސްވެފައިވާ ނިޔާޒް ފެނުމުންނެވެ.

" ބައްޕާ..." ބާރަކަށް ހަޅޭއްލަވައިގަންނަމުން އައިކްއަށް ނިޔާޒްއާ ދިމާއަށް ދުއްވައިގަނެވުނެވެ. ކުޑަކަކޫ މައްޗަށް ތިރިވެ، ބަންޑުން އޮތް ނިޔާޒް އެއްފަރާތަށް ފުރޮޅާލިއެވެ. ލެއިން ކަޅިވެފައިވާ ނިޔާޒްގެ ގައިގާ އޮޅުލައިގަންނަމުން އައިކްއަށް ބާރަށް ރޮއިގަނެވުނީ ނިޔާޒް މަރުވީ ކަމުގައި ހީކޮށްފައެވެ. ނަމަވެސް ނިޔާޒްގެ ވިންދުހުރިކަން އެނގުމާއެކު، ނިޔާޒް ހޮސްޕިޓަލަށް ގެންދިއުމަށް އޭނާ އަވަސްވެގަތެވެ.

*****

" ދެން މިހާރު ކައިވެސް ނިމުނީނު؟...ދެން އަވަހަށް ބުނެބަލަ ތިބުނަން އުޅޭ ވާހަކަ....މިހާރު ބޮޑުބޭބެ މިއިނީ ވަރަށް އަޑުއަހާހިތުން..." ކެތްތެރިކަން ކުޑަވެފައި ނަވާޒް ބުނެލިއެވެ. އެވަގުތު ނާއިކް ފުންނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

" އަހަރެން ބުނަން މިއުޅެނީ...އާނާ...އަހަރެންނާ އާނާ...." ނާއިކްގެ ވާހަކަ އެހިސާބަށް ދިއުމާއެކު އޭނާގެ ފޯނުރިންގްވިއެވެ. ނާއިކް ބަލާލިއިރު ގުޅަނީ އައިކްއެވެ.

" ސޮރީ..." ނާއިކް ފޯނު ސައިލެންޓަށް ލުމަށްފަހު ޖީބަށްލިއެވެ.

" އަހަރެން ބުނަން އުޅުނީ..." ޖެހިލުންވާވަރުން ނާއިކްއަށް ވާހަކަ ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.

" ނާއިކް....ތިހާ ހާސްވަނީ ކޮންކަމަކާ؟...ބޮޑުބޭބެގާތުން ކަމަކު އެދެން އެހާ ހާސްވާކަށް ނުޖެހޭނެއްނު..." ނަވާޒް ހީލާފައި ބުންޏެވެ. ދެމީހުންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކުއްލިއަކަށް ނަވާޒްގެ ފޯނުރިންގްވިއެވެ.

" އާނާ އެގުޅަނީ....އެބަނަގަން..." ނަވާޒް އެހެން ބުނެލަމުން ފޯނުނެގިއެވެ.

" ހެލޯ...ބައްޕާ ނާއިކްއަތަށް ފޯނުދީބަލަ!...ވަރަށް އަވަސް..." އާނާ ހާސްވެފައި ބުނެލުމާއެކު ނަވާޒް އަވަހަށް ނާއިކްގެ އަތަށް ފޯނުދިނެވެ.

" އާނާ ކިހިނެއްވީ؟..." ނާއިކްވެސް  ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.

" ކީއްވެތަ މިވަރަށް ގުޅާއިރުވެސް ފޯނު ނުނަގަނީ....މިހާރު އައިކް ސަރވެސް ކިހާއިރެއްގުޅަނީ؟...ވަރަށް އަވަހަށް އޭ.ޑީ.ކޭއަށް އާދެބަލަ! " ހާސްވެފައި އާނާ ބުނެލުމުން ނާއިކްގެ ކަންބޮޑުވުން އިތުރުވިއެވެ.

" ކިހިނެއްތަވީ؟...ކޮންކަމެއްތަ ގޯސްވީ؟...އާނާގެ މަންމައަށް ކަމެއްވީތަ؟" ނާއިކް ސީރިއަސްވެފައި އަހާލިއެވެ.

" ނޫން...އެއީ ނިކްގެ ބައްޕަ...ނިކްގެ ބައްޕަ ބެލްކަނިން ވެއްޓުނީ..." އާނާ މޮޅިވެރިގޮތަކަށް ބުނެލިއެވެ. އެވަގުތު ނާއިކްއަށް ފުންމައިގެން ތެދުވެވުނެވެ.

" ބޮޑުބޭބޭ....ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ޖެހިއްޖެ...ބައްޕަ ބެލްކަނިން ވެއްޓުނީއޯ..." ނާއިކް އަވަސް އަވަހަށް ބުނެލުމުން ނަވާޒްވެސް ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ.

*****

ނާއިކްއާއި ނަވާޒްއަށް ހޮސްޕިޓަލަށް ދެވުނުއިރު، އިމެޖެންސީ ރޫމުގައި ނިޔާޒްއަށް ފަރުވާދެވެމުން ދިޔައެވެ. އައިކް ނަރުސް ކުއްޖަކާއި ވާހަކަ ދައްކަމުން ދިޔައިރު، ނީޒާގެ ގައިގާ އޮޅުލައިގަނެގެން ހުރެ ނާޒް ރޮމުން ދިޔައެވެ.  އާނާއާއި ފަރުޒާނާވެސް އެމީހުންގެ ގާތުގައި ފެންކަޅިވެފައި ތިއްބެވެ.

" އައިކް....ކީކޭ ޑޮކްޓަރ ބުނީ....؟" ނާއިކް އަވަސް އަވަހަށް ގޮސް އައިކްގާތުގައި އަހާލިއެވެ.

" ވަރަށް އަވަހަށް އޮޕަރޭޝަނެއް ކުރަންޖެހެއޭ ޑޮކްޓަރ ބުނުއްވީ....އެހެންވީމަ ލޭބޭނުންވާނެ....ލޭހަމަޖައްސާށޭބުނީ...." އައިކް އޮޅުން ފިލުވައިދިނެވެ.

އައިކް އެހެން ބުނުމާއެކު ނާއިކް ލޭހޯދުމަށް އަވަސްވެގަތެވެ. އެތަނަށް އައިސްތިބި އެންމެންވެސް ތިބީ ނިޔާޒްއަށް ލޭދިނުމަށް ތައްޔާރަށެވެ. އެހެންކަމުން ބޭނުންވި ހުރިހާ އެންމެންގެވެސް ކުރޮސްމެޗް ހެދުމަށް ޓެސްޓް ކުރެވުނެވެ. ނިޔާޒް އޮޕަރޭޝަން ތިއޭޓަރަށް ވެއްދީންސުރެ އެންމެންގެ ހިތްނުތަނަވަސްވަމުން ދިޔައެވެ.  ކެތްތެރިކަމެއްނެތި ޑޮކްޓަރގެ މެސެޖެއްގެ އިންތިޒާރުގައި އެމީހުން ތިއްބެވެ. އޭރުވެސް ހުއްޓުމެއްނެތި ނާޒް ރޮމުން ދިޔައެވެ. ނީޒާވެސް ސިއްރު ސިއްރުން ކަރުނަ ފުހެމުން ދިޔައިރު އޭނާގެ ހިތަށްކުރަމުންދާ އަސަރު ފާޅުނުކޮށްވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

" ކިހިނެއްތަވީ؟....ކީއްވެތަ ބައްޕަ ވެއްޓުނީ؟....." ދެރަވީނަމަވެސް ހިތްވަރުކޮށްފައި ނާއިކް ސުވާލު ކުރިއެވެ.

" އަޅުގަނޑު ހުޅުމާލެއިން އައިސް ގެޔަށް ވަތްއިރު ބައްޕައޮތީ ވެއްޓިފަ...އަޅުގަނޑަށް ނޭނގޭ ވީގޮތް ބުނަންވެސް....ހީކުރީ މަރުވީކަމަށް..." އައިކް ދެރަވެފައި ވާހަކަދެއްކި ގޮތުން ނާއިކްއަށްވެސް އަސަރު ކުރިއެވެ.

" އެކަމު ކީއްވެ ވެއްޓެންވީ؟.....އަހަރެން ގެއިން ނުކުތްއިރު ބައްޕަހުރީ ނުލާހިކު ރަނގަޅަށް..." ނާއިކްއަށް ބުނެވުނެވެ.

" ނޭނގެ އެއްގޮތަކަށްވެސް....ހީވަނީ ބެލްކަނީގަ ކޮންމެވެސް ކަމެއްކުރަން އުޅުނީހެން.." އައިކް އޭނާއަށް ހީވާގޮތަށް ބުންޏެވެ.

ދޮޅުގަޑިއެއްހައި އިރު އިންތިޒާރު ކުރިފަހުން އޮޕަރޭޝަން ތިއޭޓަރުން ޑޮކްޓަރ ނުކުތެވެ. އެއާއެކު ނާއިކް އަވަސްކަމާއެކު ޑޮކްޓަރގެ ގާތަށް ދިޔައެވެ.

" ޑޮކްޓަރ...ބައްޕަ ކިހިނެއްތޯ؟...." އައިކްއާއި ނާއިކްއާ ދެމީހުނަށް އެއްފަހަރާ އަހާލެވުނެވެ. އައިކްވެސް ބައްޕާއޭ ބުނި ނަމަވެސް ނާއިކްއަށް އެކަމަށް މާބޮޑު ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ.

" ބައްލަވާ...ބަލިމީހާގެ ހާލަތު ވަރަށް ނާޒްކް....އެންމެ އޮޕަރޭޝަނަކުން ހުރިހާކަމެއް ރަނގަޅުވާވަރަށްވުރެ ބޮޑުވަރުވެފަ އޮތީ.......އެއްއަތާ އެއްފައިގެ ބިނދި މައިބަދައަށްވެސް ގެއްލުންތަކެއް ވެފަވަނީ.....ނަސީބު ރަނގަޅުކަމުން ބަލިމީހާގެ ސިކުނޑިއަށް އެއްވެސް ގެއްލުމެއްވެފައެއްނެތް.... އަޅުގަނޑު ލަފާދެނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދިއުމަށް....މިވަގުތު މިތަނުން ދެވެންހުރި ފަރުވާއެއް އަޅުގަނޑުމެން ދީފިން...." ނިޔާޒްގެ ހާލަތުގެ ސީރިއަސްކަން ޑޮކްޓަރ އޮޅުން ފިލުވައި ދިނުމުން އިޚްތިޔާރަކާ ނުލައި ނާއިކް ދެލޯ ފެންކަޅިވިއެވެ.

" ނާއިކް...ކީކޭ ޑޮކްޓަރ ބުނުއްވީ؟..." ޑޮކްޓަރ ދިއުމުން ނަވާޒް އައިސް ސުވާލުކޮށްލިއެވެ. ނާއިކް ޑޮކްޓަރ ބުނިގޮތަށް ނަވާޒްގެ ގާތުގައި ބުންޏެވެ. ނިޔާޒް ބޭރަށް ގެންދުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ނަވާޒް ވަގުތުން އަތުކުރި އޮޅާލިއެވެ. ނާއިކްއާއި އައިކް ދެން ކުރަންވީ ކަންކަން ކުރަންފެށިއެވެ. އަހުސަނަށް ގުޅުމަށްފަހު ވެގެން އުޅޭގޮތް ކިޔާދިނުމާއެކު އިސާހިތަކު އަހުސަން އަތުވެއްޖެއެވެ. ނާޒް މެސެޖުކުރުމުން ނިޝާމުވެސް އިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް އައެވެ.

" ނާއިކް...ކަންބޮޑުނުވޭ....އިރާދަކުރެއްވިއްޔާ މިރޭން މިރެއަށް ނިޔާޒް ބޭރަށް ގެންދެވޭނެ....އެއްވެސް ކަމަކާ ކަންބޮޑުވާނެކަމެއްނެތް....އަހަރެން ހުރިހާކަމެއް ހަމަޖައްސަމުން މިދަނީ....ނާއިކްވެސް ދަތުރަށް ތައްޔާރުވޭ....އޮފީހުގެ ކަންކަންވެސް މީހަކާ ހަވާލުކޮށް ނިންމާ....ބޮޑުބޭބެވެސް ނާއިކްއާއެކު ދާން ތައްޔާރުވާނަން..." ނަވާޒް އެދުނެވެ. ނަވާޒްގެ އަޅާލުންފެނި ނާއިކް ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މިހުރިހާ ދުވަހު ނިޔާޒްއާއި ނަވާޒްގެ މެދުގައި އެއްވެސް ގުޅުމެއްނެތި ދިޔަނަމަވެސް، މިހާރު ނަވާޒް އެހުރީ ނިޔާޒްއަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއްވެސް ކުރަން ތައްޔާރަށެވެ. މިމަންޒަރު ފެނިފައި ނީޒާވެސް ނުހަނު އުފާވިއެވެ. ބޭރުފުށުން ކިތަންމެ ރުޅިވެރިކަމެއް ދެއްކިނަމަވެސް އަދިވެސް ނަވާޒްގެ ހިތުގައި ނިޔާޒްއަށްޓަކައި ހަމްދަރުދީވާކަން އެނގުނެވެ.

" އައިކް އަހަރެން ބައްޕަ ގޮވައިގެން ދިޔައީމަ އޮފީހުގެ ކަންކަން އައިކް ބަލަހައްޓަދީ...." ނާއިކް އެދުނެވެ.

" އަޅުގަނޑުވެސް ދާންބޭނުން...ނިކް އެކަނި ކިހިނެއް ބައްޕަ ބަލާނީ" އައިކް އަވަސް އަވަހަށް ބުނެލިއެވެ.

" ނޫން އައިކް....އަހަރެން އެކަންޏެއްނޫން ދަނީ....ބޮޑުބޭބެވެސްދޭ.....އައިކް ހާސްނުވޭ....އައިކް އޮފީހުގެ ކަންކަން ބަލަން މަޑުކުރޭ...." ނާއިކް މަޑުމައިތިރި ކަމާއެކު ބުންޏެވެ.

" އެކަމު ހާދަވަރެކޭ ބައްޕައަށް ވެފައެއޮތީ....ނޭނގެ ކިހާދުވަހަކު ކަމެއް އެތާމަޑުކުރަން ޖެހޭނީ...އޮފީހުގެ ކަންކަން ނިޝާމްއާ ހަވާލުކޮށް އަހަރެމެންނަށް ދެވިދާނެއެއްނު..." އައިކް ލަފާދިނެވެ.

" އަހަރެން ގަބޫލުކުރަން އައިކް އަހަރެންގެ ބައްޕަދެކެ ވަރަށް ލޯބިވާކަން....އެކަމު އަހަރެން ހިޔެއްނުކުރަން އައިކް ތިހާ ވަރަށް ބައްޕައާމެދު ވިސްނާނެކަމަކަށް....." އައިކްގެ ވާހަކަތައް ހުރިގޮތުން ނާއިކްއަށް ނުހުރެވިގެން ބުނެވުނެވެ. އެވަގުތު އައިކްއަށްވެސް އޭނާއަށް އުޅެވުނުގޮތާމެދު ވިސްނާލެވުނެވެ.

" ކީއްވެ އަސަރު ނުކުރަންވީ؟....މިއަދު އެނޫނީ އަހަރެންގެ ހުރީވެސް ކާކު...." އައިކް މޮޅިވެރި އަޑަކުން ބުނެލިގޮތުން ނާއިކްއަށްވެސް އަސަރު ކުރިއެވެ.

 ނާއިކްމެން ފުރުވަން އެއާޕޯޓަށް ދާން އުޅުނު ވަގުތު ކުއްލިއަކަށް މާޔާގެ މަތިން އައިކް ހަނދާންވިއެވެ. ކޮޓަރިތެރޭގައި ބިއްޖެހިފައި އިން މާޔާ ސިހުނީ އޭނާގެ ފޯނު ރިންގްވުމުންނެވެ. މާޔާ އަވަސް އަވަހަށް ފޯނު ސައިލެންޓަށް ލިއެވެ. އައިކް ގެޔަށް އައީބާއޭ ހިތައި އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އައިކްއަށް އޭނާ ފެނިއްޖެނަމަ އޭނާގެ ދުވަސްދިޔައީއެވެ. ބިރުންގޮސް ކަކޫމޭގައި ޖައްސާލައިގެން އިންއިރު އޭނާގެ މޭ ނެގި ނެގިފައި ޖެހެމުންދިޔައެވެ.

އައިކް އެތައް ފަހަރަކު މާޔާއަށް ގުޅައިފިއެވެ. ފޯނު ނުނެގުމުން މެސެޖުވެސް ކޮށްފިއެވެ. ނަމަވެސް މާޔާގެ އެއްވެސް ޚަބަރެއްނުވިއެވެ. އެހެންކަމުން މާޔާ ނިދީކަމުގައި ހީކޮށްފައި އައިކް ހިތްހަމަ ޖައްސާލިއެވެ. އައިކް މެސެޖު ފެނުމުން ނިޔާޒް ގޮވައިގެން ފުރަނީކަން އެނގި މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އޭނާ އަވަސް އަވަހަށް އެގެއިން ނުކުތެވެ. ނަސީބަކުން އެވަގުތު އެހިސާބުގައި އެއްވެސް މީހަކު ނެތެވެ.

ގެޔަށް އައިސް ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތްއިރުވެސް އޭނާގެ ކަންފަތުގައި އަދިވެސް ގުމުމުންދަނީ ނިޔާޒް ވެއްޓެމުންދިޔައިރު، ނިޔާޒްގެ އަނގައިން ނުކުތް ވޭނީ ހަޅޭކުގެ އަޑެވެ.

" އޯހ ނޯ....ކީއްމިކުރެވުނީ؟...ދެން ކިހިނެއް އަހަރެން ހަދާނީ؟..." މާޔާ ބާލީހުގައި ބައްދައިގެން އޮވެ އަމިއްލަ ނަފްސާ މުޚާތަބުކުރަމުން ދިޔައެވެ. ނިޔާޒްދެކެ އައިރުޅިން އޭނާއަށް މިކުރެވުނީ ކިހާވަރެއްގެ ބޮޑު ފާފައެއްކަން މާޔާއަށް ރޭކާލީ ރުޅިމަޑުވެ ހަމަހޭވެރިކަން ވުމުންނެވެ. ބަދަލު ހިފުމުގެ އަލިފާނުގައި އޭނާގެ ނަފްސު އަނދާ އަޅިއަށްވީއިރުވެސް މާޔާއަކަށް ނޭނގުނެވެ.

" ކީއްވެ އަހަރެންނަށް އެވަރުގެ ބޮޑުކަމެއް ކުރެވުނީ؟...ކީއްވެ އަހަރެންނަށް ވިސްނާނުލެވުނީ؟...ނިޔާޒް މަރުވެއްޖެނަމަ އަހަރެންވާނީ ޤާތިލަކަށް....ނޫން..ނޫން...އަހަރެން ޤާތިލަކަށްވާކަށް ބޭނުމެއްނޫން....މިހާރު އެޚަބަރު އެފްބީއަށްވެސް އަރާފާނެ...ޕޮލިސް އިސްވެސްޓިގޭޓް ކުރަންފަށާއިރަށް އެނގޭނެ އަހަރެންގެ ކަމެއްކަން....ދެން ކިހިނެއް ހަދާނީ...އަހަރެން ބޭނުމެއްނޫން ޖަލަށްދާކަށް..." މާޔާއަށް ބޭއިޚުތިޔާރުގައި ގިސްލާރޮވުނެވެ. ނަމަވެސް މިހާރު މިވަނީ ވަގުތު ފާއިތުވެފައެވެ. ދެން ރުއިމަކުން ވީކަމެއް ނުވާކަމެއް ކަމަކަށްވެސް ނުހެދޭނެއެވެ.

އާދުވަހަކަށް އިރުއެރީ ހިތާމައިގެ އާހަކާއެކުހެން ނީޒާއަށް ހީވިއެވެ. އޭނާގެ ހިތަށް ބުނެދޭންވެސް ނޭނގޭފަދަ ގޮތެއްވަނީ ވެފައެވެ. ނިޔާޒްއާ ވަކިން އޭނާ މިހޭދަކުރި ގިނައަހަރު ތަކުގައިވެސް މިފަދަ ނުތަނަވަސްކަމެއް އޭނާގެ ހިތަކަށް ނުލިބެއެވެ. ރޭހަތަރުދަމުވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނިޔާޒްއާމެދު ވިސްނި އޭނާގެ ލޮލުން ބޭއިޚްތުޔާރުގައި ކަރުނަ އޮހުނުވަރެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. ނިޔާޒް މަރުވެދާނެތީ އޭނާގެ ހިތްބިރުގަންނަނީއެވެ. އޭނާ ނިޔާޒްދެކެ ލޯބިނުވާކަމަށް ހިތަށްވިސްނައިދީގެން މިހުރިހާ ދުވަހު އުޅުނު ނަމަވެސް، ހަޤީޤަތަކީ އަދިވެސް އޭނާ ނިޔާޒްދެކެ ލޯބިވާކަމެވެ. ނިޔާޒްއަށް ކުޑަނަމަވެސް ގެއްލުމެއްވާން ނޭދޭކަމެވެ. ނީޒާގެ އިތުރުން އެހެން އެންމެންވެސް ތިބީ މޮޅިން މޮޅިސާލު ލައިގެންނެވެ. މުޅިގޭތެރެއަށްވެސްވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. އެންމެންގެ ފުށުންވެސް ފެންނަނީ މޮޅިވެރިކަމެވެ.

" ދައްތާ....ދެން ކޮންމެވެސް އެއްޗެއް ކާންއުޅޭ....އިރާދަކުރެއްވިއްޔާ ނިޔާޒްބެ އަދި ރަނގަޅުވާނެ..."  ނީޒާގެ ކޮޓަރިއަށް ވަންނަމުން  އާނާ ބުންޏެވެ.

" އާނާ...ދައްތަނެތް ކާހިތެއްނެތް...އެހެންމީހުން ސައިބޮއެފިތަ؟..." ނީޒާ އަހާލިއެވެ.

" މާމައާއި ކާފަ އާދޭސްކުރީމަ ނާޒް ކުޑައެތިކޮޅެއް ކައިފި.....އަހަރެން މިހުރީ ދައްތައާ އެކުގަ ނޫނީ ނުކާންވެގެން...." އާނާ ބުނެލިއެވެ.

" ދެން އާނާވެސް ދޯ...ދޭބަލަ ސައިބޯން....ދައްތަ ފަހުން ސައިބޯނަމޭ..." ނީޒާ އެދުނެވެ. ނަމަވެސް އާނާ އެގޮތާ އެއްބަސް ނުވުމުން ނީޒާއަށް ޖެހުނީ އާނާއެކުގައި ސައިބޯންދާށެވެ.

******

އޮފީހުގައި އިންއިރު، އައިކްގެ ހިތްވަނީ ވަރަށްބޮޑަށް ނުތަނަވަސްވެފައެވެ. ބައްޕައާމެދު ވިސްނޭވަރުން އޭނާއަށް މަސައްކަތައިގެން ކުރިއަށް ދެވޭގޮތެއް ނުވިއެވެ. އޭނާއަށް ވިސްނެމުންދިޔައީ ބައްޕަ ވެއްޓުނު ގޮތަކާއިމެދުގައެވެ. ރޭގައި އޭނާ ގެޔަށްގޮސް ބެލްކަނި ބެލުމުން އެނގުނީ ބައްޕަ ބެލްކަނީގެ ބޮކި ބަދަލުކުރަން އުޅުނުކަމެވެ. ހަރުގަނޑުވެއްޓިފައި އޮތްއިރު ބޮކިވެސް އޮތީ ތަޅައިގެން ގޮސްފައެވެ.

" ބައްޕަ ކީއްކުރަންތަ އެބޮކި ބަދަލުކުރަން އުޅުނީ....އަހަރެންގާތު ބުނެލިނަމަ..." އައިކްއަށް ހިތާހިތާ ޝަކުވާކޮށްލެވުނެވެ.

" ސަރ..މީޓިންގް ގަޑި ޖެހިއްޖެ...." ކުއްލިއަކަށް ނިޝާމްއައިސް ބުނެލުމުން އައިކް ސިހިފައި ބަލާލިއެވެ.

" އާނ...މިދަނީ..." އައިކް އަވަސް އަވަހަށް ޖަވާބުދެމުން ތެދުވިއެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާހުރި މާޔާހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އައިކް އެތައްފަހަރަކު ގުޅުމުންވެސް ރޭގައި އޭނާ ފޯނު ނުނެގީ ލިބިދާނެ ބިރުވެރި ޚަބަރަކަށްޓަކައެވެ. އޭނާ ހީކޮށްގެންހުރީ މިއަދު އިރުއަރާއިރު، މުޅި ޝޯޝަލް މީޑިއާގައި އޮންނާނީ އެޚަބަރުކަމަށެވެ. ނަމަވެސް އޭނާހީކުރިފަދަ ގޮތެއްނުވިއެވެ. މީހަކު ބެލްކަނިން ވެއްޓުނުކަމާއި އެމީހާ ރާއްޖެއިން ބޭރަށް ގެންދިޔަކަން ފިޔަވައި އިތުރު ވާހަކައެއް އެކަމާއި ގުޅިގެންނެތެވެ.

ރޭގައި އޭނާހީކުރީ ނިޔާޒް މަރުވީ ކަމަށެވެ. ނިޔާޒް ހާލަތު ކިތަންމެ ސީރިއަސް ނަމަވެސް، ނިޔާޒް ރަނގަޅުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެގޮތެއް ވިޔަސް ނިޔާޒް ރަނގަޅުވުމުން އޭނާގެ ހަޤީޤަތް އެންމެނަށް ފަޅާއަރާނެއެވެ. އޭރުން ކަންތައްވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަމިއްލަ ނަފްސު ސަލާމަތްކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުމުގެކުރިން އެއިން ސަލާމަތްވާނެ ގޮތެއް ވިސްނަން ވެއްޖެއެވެ.

ނިޔާޒް ސިންގަޕޫރަށް ގެންދެވުނުތާ ތިންދުވަސްފަހުން އޭނާ ހޭއެރިއެވެ. ނަމަވެސް، ނާރަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ނިޔާޒްއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޮޕަރޭޝަނަށްފަހު ރަނގަޅުވާނެކަމަށް ޑޮކްޓަރުން ލަފާދިނުމުން ނާއިކްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ނިޔާޒްގެ އޮފަރޭޝަން ކުރެވި ކަންކަން ހަމައަކަށް އެޅުމުން، މާލެގައިތިބި މީހުންނަށް ގުޅައި ނާއިކް ޚަބަރުދިނެވެ.

" އެންމެ އޮޕަރޭޝަނެއްނޫން ކުރަންޖެހެނީ....ހަތަރުވަރަކަށް އޮޕަރޭޝަން ކުރަންޖެހޭ....އެހެންވީމަ މިކޮޅުގަ ވަރަށްދުވަހު މަޑުކުރަންޖެހޭނެ....އައިކް ރަނގަޅަށް އޮފީހުގެ ކަންކަން ބަލަހައްޓަމުން އަހަރެންނަށް ބަރާބަރަށް ވާނުވާ އަންގަމުންދާތި..." އައިކްއަށް ގުޅައިގެންހުރެ ނާއިކް ވާހަކަދެއްކިއެވެ.

" ސަރ ތިކަމާ ހާސްނުވޭ....ބައްޕަގެ ކަންކަން ރަނގަޅަށް ބަލާ....އަޅުގަނޑު މިކޮޅުގެ ކަންކަން ރަނގަޅަށް ބަލާނަން..." އައިކް ޔަޤީންކަން ދިނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނިޔާޒްގެ ހާލަތު ރަނގަޅުވަމުން ދިޔައެވެ. މައިބަދައިގެ އޮޕަރޭޝަނުގެ ސަބަބުން އަތެއްފައެއް ހަރަކާތް ނުކުރެވި ދުވަސްކޮޅަކު އޮންނަން ޖެހުނެވެ. ކަނާތުފަޔަށް ލިބިފައިވާ ގެއްލުންވެސް މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ނިޔާޒްއަށް ވާހަކަ ދެއްކޭވަރުވުމުން، ނިޔާޒް ވެއްޓެން ދިމާވީ ކީއްވެތޯ ނާއިކް އެހިއެވެ. ނަމަވެސް ނިޔާޒް މާޔާގެ ވާހަކަ ބުނުމުގެ ބަދަލުގައި ބުނީ އޭނާގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓުނީ ކަމުގައެވެ. މާލެ ދިއުމުގެ ކުރިން މާޔާގެ ވާހަކަ ބުނަން އޭނާ ބޭނުން ނުވީއެވެ.

އައިކް ވަރަށް ހީވާގިކަމާއެކު އޮފީހުގެ ކަންކަން ކުރިއަށް ގެންދެއެވެ. ނާއިކްގެ އެދުމުގެ މަތިން އާނާވެސް އަލުން އޮފީހަށް ނުކުތެވެ. ނަވާޒްވެސް އެނބުރި މާލެއައެވެ. ނާއިކް އެކަނިވުމުން އާނާގެ މަތިން ވަރަށް ބޮޑަށް ހަނދާންވާން ފެށިއެވެ. އެހެންކަމުން އޭނާ   ކޮންމެ ރެއަކު އާނާއަށް ގުޅައެވެ.

" އާނާ....މަންމަ މިހާރު ކިހިނެއްތަ؟...ރަނގަޅަށް ކައިތަ؟..." އާނާގާތު ނާއިކް އަހާލިއެވެ.

" ހޫމް...މިހާރު މަޑުމަޑުން ހަމައަކަށް އެޅެމުންދަނީ.....ފުރަތަމަ ދެދުވަހު ގަދަކަމުން ކާންދެން ޖެހުނީ....ބުނަނީ ނުދިރެނީއޭ...." އާނާ ޖަވާބުދިނެވެ.

" އެހެންދޯ ވާނީވެސް....އެދެމީހުން ދުރުގަ އުޅުނަސް އަދިވެސް ދެމީހުންވެސް އެކަކު އަނެކަކުދެކެ ލޯބިވޭ....ދެރަވަނީ ދެމީހުންވެސް އެކަން ސިއްރުކުރާތީ..." ނާއިކް އަސަރާއެކު ބުނެލިއެވެ.

" ލޯތްބަކީ އެކަހަލަ އެއްޗެއް....ކިތަންމެ ދުރުގަ އުޅެން ޖެހުނަސް ހިތުން ފިލުވާލާކަށް ފަސޭހައެއްނުވާނެ..." އާނާ ވަރަށް ވިސްނޭމީހަކު ފަދައިން ބުނެލުމުން ނާއިކް ހީލިއެވެ.

" ކިހިނެއްވީ؟...ގޯސް އެއްޗެއް ބުނެވުނީތަ؟..." އާނާ ކުޑަކޮށް ލަދުގަނެފައި އަހާލިއެވެ.

" ނޫނޭ...ލޯތްބާބެހޭގޮތުން ވަރަށް އެނގޭހެން ހީވަނީ....ހިތަށްއަރަނީ އަހަރެން ދެކެ އާނާވެސް އެހާލޯބިވާނެ ބާއޭ އަބަދުވެސް.....ދުވަހަކުވެސް ހިތުންފިލައިގެން ނުދާވަރަށް އަހަރެންގެ ނަން ތިހިތުގަ ލިޔެވިފަ ވޭބާއޭ...." ނާއިކްގެ އަޑުގައިވީ ލާނެއްކަމެވެ.

" ޝައްކަވަނީތަ އަދިވެސް....ޔަޤީންކޮށްދޭން ކިހިނެއް ހަދަންވީ..." ވަރަށް ކެރިހުރެ އާނާ އަހާލިއެވެ.

" ހޫމް...ދުރުގަހުރީމަ ދޯ ތިހާ ފަސޭހައިން ތިބުނީ....ފެންނަންހުރިނަމަ ޔަޤީން ތިހެން ނާހާނެކަން....އެންމެ ރަނގަޅު އަހަރެންނަށް އިންތިޒާރުކުރޭ!...ގާތަށް ދެވުނީމަ ބުނާނަން ކޮށްދޭންވީކަމެއް...." ހީލަމުން ނާއިކް ބުނެލިއެވެ.

" މިހާރު މަންމަ ކިހިނެއްތަ؟...އެއްވެސް ބަދަލެއް ނާދޭތަ؟.." ނާއިކް އަހާލިއެވެ.

" އަނެއްހެން ގޯހެއްނެތޭ ޑޮކްޓަރ ބުނަނީ...މަންމަ ހޭއަރާނެ އިރަކަށް އިންތިޒާރުކުރުން ދެން އޮތީ..." އާނާ ބުނެލިއެވެ. ދެމީހުން އެގޮތުގައި އެކިއެކި ވާހަކަ ދައްކަން ރޭދެބައިވަންދެން ތިއްބެވެ. އާނާއާއެކު ހޭދަކުރެވޭ ކޮންމެ ސިކުންތަކީ ނާއިކްގެ ހިތަށް އުފާވެރިކަން ގެނުވައިދޭ  އުފާވެރި ވަގުތެކެވެ.

*****

މާޔާވެސް ބިރުވެރިކަމާއެކު ދުވަސްތަކެއް ވޭތިކުރުމަށްފަހުވެސް، އޭނާއާމެދު އެއްވެސް ގޯސްޚަބަރެއް ނިޔާޒްގެ ފަރާތުން ނުއިވުމުން އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ހަމަޖެހިގެން އުޅެންފެށިއެވެ. އޮފީހަށްވެސް އިރުއިރުކޮޅުން އައިސް އައިކްއަށް ކަންކަމުގައި އެހީތެރިވެދެއެވެ. އައިކްއަށް ހިތްވަރުލައިދީ، ގިނަވަގުތު އައިކްއާއެކުގައި ހޭދަކުރަންފެށިއެވެ. އެކަމުގެ ސަބަބުން އައިކް ހުންނަނީ ހިތްހަމަ ޖެހިފައެވެ.

" ބައްޕަ ރަނގަޅުވެގެން އައިހާ އަވަހަކަށް އަހަރެމެން ކައިވެނިކުރަންވާނެދޯ..." އެއްދުވަހަކު އައިކް ބުންޏެވެ.

" ހޫމް...އަހަރެންވެސް މި އިންތިޒާރުކުރަނީ ތިދުވަހަކަށް...." ހިތުގައި ބިރުވެރިކަމެއް އޮތްނަމަވެސް ހިނިތުންވެލަމުން މާޔާ ބުނެލިއެވެ.

އައިކްގެ ފަރާތުން އެނގޭގޮތުގައި ނިޔާޒްގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އެހެންކަމަށް ވަންޏާ އޭނާއަށް އަދިވެސް ނުރައްކާ އެބައޮތެވެ. ނިޔާޒް އަންނައިރު އޭނާ މާލޭގައި ހުރެއްޖެނަމަ އޭނާއާ ދެކޮޅަށް ނިޔާޒް އަޑުއުފުލާނެއެވެ. އޭރުން އައިކްއާ ނާއިކް އޭނާއާމެދު ކަންތައް ކުރާނީ ކޮންފަދަ އަކުންކަންވެސް އެނގެނީކީ ނޫނެވެ. ކަންބޮޑުވެ ހާސްވެގެން މާޔާ އޭނާގެ އެންމެގާތް އެކުވެރިޔާ ލީޒާއާ ބައްދަލު ކުރިއެވެ.

" ލީޒް ބުނެބަލަ އަހަރެންދެން ކަންތައްކުރަންވީ ގޮތެއް....މިކަމުން އަހަރެން ސަލާމަތްވާނެގޮތެއް..." މާޔާ ލަފައަކަށް އެހިއެވެ.

" ހޫމް...އެބައޮތްގޮތެއް...އަހަރެމެން މިއުޅެނީ....އެއްކޮށް އޮސްޓްރޭލިއާއަށް ބަދަލުވާން..މައީވެސް އަހަރެމެންނާއެކު އެކޮޅަށް ބަދަލުވާންވީނު...އޭރުން ހުރިހާކަމެއް ހައްލުވީނު" ލީޒާ ޚިޔާލުދިނެވެ.

" އެކަމު ބައްޕަ ދުވަހަކުވެސް ގަބޫލެއް ނުވާނެ....ބައްޕަ ބޭނުންވާނީ އަހަރެން މިކޮޅުގަ އުޅެން....އަނެއްކޮޅުން އިކޫ މިހާރު ކައިވެނީގެ ވާހަކަވެސް ބައްޕައާ ދައްކައިފި....ނިކް ނޫނަސް އައިކްއާވެސް ބައްޕަ ގަބޫލު...އަސްލު އަހަރެންދެކެ އިކޫ ވަރަށް ލޯބިވޭ...އޭނާ ދޫކޮށްލަން ދެރަވެސްވޭ....އޭނަ އަހަރެންދެކެ ލޯބިވާވަރަށް އެހެންމީހަކު ލޯބިވެދާނެހެއްވެސް ހިއެއްނުވޭ" މާޔޫސް ކަމާއެކު މާޔާ ބުންޏެވެ.

" ދެން ތިހާ ދެރަވާއިރު، ތިވަރުކަމެއްކުރީ ކީއްކުރަން..؟" ލީޒާ ކުޑަކޮށް ނުރުހިފައި އަހާލިއެވެ.

" މާމާޔާހެދި....."ނުރުހުންވެފައި މާޔާ ބުނެލިއެވެ.

" މާމައޭ....ކީއްވެ މާމަ މިތަނަށް އައީ؟.." ހައިރާންވެފައި ލީޒާ އަހާލިއެވެ.

" މާމަ އަބަދު އަހަރެންނާ ދިމާއަށް ބުނާނެ އަޒީޒްއަށް ދަރިޔަކު ލިބުނީމަ ކަލޭބާކީވާނޭ.....މިއީ ކަލެއާ ވާވެސް ތަނެއްނޫނޭ....މަގޭދަރިއަށް ނުހައްޤުން ޚަރަދުކުރަންޖެހިފަހުރި މުސީބާތެކޭތީ.....މާމަ ދުވަހަކުވެސް އަހަރެންނަށް ރުހުމުގެ ލޮލަކުން ބަލާވެސް ނުލާނެ...މަންމައާ ބައްޕަ ނެތިއްޔާ ވަރަށް އެއްޗެހިވެސް ކިޔާނެ....ކުޑައިރު އަހަރެން ދެރަވެގެން ވަރަށް ރޮއެހަދަން....އެކަމު ފަހުން އެކިޔާ އެއްޗެއް އަޑުނީވޭކަމަށް ހަދައިގެން ހުންނަނީ.....އެކަމު މަންމަ ބަލިވެއިން ޚަބަރު ލިބުމުން، ބައްޕަ އުފާވެފަ ހުރިވަރުން އަހަރެންގެ ހިތުގަ ބިރުވެރިކަން އުފެދުނު...މާމަބުނި ދުވަސް އައިސްޖެހުނީކަމުގަ ގަބޫލު ކުރެވުނު...ބައްޕަގެ މުއްސަނދިކަން ހަމައެކަނި ހައްޤުވާނެ ފަރާތެއް އައުމުން އަހަރެން ބާކީވާނެ ވަރު ހިތަށްއަރާފަ ނިޔާޒްގެ ފަރާތުން ފައިދާއެއް ހޯދަން ވިސްނުނީ..." މާޔާ އޮޅުން ފިލުވައިދިނެވެ.

 " އެކަމު ދެން ވާނެއެއްޗެއް މިއޮތީ ވެފައެއްނު.....އެހެންވީމަ އަހަރެންނަށް ފެންނަނީ އިކޫގެ މަތިން ހަނދާން ނައްތާލާފަ މިތަނުންދާން.....ބައްޕަ ގަބޫލު ކުރާފަދަ ބަހަނާއެއް ދައްކާފަ އިކޫވެސް ދޫކޮށްލަބަލަ!...އަހަރެމެންނާއެކު އޮސްޓްރޭލިއާއަށް ދަނިކޮށް އިކޫއަށްވުރެ މާކަމުދާމީހުންވެސް ލިބޭނެ..." ޔަޤީންކަމާއެކު ލީޒާ ބުނެލިއެވެ.

" އެކަމު ކޮންކަހަލަ ބަހަނާއެއްތަ އަހަރެން ދައްކާނީ....ނިކްއާ ދުރުވީ އިކޫދެކެ ލޯބިވެޔޭ ކިޔައިގެން...އަނެއްކާ އިކޫއާ ދުރުވާން ކޮންބަހަނާއެއް ދައްކާނީ..." ގޮތް ހުސްވެފައިވާ ގޮތަކަށް މާޔާ ބުނެލިއެވެ.

"އިކޫއޭ ކިޔައިގެން ދޮގެއްވެސް ހެދިދާނެއެއްނު....އިކޫދެކެ ލޯބިވެޔޭ ބުނީމަ އެމީހުން އެވާހަކަވެސް ކިހާ ފަސޭހައިން ގަބޫލުކުރި....މިފަހަރު އިކޫ ގޯސްކޮށްފަ ވާހަކައެއް ބުންޏަސް އެމީހުން ގަބޫލު ކުރާނެ..." މާޔާގެ ހިތަށް ނުބައި ޚިޔާލުތައް ލީޒާ ވައްދައިދެމުން ދިޔައެވެ.

" ހޫމް..ތީ ރަނގަޅުގޮތެއް....އަހަރެންނަށް މޮޅު ޚިޔާލެއް އަތުވެއްޖެ...މިރޭ ބައްޕަމެންނާ ވާހަކަ ދައްކާނަން..." މާޔާ އުފާވެލާފައި ބުންޏެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލުތައް

×

މާޝް | 29 އޮކްޓޯބަރ 2017 - 14:24

ފޫހި

ައަޒޫ | 29 އޮކްޓޯބަރ 2017 - 14:47

ވ ސަޅި މިބައިވެސް ދެން ހުރި ބައިތައް ވެސް އަވަހަށް ގެނެސް ދޭތި ..

ކަނބުލޮ | 29 އޮކްޓޯބަރ 2017 - 17:24

ށައިން ވާހަކަވވވސަލި އަދި ސިއްސުވާލަާ ކިތައް ހާދިސާ ދިމާވާނެބާ ؟ ވއަވަހަށް ކިޔާލަން ލިބޭނެކަމުގެއުންމީދުގައި އިންޝާާއަށްލޯހު 😊😊😊😊

ޒިލް | 29 އޮކްޓޯބަރ 2017 - 19:58

ސަޅި. އަވަހަށް ނިކް އާއި އާނާ ގުޅުވާ.. އަނެއްބައިގެ އިންތިޒާރުގައި...

އިނާ | 29 އޮކްޓޯބަރ 2017 - 21:55

މާޔާ އަ ހޭޓް ޔޫ

ޓްރެންޑިން