Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ބޮސް ( ތޭވަންނަ ވަނަބައި )

31 އޮކްޓޯބަރ 2017 - 09:00

ޝައިން

ރޭގަނޑުގެ ކެއުމަށްފަހު އަޒީޒް އަރާމުކޮށްލަން ކޮޓަރީގައި އޮއްވައި މާޔާ އައެވެ.

" އަނހާ...ދަރިފުޅާ....ކަމަކުތަ؟.." މާޔާގެ މޫނަށް ބަލާލަމުން އަޒީޒް އަހާލިއެވެ.

" އާނ...ވަރަށްބޮޑު ވާހަކައެއް ދައްކަންވެގެން...އެކަމު ބައްޕަ ރުޅިނާންނަންޏާ އަޅުގަނޑު މިވާހަކަ ބުނާނީ..." މާޔާ އެދުނެވެ.

" ދަރިފުޅު ކޮންމެ ވާހަކައެއް ބުންޏަސް ބައްޕަ ރުޅިއެއް ނާންނާނަން..." އަޒީޒް ޔަޤީންކަން ދިނެވެ.

" ބައްޕާ އަޅުގަނޑު ބޭނުމެއްނޫން އައިކްއާ ކައިވެނި ކުރާކަށް...." އެހިސާބަށް ބުނުމަށްފަހު މާޔާ ހުއްޓައިލީ އަޒީޒް ބުނާއެއްޗެއް ބަލާލުމަށެވެ.

" އެކަމަކު ކީއްވެ...ދަރިފުޅުމެން ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވެޔެއްނު...އެހެންވެޔެއްނު ނާއިކްއާ ގުޅުން ކަނޑާލީވެސް..." އަޒީޒް ހައިރާންވެފައި ބުންޏެވެ.

" ނޫން ބައްޕާ އަޅުގަނޑު އޭރު ބައްޕައަށް ދޮގުހެދީ މަޖުބޫރުވެގެން....އައިކްއަކީ ބައްޕަ ތިހީކުރާހާ ރަނގަޅު މީހެއްނޫން....ގަމަށް ގޮސް ހުރިއިރު، އެއްރޭ އައިކް އަޅުގަނޑަށް ނިދާބޭސް އަޅާފަ ޑްރިންކެއް ދިނީ...ދެން އަޅުގަނޑު ނިދީމަ އެކަމުގެ ނާޖާއިޒް ފައިދާ އޭނާ ނެގީ....އަޅުގަނޑުގެ ފޮޓޯއާ ވީޑިއޯކޮށް، އެބޭނުން ކޮށްގެން އަޅުގަނޑަށް ނިކްއާ ދުރަށްދާން މަޖުބޫރުކުރީ....އެހެންވެ އަޅުގަނޑު އެގޮތަށް ކަންތައްކުރީ....އެކަމު ބައްޕާ...އަޅުގަނޑަކަށް އިތުރަކަށް ކެތެއްނުވާނެ....އަޅުގަނޑު މާލެދޫކޮށްދާން ބޭނުމީ...ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ބޭނުމީ...އޭރުން އޭނާއަކަށް އަހަރެންގެ ފަރާތުން އިތުރަށް ނާޖާއިޒް ފައިދާއެއް ނުނެގޭނެއްނު....އޭނާގެ އަތުގަ ހުރި އެއްޗެއް ލީކްކޮށްލިޔަސް މިރާއްޖޭ މީކަށް އަޅުގަނޑު މޫނުދައްކާކަށް ނުޖެހޭނެއްނު..." މާޔާ ރޮއެ ރޮއެފައި ކިޔައިދިން ވާހަކަތަކުން ބަސްހުއްޓިފައި އަޒީޒްއަށް އިނދެވުނެވެ.

" ސުބުޙާނަﷲ....ތިވަރުގެ ބޮޑުކަމެއް ހިނގާދިޔައިރު ދަރިފުޅު ކީއްވެ ތިވާހަކަ ކުރިން ނުބުނީ؟....ނާއިކްގާތު ބުނިނަމަ ވަގުތުން އޮފީހުންވެސް ކަނޑާލީހެއްނު....އެގޭގަ އުޅެމުން އެމީހުންނަށްވެސް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލީތީ އަހަރެންހަމަ ހައިރާންވޭ....ބައްޕައަށް ކުރިން އެނގުނުނަމަ އޭނާގެ ކަންތައް ބައްޕަ ނިންމާލީމުސް....އޭނާހީކުރީތަ އެގޮތަށް އަހަރެންގެ ދަރިފުޅާ ކުޅެލެވޭނެހެން..." އަޒީޒް ރުޅިއައިސްފައި ބުންޏެވެ.

"ބައްޕާ އެނގެއެއްނު ބުނެފިއްޔާ ވާނެގޮތް....އަޅުގަނޑު މާލެއިން ދިޔައީމަ ހުރިހާކަމެއް ހައްލުވާނެ...ޕްލީޒް އަޅުގަނޑަށް އޮސްޓްރޭލިއާގަ ދިރިއުޅެވޭނެގޮތް ހަދާދީ....އަޅުގަނޑަށް މިކޮޅުގަ ކެތްވާވަރެއްނޫން....ކޮންމެގޮތެއް ހަދާފަވެސް އަޅުގަނޑު ބޭނުމީ މިތަނުންދާން.....އަޅުގަނޑުގެ ވިޔަފާރި ބަލަހައްޓަން މީހަކާ ހަވާލު ކުރެވިދާނެއެއްނު....އަދި އަޅުގަނޑުގެ އެޕާރޓްމެންޓު ކުއްޔަށް ދިނުމުން ބައްޕައަށް ތަކުލީފެއް ނުއުފުލާވެސް އަޅުގަނޑަށް ރުފިޔާ ލިބޭނެ ގޮތް ހަމަޖެހުނީނު....ދެން އެކޮޅަށް ގޮސް ކޮންމެވެސް ކަހަލަ ވަޒީފާއެއް ލިބޭތޯ އަޅުގަނޑު ބަލާނަން..." މާޔާ ދެރަވެ ދެރަވެފައި ވާހަކަ ދެއްކިއެވެ.

" ރުފިޔާގެ މައްސަލައެއްނޫން ބައްޕައަށް ބޮޑީކީ ...މަންމަ ދެރަވާނެވަރު ހިތަށްއަރަނީ....އެހެންނޫނަސް ދަރިފުޅު ކިހިނެއް އުމުރު ދުވަހު އެކަނިމާއެކަނި އުޅޭނީ....ބައްޕަގެ ހިތެއް ތިގޮތަކާ އެއްބަހެއްނުވާނެ....ތިހީކުރާހާ ފަސޭހަކަމެއްނޫން މުޅިއުމުރު އެފަދަ ޤައުމެއްގަ ދިރިއުޅުމަކީ...ބައްޕައަށް ފެންނަނީ ނާއިކްއަށް ހަޤީޤަތް ކިޔައިދީގެން ތިކަމަށް ހައްލެއްހޯދަން..." އަޒީޒް އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

" ބައްޕާ މިހާރު މާލަސްވެއްޖެ...ނިކްވެސް ދެން އަޅުގަނޑު ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ....އެޔަށްވުރެ ބޮޑަށް އައިކްއަށް ބަރޯސާކުރޭ....ބަލާބަލަ މިހާރު އެއޮފީހުގެ ހުރިހާކަމެއް އައިކްގެ އަތްމައްޗަށް ދޫކޮށްލާފަ ގޮސް އެހުރީ....ނިކްގެ ބައްޕަވެސް ދެކެނީ އައިކްއަކީ އަމިއްލަ ދަރިއެއްކަމަށް.....އެހެންވީމަ އަޅުގަނޑު ދައްކާ ވާހަކަ ގަބޫލު ކުރާކަށްވެސް ބޭނުމެއް ނުވާނެ....މީގަ އޮތް އެންމެ ރަނގަޅުގޮތަކީ އަޅުގަނޑު ދުވަސްކޮޅަކަށް ނަމަވެސް އައިކްއަށް ނުފެންނަ ހިސާބަކަށް ދިއުން.....ދެތިން އަހަރުފަހުން އެނބުރި މިކޮޅަށް އާދެވިދާނެއެއްނު....އޭރުން އައިކްވެސް ހުންނާނީ އަހަރެންގެ މަތިން ހަނދާންނެތިފަ....އޭރުން ވިސްނާނެ ކަމެއް ނޯންނާނެ...ޕްލީޒް ބައްޕާ...އަހަރެންނަށް އުފަލެއް ލިބެން އެދޭނަމަ މިކަމާ ގަބޫލުވޭ..." މާޔާ އާދޭހާއެކު އެދުމުން އަޒީޒްއަށް ވިސްނާލަން މަޖުބޫރުވިއެވެ.

*****

ބަރާބަރު ދެމަސްފާއިތުވެ ދިޔައިރު، ނިޔާޒްގެ ހާލަތުވަނީ ވަރަށްބޮޑުތަން ރަނގަޅުވެފައެވެ. ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކާއި ކަށިތަކަށް ލިބިފައި ގެއްލުންތައް، އޮޕަރޭޝަން ތަކުގެ ސަބަބުން ފަސޭހަވީ ނަމަވެސް، ކުރިއެކޭ އެއްފަދައިން ފުރިހަމަ މީހަކަށް ނިޔާޒް ނުވިއެވެ. އޭނާގެ މައިބަދައަށް ލިބުނު އަނިޔާގެ ސަބަބުން، ހިނގާބިނގާވެ އުޅުމަށް ނިޔާޒް ނުކުޅެދުނެވެ.

" ޑޮކްޓަރ...ދެން ދުވަހަކުވެސް ބައްޕައަށް ނުހިނގޭނެތަ؟..." ނާއިކް ދެރަވެފައި އަހާލިއެވެ.

" ދުވަހަކުވެސް ނުހިނގޭނެކޭ ނުބުނާނަން....ރަނގަޅަށް ފިޒިއޮތެރަޕީ ދީ، ރަނގަޅު ޑައިޓެއް ދެވިއްޖެނަމަ އަދިވެސް ހިނގިދާނެކަމުގެ އުއްމީދު އެބައޮތް....އެކަމު ބަލިމީހާ ޖެހޭނެ ވަރަށް ކެތްތެރިވާން...މާޔޫސްވެގެން ނުވާނެ....އޭނާއަށް ފުރިހަމަ އަޅާލުމާ ލޯބިދީގެން މިކަން ކުރެވޭނެ...ހަމައެކަނި ޑޮކްޓަރީ ފަރުވާއަކުން މިކަމެއްނުވާނެ..." ޑޮކްޓަރގެ ވާހަކަތަކުން ނާއިކްގެ އުއްމީދު އާވެގެން ދިޔައެވެ.

ނާއިކްމެން މާލެއަންނަން އުޅޭ ޚަބަރު ލިބުނުއިރު، މާޔާހުރީ ފޮށިތަންމަތި ބަނދެގެން މާލެއިން ފުރަން ތައްޔާރުވެގެންނެވެ. އޭނާ ހީކުރިވަރަށް ވުރެ ފަސޭހައިން އަޒީޒްއާއި މަދީހާ އޭނާގެ ވާހަކަ ގަބޫލުކުރުމުން އޭނާ ވަރަށް އުފާވިއެވެ. އެއީ އޭނާދެކެ އެމީހުން ވާލޯބީގެ ވަރުގަދަ ހެއްކެކެވެ. އެމީހުންނަށް ދަރިޔަކު ލިބެން އުޅުނު ނަމަވެސް، އޭނާއަށްޓަކައި އެމީހުންގެ ހިތުގައިވާ ލޯބި އެންމެ ތަންފުކެއްވެސް އުނިނުވާކަން މިއަދު އޭނާއަށް ގަބޫލު ކުރެވިއްޖެވެ. އޭނާ އޮސްޓްރޭލިއާއަށް ދިއުމުގެ ކަންކަން ހަމަޖައްސައިދިނީ ޚުދު އަޒީޒްއެވެ. މާޔާ މާލެއިން ފުރަންދެންވެސް މާޔާގެ ރޭވުމުވެ ޚަބަރު އައިކްއަށް ވިޔަ ނުދިނުމަށްޓަކައި އޭނާ އުޅެމުން އައީ ވަރަށް ވިސްނައިގެންނެވެ. ވީހާވެސް ގިނައިން އައިކްއާއެކު ވަގުތު ހޭދަކުރިއެވެ. އަޒީޒް އެކަމާ ހިތްހަމަވެސް ނުޖެހުނެވެ.

" ބައްޕާ...އެކަމު ކުއްލިއަކަށް އަޅުގަނޑު އައިކްއާ ދުރުވެއްޖެނަމަ އޭނާއަށް ޝައްކެއް ވެދާނެއްނު...މިހެންހުރެ ކުއްލިއަކަށް ގެއްލުނީމަ ވާނުވާވެސް އޭނާއަކަށް ނޭނގޭނެ..." އަޒީޒް އެއްޗެއް ބުނުމުން މާޔާދިން ޖަވާބަކީ އެޔެވެ.

އެނދުގައި އޮށޯވެލައިގެން އޮތް މާޔާގެ ވިސްނަމުން ދިޔައީ މިރޭ ކުއްލިއަކަށް ފުރައިގެން ދިއުމުން އައިކް އުޅޭނެ ގޮތަކާއި މެދުގައެވެ. އައިކް އޭނާ ހޯދަން ވަރަށް މަސައްކަތް ކުރާނެކަން އޭނާއަށް އެނގެއެވެ. އައިކް ދެރަވާނެވަރު ހިތަށް އެރުމުން އޭނާގެ ހިތުގައި ހަމްދަރުދީވެސް އުފެދުނެވެ. މިފަހަކަށް އައިސް މާޔާގެ ފަރާތުން ލިބެމުންދާ އިންތިހާ ދަރަޖައި ލޯތްބާއި އަޅާލުމުގެ ސަބަބުން އައިކްގެ ހިތްވަނީ ރަނގަޅަށްވެސް މޮޔަކުރުވާފައެވެ. އައިކް ބޭނުންވަނީ އަބަދުވެސް މާޔާ އޭނާގެ ގާތުގައި ހުރުމަށެވެ. ރެއާއި ދުވާލު އޭނާއާ އެކުގައި ވުމަށެވެ. މާޔާ ޚިޔާލުގައި އޮއްވައި ސިހުނީ އައިކް ގުޅުމުންނެވެ.

" މައީ ނިދަނީތަ؟..." ފޯނުނެގުމާއެކީ އައިކް އަހާލިއެވެ.

" ނޫން ނުނިދަން...އެކަމު ވަރަށް ނިދިއެބަ އާދޭ..." އާފުރިލަމުން މާޔާ ބުނެލިއެވެ.

" އަހަރެން ދަންތަ ތިގެޔަށް އޭރުން ހަމަގައިމުވެސް ނިދިފިލާނެ..." ލާނެއްގޮތަކަށް ހީލަމުން އައިކް ބުންޏެވެ.

" ނޫނޭ...ދެން މިރޭ އަންނާނެ ކަމެއްނެތް....މިއޮތީ ވަރަށް ވަރުބަލިވެސް ވެފަ....މާދަމާ ބަންދެއްނު...މާދަމާ އާދޭ..." މާޔާ އެދުނެވެ.

" މައީ...އަހަރެން މިހާރު މިހުންނަނީ ވަރަށް އުފަލުން....ނިކް ބައްޕަގޮވައިގެން އަންނަލެއް ލަސްވެފަ މިހާރުވެސް މިހުރީ....އޭރުން މައީ ހުންނާނީ އަބަދުވެސް އަހަރެންގެ ގާތުގަ.." އައިކް އުފާވެލާފައި ބުންޏެވެ.

" ހޫމް...އަހަރެންގެ އިންތިޒާރުގެ ނިމުން އަންނާތީ އަހަރެންވެސް މިހުންނަނީ ވަރަށް އުފަލުން..."  އުފާވެރިކަން އަޑަށް ގެންނަމުން މާޔާ ބުނެލިއެވެ.

" ހަމަ މިސްވާވަރުން ލޮލަށް ނިދިވެސް ނާދޭ.....ހިތަށްއަރާ އަބަދުވެސް ގާތުގަ އޮވެވޭނެ ނަމައޭ....އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހު އިންތިޒާރު ކުރާކަށް ނުޖެހޭނެ...ބައްޕަމެން އަންނަހާ އަވަހަކަށް އަހަރެން ކައިވެނިކުރާނަން....އޭރުން އަބަދުވެސް މައީ ހުންނާނީ އަހަރެންގެ ގާތުގަ..." އައިކް އުފާވެލާފައި ބުންޏެވެ. ނަމަވެސް މާޔާ އިތުރު އެއްޗެއް ނުބުނެ ހިމޭނުން އޮތީ އައިކްގެ އެއުއްމީދުތައް ދުވަހަކުވެސް ފުރިހަމަ ނުވާނޭކަން އޭނާއަށް އެނގޭތީއެވެ.

" ހެލޯ...ނިދިއަންނަނީތަ ދޫނީ...ބަހެއްވެސް ނުބުނެ ތިއޮތީ..." މާޔާގެ އަޑެއް ނުއިވުމުން އައިކް އަހާލިއެވެ.

" ހޫމް...ނިދެނީ....ގުޑްނައިޓް ލޯބީ..." މާޔާ އަވަހަށް ބުނެލިއެވެ.

" ގުޑްނައިޓް ޕްރިންސެސް...ލަވް ޔޫ..." އައިކް ލޯތްބާއެކު ބުނެލިއެވެ.

*****

އިރުގެ ރަންދޯދިތަކުން ފަޒާ އަލިކުރަމުން އާދުވަހަކަށް ދުނިޔެ މަރުޚަބާ ކިޔައިފިއެވެ. ބަންދު ދުވަހެއް ނަމަވެސް އާނާ ފަތިހު ފަތިހާ ތެދުވެގެން ސައިހެދިއެވެ. އަދި އެހެންމީހުން ހޭލުމުގެކުރިން ގޭތެރެ ސާފުކުރުމަށް އުޅެގަތެވެ.

" އައްދޭ....ހާދަވަރެއް ދައްކާލާފަ ތިހުރީ.....ދޮންބެ އަންނަ ޚަބަރު ލިބުނީމަ ރޭގަނޑު ނުނިދާހުރެ ގެސާފުކުރަނީތަ؟...." ނާޒް ކޮޓަރިން ނުކުތް ވަގުތު އާނާ އަވަދިނެތި އުޅޭތަން ފެނުމުން ދިމާކޮށްލިއެވެ.

" އާނ...ތިހެން ބުނީމަ މިހަނދާންވީ...މިއަދު ޖެހޭނެއެއްނު ނިކްގެ ބައި ސާފުކުރަންދާންވެސް.....ނާޒް އަވަސްކޮށް ސައިބޮއެގެން ހިނގާދާން..." ކުއްލިއަކަށް ހަނދާންވެފައި އާނާ ބުނެލިއެވެ.

" ހޫމް ހޫމް...މެޑަމް އެގެޔަށްދާންވާއިރު އަވަހަށް ޕްރެކްޓިސް ފެށީދޯ...." އަނެއްކާވެސް ނާޒް ދިމާކުރަން ފެށިއެވެ.

" ނާޒް ކީކޭ ތިކިޔަނީ؟....ކާކު ކޮންތާކަށްދަނީ؟..." ކޮޓަރިން ނުކުތް ނީޒާއަށް ނާޒް ބުނިއެއްޗެއް އަޑުއިވިގެން ބުނެލިއެވެ.

" އެއީ...އެއީ މިއުޅެނީ ދޮންބެގެ ބައި ސާފުކުރަން ދާންވެގެން...އެވާހަކަ މިދައްކަނީ..." ނާޒް އަވަސް އަވަހަށް ބުނެލިއިރު، އާނާއަށް ވެފައިހުރިގޮތް ފެނިފައި ނާޒްގެ ގާތަށް ހިނިވެސް އައެވެ.

" އާނ....މަންމަވެސް ތިކުދިންނާއެކު ދާނަން.....ތަންކޮޅެއް އަވަސްވާނެއްނު އޭރުން..." ނީޒާ އެހެންބުނުމުން ނާޒްއާ އާނާ އެކަކު އަނެކަކަށް ބަލާލީ ހައިރާންވީ ވަރުންނެވެ. ނާޒް ހަނދާން ހުންނަން ފެށީއްސުރެ އަދި އެންމެ ފަހަރަކުވެސް ނީޒާ ނިޔާޒްގެ ގެޔަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް މިއަދު ދާން ބުނުމުން ވާނީވެސް އެހެންނޫން ހެއްޔެވެ؟

އައިކްއަށް ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން ބާލީސްދަށުން ފޯނުނެގުމަށްފަހު އޭނާގަޑިބަލާލިއެވެ.

" ސުބުޙާނަﷲ....މިހާރު ބާރަވެސް ޖެހީތަ؟..." އެހާގިނައިރު ނިދުނީތީ ހައިރާންވެފައި އައިކްއަށް ބުނެވުނެވެ. މިހުރިހާއިރު ވީއިރު މާޔާގެ ޚަބަރެއްނުވީތީ ހައިރާންކަންމަތިގައިހުރެ އައިކް ފާޚާނާއަށްވަދެ ފެންވަރައިގެން މިސްކިޔަށް ދިއުމަށް އަވަސްވެގަތެވެ.

ހުކުރުން ފައިބައިގެން ނަވާޒް އައިގޮތަށްވަނީ ނީޒާގެ ބަޔަށެވެ. ފަހަކަށް އައިސް ކޮންމެ ހުކުރު ދުވަހަކުވެސް މެންދުރުގެ ކެއުން ކަނީ އާއިލާ އެންމެން އެކީގައެވެ. އެކަމުގެ ސަބަބުން އާއިލާގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ.

" ދަރިފުޅާ އާނާ....ފިޒާއާ އަޒަންވެސް ވަރަށް އަވަހަށް އަންނާނެ....އަޒަންގެ ނަތީޖާ ލިބޭންދެން އެމަޑުކުރީ....އެކުދިން ވަރަށް އުފާވާނެ އިތުރު ދައްތައެއް ލިބުނީމަ..." ނަވާޒް އުފާވެލާފައި ބުނުމުން އާނާވެސް ހިނިތުން ވެލިއެވެ. އެހެން މީހުންގެ މޫނުމަތިންވެސް އުފާވެރިކަން ހާމަވަމުން ދިޔައެވެ.

" އެކަމު ދޮންބޭ...ކުއްލިއަކަށް ކިހިނެއް އެކުދިންގެ ކުރިމަތީގަ ހަޤީޤަތް ހާމަކުރާނީ....އެކުދިންނަށް ކިހާ އުނދަގޫވާނެ ބަލައިގަންނަން...." ނީޒާ ކަންބޮޑުވެލާފައި އަހާލިއެވެ.

" ނޫނޭ ނީޒާ....އަހަރެން ހުއްޓާ ތިކަމާ ހާސްނުވޭ.....އަހަރެން އެކުދިންނަށް ވިސްނަދޭނަން....އިރާދަކުރެއްވިއްޔާ މާބޮޑު އުނދަގުލަކާ ނުލާ އެކުދިންވެސް ހަޤީޤަތް ގަބޫލުކުރާނެ.." ވަރަށް އުއްމީދާއެކު ފަރުޒާނާ ބުންޏެވެ.

" އާނ...އެއީ ހަމަ އެކުދިންގެ މަންމަ ކަހަލަ ވިސްނޭ ކުދިބައެއް....ޒާނާފަދަ އަންބަކު ލިބުނުކަން އެއީ އަހަރެންނަށް ލިބުނު ހެޔޮނަސީބެއް..." ނަވާޒް އެންމެންގެ ކުރިމަތީގައި ފަރުޒާނާއަށް ތަޢުރީފުކޮށްލުމުން އޭނާ ރަކިވާގޮތްވިއެވެ.

******

މާޔާއަށް ގުޅަން އުޅެ އުޅެ އައިޒް ބޯހާސްވީއިރުވެސް މާޔާއަށް ގުޅޭގޮތެއް ނުވިއެވެ. މިހުރިހާއިރު މާޔާގެ ފޯނު ނިވާލާފައި އޮތުމަކީ ނާދިރުކަމެވެ. އެހެންކަމުން އައިކް މާޔާއާ ބައްދަލުކުރުމަށް އެގެއަށް ދިޔައެވެ. މާޔާގެ އެޕާރޓްމެންޓަށް ވަނުމަށްޓަކައި އޭނާގެ ވޮލެޓުން ކީކާޑު ނަގަންބެލިއިރު ވޮލެޓްގައި ކީކާޑެއްނެތެވެ.

" އަނެއްކާ ކާޑުލެވުނީ ކޮންތާކަށްތަ؟....." އައިކް ވިސްނުމެއްގައި ހުރެ ތިރިޔަށް ފޭބިއެވެ. އަނެއްކާ އިރުކޮޅަކަށް އޭނާ ލިފްޓަށްވަދެ އަޒީޒްގެ ބަޔަށް ދިޔައެވެ. ބެލްއަޅާލިތާ އިރުކޮޅެއްފަހުން އަޒީޒް ދޮރުހުޅުވިއެވެ. އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނަމުން ދިޔައިރު، ސޯފާގައި އިންމަދީހާ ގިސްލާރޮމުން ދިޔައެވެ. ކަމެއް ގޯސްވެއްޖެކަން އެވަގުތު އައިކްގެ ހިތް ބުންޏެވެ.

" މާޔާ އެބައުޅޭތަ؟.." ޖެހިލުންވެހުރެ އައިކް އަހާލިއެވެ.

" ކީއްކުރަން މާޔާ ހޯދަނީ؟....ކަލެއަށް އަދިވެސް އަހަރެންގެ ދަރިފުޅަށް ކުރެވުނުވަރު ކުޑައީތަ؟....އިތުރަށް ކޮންކަމެއްތަ ކުރަންއޮތީ؟....ކޮންބޭނުމެއްތަ ނުފުދިއޮތީ؟..." އަޑަށްބާރުލަމުން ނުރުހުންވެފައި އަޒީޒް ކުރަންފެށި ސުވާލުތަކުން އައިކްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

" އަންކަލް...ކިހިނެއްތޯވީ؟...އަޅުގަނޑު ކީއްތޯކުރީ؟...ނިކަން ސާފުކޮށް ބުނެދެއްވަ ބައްލަވާ!..." އައިކް އަދަބުވެރިކަމާއެކު އަޒީޒްއާ ސުވާލު ކުރިއެވެ.

" ކޮންމެހެން މާ މާތް މީހަކަށް ހެދެން އުޅޭނެކަމެއްނެތް....އަދިވެސް ކަލޭ ހިތްފުރޭވަރު ނުވަނީތަ؟ އަހަރެން ހިޔެއްނުކުރަން ކަލޭތީ ތިހާ ގޮތްކުޑަމީހަކަށް ވެދާނެކަމަކަށް....ނާއިކްގެ ތައްޕާހުގާ އުޅެމުން އޭނާގެ ހައްޤަކަށް ކަލޭތި އަރައިގަތީ...އަހަރެންގެ ދަރިފުޅުގެ އިއްޒަތް ވެއްޔާ މޮޑެލިއިރު އެއްޗެއް ހިތަށްނާރާދޯ.." އަޒީޒްގެ ހިތަށް ކުރި އަސަރުން އޭނާގެ އަޑުބެދޭގޮތްވިއެވެ.

" އެކަމަކު އަޅުގަނޑަށް ނޭނގުނު އަންކަލް ތިދައްކަވާ ވާހަކައެއް....އަޅުގަނޑަށް ކުރެވުނުކަމެއްވެސް އެނގޭނީ ސާފުކޮށް ބުނުއްވީމަ ނޫންތޯ..." އައިކް ދެރަވެލާފައި ބުނީ އޭނާއަށް ވާނުވާ އޮޅުން ނުފިލުމުންނެވެ.

"ނޭނގޭކަމަށް ހެދުމުގެ މާނައެއްނެތް....ބުނަން ރަނގަޅު ވާހަކައެއް...އިތުރަށް އަހަރެންގެ ދަރިފުޅު ހޯދަން މަސައްކަތް ނުކުރޭ! އަދި މީގެފަހުން މިގެޔަށްވެސް ނާންނާތި.....އެހެންނޫނީ ކަލޭގެ ކަންތައް ޕޮލިހާ ހަމައަށް ގެންދާނަން..." އަޒީޒް އިންޒާރެއް ދިނުމަށްފަހު ބަންލާފައި ދޮރުޖެހުމުން ހައިރާންވެ ގަނޑުއަރާފައި އައިކްއަށް ހުރެވުނެވެ. އޭނާ ވިސްނާ ވިސްނާވެސް މިވީގޮތެއް ނޭނގުނެވެ. ކުއްލިއަކަށް މާޔާ ގެއްލެން ޖެހުނު ގޮތަކާއި  އަޒީޒް އޭނާދެކެ އެހާ ރުޅިއެއް އަންނަންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އަޒީޒް ދެއްކި ވާހަކަތައްވެސް އޭނާއަކަށް ދޭހައެއް ނުވިއެވެ. އައިކް ގެޔާ ދިމާއަށް މިސްރާބުޖެހިއިރު، ސުވާލުތަކުން އޭނާގެ ސިކުނޑި ފުރެމުން ދިޔައެވެ.

******

ރޭގަނޑުގެ ވަގުތެވެ. އައިކް އަދިވެސް މަސައްކަތް ކުރަމުން ދިޔައީ މާޔާގެ ޚަބަރެއް ވޭތޯއެވެ. ފޭސްބުކުންނާއި ވައިބަރއިންވެސް އެތައް މެސެޖެއް ކުރެވިއްޖެއެވެ. އީމެއިލްވެސް ކުރެވިއްޖެއެވެ. މާޔާއަށް މެސެޖް ކުރެވޭނެ ނަމަ ކުރެވޭނެހައި އެޕްލިކޭޝަން ތަކެއްގެ ބޭނުން ކުރެވިއްޖެއެވެ. ނަމަވެސް މާޔާ އެއްވެސް ޚަބަރެއް ނުވިއެވެ. އެގޮތުގައި ވަގުތުތައް ދިޔަ ވަރަކަށް އައިކްގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެންމެފަހުން ކެތްނުވެގެން އަނެއްކާވެސް މާޔާގެ ގެޔަށްދިޔައެވެ. މިފަހަރުވެސް އަޒީޒްގެ ފަރާތުން އޭނާއަށް ފެނުނީ ރުޅިވެރިކަމެވެ. އޭނާ އެގެއަށް ނައުމަށްއެދި ކުރިޔަށްވުރެވެސް ވަރުގަދަ އިންޒާރެއް ދިނެވެ. ނަމަވެސް އަދިވެސް ވެގެން އުޅޭގޮތެއް އައިކްއަށް ސާފުވާގޮތެއް ނުވެއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް މާޔާގެ ކުޑަނަމަވެސް ޚަބަރެއްނުވިއެވެ. މިހާރު އައިކްހުރީ ހަދާނެގޮތް ހުސްވެ މޮޔަވާން ގާތްވެފައެވެ. އޮފީހުގައިވެސް ހަމަޖެހިގެން އެއްވެސް މަސައްކަތެއް ނުކުރެވެ. މާޔާގެ ހަނދާނުގައި ފޯނަށް ބަލަހައްޓައިގެންވެސް އެތައް ވަގުތެއް އޭނާ ހޭދަކުރެއެވެ. އޭނާގެ ބަދަލުވެފައިވާ މިޒާޖް އޮފީހުގެ އެހެންމީހުންނަށްވެސް ފާހަގަވާން ފެށިއެވެ. ކަންކަމާއި އަވަސް އަވަހަށް ރުޅިއަންނަންވެސް ފެށިއެވެ. އެއީ ކުރިން އައިކްގެ ކިބައިން ދުވަހަކުވެސް ފެނުނުކަމެއްނޫނެވެ. އައިކްގެ މިޒާޖަށް އައިސްފައިވާ ބޮޑުބަދަލުގެ ސަބަބުން އާނާވެސް ކަންބޮޑުވިއެވެ. އެހެންކަމުން އެވާހަކަ ނާއިކްއާވެސް ހިއްސާކުރިއެވެ.

އަޒީޒްގެ އިންޒާރަށް ބިރުން އެގެއަށް ނުދާންހުރެފައިވެސް ކެތްނުވެގެން އަނެއްކާވެސް އައިކް އެގެޔަށް ދިޔައެވެ. ނަމަވެސް މިފަހަރު އެގެއިން އޭނާއަށް އަޒީޒްއަކާ ބައްދަލެއްނުވިއެވެ. އެތައްއިރަކު ބެލްއެޅުމުންވެސް ހިލަމެއްވެސް ނުވިއެވެ. އެގޭގައި ކުއްޔަށް ހިފައިގެން އުޅޭ ބަޔަކުގާތު އެހުމުން އެނގުނީ، އަޒީޒުގެ މަންމަ ބަލިވެގެން އެމީހުންވެސް ރާއްޖެއިން ބޭރަށް ދިޔަކަމެވެ. މިވީގޮތުން އައިކްއަށް މާޔާގެ ޚަބަރެއް ވާނެ އެއްވެސް ގޮތެއް ނޭނގުނެވެ.

ރަނގަޅަށް ނުނިދި ނުކެވި، ބޭޤަރާރު ކަންމަތީގައި އައިކް ދުވަސްތައް ގުނަމުން ދަނިކޮށް ނާއިކްމެން އެނބުރި މާލެ އަތުވެއްޖެއެވެ. ނިޔާޒްއަށް އައިކް ފުރަތަމަ ފެނުމާއެކުވެސް ބަދަލެއް އައިސްފައިވާކަން އެނގުނެވެ. ނަމަވެސް ރަނގަޅު ވަގުތަކުން ނޫނީ ސުވާލު ނުކުރަން އޭނާ މަޑުކުރިއެވެ.

ނިޔާޒް މާލެ ގެނައުމުން އޭނާގެ ހާލުބެލުމަށްޓަކައި ނީޒާއާއި އޭނާގެ އާއިލާ އެގެއަށް ޖަމާވިއެވެ. ޒަމާން ތަކަކަށްފަހު އެގެއަށް ވަދެވުމުން ނަވާޒްއަށް ތަފާތު އަސަރެއްކުރިއެވެ. ނަވާޒް ފެނުމުން ނިޔާޒް ހައިރާންވީ ނަމަވެސް އެހާމެ އުފާވެސްވިއެވެ. ނީޒާގެ މޫނުމަތިން ނިޔާޒްއަށް ފެނުނު ހިތާމައިގެ އަސަރުން ނީޒާގެ ހިތުގައި ނިޔާޒްއަށްޓަކައިވީ ލޯބި ސާފުކޮށް އޭނާއަށް ފެނުނުފަދައެވެ.

" ނިޔާޒް....އަހަރެމެން ދެމީހުނަށްވެސް ވަރަށް ދުވަހު ރުޅިވެރިކަމުގަ އުޅެވިއްޖެ....ހަޤީޤަތު އަހަރެންގެ ހިތުގަ އެއްވެސް ރުޅިވެރިކަމެއް ނެތްތާ ދުވަސްތަކެއް ވެއްޖެ....ނަމަވެސް ގޮތްދޫނުކުރަންވެގެން އެގޮތުގާ ހުރެވުނީ....އަހަރެމެންނަކީ އިންސާނުން ކަމާ ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނުވަނީ....އެހެންނޫންނަމަ ރުޅިވެރިކަން ބާއްވަންވީ ސަބަބެއް މިހާރަކުނެތް...ފަހަރެއްގަ ހީވެދާނެ ނިޔާޒްއަށް މިފަދަ ހާލެއް ޖެހުނީ ހަމްދަރުދީވެގެން އައީކަމަށް...ހަޤީޤަތަކީ އަހަރެންނަށް ވިސްނުނީ އަދި ކިރިޔާކަން....މިގުޅުން އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ކެނޑިގެން ނުދާނެ..." ނިޔާޒްގެ އަތުގައި ހިފައިގެން އިނދެ ޔަޤީންކަމާއެކު ނަވާޒް ބުންޏެވެ.

" އިންޝާ ﷲ....އަހަރެންވެސް އެދެނީ ތިގޮތް..." ނިޔާޒްވެސް އުފަލާއެކު ބުނެލިއެވެ. ނަވާޒްއާއި ނިޔާޒްގެ އިތުރުން ނީޒާވެސް ނިޔާޒްއާ ވާހަކަދެއްކިއެވެ. އެދެމީހުން އެކަނި ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ދީފައި އެހެންމީހުން ނުކުތުމުން ނީޒާ ލަދުގަންނަ ގޮތްވިއެވެ.

" ވަރަށް ދެރަވިތަ އަހަރެންނަށް މިހެންވީމަ؟..." ނީޒާ ދެރަވާނެކަން އެނގޭއިރުވެސް ނިޔާޒް އަހާލިއެވެ.

" ދެން ތިހެން އަހާއިރުވެސް އެނގެއެއްނު ދެރަވާނެކަން...." ނީޒާ އިސްޖަހާލަމުން ބުންޏެވެ.

" އޭގެ މާނައަކީ އަދިވެސް ލޯބިވެޔޭދޯ..." ނިޔާޒް އަނެއްކާވެސް އަހާލިއެވެ.

" ހޫމް...ލޯބިވޭ..." ނީޒާ ޖެހިލުމެއްނެތި ބުނެލިއެވެ.

" އެހެންތަ؟...އަހަރެންވެސް ވަރަށް ލޯބިވޭ..." ނީޒާގެ އަތުގައި ފިރުމާލަމުން ނިޔާޒް ބުނެލިއެވެ.

" ނިޔާޒް...އަލުން އަހަރެންނާ ކައިވެނިކުރަންވީނު؟...އަހަރެން ބޭނުމީ އުމުރުގެ ބާކީ އޮތްބައި ނިޔާޒްއާއެކު ހޭދަކުރަން..." ނީޒާ އަސަރާއެކު ބުނެލި ޖުމްލައިން ނިޔާޒްއަށް ބަލާލެވުނީ ހައިރާންވެފައެވެ.

" އެކަމު ނީޒާ...އަހަރެން ކިހިނެއް....އެނގެއެއްނު އަހަރެން މިއޮތްހާލު....އަހަރެންނަކީ މިހާރު ނުކުޅެދޭމީހެއް....ނީޒާއަށް އިތުރު ބުރައެއް ޖެހޭނީ އަހަރެންގެ ސަބަބުން..." ނިޔާޒް ދެރަވެލާފައި ބުންޏެވެ.

" ނޫން...ތިހެން ހީނުކުރޭ!...އިރާދަކުރެއްވިއްޔާ ނިޔާޒް އަދި ރަނގަޅުވާނެ...." ނީޒާ އުއްމީދާއެކު ބުންޏެވެ.

" ރަނގަޅު ނުވިއްޔާއޯ....އަހަރެން އަބަދު މިގޮތުގަ އޮންނަން ޖެހުނިއްޔާ ކީއްކުރާނީ؟..." ނިޔާޒް އަހާލިއެވެ.

" މައްސަލައެއްނެތް....މުޅިއުމުރަށްވެސް ޚިދުމަތްކުރަން ހުންނާނަން...ނިޔާޒް އަހަރެން އަބަދުވެސް ނިޔާޒްދެކެ ލޯބިވާނަން...." ނީޒާ ޔަޤީންކަން ދިނެވެ. އެހެންކަމުން ނިޔާޒްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތްވެސް އެދެނީ މުޅި އުމުރު ނީޒާއާއެކީ ވުމަށެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައިކްގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އޮފީހުގައި ރަނގަޅަށް މަސައްކަތް ނުކުރާ ތާނގައި ގޭގައިވެސް ވަގުތު ހޭދަކުރުން މަދުވިއެވެ. އޮފީސް ނިންމާފައި ލިބޭ ހުސްވަގުތުވެސް އޭނާ ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގެޔަށް އަތުވެއްޖެނަމަ ނިޔާޒްގެ ހާލު ބަލާލުމަށްފަހު އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއެވެ.

ނިޔާޒް ބަލިވީފަހުން ނާއިކްވެސް ގިނައިން އުޅެނީ ނިޔާޒްގެ ބައިގައެވެ. އެހެންކަމުން އައިކް އުޅޭ ނޫޅޭގޮތް އޭނާއަށް ވަރަށް ރަނގަޅަށް ފެނެއެވެ. ނާއިކްއަށްވެސް އެކަމާއި ވިސްނެމުން ދިޔައެވެ. އައިކްއާއި ވާހަކަދައްކާނެ ރަނގަޅު ވަގުތަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ. އެގޮތުން އެއްރެއެއްގެ މެންދަމު ވަގުތު އައިކް ބޭރުގައި އުޅެއުޅެފައި ގެޔަށް އައިއިރު ނާއިކް އިނީ އޭނާގެ އިންތިޒާރުގައެވެ.

" އައިކް އާދެބަލަ! މިތާ އިށީންނަން" ނާއިކް ފެނުމުންވެސް އައިކް އަޅާނުލައި ދާންފެށުމުން ނާއިކް ގޮވާލިއެވެ. އައިކް އެނބުރިއައިސް ނާއިކްގެ ގާތުގައި އިށީނެވެ.

" އައިކް ބަލީތަ؟..." ނާއިކްއަށްވެސް ޝައްކުވެގެން އެހިއެވެ. އާނާގެ ފަރާތުންވެސް އައިކްގެ މިޒާޖަށް އައިސްގެން އުޅޭބަދަލު އޭނާއަށްވަނީ އެނގިފައެވެ. އަދި މިހާރަކަށް އައިސް މާޔާ ނުފެންނަ ވާހަކަވެސް އާނާއޮތީ ބުނެފައެވެ.

" ނޫން ބަލީކީ ނޫން....ތަންކޮޅެއް ބުރައީ..." އައިކް ބަހަނާއެއް ދައްކާލިއެވެ.

" ހާދަ ހީނުވެޔޭ ތިއީ ތެދެއްހެން....އަނެއްކާ މާޔާއާ މައްސަލައެއް ޖެހުނީތަ؟...މިހާރަކަށް އައިސް މާޔާ ނުފެންނަ ވާހަކަ އާނާބުނި...އެހެންވެ މިހެން މިއަހާލީ..." ނާއިކް އޭނާއަށް އެނގިފައިވާ އެއްޗެއް ބުނެލިއެވެ.

" އައިކް....އަހަރެންނަކީ ދުރުމީހެއްކަމުގާ ނުދެކި ވެގެން އުޅޭގޮތެއް ބުނެބަލަ!...އޭރުންދޯ އަހަރެންނަށްވެސް އެހީއެއް ވެދެވޭނީ..." އައިކްގެ ކޮނޑުގައި އަތްބާއްވާލަމުން ވަރަށް ގާތްގޮތަކަށް ނާއިކް އަހާލިއެވެ. އެވަގުތު އައިކް އިސްއުފުލާ ބަލާލިއިރު އެދެލޯވަނީ ފެންކަޅިވެފައެވެ.

" އައިކް....ކިހިނެއްތަވީ؟...ކޮންކަމެއްތަ ގޯސްވީ..." ކަންބޮޑުވެފައި ނާއިކް އަހާލިއެވެ.

" އަޅުގަނޑަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއްވެސް....އަޅުގަނޑު..."

" އޯހ ޕްލީޒް...ތިއަޅުގަނޑު ކިޔުން ދޫކޮށްލާފަ ނިކަން ހަމަޖެހިގެން، އަހަރެންމީ އެކުވެރިއްކަމުގަ ދެކިގެން ތިވާހަކަ ބުނެބަލަ!.." އައިކްގެ ވާހަކަ މެދުކަނޑާލަމުން ނާއިކް ބުންޏެވެ.

" ނިކް...މާޔާ އަހަރެންދޫކޮށް ހިނގައްޖެ....އަހަރެންނަކަށް ނޭނގެ ސަބަބެއްވެސް..." ކުރެހިފައިވާ އަޑަކުން އައިކްއަށް ބުނެވުނެވެ.

" ކީކޭ؟...ދިޔައްޔޭ...އައިކްއާ ގުޅުން ކަނޑާލީތަ؟...އެކަމަކު ކީއްވެ؟..." ހައިރާންވެފައި ނާއިކްއަށް އަހާލެވުނެވެ.

" ނޭނގެ....ހަމައެކަނި ގުޅުން ކަނޑާލީކީނޫން...ފިލައިގެން ދިޔައީ...ނޭނގެ ދިޔަ ތަނެއްވެސް..." އައިކްއަށް އެހެން ބުނެވުނުއިރު، އޭނާގެ ލޮލުން ކަރުނަ އާދެއެވެ.

" ރަނގަޅަށް ކިޔާދީބަލަ!...ކިހިނެއްތަވީ؟.." ނާއިކް އަނެއްކާވެސް އަހާލިއެވެ. އައިކް ހިތްވަރުކޮށްފައި ކަންތައްވީގޮތް ކިޔައިދިނެވެ. އައިކްގެ ވާހަކަތައް އަޑުއަހާފައި ނާއިކްގެ ހައިރާންކަން އިތުރުވިއެވެ. އައިކްއާއި ނާއިކް ސިޓިންރޫމުގައި ތިބެގެން ދެއްކި ވާހަކަތައް ނިޔާޒްއަށް ރަނގަޅަށް އިވުނެވެ. އެހެންކަމުން މާޔާގެ ހަޤީޤަތް ހުރިހާ އެންމެންނަށް ކިޔައިދިނުމަށް އޭނާ ނިންމިއެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލުތައް

×

ޔާނީ | 31 އޮކްޓޯބަރ 2017 - 10:01

ޔޭ ބަލަބަލައި އިންދާ އަޕްވީ. ވަރަށް ވަރަށްބޮޑަށް ޝުކުރިއްޔާ ޝައިން. ވަރަށް ވަރަށް ރީތި މިބައި ވެސް. އަނެއް ބަޔަށް ވަރަށް އިންތިޒާރުކުރެވޭ

ކަނބުލޮ | 31 އޮކްޓޯބަރ 2017 - 10:42

ހިތައްއަރާ އަދި ކިތަކަށް ހާދިސާ ހީވެސ

ޙައިރާން | 31 އޮކްޓޯބަރ 2017 - 11:15

މާޔާ ކަންތައް އަވަހަށް ފަޅާއަރުވާލަ..ވަރަށް ރީތި މިބާވެސް..އަނެއްބަޔަށް އިންތިޒާރު ކުރަނީ.

ފާތުން | 31 އޮކްޓޯބަރ 2017 - 13:00

މިބައި އެހާ ރީއްޗެއްނޫން. ނާއިކްއާއި އާނާގެ ތަންކޮޅެއްނެތް

ފާތުން | 31 އޮކްޓޯބަރ 2017 - 13:02

މިހާރު ވާހަކަ ގެނެސްދޭލެއް ރަގަޅު. ދެދުވަހުން އެއްދުވަހު އަބަދުވެސް މިގޮތަށް ވާހަކަ ގެނެސްދޭންވީ އިގޭ

💖💖💖 | 2 ނޮވެންބަރ 2017 - 08:39

Avasss nerey vaahaka vvv rythi

ޙައިރާން | 2 ނޮވެންބަރ 2017 - 21:24

ޙާދަލަހޭ އަޕް ވަާލެއް

ހިޔާލު | 3 ނޮވެންބަރ 2017 - 08:53

ކޮންމެދުވަހަކު މި ސައިޓު ބެލޭވަރެއްވެސް ނޭންގޭ... މި ވާހަކައިގެ އާ ބައެއް ނުކުމޭތޯ. .. އަވަހައް ގެނެސްދީބަލަ

އަލީ | 3 ނޮވެންބަރ 2017 - 10:30

ހާދަ ލަހޭ އަޕްޑޭޓްވާލެއް.

ޙައިރާން | 3 ނޮވެންބަރ 2017 - 22:43

ސައިން ކޮބައި ވާހަކަ.ހާދާލަހޭ

ޢިބްސާ | 4 ނޮވެންބަރ 2017 - 21:22

ކޮބައި ވާހަކަ..ހާދަލަހޭ

އަލީ | 5 ނޮވެންބަރ 2017 - 01:26

ކޮބާތަ ހާދަ ލަހޭ އަޕްޑޭޓް ވާލެއް. ވަރަށް އެބަ ސައިޓް ބަލާލެވޭ މި ދުވަސްކޮޅު.

haސަން | 5 ނޮވެންބަރ 2017 - 08:24

ހާދަ ލަހޭ އަޕްޑޭޓުވާލެއް... ތިހެން ނުހަދާ

ޓްރެންޑިން