Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

މަންޝާ 2 (ހަތާވީސްވަނަ ބައި)

30 އޮކްޓޯބަރ 2017 - 09:00

ޢާއިޝަތު ޝާޒްލީން (ޝާޒް)

މެންދުރުގެ ދިލަ ހޫނު އަރަމުންދިޔަ އަވިން މަންޝާގެ ނިތްކުރިމަތިން ފާޅުވަމުންދިޔަ ދާތިކިތައް އެއް އަތުން ފޮހެލަމުން މައްޗަށް ބަލާލަން މަންޝާ އިސްއުފުލާލިއެވެ. ދެލޯ ހަނިކޮށްލަމުން އުޑުމައްޗަށް ބަލާލި އިރު އޭނާގެ ލޯ މައްޗަށް ކަޅުކުލައިގެ ތިކިތަކެއް ފާޅުވެގެން ދިޔައެވެ. އެސްފިޔަތައް ތަޅުވަމުން ދިޔަވަރަކަށް މަންޝާގެ ލޮލަށް ފެންނަމުންދިޔަ ކަޅު ތިކިތައް ގިނަވަމުން ދިޔައެވެ. އަދި އެކީ ލޯމައްޗަށް ފުސްވެ ކަޅު އަނދިރިކަމެއްގެ ތެރެއަށް މީހާ ގެނބިގެން ދިޔައެވެ.

ކަނޑާލި ރުކެއްހެން މަންޝާގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ޖެހުމާއެކީ ހޫދުގެ ދެލޯ ބޮޑު ކޮށްލެވުނެވެ. ސައިކަލުން ފޭބުމަށްފަހު ކުރިއަށް ހޫދު އެޅި ފިޔަވަޅާއެކީ ކަޅު ޖިލްބާބުގައިވާ އަންހެންމީހާގެ ހަރަކާތައް އޭނާގެ ސަމާލުކަން ގޮސް ހުއްޓުނެވެ.

ދުވެފައި އެ އަންހެން މީހާ ގޮސް މަންޝާ ކައިރިއަށް ކަކޫ ޖަހާ ތިރިވިއެވެ. މަންޝާގެ މޫނުގައި ހިފާ ތަޅުވަމުން މަންޝާއަށް ގޮވަމުން ދިޔައެވެ. މަންޝާގެ މޫނުގައި ފިރުމަމުން އޭނާ ހޫދުއާ ދިމާއަށް ބަލާލުމަށްފަހު އަތް ހަނާ އަޅާލިއެވެ. އަވަހަށް އެތަނަށް އަންނާށޭ ބުނާ ފަދައަކުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް އެ އަންހެންމީހާއާ އަރާ ހަމަކުރަމުން މަންޝާގެ ހަށިގަނޑާ ގާތްވާން ހޫދު ތިރިވި އިރުވެސް އެ އަންހެންމީހާގެ މޫނަށް ހޫދަށް ބެލުނީ ކީއްވެކަމެއް ނޭނގެއެވެ.

މަންޝާ ނަގަން ހޫދު އަވަސްވެގަތެވެ. އެވަގުތު އެ އަންހެންމީހާ ދުވެފައި ގޮސް ގޭތެރެއަށް ވަދެ ޝީންގެ ނަމުން ގޮވަމުން ވަނެވެ. ގޭތެރެއިން ޝީން ނުކުމެ ބޭރު ބަލާލިއިރު މޫނު ނިވާކޮށްފައި ހުރި އަންހެންމީހާ ފެނުމުން ދެބުމަ ގޮށްޖަހާލިއެވެ. "ސަލްމައްތަތަ؟.. ޝާޔާ ބަލިވެ އުޅޭތީ ކުލާހަށް ނުފޮނުވަން..."

ދެލޯ ހަނިކޮށްގެން ހުރި ޝީންއަށް އެއީ ސަލްމައްތަ ނޫންކަމެއް ނޭނގެއެވެ. އެވަގުތު އެ ނުދަންނަ އަންހެންމީހާ ބޭރަށް އިޝާރާތްކުރަމުން މަންޝާއޭ ބުނި އިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގެން ދިޔައެވެ. އެ އަންހެންމީހާ ދައްކަމުންދިޔަ ވާހަކަތައް ޝީންއަށް ދޭހަވާވަރެއް ނުވިއެވެ. އޭނާ ބޭރަށް އިޝާރާތްކުރަމުންދާތީ ޝީން ކުރިއަށް ޖެހިލީ ބޭރުބަލާށެވެ. އޭރު އެ އަންހެންމީހާގެ ފަހަތުން ހޫދު އެތެރެއަށް ވަންނަނީއެވެ. ހޫދުގެ އަތްދަނޑިމަތީގައި ދެމިފައި އެއޮތީ މަންޝާއެވެ.

*** *** *** *** *** ***

ޒޯއީގެ ގައިން ވަރު ދޫވާން ފެށުމުން މެހެކް ޒޯއީގެ އަތުގައި ހިފާލިއެވެ. ޒޯއީގެ ހަށިގަނޑުގައި ކުރިއަށް ފިޔަވަޅު އެޅޭނެހާ ހިތްވަރެއް ނެތެވެ. އޭނާގެ ބޮލަށް ބަރުވެ ތޫނުތަދެއް އަރަމުން ދިޔައެވެ. ބަޔަކު ބާރުބާރަށް ކިޔެވެލި ކިޔަވަމުންދާ ޒާތުގެ އަޑެއް އޭނާގެ ކަންފަތަށް އިވެމުންދިޔައިރު އެ އަޑު އަންނަ ސީދާ ދިމާ އޭނާއަށް ދެނެގަންނާކަށް ނޭނގުނެވެ.

"ޒޯއީ... ކިހިނެއްވަނީ ހިނގާ ގެއަށް ދާން..." ދުނިޔެއަށް ދެކުދިން ފޭބީ އެމީހުން ފޫހިވާތީއެވެ. އެއްގޮތަކަށްވެސް އިންސާނުންގެ ބަޔަކާއި ދިމާ ކުރާކަށް ނޫނެވެ. ހާސްވެފައި ހުރި މެހެކަށް އެމަގަށް މީހަކު އަޅާލިތަން ފެނުނެވެ. އެޒުވާނާ އެމީހުންނާ ދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް އަންނަތަން ފެނުމުން މެހެކްއަށް އެމީހުން ފެންނަނީކަން އެނގުނެވެ. ކުއްލިއަކަށް ގެއްލެން ހިތަށް އެރި ނަމަވެސް އެފަދަކަމެއް ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަން އެނގުނެވެ.

"ކިހިނެއްވީ..." ދުވެފައި އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޒުވާނާއަކީ ރާއިދްކަން އެނގުނީ އެޒުވާނާ ވާހަކަ ދައްކަން ފެށުމުންނެވެ.

"ނޭނގެ މާބޮޑަށް ބޮލުގަ ރިއްސަނީ...." ބޮލުގެ އެއްފަޅިގައި ހިފަހައްޓައިގެން ހުރި ޒޯއީ ވާހަކަދެއްކީ ބަލި އަޑަކުންނެވެ.

"ކޮންގެއެއްގަ އުޅެނީ... ގެއަށް ގެންގޮސް ދޭންވީތަ..." މެހެކްގެ މޫނަށް ބަލާލަމުން ރާއިދު ކުރި ސުވާލަށް ޖަވާބެއް ދޭން ނޭނގިފައި އޭނާއަށް ހިމޭނުން ހުރެވުނެވެ.

ކުއްލިއަކަށް ޒޯއީގެ މޭގައި އަތް އަޅާލިއެވެ. އޭނާގެ މެއަށް އުނދަގޫތަކެއް ވާތީ ނޭވާ ހާސްވާކަހަލަ ގޮތްތަކެއް ވިއެވެ. މިއީ މީގެ ކުރިން އޭނާއަށް ވީ ގޮތެއް ނޫނެވެ. ގާތްމީހަކު އޭނާއާ ވަކިވެގެން ދަނީހެއްޔެވެ. ނޫނީ މީހަކު މަރުވަނީ ހެއްޔެވެ. ރޮމުން ޒޯއީ މުށްކަވާފައިވާ އަތުން އޭނާގެ މޭގައި ތަޅަން ފެށިއެވެ. ޒޯއީގެ ހަރަކާތްހުރި ގޮތުން މެހެކްއަށް ރޮވޭގޮތް ވިއެވެ.

"ފެންފޮދެއް ގެނެސްދޭންވީތަ..." އެއްފަރާތުން ފެންނަން ހުރި ފިހާރައާ ދިމާއަށް ބަލާލުމަށްފަހު ރާއިދު އެ ފިހާރައާ ދިމާއަށް އަވަސްވެގަތެވެ. ޒޯއީގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރެ މެހެކް ކުރުސި ކިޔަން ފެށިއެވެ. އަދި މަޑުމަޑުން ކުރިއަށް ހިނގޭތޯ މަސައްކަތް ކުރިއެވެ. ކުރިއަށް ފިޔަވަޅު އެޅި ވަރަކަށް ޒޯއީގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތް ނުކުރެވިގެން ތެޅިގަނެއެވެ. އެހެންކަމުން މެހެކް މަގުގެ ދެކޮޅު ބަލާލުމަށްފަހު ޒޯއީގެ ގައިގާ ބައްދާލަމުން އޭނާގެ ހަށިގަނޑުގައި ޒޯއީ ލައްކޮށްލިއެވެ. އެ މަގުން މެންދުރުގެ ހޫނުގަދަ ވަގުތެއްކަމުން މީހަކު ފެންނާކަށް ނެތެވެ. މެހެކް ދެލޯ މަރާލަމުން ތުންތަޅުވާލިއެވެ. ޒޯއީއާ މެހެކެގެ ފައިދަށުން ހުދު އަލިކަމެއް ފާޅުވުމާއެކީ އެމީހުން އެތަނުން ގެއްލުނެވެ.

ފެންފުޅިއަށް ފައިސާ ދެއްކުމަށްފަހު ރާއިދު ބޭރަށް ނުކުތީ ފުޅީގެ މަތިގަނޑު އަނބުރަމުންނެވެ. ބޭރަށް ނުކުމެ ބަލާލިއިރު ދެންމެ ފެނުނު ދެ ކުދިން ފެންނާކަށް ނެތެވެ. އެ ދެމީހުން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. މަގުގެ ދެކޮޅަށް ބަލާލަމުން ރާއިދު ހިނގައިގަތީ ކުރިއަށެވެ. ޝީންމެން ގެއާ ކައިރިއަށް ދެވެން އޮތް މަގަށް ނުކުމެ ދެކޮޅު ބަލާލުމުންވެސް މީހަކު ފެންނާކަށް ނެތެވެ. ފެންފުޅިއަށް ބަލާލުމަށްފަހު އެފުޅިން ފެންފޮދެއް ބޯލައިގެން ރާއިދު މިސްރާބުޖެހީ އޭނާގެ ރައްޓެއްސެއްގެ ގެއަށް ވަދެލާފަ ގެއާ ދިމާއަށް ދާށެވެ.

"އެއީ އެއްކަލަ ކުއްޖާދޯ.. އަޅެ އެމަންޖެ އުޅޭ ގެއެއްވެސް ނޭނގޭ... ނަންބަރު އަހާލެވުނު ނަމައެއްނު..." ރާއިދް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ހިނިގަނޑެއް ޖަހާލިއެވެ. އަދިވެސް ރަށުތެރެއިން އެ ކުއްޖާއާ ބައްދަލުވާނެކަމުގެ އުންމީދުގައެވެ.

ރާއިދު ބޭނުންވި ރަހްމަތްތެރިޔާގެ ގެއާ ހަމައަށް ދެވުމުން އެގޭގެ އޮޅިގަނޑު ގިރާ ކުރަމުން އޭނާ އެތެރެއަށް ވަނީ ސަލާމް ގޮވާލަމުންނެވެ. ގޭތެރެއިން ނުކުތީ ރާއިދު ބޭނުންވި ރަހްމަތްތެރިޔާ ސަޓޯއެވެ. "މިއަދު ކުޅެން ދާން ވާނެއްނު... މަގޭ ސައިކަލު ހަންފަޅައިގެން ގޮސްގެން މިއުޅެނީ... ސަޓޯގެ ސައިކަލު ލިބިދާނެތޯ ބަލާލަން މިއައީ..." ރާއިދު އެގެއަށް އައި ބޭނުން ހާމަކޮށްލުމުން އޭނާގެ ރަހްމަތްތެރިޔާ ދެއަތަށް ބޯހޫރާލިއެވެ.

"ހަމަ ދެންމެ މަގޭ ބޭބެ ސައިކުގަ އެ ދިޔައީ... މަޑުކޮށްލަން ވީނު.. މަ އޭނައަށް އެބަ ގުޅަން.." ޖީބަށް އަތްކޮށްޕާލަމުން ސަޓޯ ވާހަކަ ދެއްކީ އޭނާގެ ފޯނުން ބޭބެއަށް ގުޅަން މަސައްކަތް ކުރަމުންނެވެ. ރާއިދު މަޑުކޮށްލައިގެން ހުރީ ސަޓޯގެ ބޭބެއަށް ގުޅުމުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ސައިކަލު ލިބިއްޖިއްޔާ އެ އަންހެންކުއްޖާ ހޯދަން ހިސާބުގަނޑުގައި ބުރުޖަހަން އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ރާއިދުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

*** *** *** *** *** ***

"މަންޝޫއަށް ކިހިނެއްވީ؟..." ޝީން ސުވާލުކުރުމުން އެތަނުން އެކަކުވެސް ޖަވާބެއް ނުދެއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބީއެވެ. މަންޝާގެ ކޮޓަރިއަށް އޭނާ ވެއްދުމަށްފަހު އެނދުގައި ބޭއްވިއެވެ. މޫނުގައި ފެންހާކާ ހެދުމުން މަންޝާ މަޑުމަޑުން އެސްފިޔަ ތަޅުވާލިއެވެ. އެނދުކައިރީ ތިބި ތިން މީހުންގެ މޫނަށް ވަކިވަކިން މަންޝާ ބަލާލީ އޭނާގެ ފެނުމުގައި ފުސްގޮތެއް ހުރުމުންނެވެ. އޭގެތެރޭގައި އޭނާއަށް ބީރައްތެހި މޫނެއް ހުރިކަން އޭނާއަށް އިހްސާސް ވިއެވެ.

މަންޝާގެ ބޮލުގައި ތޫނު ރިހުމެއް ހުރުމުން އޭނާއަށް ތެދުވެވޭ ގޮތެއް ނުވިއެވެ. "މަންޝޫ މިއަދު ސައިބުއިންތަ؟ އެއްވެސް އެއްޗެއް ނުކަން ދޯ؟.." މަންޝާގެ ބޮލުގައި ފިރުމަމުން ޝީން ވާހަކަ ދެއްކިއެވެ. ކައިރީ ދެއަތް ދެއަތާ މޮޑެން ހުރި އަންހެންމީހާގެ ހަރާކާތައް ހޫދު ބަލަން ހުރީ އޭނާގެ ހަގީގަތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

"މަންޝާ ދައްތާ އޯކޭތަ؟.. ސަކަރާތިއްޔާ ހޮސްޕިޓަލަށް ދާން ހިނގާ..." ހޮސްޕިޓަލަށް ދާންހޫދު އެދުމުން އެކަމަށް އިންކާރުކުރުމުގެ ގޮތުން މަންޝާ ދެއަތަށް ބޯހޫރުވާލިއެވެ. އެއީ އޭނާ އެންމެ ކުރާހިތްނުވާ އެއްކަންތަކެވެ. ކިރިޔާ ކަމެއް ވާއިރަށް ހޮސްޕިޓަލަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ނުކައި ހުރީމަ އެއީ..." ބަލި ރާގަކަށް މަންޝާގެ ޖަވާބު ލިބުމާއެކީ ޝީން އެދުނީ ސައިތައްޓެއް ނަމަވެސް ބޯށެވެ. ސައި ހަދަން ޝީން ބޭރަށް ދާން ނުކުތުމުން އެ އަންހެންމީހާވެސް ޝީންގެ ފަހަތުން ނުކުތެވެ. "އަހަރެން ދަނީ... މަންޝާ ވެއްޓެނިކޮށް ފެނުނީމަ އަހަރެން ކައިރިވެލީ..." އިސްޖަހައިގެން ހުރެ އެއަންހެންމީހާ ވާހަކަ ދެއްކުމުން އެމީހާއާ ކުރިމަތިލާން ޝީން އެނބުރިލިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ... މަޑުކޮށްލާ.. ކޮންމެވެސް އެއްޗެއް ބޯލައިގެން ދާން ވާނީ..." އެ އަންހެންމީހާގެ އަތުގައި ހިފާލަމުން ޝީން ވާހަކަ ދެއްކިއިރު ހީވަނީ ގާތް މީހެއް ހެނެވެ. މިވަގުތު އޭނާއަށް މަޑުކުރެވެން ނެތްކަމަށް ބުނެ އެއަންހެންމީހާ އެތަނުން ދާން ހިނގައިގަތީ ފަހުން އަންނާނަން ކަމަށް ބުނަމުންނެވެ.

ޝީންއާ އެއަންހެންމީހާ ދެމެދު ދެކެވުނު ވާހަކަ ތައް ސިއްރުން އަޑުއަހަންހުރި ހޫދުވެސް ދާން ހިނގައިގަތީ ބޮޑު މަސައްކަތެއްގައި އަވަދިނެތި އުޅެނީކަމަށް ބުނަމުންނެވެ. ޝީން އާ ސަލާމްކޮށްލުމަށްފަހު ހޫދު ބޭރަށް ނުކުމެ ސައިކަލަށް އަރަން އަވަސްވެގަތީ މަގުގެ ދެކޮޅު ހޯދާ ބަލަމުންނެވެ. އެ އަންހެންމީހާ ހޯދަން އޭނާ ބޭނުންވިއެވެ. މަންޝާގެ ހަށިގަނޑަށް ބަލަން ހުރި އަންހެންމީހާގެ މޫނު ނުފެނުނު ކަމުގައި ވީ ނަމަވެސް އޭނާގެ ލޮލުން ފެނުނު ރިހުމާ ހިތާމަތައް ހޫދަށް ފާހަގަ ކުރެވުނެވެ. އެލޮލުން މަންޝާއަށްޓަކައި ދެވިފައިވާ ހާއްސަ މަގާމް ހޫދަށް ނަގައިގަނެވުނެވެ.

ސައިކަލު ދުއްވާލަމުން ޖެހިގެން އޮތް މަގަށް ލަންބާލި އިރު ހޫދަށް އެއަންހެންމީހާ ދާތަން ފެނުނެވެ. އޭނާއަށް ޝައްކު ނުވާނޭހެން ހޫދު ދިޔައީ ބަލައިގެން މަޑުމަޑުންނެވެ. އަވަސްފިޔަވަުތަކެއްގައި އެއަންހެން މީހާ ހިނގަމުންދިޔައިރު އޭނާ ދޭތެރެއަކުން ފަހަތް ބަލާލައެވެ. ދެތިން ގޯޅިއަށް އެޅުމަށްފަހު އާދައިގެ ގޮތަކަށް ހަދާފައިވާ ކުޑަ ގެއެއްގެ ކުރިމައްޗަށް އޭނާ ގޮސް ހުއްޓުނެވެ.

އެގޭ ބޭރުގައި ހައްދާފައިވާ ގަސްތަކަށް ބަލާލުމަށްފަހު ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތުމުން ހޫދަށް ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ އެއީ އޭނާއަށް އެނގޭ ގެއެއް ކަމަށްވާތީއެވެ. ނަމަވެސް މިއިން އެއްވެސް ދުވަހަކު އެ އަންހެންމީހާއާ ބައްދަލުވެފައެއް ނެތެވެ. އެމީހެއްގެ ހަގީގަތް ބެލުމުގެ ބޭނުމުގައި ހޫދު އެގެއަށް ވަންނަން އަޒުމް ކަނޑައެޅިއެވެ.

އެގެއަށް ވަދެ ދައްކާނެ ވާހަކައާ ދޭތެރޭ ހޫދު ވިސްނާލަން މަޑުކޮށްލިއެވެ. ހަމަ އެވަގުތު ހޫދުގެ ސައިކަލުން ފައިބެފައިބެ ހުއްޓާ މީހަކު ގޮވާލިއަޑަށް އޭނާ މަޑުޖެހި ފަހަތަށް ބަލާލިއެވެ.

"މިހިސާބުގަ ކީއްކުރަނީ؟... މަށަށް ޑްރޮޕެއް ދީފާނަންތަ؟... ސައިކަލު ހަންފަޅައިގެން ގޮސްގެން މިއުޅެނީ..." ރާއިދު އައިސް ހޫދުގެ ސައިކަލާ އަރާ ހަމަކުރަމުން ވާހަކަދެއްކިއެވެ.

ރާއިދުގެ އެދުމަށް ފުރަގަސްދޭކަށް ހޫދަކަށް ނުކެރުނެވެ. އެހެންކަމުން ހޫދު ހިނިތުންވަމުން އަންނާށޭ ބުނެ އެގެއާ ދިމާއަށް ފަހުފަހަރަށް ބަލާލިއެވެ. "މަ ހޯދަން ދޯ ތިއައީ..." ސައިކަލު ފަހަތު ސީޓުގައި އިށީންނަމުން ރާއިދް ސުވާލުކޮށްލިއެވެ. ރާއިދަށް ކަމެއް ޝައްކު ނުވާނެހެން ކަންކުރަން ބޭނުންވެފައިވާ ހޫދު އެ ވާހަކަ އޮޅުވާލަން ބޭނުންވިއެވެ.

"މިހިސާބަށް އާދެވުނީމަ ހިތަށް އެރީ ބަލާލަން... މިއަދު ހަވީރު ކުޅޭކަށް ނުދަންތަ؟.."

*** *** *** *** *** ***

ގެއަށް ވަނުމުގެ ކުރިން ޒޯއީގެ ހާލާ މެދު ވިސްނާލަމުން މެހެކްގެ ފިޔަވަޅު މަޑުކޮށްލިއެވެ. "ޒޯ... ކިހިނެއް މިހާރު؟..." ޒޯއީ ދެލޯ މަރާ ބާރުކޮށްގެން ހުރީ އެނާގެ ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކަށް ކެތްނުކުރެވޭތީއެވެ. މަޑުމަޑުން އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން މެހެކްއާ ދިމާއަށް ބަލާލިއެވެ. "އަސްލު ކިހިނެއް އެވީ؟.." މިހާރު ރިހުން މަޑުވާން ފަށައިފި... އެހެންހުރެފަ ހަމަ ކުއްލިއަކަށް..."

މެހެކްގެ ނަޒަރު ގޮސް ހުސްކޮށްލެވުނީ ޒޯއީގެ ކަރުގައި އަޅާފައިވާ ފަށަށެވެ. އޭގައިވާ ބެރެބެދިމާ ރަތްކުލައިން ދިއްލިފައިވާކަން މެހެކްއަށް ފާހަގަ ވިއެވެ. "ކިހިނެއް މި ވަނީ؟..." ޒޯއީގެ ކަރުގައި އަޅާފައިވާ ފުލުގައި ހިފަމުން މެހެކް އަހާލިއެވެ. ހައިރާންވެފައި އެފަށާ ދިމާއަށް ބަލަން ދެމީހުން ތިބީ މިވަނީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގޭ ހާލުގައެވެ.

ގޭތެރެއަށް ދެމީހުންވަދެ އެމީހުންގެ ކޮޓަރިއަށް ދިޔައީ ސިއްރުސިއްރުން ގޭތެރޭގައި އުޅޭ އެއްވެސް މީހަކަށް ނޭނގޭނެހެން މަޑުމަޑުންނެވެ. ކޮޓަރިއަށް ދެވުމާއި އެކީ ޒޯއީގެ އަތުގައި މެހެކް ހިފާލަމުން ހިނިތުންވެލިއެވެ. "އަހަރެންގެ ހިތަށް އަރާ އެއްޗެއް ބުނަންތަ؟.." މެހެކްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ޒޯއީގެ މަންމައާ ގާތްވާތީ ވީ ގޮތެއް ކަންނޭނގެ..." މެހެކްގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތް ހާމަކުރުމުން ޒޯއީ ވިސްނާލިއެވެ. މީގެ ކުރިން އެފަދަ އުނދަގުލެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން އެއީ ވެދާނެގޮތެކޭ އޭނާގެ ހިތްވެސް ބުންޏެވެ.

"މަންޝާ... އަހަރެންގެ މަންމަ... މަންމަ ވީ އައްޑޫގަ ދޯ..."

 (ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލުތައް

×

ސަރާ | 30 އޮކްޓޯބަރ 2017 - 19:15

ވވވވވވ ރީތި.

ޖިންނި ޖިނާ | 30 އޮކްޓޯބަރ 2017 - 22:59

މި ވާހަކައިގަ ބިރުވެރިކަމެއް ނެތް. މަށެއް ނުބުނާނަން މި ހޮރޯ ސްޓޯރީ އެކޭ. އެއް ކެޓެގެރީއަކަށް މި ވާހަކަ ފިޓެނުވޭ. މޯ ލައިކް އަށް ކޮމެޑީ. އެންމެ ހިންނި އަންނަނީ ޖިންނީންގެ ވާހަކަތައް ގެނެސްދޭ ބައިތަކުގަ. ސިހުރު ހަދާ ލެވެސް މޮޅުކަން ދޯ. 😂

މަންޝާ | 30 އޮކްޓޯބަރ 2017 - 23:01

މަންޝާ 1 ހާ ސަޅިއެއްނޫން މިބައި. ވާހަކައިގެ މިހިސާބަށް އައިއިރުވެސް ޝައުގުވެރިވާ ގޮތެއް ނުހުރޭ.

ރަށުމީހާ | 30 އޮކްޓޯބަރ 2017 - 23:26

އަސްލު ހީކުރިވަރަށްވުރެވެސްމާރީތި...ހަމަ ވަރަށް ސަޅިއޭބުނެލާހިއްވަނީ...ވަރަށް ސައުގުވެރިވާހިސާބަކަށް ގޮސްފަ މިއޮތީ..(އެގެއަށްވަންއަންހެނެއްގެ ގޮތްބަލާހިތުން މިހުރީ)....އަނެއް ޕާޓުގެ އިންތިޒާރުގަ އެބަހުރިން...

ސާރާ | 31 އޮކްޓޯބަރ 2017 - 00:23

ކޮންއިރެއް ހިޔަަލު ފޮނުވިތާ

ނިޒް | 31 އޮކްޓޯބަރ 2017 - 14:10

އެއީ އަފްރީން ދޯ މޫނު އަޅައިގެން އެއުޅެނީ މަންޝާ ފަހަތުން؟

އިނާ | 1 ނޮވެންބަރ 2017 - 21:47

ޝާޒް މިބައި ވަރަށް ރީތި، މޫނު ބުރުގާ އަޅައިގެން އެއުޅެނީ އަފްރީންހެން ހީވާން ފަށައިފި، މަންޝޫއަށް ހެޕީލައިފެއް ބޭނުން ވަނީ،

ކޮކާ | 2 ނޮވެންބަރ 2017 - 19:04

ކޮބާތަ މިއަދުގެ ބައި ޝާޒް... 😩😩 ޢަވަހަށް އަޕްކޮށްދީބަ އިނގޭ ❤❤

ޓްރެންޑިން