Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ބޮސް ( ފަހުބައި )

7 ނޮވެންބަރ 2017 - 18:00

ޝައިން

ދުވާލުގެ ހަލަބޮލިކަން ކެނޑި ހަމަހިމޭން ފިނި ރެއަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ނާއިކްއާއި އާނާގެ ކައިވެނި ހަފްލާއަށްޓަކައި ރަންގަލީގެ ރީތި ގޮނޑުދޮށް ވަރަށްފުރިހަމައަށް ޒީނަޒްތެރި ކުރެވިފައި ވެއެވެ. ދުރުދުރަށްދާންދެން ފެތުރިފައިވާ ސާފުހުދު ދޮންވެލިގަނޑުގެ ސަބަބުން ހިތްތަކަށް އުފާވެރިކަން ގެނުވަމުންދިޔައެވެ. ގުދުރަތީ ސާފުވަޔާއި ރާޅުގެ ހިތްގައިމު މިއުޒިކުން ތަކުގެ ފުރިހަމަކަން އިތުރުކޮށްދީފައިވެއެވެ. އާނާއާއި ނާއިކް އެމީހުނަށްޓަކައި ޚާއްސަކުރެވިފައިވާ މަސަންދުގައި އިށީނދެލައިގެން ތިބިއިރު، ގުދުރަތީ މަލުގެ ހިތްގައިމުވަހުން އެމީހުންގެ ހިއްސުތަކަށް ދިރުން ގެނުވިއެވެ. މަސަންދުގެ ވަށައިގެން ރަތްކުލައިގެ ފިނިފެންމަލުގެ ދޫލައެއް އަޅާފައިވީއިރު ތަފާތުވައްތަރުގެ މާމެލާއިމެއްޔާއި އުއްބައްތީގެ ހިތްގައިމު އަލިން ތަންވަނީ ޖަރީކުރެވިފައެވެ.

ކައިވެންޏަށް ހާޒިރުވި ކޮންމެ މެހެމާނެއްގެ މޫނުމަތިންވެސް ހައިރާންކަމާއި އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ފަހަރަކު ބަޔަކު އައިސް ނާއިކްމެންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އާއިލާމީހުންގެ އިތުރުން ނަވާޒްގެ އޮފީހުގެ މުއައްޒަފުންނާއި ނާއިކްގެ އޮފީހުގެ ހުރިހާ މުއައްޒަފުންވެސް ބައިވެރިވިއެވެ. އޭގެ އިތުރުން ނަވާޒްއާއި ނިޔާޒްގެ ދުވަސްވީ ރަހުމަތްތެރިންނާއި ކަމުވޮށިގެންވާ ވިޔަފާރިވެރިންވެސް ހަފްލާގައި ބައިވެރިވިއެވެ. އާނާ އެންމެ އުފާވީ އަފްރީންއާއި އޭނާގެ އާއިލާވެސް އެހަފްލާއަށް އައުމުންނެވެ. އަފްރީންގެ މަންމަ އައިޝާއަށް އާނާ ފެނުމުން ވަރަށް އުފާވިއެވެ. އަފްރީންގެ ފަރާތުން ސަނާގެ ހަޤީޤަތް އެނގިފައިވީތީ އޭނާ ސަނާއާބެހޭ އެއްވެސް ސުވާލެއް ނުކުރެއެވެ. އަނަސް ހަފްލާއަށް އައި ނަމަވެސް އޭނާހުރީ ވަރަށް މަޑުންނެވެ.

" ވާއު....ހާދަރީއްޗޭ މިތަން......" ވަށައިގެން ނަޒަރު ހިންގާލަމުން އާނާ ބުނެލިއެވެ.

"މިތަނަށްވުރެ އަހަރެންގެ ލޯބިލޯބި ވައިފްގެ ރީތިކަން އެތައް ގުނައަކަށް އިތުރު...އަހަރެން ހަމަ ރަނގަޅަށްވެސް މިރޭ މޮޔަވާނެ..." އާނާއާ ގާތްވެލަމުން ނާއިކް ސަމާސާކޮށްލި ގޮތުން އާނާ ރަކިވިއެވެ.

" ދެން ނިކް...އަހަރެން މިބުނީ މިތަން ރީތި ވާހަކަ.. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މިހާރީތިތަނެއްގަ އަހަރެންގެ ކައިވެނީގެ ހަފްލާބޭއްވިދާނެ ކަމަކަށް..." އާނާ ސީރިއަސްވެލާފައި ބުނެލިއެވެ.

 " އަދި މިރޭ ކުރިޔަށް އޮތްތާނގަ ހީނުކުރާ ކިތަންމެ ކަމެއްވާނެ....އެކަމަށްވެސް ތައްޔާރުވެގެން ހުންނަށްޗޭ!" އާނާއާ ދިމާއަށް ބަލާލާފައި ލާނެއްގޮތަކަށް ހީލަމުން ނާއިކް ބުންޏެވެ. ނާއިކް ބުނި އެއްޗެއްގެ މާނަ އެނގުނު ނަމަވެސް އާނާ އެނގޭކަމަށް ނުހަދާ އަނެއްކާވެސް ތަނުގެ ރީތި ވާހަކަ ފެށިއެވެ.

"މިއީ އަހަރެންވެސް ހީކުރިގޮތެއްނޫން....ބޮޑުބޭބެ އަހަރެމެންނަށް ދިން ސަޕްރައިޒެއްނުމީ...." އާނާގެ އަތުގައި ހިފާލަމުން ހިނިތުންވެފައި ނާއިކް ބުންޏެވެ.

" ހޫމް....ބައްޕަ ވަރަށް ސުވާލުކުރި ކޮންތާކުތޯ ހަފްލާ ބާއްވަން ބޭނުންވަނީ....އަހަރެންބުނީ ނިކްއަށް ކަމުދާތަނެއްގައޭ ބާއްވާނީ.....އެކަމު ނިކްއަށްވެސް އަންގާނުލާ ހުރިހާކަމެއްކުރީދޯ....އެކަމު ހާދަ ޚަރަދެކޭ މިވެސް..." އާނާ ވިސްނާލަމުން ބުނެލިއެވެ.

" ކިތަންމެ ބޮޑު ޚަދަރެއްކުރި ނަމަވެސް އާނާގެ މަންމައަށް ލިބުނު ހިތާމަތައް ފޫނުބެއްދޭނެ....އެކަމު ބޮޑުބޭބެ ހިތަށް ކޮންމެވެސްވަރެއްގެ ލުއިކަމެއް ލިބޭނެއްނު....މިހާރު ބޮޑުބޭބެ ކިހާ އުފާވެރިފަ އެހުރީ....ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަން....އަހަރެން ބޭނުންވަނީ އަބަދުވެސް ތިގޮތުގަ އާނާ އުފަލުގަ ހުރުމަށް....އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެންގެ ސަބަބުން ކުޑަނަމަވެސް ހިތާމައެއް ތިހިތަކަށް ނުދޭނަން...." އާނާގެ އަތްތިލައިގައި ބޮސްދެމުން ނާއިކް ވައުދުވިއެވެ.

މޭޒުތަކުގައި ބައިބަޔަށް މީހުންތައް ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ނިޝާމްއާއި ނާޒްވެސް އެހެންމީހުންނާ ތަންކޮޅެއްދުރުގައި ހުރި މޭޒެއްގައި ތިބި މަންޒަރު އާނާއަށް ފެނުނެވެ. އާނާ ނާއިކްއަށް އެމަންޒަރު ދެއްކުމުން ނާއިކް ހިނިތުންވެލިއެވެ.

" ދެން އޮތީ ނާޒްގެ ކައިވެނިދޯ..." އާނާ ހީލާފައި އަހާލިއެވެ.

" ހޫމް...އެމީހުންގެ ކަންތައްވެސް ދެން ނިންމަންވީ....އެކަމު އައިކްއާމެދުވެސް ވަރަށް ވިސްނޭ....މާޔާގެ ސަބަބުން އައިކްގެ ހުރިހާ އުއްމީދެއް ފެނަށްވެގެން ދިޔައީ....މާޔާދެކެ އައިކް ހާދަލޯބިވިޔޭ....އެކަމު ކީއްކުރާނީ މާޔާއަށް އެވަރެއް ނުވިސްނުން.....ވެދާނެ އެޔަށްވުރެ ކަމުދާމީހަކު ފެނުނީމަ ދިޔައީކަމަށްވެސް.....އެކަމު އައިކް އެގޮތަށް ހުންނާނީ އަހަރެން ވަރަށް ކަންބޮޑުވޭ..." ނާއިކް އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

" ނިކް...އަހަރެން ހިތަށްއަރަނީ އައިކް ރީމާއާ ގުޅޭނެ ނަމަ ކިހާ ރަނގަޅުހޭ....ރީމާއަކީ ވަރަށް ރަނގަޅު ދީންވެރި ކުއްޖެއް....ޤުރުއާން ހިތުދަސްކޮށްގެންހުރި ހާފިޒާއެއް....އަނެއްކާ އެދެމީހުންނަކީ އެއްކޮށް ހައިސްކޫލުގަ އުޅުނު ދެމީހުންކަމަށްވަނީ....ހަމަގައިމުވެސް މާޔާއަށްވުރެ އެތައްގުނަ ރަނގަޅުވާނެ..." އާނާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

" އަހަރެންވެސް ތިހެން ހިތަށްއަރާ....އެކަމު ލޯތްބަކީވެސް ވަރަށް ފާޑެއްގެ އެއްޗެއް....ހިތްއެދޭ މީހަކުދެކެ ނޫނީ ލޯތްބެއްވެސް ނުވެވޭނެ....މާޔާގެ މަތިން ހަނދާން ނައްތާލަން އައިކް ވަގުތު ބޭނުންވާނެ...." ނާއިކް ސީރިއަސްކަމާއެކު ބުނެލިއެވެ.

ހަފްލާ ކުރިޔަށްދިޔައިރު، ނަވާޒްއާއި ނިޔާޒްއާއި ފަރުޒާނާތިބީ އެއްމޭޒުދޮށުގައެވެ. ފުރޮޅުލީ ގޮނޑީގެ އެހީގައި ނިޔާޒްއަށް އެއްތަނުން އަނެއްތަނަށް ދެވުނު ނަމަވެސް، ދަތުރެކޮށްފައި މިފަދަތާކަށް އަންނަން ޖެހުމުން އޭނާއަށްވަނީ ވަރުބަލިކަން އިހުސާސް ކުރަން ޖެހިފައެވެ. ނަމަވެސް އޭނާގެ ހިތަށް ލިބެމުންދިޔަ އުފާވެރިކަން ނުހަނު ބޮޑެވެ. ހީހީފައި އެމީހުން ވާހަކަދައްކަން ތިބިއިރު، އެދެމެދުގައި އިރެއްގައި ދުރުކަމެއް އޮތްހެންވެސް ހީނުވެއެވެ.

****

ކައިވެނީގެ ހަފްލާ ނިމުމުން އާނާއާއި ނާއިކް އެދެމަފިރިންނަށް ޚާއްސަކުރެވިފައިވާ މަންޒިލަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއެކު ނާއިކް އާނާ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އާނާވެސް ހިނިތުންވެލަމުން ނާއިކްގެ ކަރުގައި އަތްއަޅުވާލިއެވެ. ނާއިކް އާނާ ގެންގޮސް މަޑުމަޑުން އެނދުގައި ބޭންދިއެވެ.

" ނިކް....އަހަރެން ބޭނުން ނަމާދުކުރަން..." ނާއިކް ގާތްވެލުމާއެކު އާނާ ބުނެލިއެވެ.

" އޯހ...އަހަރެން ހަނދާންނެތުނީ....ދުޢާވެސް ދަސްކޮގެން މިހުރީ...." ނާއިކް އުފާވެލާފައި ބުންޏެވެ. އެއީ ކައިވެނީގެ ވާހަކަ ދެކެވުނު ދުވަހު ނާއިކްގެ ކިބައިން އާނާ އެދުނު އެދުމެކެވެ. އެހެންކަމުން ނާއިކް އާނާއަށްޓަކައި އެހުރިހާކަމެއްވެސް ދަސްކުރިއެވެ. އާނާ ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުތުމުން ނާއިކްވެސް އޭނާލައިގެންހުރި ކޯޓްބޭލުމަށްފަހު ގަމީހުގެ އަތްކުރި އޮޅާލަމުން ފާޚާނާއަށް ވަނެވެ. ނާއިކް ނުކުތުމުން، ދެމަފިރިން ނަމާދުކުރުމަށްފަހު އެރެއަށް ޚާއްސަވެގެންވާ ދުޢާވެސްކުރިއެވެ.

" އަދި އެބައޮތް އެއްޗެއް ދޭންވެފަ..." ނަމާދުކޮށް ނިމިގެން އާނާއާއެކު އައިސް އެނދުގައި އިށީންވަގުތު ނާއިކް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. އަދި އޭނާ ބޭލި ކޯޓްގެ ޖީބުން އެއްޗެއްނަގައި މުށަށްލައިގެން އައެވެ.

" ދައްކަބަލަ އަތް..." އާނާގެ ގާތުގައި އިށީއްނަމުން ނާއިކް ބުނެލިއެވެ. އާނާ އަތްދިއްކޮށްލުމުން ނާއިކް އޭނާގެ އަތުގައި އޮތް އަނގޮޓި އާނާގެ އިނގިލީގައި އަޅުވާލިއެވެ.

" މިއީ އަހަރެންގެ އަނގޮޓިތަ؟....ކޮންތާކުން ނިކްއަށް ލިބުނީ؟..." އާނާ ހައިރާންވެފައި އަހާލިއެވެ. އޭނާ އެއަނގޮޓި ގެއްލިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.

" ވަރަށް ކުރިން އެއްދުވަހު ހޮސްޕިޓަލް ތެރެއިން އާނާ އަތުން ވެއްޓުނީ....ފަހުން ދޭންކަމަށް ބޭއްވިގޮތަށް ހަނދާން ނެތުނީ..." ނާއިކް އޮޅުން ފިލުވައިދިނެވެ.

" ތޭންކްސް....ވަރަށް އުފާވެއްޖެ މިފެނުނީމަ...." އާނާ އުފާވެފައި ނާއިކްގެ ގައިގާ ބައްދާލިއެވެ.

" އަދި ތިވަރަކުން ނުފުދޭ....އަދިބޭނުން..." އާނާގެ ކަންފަތްދޮށުގައި ނާއިކް ސިއްރު ސިއްރުން ބުނެލިއެވެ. އަދި އާނާ ގަޔާ ދުރުކޮށްލަމުން އެރީތި ސިހުރެއްފަދަ ދެލޮލަށް ނާއިކް ބަލާލިއެވެ. އާނާގެ ލޮލުގެ ޖާދޫގައި ޖެހި ނާއިކް މަސްތުވާކަށް ގިނައިރުތަކެއް ނުނެގިއެވެ. ނާއިކް މަޑުމަޑުން ގުދުވެ އާނާގެ މަޑުތުންފަތުގައި ބޮސްދޭން ފެށިއެވެ. އެއާއެކު އާނާގެ ހުރިހާ ހިއްސެއް އެއްފަހަރާ އެކަމުގައި ބައިވެރިވިއެވެ. ދިގު އިންތިޒާރަކަށްފަހު ދެހިތުގެ ވިންދު އެކުވެއްޖެއެވެ.

****** ތިން އަހަރު ފަސް*****

ގޭގެ ޓެރަސްމަތީގައިހުރި ފުރޮޅުލީ ގޮނޑިއެއްގައި އިން މާޔާގެ ނަޒަރު ހުއްޓިފައިވަނީ ހުޅަނގުފަރާތަށް އޮއްސެމުންދިޔަ އިރާދިމާއަށެވެ. އިރުގެ އަލިކަން ކެނޑުމުން ދުނިޔެމައްޗަށް އަނދިރިކަން ފެތިރިގެންދާފަދައިން އޭނާގެ ޙަޔާތަށްވެސްވަނީ އަނދިރިކަން ވެރިވެފައެވެ. އޭނާގެ ހުރިހާ އުފާވެރިކަމެއްނެތިގޮސް މާޔޫސީކަން އޭނާގެ ހިތާއި ޒަމީރު ހިޞޯރުކޮށްފިއެވެ. ކުރިން ލިޕްސްޓިކްގެ ތަފާތު ކުލަތަކުން ފަވާލެވިފައި ހުންނަ އޭނާގެ ރީތިތުންފަތްވަނީ މިއަދު ކުރަކިވެ ކަޅުވެފައެވެ. އަބަދުހެން މޭކަޕްކޮށް އުޖާލާވެފައިހުންނަ އޭނާގެ ރީތިމޫނުގައި އެއްވެސް ކަހަލަ ދިރުމެއް މިއަދަކު ނުވެއެވެ. އެބޮޑާކަމާއި ފޮނިކަމުގައި ފަރިކޮށް އަރިއަރިއަށް ހިނގާއުޅުނު އޭނާގެ ދެފައިގައި މިއަދު އެއްވެސް ބާރެއްނެތެވެ. ތަފާތު އުސްފައިވާންތަކާއި ބޫޓުތަކުން ޒީނަތްތެރިކޮށްގެން އުޅުނު ދެފައިތިލައެއް މިއަދަކު ނެތެވެ. މުޅިއުމުރަށް އޭނާވަނީ އެނިއުމަތުން މަޙުރޫމު ވެފައެވެ. މާޔާގެ ލޮލުގެތެރޭގައި ގިނަވަމުން އައިކް ކަރުނައިގެ ތެރެއިން އޭނާގެ ހިތިމާތީ އޭނާއަށް ސިފަވަމުން ދިޔައެވެ.

އޭނާ އައިކްއާއ ފިލައިގެން އޮސްޓްރޭލިއާއަށް ދިޔައީ ވަރަށްވެސް ފޮނި އުއްމީދެއްގައެވެ. އައިކްއާއި ނުލައި އާދިރިއުޅުމެއް އުޅުމުގެ އުއްމީދުގައެވެ. އޭނާ ހީކުރިގޮތަށް ފުރިހަމައަށް ހުރިހާކަމެއްވެސް ވަމުންދިޔައެވެ. އޭނާދެކެ އިންތިއާއަށް ލޯބިވާ މަންމައާއި ބައްޕަ އޭނާއަށް އޮސްޓްރޭލިއާގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނެވެ. ވިސްނާ ފިކުރުކުރަން ޖެހޭނެ އެއްވެސްކަމެއް އޭނާގެ ނެތެވެ. އޭނާ ރަޙުމަތްތެރިންނާއެކު މަޖާކޮށް އުފާކުރިއެވެ. ހިތްއެދޭފަދަ ލޯބިވެރިއަކުވެސް ހޯދިއެވެ. އެއީ ރައުލް ނަމަކަށް ކިޔާ އޮސްޓްރޭލިއާ ޒުވާނެކެވެ. އެޒުވާނާއާ ކައިވެނިކޮށްގެން މާޔާ އޭނާ އުޅޭގެޔަށް ބަދަލުވިއެވެ.

ދުވަސްތަކެއްވާންދެން ވަރަށްވެސް އުފަލުގައި ދެމީހުން ދިރިއުޅުނެވެ. ނަމަވެސް އަހަރެއްވީއިރު ރައުލް މުޅިން ބަދަލުވިއެވެ. އޭނާ ވަޒީފާއަށް ދިއުންވެސް ހުއްޓާލިއެވެ. އޭނާގެ ކަމަކީ ރައްޓެހިންނާއެކު ބޭރުގައި ރާބޮއެ މަޖާކުރުމެވެ. މާޔާގެ ކުރިމަތީގައި ރާބޮއެ މަސްތުވެގެން އުޅެންފެށިއެވެ. ވަޒީފާއަކަށް ނުގޮސް މާޔާއަށް ލިބޭ އެއްޗަކުން އުޅެންފެށުމުން ދެކޮޅު ނުޖެހޭތަން އަންނަން ފެށިއެވެ. މާޔާ ބަލިވެއިންކަން އެނގުނީވެސް އެގޮތުގައި އުޅެނިކޮށެވެ. މާޔާ ބަލިވެއިންކަން އެނގުމުންވެސް އޭނާގެ އުޅުން ބަދަލެއްނުވިއެވެ. ދެމީހުންގެ މެދުގައި ދެބަސްވުން އުފެދި އަރާރުންވުން ގިނަވިއެވެ. ފަހުން ފަހުން އައިސް ރައުލް މާޔާއަށް އަނިޔާވެސް ކުރަންފެށިއެވެ.

" މައީ..ދެން ވަރިވާންވީނު....ތިވަރުން ކިނިނެއް އުޅޭނީ..." އެއްދުވަހަކު ލީޒާ ލަފާދިނެވެ.

" އޭނާ ބުނި ދުވަހަކުވެސް ވަރިއެއް ނުކުރާނަމޭ....ވަރިވާން އުޅުނަސް ނިމުނީއޭ....އޭނާ އަހަރެން ވަރަށް އިންޒާރުދޭ....ވަރިވިޔަސް މިތާ ނުވެސް އުޅެވޭނެ....އެކަމު މާލެދާކަށްވެސް ބޭނުމެއްނޫން....ދެން އަދި ކެތްކުރާނީދޯ..." މާޔާ ދެރަވެލާފައި ބުންޏެވެ.

އެގޮތުގައި އޭނާ ދުވަސްތަކަކު ކެތްކުރިއެވެ. ނަމަވެސް ރައުލްގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާ ދިއުމުން، އޭނާގެ ބަނޑަށް އަށްމަސް ވެފައިވަނިކޮށް އޭނާ ރައުލްގެ ގާތުން ވަރިވާން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބު ނުވާނޭކަން އެނގުމުން އޭނާ ގަސްތުކުރީ ރައުލްއާ ފިލައިގެން މާލެ އައުމަށެވެ. ނަމަވެސް އޭނާ ލީޒާއާއެކު އެއާޕޯރޓަށް ގޮސް ގޮސް ހުއްޓައި ރައުލް އައިސް އޭނާގެ މަގަށް ހުރަސް އެޅިއެވެ. އެންމެފަހުން އޭނާއަށް މަޖުބޫރުވީ ރައުލްގެ ކާރަށް އެރުމަށެވެ. މާޔާ ކާރަށް އެރުމުން ރައުލް ކާރު ދުއްވާލީ އޭގެ އެންމެ ބާރުމިނުގައެވެ. އޭނާގެ ހުރިހާ ރުޅިއެއް ކާރަށް ބޭލިފަދައެވެ. އިރުކޮޅެއްފަހުނ ރައުލް އޭނާގެ ކާރުގެ ދުވެލި މަޑުކުރަން އުޅުނު ނަމަވެސް އެކަން ވާގޮތްނުވީ ބްރޭކް ފެއިލް ވުމުންނެވެ. އެންމެފަހުން އޭނާއަށްވެސް ކާރު ކޮންޓްރޯލް ނުކުރެވި ކުރިމަތިން އައިކް ކާރެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. ކާރުގެ ބިއްލޫރިތައް ތެޅުނު އަޑާއި މާޔާގެ ހަޅޭކުގެ އަޑު ފަޒާގައި ގުގުމައިގެން ދިޔައެވެ. ދެން އޭނާ ހޭއެރިއިރު އޭނާގެ މުޅި ދިރިއުޅުންވަނީ ވީރާނާ ވެފައެވެ. އޭނާގެ ބަނޑުގައިވާ އެއްމާބަނޑު ދެބެއިންގެ ތެރެއިން އެއްކުއްޖަކު ނިޔާވިއިރު، ޚުދު އޭނާވަނީ މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވެފައެވެ. މާޔާގެ ފިރިމީހާވެސް އެހާދިސާގައި ނިޔާވިއެވެ.

އަޒީޒްމެންނަށް މާޔާގެ ޚަބަރު ލިބުމާއެކު މާޔާގެ ދެމައިން މާލެގެނައެވެ. ނަމަވެސް މާޔާއެކޭ މަރުވެފައިވާ މައްޔިތެކޭ ތަފާތެއްނެތެވެ. އޭނާގެ އުއްމީދުތައްވަނީ މަރުވެފައެވެ. މިހާރު އޭނާ ދުނިޔޭގައިވެސް ހުންނަނީ ހަމައެކަނި އޭނާގެ ދަރިފުޅަށްޓަކައެވެ. އޭނާ ގަބޫލުކުރި ގޮތުގައި އޭނާއަށް އެލިބުނީ އޭނާ ނިޔާޒްއަށް ދިން އަނިޔާގެ ބަދަލެވެ. އެހެން ހިތަށް އެރުމުން އޭނާ އެކަމާ ދެރަވެ ހިތާމަކުރިއެވެ. އޭނާއަށް ކުރެވުނު ފާފައަށް ތަޢުބާވުމަށްޓަކައި ނިޔާޒްއަށް ގުޅައިގެން ރޮއެފައި މާފަށް އެދުނެވެ. އަދި އޭނާގެ ހަޤީޤަތް އަޒީޒްމެންނަށްވެސް ހާމަކޮށް އެމީހުންގެ ކިބައިންވެސް މާފަށްއެދުނެވެ. އެދެމަފިރިން މާޔާއަށް މާފުކުރިއެވެ. ނަމަވެސް އެމީހުންގެ ދެއަހަރުގެ ދަރިފުޅު މާޒްއާއި މާޔާގެ ދަރިފުޅު މާއިން، މާޔާފަދަ ކުއްޖަކަށް ނުހެދުމަށް އަޒްމް ކަނޑައެޅިއެވެ. ޚުދު މާޔާވެސް ބޭނުންވަނީ އެގޮތެވެ.   

*****

ކައިވެނީގެ ހެދުމުގައި ފުރިހަމައަށް ތައްޔާރުވެގެން ހުރި ނާޒްގެ ރީތިކަމާއި ފުރިހަމަކަމަށްޓަކައި އެތައްބައެއްގެ ހިތް މިރޭ ފިދާވާނެކަން ގައިމެވެ. ނިޝާމްގެ ނަސީބާމެދު ބަޔަކު ހަސަދަވެރިވެދާނޭވެސް އޭނާގެ ހިތަށްއަރަމުން ދިޔައެވެ. އެހާވެސް މިރޭ ނާޒް ފުރިހަމައެވެ.

" ހާދަލޯތްބޭ....މިހާރުވެސް ކެތްވާވަރެއްނޫން..." ނާޒްގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ނިޝާމް ބުނެލިއެވެ.

" ހޫމް...އެނގެޔޭ ތިކަން...އެކަމު ހަފްލާ ނިމޭންދެން ކެތްކޮށްލާ!....މިހާރުދެން ނިމޭކަށްނު އެއުޅެނީ..." ނާޒްވެސް ދެރަނުވާންވެގެން ބުނެލިއެވެ.

ހަފްލާގެ ހިތްގައިމުކަމުގެ ތެރޭގައި ޖޯޑު ޖޯޑަށް ކެއުމަށް އިންސާފުކުރަމުން ދިޔައިރު ނާއިކްއާއި އާނާގެ އިތުރުން އަހުސަންއާއި ސާރާވެސް ކެއުމަން އިންސާފުކުރަމުން ދިޔައެވެ. އެމީހުނާއި މާދުރުނޫން ހިސާބެއްގައި އައިކްއާއި ރީމާވެސް ތިއްބެވެ. ރީމާއާއި އައިކްގެ މެދުގައި ރަހުމަތްތެރިކަން އުފެދުނުތާ ދެއަހަރުފަހުން އައިކް ރީމާއާ ގުޅެން ބޭނުންވީ ރީމާގެ ރަނގަޅުކަން އިހުސާސްވުމުންނެވެ.  މާޔާއަށްފަހު އޭނާގެ ހިތުގައި ޚާއްސަކަމެއް އުފެދުނު ހަމައެކަނި މީހަކީވެސް ރީމާއެވެ. އެހެންކަމުން މާޔާގެ މަތިން ހަނދާން ނައްތާލުމަށްފަހު، ރީމާއާއެކު އޭނާ އާ ޙަޔާތެއް ފެށީއެވެ. އައިކް ހީނުކުރާވަރަށް ލޯތްބާއި އަޅާލުން ރީމާގެ ފަރާތުންލިބުނެވެ. އެހެންކަމުން އިސާހިތަކު އޭނާގެ ހިތްވެސް ރީމާއަށް ލެނބިގެން ދިޔައެވެ. މިހާރު އޭނާގެ ހިތުން މާޔާގެ ނަން ފުހެވި ރީމާގެ ނަންވަނީ ރަންއަކުރުން ލިޔެވިފައެވެ. އެހިތުގައި މިހާރު މާޒީގެ އެއްވެސް ހިތި ހަނދާނެއް ނުވެއެވެ.

ނީޒާއާއި ނިޔާޒްއާއި ފަރުޒާނާއާއި ނަވާޒްގެ އިތުރުން ސަނާވެސް ބޮޑުމޭޒެއްގެ އެއްފަރާތުގައި ތިބިއިރު، މޭޒުގެ އަނެއްފަރާތުގައި ތިބީ ނިޝާމްގެ އާއިލާ މެމްބަރުންނެވެ. ސަނާ ކޯމާއިން ހޭއެރިތާ މިހާރު ދޮޅުއަހަރު ވެފައިވާއިރު، ނިޔާޒްވެސް އަސާގަނޑާއެކު އަމިއްލައަށް ހިނގާ ބިނގާވެ އުޅެވެއެވެ. ސަނާގެ ސިއްޚަތު ހަމައަކަށް އެޅުމުން، ފަރުޒާނާގެ ރުހުމާއެކު ނަވާޒްވަނީ އޭނާއާ ދެއަންބަށް ކައިވެނިކޮށްފައެވެ. އަދި ސަނާގެ ކިޑްނީވެސް ޓްރާންސްޕްލާންޓް ކުރެވިފައެވެ. އެހެންކަމުން މިހާރު ސަނާގެ ދިރިއުޅެމުން އަންނަނީ އެހެންމީހުން ފަދައިން އާދައިގެ ދިރިއުޅުމެކެވެ. ނަވާޒްގެ ފަރާތުން އިންތިހާއަށް ލޯތްބާއި އަޅާލުން ލިބެމުންދިޔައިރު، ފަރުޒާނާގެ ހެޔޮކަމުން ސަނާގެ ހިތްފުރެމުން ދެއެވެ. ނަވާޒް ދެއަނބިންނާމެދު ކަންތައްކުރަނީ ވަރަށްވެސް ހަމަހަމަ އުސޫލުންނެވެ. އެހެންކަމުން އެއާއިލާގެ ތެރޭގައި ލޯބިދިޔައީ އިތުރުވަމުންނެވެ.

" މިހާރު އާނާގެ މަންމަ މުޅިން ރަނގަޅުވެއްޖެ ދޯ؟..." ސަނާއާ ދިމާ ބަލާލަމުން ސާރާ އަހާލިއެވެ.

" އާނ...އެކަމު އަދިވެސް ގަވާއިދުން ބޭސްކާންޖެހޭ....ވަރަށް ސަމާލުވެގެން އުޅެންވެސް ޖެހެނީ.." އާނާ ބުނެލިއެވެ.

" ބޮޑުބެދައްތަ ވަރަށް ރަނގަޅު....އާނާގެ މަންމަގެ ހުރިހާކަމެއްވެސް ވަރަށް ރަނގަޅަށް ކޮށްދޭ....އެހެންވެ ކަންނޭނގެ އެހާ އަވަހަށް އެރަނގަޅުވީވެސް....." ނާއިކްވެސް އިތުރުކޮށްލިއެވެ.

" ކޮންމެއަކަށް ވަރަށް އުފާވެރި މަންޒަރެއް އެއީ އެހުރިހާ އެންމެން އެއްކޮށް ތިބޭތަން ފެނުމަކީ..." އަހުސަންވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.

" ކިހިނެއްވީ؟...އާނާ އަނެއްކާ ބަނޑުގަ ރިއްސަނީތަ؟..." އާނާ ނެގިމަޑުވެފައި އިންގޮތުން ޝައްކެއްވެގެން ސާރާ އަހާލިއެވެ.

" ހީވަނީ އެހެން....ނިކް އަސްލުވެސް ބަނޑުގަ ރިއްސައޭ އެބަ؟..." އާނާ ބިރުގެންފައި ބުންޏެވެ.

" އެހެންތަ؟...އެކަމު ވިހަންބުނީ އެއް ހަފްލާ ފަހުންނެއްނު...." ނާއިކް ކުޑަކޮށް ހާސްވެފައި ބުނެލިއެވެ.

" ނިކް...އެކަމު ބައެއްފަހަރު އެހެންވެސް ވެދާނެ....މަށަށް ފެންނަނީ އަވަހަށް ހޮސްޕިޓަލަށްދާން..." އަހުސަންވެސް ލަފާދިނެވެ. އެހެންކަމުން ނާއިކް އާނާ ގޮވައިގެން ހޮސްޕިޓަލަށްދާން ތައްޔާރުވިއެވެ. ނާއިކް ގޮސް ނީޒާގެ ގާތުގައި ބުނުމުން ނީޒާއާއިއެކު ފަރުޒާނާއާއި ސަނާވެސް ދިއުމަށް އަވަސްވެގަތެވެ.

" އެންމެން ދިޔައީމަ ކަމަކު ނުދާނެ...އެއްބަޔަކު މިތާމަޑުކުރޭ!..." ހުރިހާ އެންމެން ދާން އުޅެން ފެށުމުން ނަވާޒް ބުނެލިއެވެ.

" މަންމަ އަހަރެންނާއެކު އައީމަ ރަނގަޅުވާނެ....ހަފްލާ ނިމުނީމަ އެހެންމީހުންނަށް އާދެވޭނެއެއްނު.." ނާއިކް ލަފާދިނެވެ. އެހެންކަމުން ނީޒާއާއި ނާއިކް އަހުސަންއާއެކު ހޮސްޕިޓަލަށް ދިޔައެވެ. ގިނައިރުތަކެއްނުވެ ސަނާއާއި ފަރުޒާނާ އަދި ނިޔާޒްވެސް ނަވާޒްއާއެކު ހޮސްޕިޓަލަށް އައެވެ.

*****

ހޮސްޕިޓަލްގެ ވެއިޓިން އޭރިޔާގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާހުރި ނީޒާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް ދިޔައީ އަވަސް ވަމުންނެވެ. ވިއްސާކޮޓަރިއަށް އާނާ ވެއްދީއްސުރެ އޭނާއަށް އެއްތާކު ހިމޭނުން އިނދެވޭކަމަކަށް ނުވިއެވެ. މިހާރު ގަޑިއެއްހައިއިރުވީއެވެ.

" ނީޒާ...ދެން މިތާ އިނށީދެބަލަ! " ނީޒާގެ އަމަލުތައްހުރިގޮތުން ފަރުޒާނާއަށް ނީނދެވިގެން ބުންޏެވެ.

" ނޫނޭ ޒާނާ....އާނާ ވިހޭމަ ނޫނީ ދެން އަހަރެންނަކަށް ހަމަޖެހުމެއް ނުލިބޭނެ...ނާއިކް ބޭބީ ނެރޭނެ އިރެއްގެ އިންތިޒާރުގަ މިހުރީ..." ނީޒާ ކެތްތެރިކަމެއްނެތި ބުނެލިއެވެ. ސަނާއާއި ނަވާޒްގެ އިތުރުން ނިޔާޒްވެސް އިނީ އޭނާގެ ކާފަ ދަރިފުޅު ދެކޭހިތުން ކެތްމަދުވެފައެވެ. މިއަދު އޭނާ އެހުރީ އިންތިހާއަށް އުފާވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކައިވެނި ކުރެވުނު ދުވަހު، ދޮށީ ފިރިހެން ދަރިފުޅަށް ދަރިޔަކު ލިބެނީއެވެ.

އާނާގެ އަތުގައި ހިފާލައިގެންހުރި ނާއިކްގެ ހިތްވެސް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. އާނާގެ ބަނޑުގައި ރިހުން ގަދަވީވަރަކަށް ނާއިކްގެ އަތަށްވެސް ބާރުވަމުން ދިޔައެވެ. ދަރިޔަކު ވިހަން މަޔަކު އުޅޭނެހާލު ހަމަލޮލުން ފެނުމުން ނާއިކްހުރީ އާސޯޚުވެ ބަސްހުއްޓިފައެވެ. އެވަރުގެ ތަކްލީފެއް ހަމަގައިމުވެސް ބަފަޔަކަށް އަންދާޒާވެސް ނުކުރެވޭނޭ އޭނާގެ ހިތަށްއެރިއެވެ. އާނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނުގެ ސަބަބުން އެދޮން މޫނުގެ ކުލަރަތްވަމުން މުޅިމީހާ ދާހިއްލަމުން ދިޔައެވެ. ނަމަވެސް އާނާގެ ކެތްތެރިކަންފެނި ނާއިކްގެ ހިތް އާނާއަށްޓަކައި ފަޚުރުވެރިވިއެވެ. ނަރުސްކުއްޖާގެ ލަފައާއެކު އާނާގެ ފުރިހަމަ އެއްބާރުލުމާއެކު ނާއިކްގެ ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެއެވެ. އެވަގުތު ކުއްޖާ ރޯލިއަޑާއި އެކު އާނާއަށް އުފާވެރިކަމުގެ ފުންނޭވާއެއް ދޫކޮށްލެވުނެވެ.

" މަރުޙަބާ! ފިރިހެން ކުއްޖެއް..." ނަރުސްކުއްޖާ ދެމަފިރިންނަށް މަރުޙަބާ ކިޔަމުން ކުއްޖާގެ ޖިންސް ހާމަކުރިއެވެ.

ނަރުސް ކުއްޖާ ތުއްތު ދަރިފުޅު އާނާގެ މޭމަތީގައި ބޭއްވުމުން، ވީއުފަލުން އާނާއަށް ވީގޮތްވެސް ބުނެދޭކަށް ނޭނގުނެވެ. އޭނާގެ ހަށިގަނޑުގައި އެޅިހުރިހާ ވޭނެއްވެސް ފިލައިގެން ދިޔަފަދައެވެ. ދަރިފުޅު ފެނުމާއެކު ނާއިކްގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަތައް އޮހިގަތީ ބޭއިޚްތިޔާރުގައެވެ.

" ނިކް ބައްޕައަކަށްވީ..." އާނާ ކަރުނަވީ ދެލޮލުން ނާއިކްއަށް ބަލާލަމުން ހިނިތުންވެލިއެވެ.

" އަހަރެންގެ ދޫނިވެސް މަންމައަކަށްވީ...." އާނާގެ ނިތްކުރީގައި ބޮސްދެމުން ނާއިކް ހީލިއެވެ. ނަރުސްކުއްޖާ ތުއްތު ދަރިފުޅުނަގައި ސާފުކޮށްލުމަށްފަހު ހުދުފޮތިގަނޑަކަށްލާފައި ނާއިކްއާ ހަވާލުކުރިއެވެ. ނާއިކް މަޑުމަޑުން ދަރިފުޅު އުރާލައިގެން ބޭރަށް ނުކުތެވެ. ނާއިކް ފެނުމާއެކު ނީޒާ ދުވެފައި އައިސް ނާއިކްގެ އަތުން ދަރިފުޅު އަތުލިއެވެ.

" އަޅޭ...ހާދަލޯތްބޭ....މީހަމަ ނާއިކް...ހަމަ އެއްވެސް ތަފާތެއްނެތް..." ތުއްތު ދަރިފުޅު ފެނުމާއެކު ނާއިކް ވިހޭދުވަސް ހަނދާނަށް އައުމުން ނީޒާ އުފަލުން ބުނެލިއެވެ.

" ދީބަލަ އަހަރެންވެސް އުރާލަން.." ނީޒާގެ ގާތަށް އައިސް އާދޭހުރެ ރާގަކަށް ސަނާ ބުނުމުން ނީޒާ ވަރަށް މަޑުމަޑުން ސަނާގެ އަތަށް ލައިދިނެވެ. އެވަގުތު އުފަލުން ސަނާގެ ލޯފުރިގެން އައެވެ. އޭނާއަށް މިއަދު ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުފަދައެވެ.

" ނަވާޒް...އަހަރެމެންގެ ދަރިފުޅަށްވެސް ދަރިޔަލު ލިބުނީ....އަހަރެން މާމައަކަށްވީ..." ސަނާ ކަރުނަ ފުހެލަމުން ނަވާޒްއަށް ބުނެލިއެވެ.

" އާނ...އަހަރެންވެސް މިއަދު ވަރަށް އުފާވެއްޖެ...." ސަނާގެ ކޮނޑުގައި އަތްބާއްވާލަމުން ނަވާޒް ބުނެލިއެވެ. ފަރުޒާނާވެސް އުފާވެފައި ތުއްތު ދަރިފުޅުގެ މޫނުގައި ފިރުމާލިއެވެ.  

އާނާ ކޮޓަރިއަށް ބަދަލުކުރިއިރުތާ މާގިނައިރުތަކެއް ނުވަނީސް ނާޒްގެ ކައިވެނީގެ ހަފްލާވެސް ނިމިޖެއްއެވެ. އެހެންކަމުން ބައިބަޔަށް މީހުންތައް އަންނަމުން ގޮސް އާއިލާގެ އެންމެން އާނާގެ ދެމައިންގެ ހާލުބަލަން އެތަނަށް ޖަމާވިއެވެ. ނިޝާމްއާއި ނާޒްވެސް ކައިވެނީގެ ހެދުމުގައި ހޮސްޕިޓަލަށް އައެވެ. ނަމަވެސް އާނާގެ ދެމައިންގެ ހާލުބަލާލުމަށްފަހު، ނީޒާގެ އެދުމަށް ނާޒްގޮވައިގެން ނިޝާމް ގެޔަށްދިޔައެވެ. ފަހަރަކު މީހަކު އާނާގެ ހާލު އަހަމުން ދިޔައެވެ. އެންމެންވެސް ކުޑަދަރިފުޅު ފެނިގެން އުފަލުން އުޅޭއިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން އަހުސަންއާއި ސާރާއާއެކު އައިކްއާއި ރީމާވެސް އައިސް ވަނެވެ.

" ދޮންބޭ....މަރުޙަބާ!...ބައްޕައަކަށްވީއެއްނު..." ނާއިކް ފެނުމުން އުފަލާއެކު އައިކް މަރުޙަބާ ކިޔެވެ.

" ހޫމް....ދެން އޮތީ ތިކުދިންގެ ދުވަސް.....ދެން މާގިނަ ދުވަހެއްވެސް ނެތެއްނުދޯ..." ރީމާއާ ދިމާއަށް ބަލާލަމުން ނާއިކް ބުނެލިއެވެ.

" އާނ...މިހާރު ފަސްމަސް....އެހެންވީމަ ދެން މާގިނަ ދުވަހު އިންތިޒާރުކުރާކަށް ނުޖެހޭނެއްނު...." އައިކްވެސް އުފާވެލާފައި ބުންޏެވެ.

" ބޭބީ ވަރަށް ލޯބި ކޮންނަމެއް ކިޔާނީ ބޭބީއަށް؟...." ރީމާ އަހާލިއެވެ.

" އަހަރެން ފޯމްގަޖެހީ އާއިން....އާނާއާ ގުޅުވާލީމަ ރަނގަޅެއްނު..." ނާއިކް ބުނެލިއެވެ.

" އެކަމު އެނަން ފާސްވާނެތަ؟...ކޮބާ މާނަ؟..." އާނާ އަހާލިއެވެ.

" ފާސްނުވެއްޖެއްޔާ އެހެން ނަމެއް ހޯދިދާނެއެއްނު....އެކަމާ ހާސްނުވެބަލަ!...." ނާއިކް ލޯތްބާއިއެކު ބުނެލިއެވެ.

" ދޮންބޭ...އަހަރެމެން ދެންދަނީ.....ފަހުން އަންނާނަން..." ރީމާގެ އަތުގައި ހިފައިގެން އައިކް ހިނގައިގަންނަމުން ބުނެލިއެވެ.

އައިކް އެކޮޓަރިން ނުކުމެގެން ހޮސްޕިޓަލުން ނުކުތުމަށް ލިފްޓަށް އެރުމަށް ދިޔަވަގުތަކީ މާޔާވެސް މަދީހާއާއެކު ފުރޮޅުލީ ގޮނޑީގައި ބަލިމީހުންނަށް ޚާއްސަ ލިފްޓަށް އެރުމަށް ދިޔަވަގުތެވެ. މާޔާގެ އަތުގައި ނިދާފައި އޮތް ތުއްތު ކުއްޖަކު އޮތެވެ. މާޔާގެ ސިފައަށް އައިސްފައިވާ ބަދަލުން އެއީކާކުކަން ދެނެގަތުމަށް އައިކްއަށް ވަގުތުކޮޅެއް ނެގިއެވެ. ނަމަވެސް  މާޔާ އައިކްއަށް ބަލާލާފައި އިސްޖަހާލިގޮތުން އެއީ މާޔާކަން އައިކްއަށް ޔަޤީންވިއެވެ. އެވަގުތު މާޔާގެ ހާލަށްޓަކައި އައިކްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

 މާޔާއަށް ދިމާވި ހިތާމަވެރިގޮތް ނިޔާޒްގެ ފަރާތުން އައިކްއަށްވަނީ އެނގިފައެވެ. ނަމަވެސް ހަމަލޮލުން މާޔާ ފެނުމުން މާޔާގެ ހިތާމެރިކަން އޭނާއަށް ތަޞައްވަރު ކުރެވިއްޖެއެވެ. އެއްއިރެއްގައި އެހިތުން ނުހަނު މަތިވެރި މަޤާމެއްދިން އެރީތި އަންހެން ކުއްޖާ މިއަދު އެވަނީ ކޮންފަދަ ނިކަމެތި ހާލަތެއްގައި ހެއްޔެވެ؟ މާޔާގެ ހުދުވެފައި މޫނާއި ކުރަކިވެފައިވާ ތުންފަތް ހެކިދެނީ، އެހަށިގަނޑުގައި ފުރާނާ ހުރިނަމަވެސް އެއްވެސް ދިރުމެއް ނެތްކަމެވެ. ނަމަވެސް މިއަދު އައިކް އެކަމާ ދެރަވުމުގެ އެއްވެސް މާނައެއްނެތެވެ. އެދުވަހު އޭނާ ދޫކޮށްފައި މާޔާ ދިޔައީ އެގޮތް މާޔާއަށް މޮޅުވީމާ ނޫންހެއްޔެވެ؟

ލިފްޓް ހުޅުވުމާއެކު ދެމީހުންވެސް އެމީހަކު އަރަންބޭނުންވި ލިފްޓަށް އެރިއެވެ. ލިފްޓްގެ ދޮރުލެއްޕުމާއެކީ މާޔާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް އޮހިގަތެވެ. ރީމާގެ އަތުގައި ހިފައިގެންހުރި އައިކް ހުރިމަންޒަރުން  ފެނުމުން މިއަދު މާޔާގެ ހިތަށް އަސަރުކޮށްފިއެވެ. އޭނާ ބޭނުން ނުވެގެ އައިކް ދޫކޮށްފައި ދެވުމުން މިއަދު އެއަތުގައި ހިފައިގެން ހުރުމުގެ ނަސީބު އެލިބުނީ، އޭނާ އެއްއިރެއްގައި ނުހަނު ނަފްރަތުކުރި އަންހެން ކުއްޖަކަށެވެ. އޭނާއާއި އެއްހަމައަކަށް ދުވަހެއްގައިވެސް ނާދެވޭނެ ކަމުގައި ހީކުރި ކުއްޖަކަށެވެ. ހަޤީޤަތަކީ އެދުވަހުވެސް އައިކްގެ އަތުގައި ހިފުން ހައްޤީ ރީމާފަދަ ރަނގަޅު ކުއްޖެކެވެ. އެފަދަ ލޯތްބެއްވެސް ހައްޤީ ރީމާއަށެވެ. މިއަދު އޭނާއަށް ލިބިފައިމިވަނީ އޭނާފަދަ މީހަކަށް އެންމެ ހައްޤު ސަޒާއެވެ. ވީއިރު މިއަދު ލޮލުން ކިތަންމެ ކަރުނައެއް އޮހޮރުވިނަމަވެސް ވާނެ ފައިދާއެއްނެތެވެ. ލިބޭނެ މޮޅެއްވެސް ނެތެވެ. ނަމަވެސް ހިތުގެ ތަކްލީފުތަކަށް ލުޔެއް ލިބިދާނެއެވެ. އެނޫން ހިތްހަމަ ޖެހުމެއްވެސް ނެތެވެ.

*****

ނާއިކް އޭނާގެ އޮފީހުގައި މަސައްކަތުގައި އަވަދިނެތި އުޅުނު ނަމަވެސް އިރު އިރުކޮޅުން އާނާގެ ހާލުބަލާލައެވެ. އެންމެ ހިނދުކޮޅަކަށްވެސް އާނާއާ އަދި ދަރިފުޅާ ދުރުގައި އުޅުމަކީ އޭނާއަށް ކެތްވާވަރުގެ ކަމެއްނޫނެވެ. ނަމަވެސް އާނާ ވިހެއިތާ ދެމަސްވުމުން އޭނާ އޮފީހަށް ނުކުތީ އާނާ އާދޭސްކުރަން ފެށުމުންނެވެ. އައިކްއާއި ނިޝާމް އޮފީހުގެ ކަންކަން ކިތަންމެ ރަނގަޅަކަށް ބަލަމުން ދިޔަނަމަވެސް އެމީހުނަށްވެސް އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތުދޭން އޭނާވެސް ބޭނުމެވެ. އެހެންކަމުން ހިތާދެކޮޅަށްވެސް އޭނާ އޮފީހަށް ނުކުތެވެ.

މިއަދު އޮފީހުގެ ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް އޭނާއަށް ހިތްހަމަ ޖެހުން ލިބެއެވެ. އެއޮފީހުގެ ހުރިހާކަމެއްވެސް ބަދަލުކޮށްފައިވަނީ އާނާފަދަ ކުއްޖަކަށް އެއްވެސް ޖެހިލުމެއްނެތި ވަޒީފާ އަދާކުރެވޭނެ ފަދައިންނެވެ. ފުރަތަމަ ކަމަކަށް އޭނާ ބަދަލުކުރީ ތަނުގެ ޔުނީފޯރމެވެ. ޚާއްސަކޮށް އަންހެންކުދިންގެ ޔުނީފޯރމަކީ ދީނުގެ އުސޫލުތަކަށްފެތޭ ފުރިހަމަ ޔުނީފޯރމަކަށް ހެދިއެވެ. އަންހެން ކުދިންގެ ޔުނީފޯރމްގެ ބައެއްކަމުގައި ބުރުގާ ލާޒިމްކުރިއެވެ. އެހެންކަމުން ބުރުގާ އަޅަންބޭނުންނުވި ބައެއް މުއައްޒަފުން ވަޒީފާދޫކޮށްދިޔައެވެ. ނަމަވެސް، އޭގެ ބަދަލުގައި ބުރުގާ އަޅައިގެންތިބި ކަމަށް ޤާބިލްކުދިންނަށް ވަޒީފާދިނެވެ. ކޮންމެ ނަމާދު ވަގުތަކީ ތަކުގެ ޚިދުމަތް މެދުކެނޑޭ ވަގުތެއްކަމުގައި ހަމަޖެއްސިއެވެ. ހުރިހާ މުއައްޒަފުންވެސް ނަމާދު ވަގުތަށް ނަމާދުކުރަން ޖެހެއެވެ. އޮފީހުގައި ނަމާދުކުރަން ބޭނުން މީހަކަށް ނަމާދު ކުރެވޭނެގޮތަށް ނަމާދުކުރާ ކޮޓަރިއެއްވެސް ތައްޔާރު ކުރެވުނެވެ. އަދި އަންހެން މުއައްޒަފުންނާއި ފިރިހެން މުއައްޒަފުން މަސްހުނި ނުވާނޭގޮތަކަށް، ޝެކްޝަންތައް ޤާއިމްކުރިއެވެ. ބޭނުންމީހަކަށް އެމީހެއްގެ މޭޒުދޮށުގައި އިނދެގެން ބޭނުން މުއައްޒަފަކާ މުއާމަލާ ކުރެވޭނެގޮތް ހުރުމުން އެއީ އުނދަގޫކަމަކަށް ނުވިއެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް ފުރިހަމަ މިނިވަންކަމާއެކުގައި މަސައްކަތްކުރެވޭ ގޮތްވިއެވެ. ހަމަ އެގޮތަށް ރެސްޓޯރެންޓްގައިވެސް އަންހެނުންނަށް ވަކިބައެއް ހަމަޖެއްސިއެވެ.

މިއުސޫލުތަކުގެ ސަބަބުން، އޮފީހަށް ޚިދުމަތްހޯދަން އަންނަ ބައެއްމީހުންގެ ފާޑުކިޔުންތައް ވަރަށްބޮޑަށް އަމާޒުވެގެން ދިޔައެވެ. ސޯޝަލް މީޑިއާގައިވެސް އެވާހަކަ ހޫނު ޚަބަރެއްގެ ގޮތުގައި ދައުރުވަމުންދިޔައެވެ. ބައެއްމީހުންނަށް އެގޮތް ކަމުނުދިޔަ ނަމަވެސް ގިނަމީހުން އެގޮތަށް ތާއީދުކުރިއެވެ. މުސްލިމުން ޤައުމެއްގައި އެކަން އޮންނަން ޖެހޭނީވެސް އެގޮތަށް ކަމުގައިވެސް ބުނަމުން ދިޔައެވެ. ނާއިކްގެ އޮފީސް ނަމޫނާއަކަށް ބަލައިގެން ބައެއް އޮފީސްތަކުގެ އުސޫލުތައްވެސް ބަދަލުކުރަމުން ދިޔައެވެ.

މިއަދު އޭނާއަކީ އާނާއާ ފުރަތަމަ ބައްދަލުވި، ރުންކުރު، ކިބުރުވެރި ބޮޑާ، ވެރިޔާއެއްނޫނެވެ. މިހާރު އޭނާއަކީ ކުރީގެ " ބޮސް"ގެ މުޅިން އިދިކޮޅު މީހެކެވެ. ކުރީގައި އޭނާގެ މުއައްޒަފުން އޭނާއަށް އިހްތިރާމު ކުރަނީ ބިރުންނެވެ. ނަމަވެސް މިހާރު އެމީހުން އޭނާއަށް އިހްތިރާމު ކުރަނީ ލޯތްބާއި އެކުގައެވެ. މިހާރު އޭނާއަކީ ހިތްތިރި، މީހުނަށް އޯގާތެރި، ރަނގަޅުވެރިއެކެވެ. އޭނާއަކީ މިހާރު ދީނުގެ ފަރުޟުތަކަށާއި ސުންނަތްތަކަށްވެސް ފަރުވާތެރިވާ ފުރިހަމަ މުސްލިމެކެވެ. އޭނާގެ ކިބައިގައި މިރަނގަޅުކަން އަށަގަތީ ހަމައެކަނި އާނާގެ ސަބަބުންނެވެ. އާނާދެކެ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ. ކުއްލިއަކަށް ނާއިކް ސިހުނީ ވައިބަރއިން މެސެޖެއް އައުމުންނެވެ.

" ބައްޕީ...މިސިންގް ޔޫ..." އާނާގެ މެސެޖް ފެނުމާއެކު ނާއިކްއަށް ހިނިތުންވެލެވުނެވެ. އޭނާ ގަޑިބަލާލަމުން ގެޔަށް ދިއުމަށްޓަކައި އަވަސްވެގަތެވެ. ކާރުގައި އިންއިރުވެސް އޭނާއިނީ ގެޔަށްދެވޭލެއް ލަސްވެފައެވެ.

" ބައްޕީ...އަވަހަށް އާދެބަލަ!.." ނާއިކް ކާރުން ފައިބަ ފައިބާ ހުއްޓައި އާނާގެ ދެވަނަ މެސެޖްއައެވެ. ނާއިކް ހަލުވިކަމާއެކު ގޮސް ލިފްޓަށްވަނެވެ.

ލިފްޓްގެ ދޮރުހުޅުވުމާއެކު ޖީބުން ކީކާޑު ނަފާއި ދޮރުހުޅުވާލަން އުޅެނިކޮށް ކުއްލިއަކަށް އާނާ ދޮރުހުޅުވާލިއެވެ. އަދި ނާއިކްއަށް ހަރަކާތެއްވެސް ގެންނާނެ ފުރުސަތު ނުދީ ޓައީގައި ހިފާ އެތެރެއަށް ވެއްދިއެވެ. އާނާ ދޮރުލައްޕާލުމަށްފަހު ނާއިކް ދޮރުފަތުގައި ތަތްކޮށްލިއެވެ. އެވަގުތު ނާއިކް ފުންކޮށް އާނާއަށް ބަލާލިއެވެ. ގަދަ ރަތްކުލައިގެ ލޭސްފޮތީގެ ކުރު ނައިޓީއެއްލާފައި ހުރިއިރު އާނާގެ ހަންއޮމާން، ދޮން ދެފައިއޮތީ ހާމައަށެވެ. ދިހުންކުލަ އަރާ ކަޅު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު ނުހަނު ހިތްގައިމެވެ. ތުންފަތުގައި މަޑުފިޔާތޮށި ކުލައެއްގެ ހުރިއިރު، ދެލޮލުގައިވަނީ އަނދުން އަޅައި ކުރިޔަށްވުރެވެސް އެސްފިޔަތަކުގެ ކަޅުކަން ގަދަކޮށްލާފައެވެ. އާނާގެ  އާނާގެ މިސިފަ ފެނިފައި ނާއިކް ހައިރާންވެ، ތަލިން ކުޅުހިފައި ހުރެވުނެވެ. އާނާގެ އެރީތި ދެލޮލާ ހަތަރުކަޅު ހަމަވުމުން ނާއިކްއަކަށް އިތުރަކަށް ކެތެއްނުވިއެވެ.

" އަހަރެން މޮޔަނުވެގެންތަ ތިއުޅެނީ؟...އޭނ..." ނާއިކް ކުއްލިއަކަށް އާނާ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލަމުން މަސްތީގޮތަކަށް ބުނެލިއެވެ. އެއާއެކު އާނާ ލާނެއްގޮތަކަށް ހީލަމުން ބޯހަލުވާލިއެވެ. ނާއިކް ހީލަމުން އާނާގޮވައިގެން ގޮސް ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. އެއާއެކު ދެން އިވިގެންދިޔައީ އާނާގެ މިއުޒިކީ ހުނުމުގެ އަޑެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލުތައް

×

ސާދުނާ | 8 ނޮވެންބަރ 2017 - 08:31

ވަރަށް ރީތި އިތުރު ވަހަކަޔެ ކިޔާލަން ލިބޭނެ ކަމަ ހީކުރަށް

ޙައިރާން | 8 ނޮވެންބަރ 2017 - 08:58

ނިމުނީ.

އަހޫ | 8 ނޮވެންބަރ 2017 - 11:35

ވ ސަޅި..ވ ކަމުދޭ

އިނާ | 8 ނޮވެންބަރ 2017 - 12:18

ވަރަށް ރީތި މިވާހަކައިގެ ނިމުން، އައިކް އަށް އުފާވެރިކަން ލިބުނީމަ ވަރަށް ހެޕީ.....ޝައިންގެ ނިއު ސްޓޯރީއެއް ކިޔާލަން ލިބޭނެކަމަށް ހީކުރަން

ުުޫުޫު އުޝާ | 8 ނޮވެންބަރ 2017 - 17:15

ނިންމުން ވަރަށް ފުރިހަމަ

ޖިިލީ | 9 ނޮވެންބަރ 2017 - 00:50

ނިކް ޑެޑީ... 😂 ވާހަކަ ވަރަށް ރީތި.

ކަނބުލޮ | 10 ނޮވެންބަރ 2017 - 13:22

ށައިން ނިމުނީދޯ ވވސަޅި ވަަހަކަ ޢުންމީދު ކުރަން ގިނަދހުވަސް އިންތިޒާރުގަ ހުންނަން ނުޖެހި މއީހޭލޯތްބަކީ މިރީތިވާހަކަ ކިޔާލަން ލިބޭނެކަމައް އިންޝާﷲ ވވވވވއިންތިޒާރު ކުރަނަން😃

💖💖💖 | 25 ނޮވެންބަރ 2017 - 21:30

Alhey shainn konn irakunn nereniiiii myhey loehbakiii vaahaka avass avass

ޓްރެންޑިން