Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

މަންޝާ 1 (އޮނަފަންސާސްވަނަ ބައި)

7 ނޮވެންބަރ 2017 - 12:00

ޢާއިޝަތު ޝާޒްލީން (ޝާޒް)

މަންޝާ ތެދުވެ ހިންދެމިލިއެވެ. ކަރު ދެފަރާތަށް އަރިކޮށްލަމުން ޒިބާނާ ދިމާއަށް ހިނގައިގަތެވެ. "ޒިބާން މަބެނާ ކަންތައް ކެރިމެއި ނޫނީ މަންޝާގެ ހަށިގަނޑުން އަވަ ނިނުކުންނަށުން..." (ޒިބާން އަހަރެން ބުނާ ކަންތައްކުރީމަ ނޫނީ މަންޝާގެ ހަށިގަނޑުން އަހަރެން ނުނިކުންނާނަން...) ޒޭބާ ބޭނުންވީ އޭނާ ބޭނުންވާ ކަންތައް ކުރަން ޒިބާން އެއްބަސް ކުރުވާށެވެ. އެއްމިޔަކަނުން ހިނިއައިސް ހުރެ އޭނާ ޒިބާން ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިބާން ވަށާ ހިނގަމުން ދިޔަ އިރު އޭނާ އަޒީމާ ގާތްވީމަ ޒިބާނަށް އަސަރު ކުރާނެކަން އެނގޭކަމަށްވެސް ބުންޏެވެ. މިހުރިހާ ކަމެއް ތަކުރާރުކޮށް ކުރަމުން ދާނެކަމަށާ އެކަން ހުއްޓާނީ ޒިބާން ޟިރާރަށް ބަދަލުހިފުމަށް އެހީވާން އެއްބަސްވުމުންކަމަށްވެސް ޒޭބާ ބުނަމުން ދިޔައެވެ.

"ޒޭބާ... ކެހެނަކަށް ވެގެން ތެ ހިނގަނީ... ބަލަފެލަ ތެ ކިއޭ އެއްތަށް... އަދޮ މަށް ޒޭބާ ތެ ދެނީ ކިހެއި ބޮޑޮ އަނިޔާ... އާއިލާއި އެއްވެސް މީހަކާ ބަލައިނިގައް ކޫދަކާ ވީކޯ މަ ޒޭބާ ބެލީ ކިހެއި ލޯބިން... މަ ނެއުއެއްތެއްނާ ޒޭބާށް ވޭނެ ގޮށް ހިތަކަށް ނިއަރައި... މަށް ކުދުކޫދަކާ ގިނިވޭނޑޭ ނިއެސް އިނގެއި އެކޯ... އެކަމަކި މަ އާއިލާއި ދެކެޑަށް ޒޭބާ ގިނިވޭނޑެނެއި ކިހެއި ލޯބިން.. އަދޮ މަންޝާ ބަނޑިއެއޮތީ މަ ކޫދަށް... މަންޝާކީ މަމިދުނިޔެއިން އެންމެ ލޯބިވޭ މީހަކީ... އެކަމަކި ޒޭބާ ބަދަލޮހިފުމުގައި ތެހެދޭ ގޮށްތަކުން މަންޝާގެ ހަށިގަނޑަށް ތެ ދެނީ ކެހެއި ބޮޑޮ އަނިޔާ... މަންޝާއަށް ލިބޭ ކޮންމެ އަނިޔާކީ މަށަސްލިބޭ އަނިޔާ... އާދޭސްކޮށްފެއި މިބެނަނީ ތެހެން ނިހަދަ...މަގޭ ފުރާނަ ނެގިއަސް ހެއު... މަންޝާ ދޫކޮށްލަ...މަގޭ ލޯބި ޒޯއީއަށް ވޭނެވަރޮ ޒޭބާއަކަށް ނިވެސްނެނީއްޔާ؟..." (ޒޭބާ... ކިހިނެއް ވެގެން ތިއުޅެނީ.. ބަލާބަލަ ތި ކިއޭ އެއްޗެއް... މިއަދު އަހަރެންނަށް ޒޭބާ ތިދެނީ ކިހާ ބޮޑު އަނިޔާއެއް... އާއިލާ އެއްވެސް މީހަކު ބަލައިނުގަތް ކުއްޖަކަށް ވީއިރު އަހަރެން ޒޭބާ ބެލީ ކިހާ ލޯބިން... އަހަރެން ނެތްނަމަ ޒޭބާއަށް ވާނެގޮތް ހިތަކަށް ނާރާތަ.. އަހަރެންނަށް ކުޑަކުއްޖަކު ގެންގުޅެން ނުވެސް އިނގޭނެ އޭރު.. އެކަމަކު އަހަރެންގެ އާއިލާއާ ދެކޮޅަށް ޒޭބާ ގެންގުޅުނީ ކިހާ ލޯބިން... މިއަދު މަންޝާގެ ބަނޑުގަ އެއޮތީ އަހަރެންގެ ދަރިއެއް.. މަންޝާއަކީ އަހަރެން މިދުނިޔޭއިން އެންމެ ލޯބިވާ މީހަކީ.. އެކަމަކު ޒޭބާގެ ބަދަލު ހިފުމުގަ ތިހެދޭ ގޮތްތަކުން މަންޝާގެ ހަށިގަނޑަށް ތިދެވެނީ ކިހާބޮޑު އަނިޔާއެއް... މަންޝާއަށް ލިބޭ ކޮންމެ އަނިޔާއަކީ އަހަރެންނަށްވެސް ލިބޭ އަނިޔާއެއް...އާދޭސްކޮށްފަ މިބުނަނީ.. ތިހެން ނުހަދާ... އަަހަރެންގެ ފުރާނަ ގެންދިޔަޔަސް ހެޔޮ މަންޝާ ދޫކޮށްލާ.... މަގޭ ލޯބި ޒޯއީއަށް ވާނެވަރު ޒޭބާއަށް ނުވިސްނެނީތަ؟...) ޒިބާން ކަކޫ ޖަހާ ތިރިވެ ރޯން ފެށިއެވެ. އޭނާއަށް ގޮތްހުސްވިކަހަލައެވެ. މަންޝާއާ ޒޭބާގެ ދެމެދުން އޭނާއަށް ވަކި މީހަކު ހިޔާރު ކުރަން އުނދަގޫ ވިއެވެ. ޒޭބާއަކީ އޭނާ އެކަނިމާއެކަނި ބެލި އޭނާގެ ލޯބިވާ ކޮއްކޮއެވެ. ދެން އެހެރީ އޭނާގެ ފުރާނަފަދަ މަންޝާއެވެ.

ޒިބާން ދެއްކި ވާހަކަތަކުން ޒޭބާގެ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އެރިކަހަލައެވެ. ޒޭބާގެ އަތް އުފުލާލަމުން އަތަށް ބަލާލިއެވެ. އަދި މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ. އެވަގުތު މަންޝާގެ ބަނޑުގައި ވާ ދަރިފުޅުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެކުއްޖާއަށް މިހާލު ޖެސުމުގެ ބޭނުމަކީ ކޮބައިބާވައޭ އޭނާގެ ހިތަށް އެރިއެވެ. ޒިބާން އޭނާއަށްޓަކައި ވީ ގުރުބާނީ އޭނާގެ ހަދާނަށް އައެވެ. ކުޑައިރު އޭނާއަށް ކާންދީ ޖިންނިން އުޅޭ ގޮތަށް އުޅެން އޭނާއަށް އެތައްކަމެއް ދަސްކޮށްދިނެވެ. ޒޭބާ އުފަންވި ދުވަހުން ފެށިގެން އާއިލާތެރޭގައި ޒިބާނާ ދިމާއަށް ކީ އެއްޗެހިތައް ޒޭބާގެ ކަންފަތުގައި ގުގުމާލިއެވެ.

"މަށް މައުފޫކޮށްލަ ޒިބާން.... އެކަމަކި ޟިރާރު މަގޭ މަންމާ މެރީ... މަގޭ މަންމާ ހިށިއެއްތެއްނާ މަ ގަނަތެޅޭކަށް ނިޖެހެނެއިސް... ޒިބާން މާސް ބަނޑޮބޮޑޮ... މަންޝާށް މިހެން ހަދާކަށް ބޭނުމަށް ނޫން... އެކަމަކި ޟިރާރަށް ބަދަލޮހިފާ އެއަގެ ހުށުހައި ކުދިންގެ ދުވަސް ދިއްވަލާށުން..." (އަހަރެންނަށް މާފްކުރޭ ޒިބާން.. އެކަމަކު ޟިރާރު އަހަރެންގެ މަންމަ މަރާލީ.. އަހަރެންގެ މަންމަ ހުރިނަމަ އަހަރެމެން ގަނަތެޅޭކަށް ނުޖެހުނީސް... ޒިބާން އަހަރެންވެސް ބަޑު ބޮޑު.. މަންޝާއަށް މިހެން ހަދާކަށް ބޭނުމެއް ނޫން... އެކަމަކު ޟިރާރަށް ބަދަލު ހިފަން އޭނަގެ ހުރިހާ ކުދިންގެ ދުވަސް ދުއްވާލާނަން...) މަންޝާގެ ދެލޮލުން ނޫކުލައިގެ ވިދުން ފާޅުވެގެން ދިޔައެވެ. ޒޭބާ ގޯހެއް ހަދާފާނެތީ ޒިބާން ބިރުގަތެވެ. ޟިރާރުމެން މިހާރު ފަންޑިތަ ހަދާކަމާ އެމީހުންގެ ބާރުން ޒޭބާ އަންދާލާކަށް ޒިބާން ބޭނުމެއް ނުވިއެވެ.

"ޟިރާރަށް ހިފާ ބަދަލެއް މަންޝާ އަނިޔާކެރަނީ ކެންކެރާ... މީ ޟިރާރުގެ ކޫދަކާކަމަސް އެއަކަށް ނިއަސް އިނގޭހެއް.... މަންޝާއަށް ދެރާ ދެރެގެން ޟިރާރަށް އަސަރަށް ކެރާށީ؟... ބަދަލޮހިފަގެން ޒޭބާގެ ހިތަށް ފިނިކަމަށް ލިބޭށީ؟... ބަދަލޮހިފުމުން މަންމާ އަނބަރައި އޭށީ؟... މަ ޒޭބާއި އެއްކެޑަށް ހިންނަނެހެން ހީވެއި؟..." (ޟިރާރަށް ހިފާ ބަދަލުގައި މަންޝާއަށް އަނިޔާދެނީ ކީއްކުރަން.. މީ ޟިރާރުގެ ދަރިއެއްކަންވެސް އޭނައަކަށް ނުވެސް އެނގޭނެ... މަންޝާއަށް ދެރައެއް ދީގެން ޟިރާރަށް އަސަރެއް ކުރާނެތަ؟... ބަދަލު ހިފައިގެން ޒޭބާގެ ހިތަށް ފިނިކަމެއް ލިބޭނެތަ؟... ބަދަލު ހިފުމުން މަންމަ އެނބުރި އަންނާނެތަ؟... އަހަރެން ޒޭބާއާ އެއްކޮޅަށް ހުންނާނެހެން ހީވޭތަ؟...) ޒޭބާގެ ނިންމުން ބަދަލުކޮށްލެވޭނެ ކަހަލަ އެތައް ސުވާލެއް ޒިބާން ކުރަމުން ދިޔައެވެ.

މަންޝާ އެހުރިތަނަށް ހުއްޓުނެވެ. ކަކޫޖަހާ ތިރިވެ ޒީބާނާ ދިމާއަށް އޭނާ ބަލާލިއެވެ. ޒޭބާގެ ލޮލުގެ ކުލަ މަޑުވެގެން ދިޔައެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާލުވަމުން ދިޔައެވެ. ޒިބާން އެބުނީ ތެދެއްކަން ޒޭބާއަށް އެނގުނެވެ. މަންމަ ދެން އެނބުރިއެއް ނާންނާނެއެވެ.

"ސޮރީ ޒިބާން... މަގޭ މުއަ ސިކުނޑިއަށް ތެ ހުށުހައި ކަަަމށް ނިވިސްނެނީ.. މަށް މައުފުކޮށްލަ..." (ސޮރީ ޒިބާން... އަަހަރެންގެ މޮޔަ ސިކުނޑިއަށް ތިހުރިހާ ކަމެއް ނުވިސްނުނީ....އަހަންނަށް މައާފް ކުރޭ...)

އިސް އުފުލާލަމުން މަންޝާގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. ކޮޓަރިތެރޭގައި ބާރު ވައިރޯޅިއެއް އެނބުރިގެން ކަހަލައެވެ. މަންޝާގެ އިސްތަށިގަނޑުވެސް ވަޔާ އެކީ ވިހުރެމުން ދިޔައެވެ. މަންޝާގެ އަނގައިން ނުކުތް ބާރު ހަޅޭކުގެ އަޑާއި އެކީ އޭނާގެ އަނގައި ތެރެއިން ނުކުމެގެން ދިޔައީ ކަޅުކުލައިގެން ދުންގަނޑެކެވެ. އެ ދުންތައް އެއްކޮށް ބޭރުވުމާއެކީ މަންޝާގެ ދެލޯ މެރި ގައިން ވަރު ދޫވެ ޓައިލްސް މައްޗަށް ވެއްޓުނެވެ.

ތަނަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއިން ޒޭބާ އެތާ ނެތްކަން ޒިބާނަށް އިހްސާސް ވިއެވެ. ކުއްލިއަަކަށް ޒިބާން ގާތްވެލީ މަންޝާ ކައިރިއަށެވެ. މަންޝާގެ ހާލު ކިހިނެއްތޯ ބަލަން އޭނާ ބޭނުން ވިއެވެ. "މަންޝާ.. މަންޝާ.. ލޯ ހުޅުވަބަލަ...މަންޝާ..." މަންޝާ ނޭވާނުލާކަން ޒިބާނަށް އެނގުނީ އެވަގުތެވެ. ދެލޯ ކަރުނުން ފުރިފައިހުރެ ޒިބާން ބަލާލީ ބެލްކަނީގައި ހުރި ތަޒްކިޔާއާ ދިމާއަށެވެ. ގޮތްހުސްވެފައި ތަޒްކިޔާ ބަލަން ހުރި ނަމަވެސް ދެން ހަދާނެގޮތެއް ތަޒްކިޔާއަކަށް ނޭނގުނެވެ. އެމަންޒަރު ބަލަން ތަޒްކިޔާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

މަންޝާގެ މޭގައި އަތްއަޅަމުން ޒިބާން ދިޔައީ ހުއްޓުމެއް ނެތި މަންޝާއަށް ގޮވަމުންނެވެ. ކުއްލިއަކަށް އަތުގައި އޮތް ބޭސްފުޅި ނަގާ މަންޝާގެ ހުޅުވިފައިވާ އަނގައިގެތެރެއަށް ތިންތިކި ޖަހާލީ ސަކޭރާ ބުނެފައިވާ ގޮތަށެވެ. ޒިބާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޝާގެ ހަށިގަނޑުގައި އޮޅުލައިގަނެ ބާރު ބާރަށް ރޯން ފެށިއެވެ. މަންޝާގެ ބަނޑުގައިވާ ދަރިފުޅު ތޮޅިލި ކަމުގެ އިހްސާސް ޒިބާނަށް ކުރުމުން ސިހިފައި މަންޝާ ދުރުކޮށްލެވުނެވެ. މަންޝާގެ މޫނަށް ބަލާލަމުން ބަނޑުގައި އަތްޖައްސާލި އިރު ޒިބާން ލޯ މަރާލިއެވެ.

"ޒިބާން... ޒިބާން..." ޒިބާނަށް މީހަކު ގޮވާލިއަޑަށް ޒިބާން ބޭރަށް ބަލާލިއެވެ. ބެލްކަނީގައި ތަޒްކިޔާގެ އިތުރުން ޒޭބާއާ ސަކޭރާ ހުއްޓެވެ. އަތްދަނޑި މައްޗަށްލާ މަންޝާ އުރާލައިގެން ޒިބާން ބޭރަށް ނުކުތީ އެމީހުންނަށް އެތެރެއަށް ނުވަދެވޭނެކަން އެނގޭތީއެވެ. ބެލްކަނީގެ ޓައިލްސްމަތީ މަންޝާ ބޭއްވުމުން ސަކޭރާ އޭނައާ ގާތްވެލަމުން ޒިބާނަށް ބަލާލިއެވެ. "ބޮޑޮދައިތާ... މަންޝާ ސަލާމަށް ކޮށްދެއްލަ... ހެއުނިވޭހެއް..." (ބޮޑު ދައިތާ... މަންޝާ ސަލާމަތް ކޮށްދީ... ހެޔޮ ނުވާނެ...)

ސަކޭރާ ބޯޖަހާލިއެވެ. މަންޝާގެ ބޮލުގެ ދެފަރާތުގައި އަތް ޖައްސާލަމުން ސަކޭރާ ތުންތަޅުވަމުން ދިޔައެވެ. ސަކޭރާ މިހެން ހުރެ މަސައްކަތްކުރާތާ އެތައް އިރެއް ވެއްޖެއެވެ. އަދިވެސް މަންޝާ ނޭވާއެއް ނުލައެވެ. ޒިބާން ގޮތްހުސްވެފައިވާ ފަދައިން ހުރީ ބެލްކަނީގެ ބިއްލޫރިގަނޑުގައި ނިތްކުރި ޖައްސައިގެންނެވެ. އޭރު ތަޒްކިޔާއާ ޒޭބާ ދިޔައީ ނުހުއްޓި ރޮމުންނެވެ.

މަންޝާގެ ނިތްކުރިން އަތްނެގުމަށްފަހު މަންޝާގެ މޭގައި ސަކޭރާ އަތްޖައްސާލިއެވެ. ހަމައެއާއެކު މަންޝާ ދެލޯ ބޮޑުކޮށްލަމުން ފުންނޭވާއެއްލިއެވެ. ކޮށިއަރާ ކަހަލަ ގޮތަކަށް ކެއްސަމުން ދެލޯ ބޮޑުކޮށްލިއެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވަށައިގެން ތިބި މީހުންނާ ދިމާއަށް މަންޝާ ބަލާލިއެވެ. "ހޭއި.. މަން... މަން... ކިހިނެއްތަ؟.. ހޭއި.. މީ ޒިބާނޭ..."

"ޒިބާން... ޒިބް..." މަންޝާއަށް އިތުރުއެއްޗެއް ނުބުނެވުނެވެ. އޭނާގެ ހެއަށް ގޮތްވިއެވެ.

"މަން.. މަންޝާ...ލޯހުޅުވަބަލަ.. މަން... ބޮޑުދައިތާ މަންޝާއަށް ކިހިނެއްވީ..." ޒިބާން ސަކޭރާއާ ދިމާއަށް ބަލާލިއެވެ.

"ޒިބާން ލަސްނުކޮށް މަންޝާ ހޮސްޕިޓަލަށް ގެންދޭ... އިންސާނުންގެ ގަޔަށް ޖިންނިން ވަނުމަކީ އިންސާނުންނަށް ވަރަށް ވޭން ތަހައްމަލު ކުރަން ޖެހޭ ކަމެއް... މަންޝާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފަ އެހުރީ... ޒިބާން އަވަސްކުރޭ... ބޮޑުދައިތައަށް މަޑުކުރެވޭކަށް ނެއް.." ސަކޭރާ މިހެން ބުނަމުން އެތަނުން ދާން މައްޗަށް އުދުއްސައިގަތެވެ. މަންޝާ ގޮވައިގެން އެތެރެއަށް ޒިބާން ވަނެވެ. އެވަގުތު ޒޭބާ އެތެރެއަށް ވަދެ މަންޝާގެ ފޯނުނަގާ މަދީހާގެ ނަންބަރަށް ގުޅާލިއެވެ. މަދީހާ ފޯނު ނެގުމާއެކީ ޒޭބާ ވާހަކަ ދެއްކިއެވެ. "މަންމާ... ކޮންތާކު ތިހުރީ؟.." ޒޭބަ ވާހަކަ ދެއްކީ މަންޝާގެ އަޑުންނެވެ.

"މަންމަ މިއެރީ ޓެކްސީއަށް... ހުޅުމާލެއަށް ދާން އުޅޭ ވާހަކަ ބުނީމެއްނު..." މަންޝާއަށް ޖަވާބު ދިނުމަށްފަހު މަދީހާ ޓެކްސީ ޑްރައިވަރު ކައިރީ ދާންވީ ހުޅުމާލެ ޓަރމިނަލަށް ކަަމަށް ބުންޏެވެ.

"މަންމާ.. އާހް.. އާދެބަލަ މިގެއަށް.... މ. ރެޑްލައިޓް... އަަހަރެންނަށް ގޮތެއް އެބަވޭ... މަންމާ.. އަވަހަށް އާދެބަލަ... ޕްލީސް... އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން..." ޒޭބާ މިހެން ބުނެ ފޯނު ކަނޑާލީ މަދީހާ މިހާރު މިދަނީކަމަށް ބުނުމުންނެވެ. ފޯނު ކަނޑާލުމަށްފަހު ޒޭބާ އެމްބިއުލަންސަށް ގުޅާލިއެވެ. އެއަށްފަހު މަންޝާ ކައިރީ މަޑުކޮށްގެން ޒޭބާއާ ޒިބާން ތިއްބެވެ. ޒިބާންގެ މޫނަށް ޒޭބާ ބަލަން ހުއްޓެވެ. ޒޭބާއަށް ކުރެވުނު ކަންތަކުގެ ނަތީޖާ ނުކުތް ގޮތުން އޭނާ ދެރަވިއެވެ. މަންޝާއަށް މިހެން ވެދާނެ ކަމަކަށް ޒޭބާ ހިއެއް ނުކުރެއެވެ. ޒިބާން ހިތާހިތުން ދުއާ ކުރަމުން ދިޔައެވެ. މަންޝާއަށް ދެރަގޮތެއް ނުވޭތޯއެވެ.

*** *** *** *** *** ***

ގޭތެރެއަށް މަދީހާއައިސް ވަނެވެ. މަދީހާ އެގެއަށް އައި ފުރަތަމަ ފަހަރުކަމުން ދާންވީ ދިމާލެއް އޭނާއަކަށް ނޭނގުނެވެ. މަންޝާގެ ނަންބަރަށް ގުޅޭތޯ މަދީހާ މަސައްކަތްކުރިއެވެ. ކުއްލިއަކަށް ކުރިމަތީ ހުރި ސިޑިއާ ދިމާލުން އަޑެއްއިވުމުން މަދީހާ މައްޗަށް ބަލާލިއެވެ. ސިޑިމަތިން ފެންނަން ހުރި ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން މަދީހާ ސިޑިން މައްޗަށް އެރިއެވެ. ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން މަދީހާ ސަލާން ގޮވާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެއީ ކުޑަ ސިޓިންގް ރޫމެކެވެ. ކުރިމަތިން ފެންނަން ހުރި ކޮޓަރިއާ ދިމާއަށް މަދީހާއަށް ބަލާލެވުނީ އެނދުމަތީ ފެންނަން އޮތީ އޭނާގެ ދަރިފުޅުހެން ހީވުމުންނެވެ. މަދީހާ ދުވެފައި އެތެރެއަށް ވަނެވެ. މަންޝާ އޮތީ އެނދުމަތީގައެވެ.

"މަންޝާ.. މަންޝާ ދަރިފުޅާ ހޭލަބަލަ... މަންޝާ ކިހިނެއްތަވީ؟..." މަދީހާއަށް ރޮވޭގޮތްވިއެވެ. ފޯނު ނަގާ އަޒީމްގެ ނަންބަރަށް އޭނަ ގުޅީ އަޒީމް އަދި ގެއަށް ނާންނާތީއެވެ. މަދީހާއަށް މަންޝާ ގުޅާފަ އަަންނަން އެދުނު ގޮތުން ކަމެއް ގޯސް ވެއްޖެކަން މަދީހާއަށް ނަގައިގަނެވުނެވެ. އެހެންކަމުން އެ ފޯނު ކަނޑާލުމާ އެކީ މަދީހާ ވަގުތުން އަޒީމަށް ގުޅިއެވެ. އަޒީމްވެސް ގެއަށް މިދަނީކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

ގެއަށް އައިސް މަންޝާ އޮތްގޮތުން އަޒީމް ނައިސް ލަސްވާތީ މަދީހާ ގުޅި ނަމަވެސް އަޒީމް ފޯނެއް ނުނަގައެވެ. މަދީހާ އިތުރަށް ބިރުގަނެ ކަންބޮޑުވާ ގޮތްވިއެވެ. ދުވެފަ ފާޚާނާއަށް ވަދެ ފެންފޮދެއް ގެނެސް މަންޝާގެ މޫނުގައި އުނގުޅާލިއެވެ. މަންޝާ ކުޑަކޮށް ލޯ ހުޅުވާލި ނަމަވެސް އަނެއްކާވެސް މަންޝާގެ ޚަބަރު ހުސްވަނީއެވެ. ކޮޓަރި ތެރެއަށް މީހަަކު ވަތްހެން ހީވުމުން މަދީހާ ދޮރާ ދިމާއަށް ބަލާލިއެވެ. ކޮޓަރިއަށް ވަނީ އަޒީމެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމުގައެވެ. އަޒީމާ އެކީ އެމްބިއުލަންސްގައި އައި މީހުންވެސް އެތެރެއަށް ވަނެވެ. އެންމެން މަސައްކަތްކުރީ މަންޝާ ހޮސްޕިޓަލަށް ގެންދާށެވެ. މަންޝާއަށް ވީ ކިހިނެއްކަމެއް އެއިން އެކަކަށްވެސް ދެނެގަންނާކަށް ނޭނގުނެވެ.

ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ.

ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ.

ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ.

ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ.

*** *** *** *** *** ***

މީރާ އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި އެނދުމަތި ކުރެވިފައެވެ. މީރާގެ މަންމަ ޞަފޫރާ އެބަޔަށް ވަދެ މީރާ އޮތް އެނދުކައިރިއަށް ލެފިގަތެވެ. އޭރު އެ އެނދުކައިރީ ޟިރާރާ އާމިނަ މަޑުކޮށްގެން ތިއްބެވެ. ޞަފޫރާ އެތެރެއަށް ވަދެ އެނދުގައި އޮތް މީރާއާ ގާތްވެލިއެވެ. އޭރު މީރާއަށް އޮތީ ނިދިފައެވެ. މީރާގެ ބޮލުގައި ފިރުމާލަމުން ޞަފޫރާ އާމިނައާ ދިމާއަށް ބަލާލިއެވެ. "ކިހިނެއްވީއޯ ޑޮކްޓަރ ބުނީ؟..." ޞަފޫރާގެ މޫނުވަނީ މިލާފައެވެ. ސިޑިން ވެއްޓުނު ފަހުން މީރާއަށް ދިމާވަމުން ދިޔަ ކަންތައްތަކުން އޭނާ ކަންބޮޑުވިއެވެ.

"އިރުކޮޅަކުން ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބުނި... އަދިވެސް މީރާ ހުންގަނޑު މައިތިރި ނުވޭ... އެކަމަކު ހޮސްޕިޓަލަށް ގެނައި ފަހުން މިހާރު ހުން މަޑުވެއްޖެ..." އާމިނަ މިހެން ބުނެލަމުން މީރާގެ އަތުގައި އަތް ޖައްސާލިއެވެ.

އަތު ކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލުމަށްފަހު ޟިރާރު ވާހަކަ ދެއްކިއެވެ. "އާމިނާ...މަމިއެނީ ނަމާދާ... ބަންގި ގޮވާ ގަޑިއަސްޖެހެނީ.." (އާމިނާ... އަހަރެން މިދަނީ ނަމާދަށް... ބަންގި ގޮވާ ގަޑިވެސް ޖެހެނީ...)

އާމިނަ ބޯ ޖަހާލުމުން ޟިރާރު އެތަނުން ނުކުމެގެން ދިޔައެވެ. އެވަގުތު އާމިނަ ގާތު މިވެގެން އުޅޭ ގޮތަކާ ބެހޭ ގޮތުން އޮޅުން ފިލުވަން ޞަފޫރާ ސުވާލުކުރަން ފެށިއެވެ. އާމިނައަށް އެނގޭ މިންވަރަށް އޭނާ ޖަވާބު ދިނެވެ.

އެމީހުން ވާހަކައިގަ ތިއްބާ އެތަނަށް ރިޔާޒް އައިސް ވަނީ ނަރުސް ކުދިން ގެންނަން ބުނި ބޭސް ސިޓީއަށް އެއްޗެތި ގަނެގެންނެވެ. ރިޔާޒް އަތުގައި އޮތް ކޮތަޅު ނަރުސްކުދިންނާ ހަވާލުކުރުމަށްފަހު ރިޔާޒް ގާތްވެލީ މީރާ އޮތް އެނދު ކައިރިއަށެވެ.

"މީރާއަށް މިވާ ގޮތެއް ބަލަން ހިނގާ.. ރިޔާޒްގެ މަންމަ ކިޔައިދީފި ވެގެން އުޅޭގޮތް... ކީއްވެ ލަސްކުރަނީ... ހިނގާ އަވަހަށް މިކަމުން ސަލާމަތްވާން މަސައްކަތް ކުރަން..." ޞަފޫރާގެ ދަރިފުޅަށް ވެފައިއޮތް ގޮތް ފެނުމުން އޭނާއަކަށް ކެތެއް ނުވިއެވެ.

އެވަގުތު އެ އެނދުގެ ވަށާ ދަމާފައިވާ ފަރުދާ ކަހާލަމުން އެތެރެއަށް ވަނީ މީރާ ބަލަމުން ދާ ޑޮކްޓަރެވެ. "މީރާގެ ފިރިމީހާ ދެއްތޯ... ބޭރަށް ދުރުވޭ.. އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން..."

ޑޮކްޓަރގެ އެދުމަށް ރިޔާޒް ބޭރަށް ނުކުތެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ކައުންޓަރ ކައިރިއަށް ޖެހިލަމުން ޑޮކްޓަރ އަތުގައި ހުރި ގަނޑުތައް ރިޔާޒަށް ދައްކާލަމުން ވާހަކަ ދެއްކިއެވެ. "ހެދި ސްކޭނުން ބޭބީއަށް އެއްވެސް ގެއްލުމެއް ނުވާކަން ކަށަވަރު.. އަޅުގަނޑު ބޭސްތަކެއް ދީފަ ހުންނާނެ... އެބޭސް ބޭނުން ކުރުމުން ބްލީޑިންގް އެއްކޮށް ހުއްޓޭނެ.. އެކަމަކު ޕޭޝަންޓް އެއްވެސް ގޮތަކަށް ތެދުވެ އުޅެގެން ނުވާނެ.. ހަމަ ފުލް ބެޑް ރެސްޓް.. ހެދި ލޭގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހިމަގްލޮބިން ވަރަށް ދަށް... ސޯ ވީ އެންމެ އަވަހަކަށް ލޭއަޅަން އެބަޖެހޭ... މީރާގެ ބްލަޑް ގްރޫޕަކީ އޭބީ ޕޮޒިޓިވް.. އެހެންވީމަ ދެ ޑޯނާރ ހޯދާލައިގެން ދުރުވޭ... ކްރޮސްމެޗް ދިމާވާ ކަމަށްވަންޏާ ވަގުތުން ލޭ އެޅުމުގެ ކަންތައް ހަމަޖެހޭނެ... މިހާރު މީރާ އެޑްމިޝަންގެ ލިޔެކިއުންތައްވެސް ހަމަޖާއްސާލަން ޖެހޭ... ލޭ އަޅާފަ ވާނުވާ މޮނިޓަރ ކޮށްފަ ދެން ޕޭޝަންޓް ޑިސްޗާޖް ކޮށްލެވޭނީ..."

އެނދުމަތިކުރުމުގެ ކަންތައް ހަމަޖައްސަން ދިން ފޯމް ހިފައިގެން މީރާ އޮތް އެނދު ކައިރިއަށް ރިޔާޒް ޖެހިލިއެވެ. ރިޔާޒް އެނދުކައިރިއަށް އައުމުން ވީކިހިނެއްތޯ ބަލަން އާމިނައާ ޞަފޫރާ ސުވާލުކުރިއެވެ. "މީރާ ގަޔަށް ލޭ އަޅަން ޖެހޭތީ ލޭ ހޯދަންވީ.. އޭބީ ޕޮޒިޓިވް... އަހަރެން މިދަނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސަން..." ރިޔާޒް މިހެން ބުނެ އަވަސްފަރުވާދޭ ކޮަޓަރިން ބޭރަށް ނުކުންނަމުން އޭނާގެ ފޯނު ނަގާ ވައިބާރގެ ބައެއް ގްރޫޕުތަކުގައި ވަރަށް އަވަހަށް އޭބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށް ލިޔެ މެސެޖެއް ފޮނުވާލިއެވެ.

އެޑްމިޝަން ފޯމް ހަވާލުކުރަން ޖެހެނީ މައުލޫމާތު ދޭ ކައުންޓަރަށް ކަމަށްވާތީ ރިޔާޒް އެ ކައުންޓަރާ ގާތްވެލިއެވެ. ފޯރމް ފުރާ ހުރިހާ ކަމެއް ނިންމާލުމަށްފަހު ރިޔާޒް ބޭނުުންވީ އޭނާގެ ބައެއް ރައްޓެހިންނަށް ގުޅައިގެން ލޭގެ ކަންތައް އަވަހަށް ހަމަޖައްސާށެވެ. މީރާއަށް އެވާ ގޮތްތަކުން ރިޔާޒްގެ ސިކުނޑީގައި ރިހުމެއް އުފެދިފައި ހުއްޓެވެ. މީރާއާ އެމީހުންނަށް ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ވާކަށް ރިޔާޒެއް ނޭދެއެވެ.

ފޯނުގެ ސްކްރީނަށް ބަލަމުން ރިޔާޒް ހޮސްޕިޓަލުން ނުކުތުމަށް ހިނގައިގަތެވެ. ދޮރާހަމައަށް ދެވުމާއެކީ ރިޔާޒްގެ ސަމާލުކަން ދިޔައީ އިވެމުން އައި ސައިރިންގެ ބާރު އަޑަށެވެ. އެމްބިއުލެންސް އައިސް މަޑުކޮށްލީ އޭޑީކޭ ހޮސްޕިޓަލްގެ މައި ދޮރާށި ކުރިމައްޗަށެވެ. އެވަގުތު އެމްބިއުލަންސްގެ އިންތިޒާރުގައި ހޮސްޕިޓަލް ދޮރުކައިރީ ތިބި ނަރުހުންނާ މަސައްކަތު މީހުން އަވަސް ވެގަތީ އެބިއުލަންސްގެ ތެރެއިން ބަލިމީހާ ނެރެ އެތެރެއަށް ވެއްދުމަށެވެ.

ރިޔާޒް ފޯނު ހިފައިގެން އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރީ އެ މީހުންނަށް ތަން ދައްކާށެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަން ހުރި ރިޔާޒަށް އެމީހުންގެ ފަހަތުން އައި އަޒީމް ފެނުނެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމްގައެވެ. އެހިސާބުން އެނދުގައި އެތެރެއަށް ވައްދާ ބަލިމީހާއާ ދިމާއަށް ރިޔާޒްގެ ސަމާލުކަން ހުއްޓުނެވެ. މަންޝާ ކަން އެނގުމުން ރިޔާޒް ގަސްތު ކުރީ އެތެރެއަށް ވަންނާށެވެ.

މަންޝާ ގޮވައިގެން ހޮސްޕިޓަލް ތެރެއަށް ވަތް އިރު އަޒީމަށް ހޮސްޕިޓަލުތެރޭން މީހަކު ފެންނަ ވަރެއް ނޫނެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ މަންޝާގެ ހަށިގަނޑާ ދިމާއަށެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް މަންޝާ ވެއްދުމުން ރިޔާޒްވެސް އެތެރެއަށް ވަނެވެ. މަންޝާ އެނދުމަތި ކުރީ މީރާއާ ޖެހިގެން އޮތް ހުސް އެނދުގައެވެ. އެ އެނދުވަށާ ފޮތިގަނޑު ކަހާލުމަށްފަހު ޑޮކްޓަރުންގެ ޓީމް މަންޝާއަށް ފަރުވާދޭން ފެށިއެވެ. އަވަސްފަރުވާދޭ ކޮޓަރީގައި އުޅުނު އަންހެން ޑޮކްޓަރެއް އައިސް އަޒީމާ މަދީހާމެން ކައިރީ އެތައް ސުވާލެއް ކުރިއެވެ. މަންޝާއަށް ވީ ގޮތް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ޖަވާބުގައި މަންޝާ ބަނޑުބޮޑުކަމާއި ރަށުން ހެދި ޓެސްޓުތަކުގެ ރިޕޯޓްތައް މަދީހާ ދައްކާލިއެވެ. އަދި ދެދުވަހެއް ވަންދެން މަންޝާ ބޮލުގަ ރިއްސާފަ ހުރިކަމާ އެމީހުން ގެއަށް ދިޔަ ވަގުތު މަންޝާގެ ހެއެއް ނެތްކަމަށް އަޒީމް ބުންޏެވެ. މަންޝާ ބަނޑުބޮޑުވީ ފަހުން އިތުރު ޓެސްޓް ތަކެއް ހަދާފަ ނެތުމުންނާ އެކީ އެމީހުން ބޭނުންވީ ލޭގެ ޓެސްޓުތަކަކާ އަދިވެސް އެހެނިހެން ޓެސްޓްތައް ހަދާށެވެ. އެއަށްފަހު ވަކި ޖަވާބެއް ދެވޭނެ ކަމަށް ބުންޏެވެ. އަޒީމް އަތަށް އެމީހުން ހަވާލުކުރި ގަނޑުކޮޅު ހިފައިގެން އަޒީމް ބޭރަށް ނުކުތީ މެމޯ ކޮޅެއް ހައްދާށެވެ.

އަވަސްފަރުވާދޭ ކޮޓަރިން ބޭރަށް ނުކުތުމާ އެކީ ފަހަތުން މީހަކު ގޮވާލުމުން އަޒީމް ބަލާލިއެވެ. ފަހަތުގައި ހުރި ރިޔާޒެވެ. އޭނާއަށް ލިބުނު ހައިރާންކަމުން ހޮސްޕިޓަލުގަ ކީއްކުރާނީތޯ އަހާލެވުނެވެ.

"މި ހިނގަނީ މީރާ ހުންއާސް ހެއިނެތޭހެދި... މީރާ އެއޮތީ އެމަންޖެންސީ ރޫމެ... ލެއި ހޯދާ ބެނެގެން މި ހިނގަނީ... ލެއި މަދުވެނިއްޔައު... މަންޝާއަށް ކެހެނަކަށްވީ؟..." (މިއުޅެނީ މިރާ ހުންއައިސް ހޭނެތޭތީ... މީރާ އެއޮތީ އެމަޖެންސީ ރޫމުގަ.. ލޭ ހޯދަން ބުނެގެން މިއުޅެނީ... ލޭމަދުވަނިއްޔޯ... މަންޝާއަށް ކިހިނެއްވީ؟...) ރިޔާޒް ބޭނުންވީ މަންޝާއަށް ވީ ގޮތެއް އޮޅުން ފިލުވާށެވެ.

"ނިއެނގެއި... މަ ޑިއުޓިއަށް އޭއް ގޮސް ފެރީއަށް އަރައަރައި ހިށިވޭލެއި މަންޝާ މަންމާ ގުޅަފައި ބެނީ މަންޝާއަށް ގޮތަށްވޭހެދި ގުޅިވާހަކަ... އެހެންވެ މައަވަހަަށް ގެއް އައީ... އެކޯ އެޔަގެ ހެޔަށް ނެއް... ބޯ ރިހޭހެދި މި ދޭތެރެއިން ވޭނޑެނެއިއަސް.. ދެން ނިއެނގެއި... މީރާ ކެހެނަކަށް؟... ކޮން ގުރޫޕަކި ލެޔަށް ތެ ހޯދަނީ..." (ނޭނގެ މަ ޑިއުޓީއަށް ދާން ގޮސް ފެރީއަށް އަރައަރަ ހުއްޓާ މަންޝާ މަންމަ ގުޅާފަ ބުނީ މަންޝާއަށް ގޮތެއްވާތީ ގުޅިވާހަކަ.. އެހެންވެ އަވަހަށް މަ ގެއަށް އައީ.. އޭރު އޭނަގެ ހެޔެއް ނެތް... ބޮލުގަ ރިއްސާތީ މި ދޭތެރެއިން އުޅުނީވެސް.. ދެން ނޭނގެ... މީރާ ކިހިނެއް؟... ކޮން ގްރޫޕެއްގެ ލެއެއްތަ ތި ހޯދަނީ؟...) ކައުންޓަަރުގައި އިން އަންހެންކުއްޖާ އަތަށް މެމޯ ހައްދަން ހަވާލުކުރި ގަނޑުކޮޅާ މަންޝާގެ އައިޑީކާރޑް ހަވާލުކުރަމުން އަޒީމް ވާހަކަ ދެއްކީ ރިޔާޒާއެވެ.

"އޭބީ ޕޮޒިޓިވް... ރައްޓެހިންނަނށް މެސެޖް ކޮށްގެން މި ވޭނޑެނެއި... ދެނަކަށް މީރާގެ މަންމާ ބެނި މީހަކާ ވެގެއައު... އެމީހާ މިކޯ ތެބެއެއި ކްރޮސްމެޗްހަދާ... އަދި އެހެކާ ބޭނުންވެއި..." (އޭބީ ޕޮޒިޓިވް... ރައްޓެހިންނަށް މެސެޖް ކޮށްގެން މިއުޅެނީ... ދެންމެ މީރާގެ މަންމަ ބުނި މީހަކު ވެއްޖެޔޯ... އޭނާ މިހާރު އެބަ އާދޭ ކްރޮސްމެޗް ހަދަން... އަދި އެކަކު ބޭނުންވޭ...) ރިޔާޒް ވާހަކަ ދައްކަމުން އަނެއްކާވެސް ބަލާލީ ވައިބާރ ގްރޫޕުން މީހަކު މެސެޖް ކޮށްފައި އޮތްތޯއެވެ.

މަ މިހިށީނު... މަމީ އޭބީ ޕޮޒިޓިވް... މިކަންތައް ނިންމަލެއި ހިނގައު ޓެސްޓުހަދާ އޭއް... މަ ލެއި ނިދޭތާ މިކޯ އަހަަރަށް ވެގެ..." (އަަހަރެން މިހުރީނު... މަމީ އޭބީ ޕޮސިޓިވް... މިކަންތައް ނިންމާލަފަ ހިންގާ ޓެސްޓު ހަދަން ދާން... އަހަރެން ލޭ ނުދޭތާ މީހާރު އަހަރެއް ވެއްޖެ...) ކައުންޓަރުގަ އިން ކުއްޖާ ބުނި އަދަދަށް ފައިސާ ދައްކާލަމުން އަޒީމް ވާހަކަ ދެއްކިއެވެ. މެމޯކޮޅު ލިބުމުން ރިޔާޒާއި އަޒީމް މިސްރާބުޖެހީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އޭރު މަދީހާ ހުރީ ބޭރުގައެވެ.

މަންޝާގެ މަންމަ ފެނުމުން ރިޔާޒް ހިނިތުންވުމެއް ރައްދުކޮށްލަމުން ވާހަކަ ދެއްކިއެވެ. "މަންޝާގެ މަންމަ ދޯ... އަޅުގަނޑަކީ ރިޔާޒް... އަޅުގަނޑަކީ މީރާގެ ފިރިމީހާ.. މަންޝާގެ ވަރަށް ގާތް ރައްޓެއްސެއް މީރާއަކީ.... މީރާވެސް އެބައޮތް މިތާ ޖެހިގެން އޮތް އެނދުގަ އެޑްމިޓް ކޮށްފަ...."

މަދީހާ ހިނިތުންވުމެއް ރައްދުކޮށްލި ނަމަވެސް މަދީހާ ހުރީ ވާހަކަ ދެއްކޭ ވަރަށްވުރެ ބޮޑަށް ހާސްވެފައެވެ. މަދީހާ ގާތު ބޭރުގައި މަޑުކޮށްގެން ތިހުރީ ކިހިނެއްވެގެންތޯ އަޒީމް އެހުމުން މަދީހާ ޖަވާބުދިނެވެ. "ޑޮކްޓަރުން ވެއްޖެ އެތެރޭގަ.... އެހެންވެ މީނީ...." ޑޮކްޓަރުންގެ ޓީމެއް މަންޝާއަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދިޔައެވެ. އަޒީމްމެން ތިބީ ކެތްމަދުވެފައެވެ.

އިރުކޮޅެއްފަހުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއް އަޒީމާ ވާހަކަ ދެއްކުމަށް ގާތްވެލިއެވެ. "ޕޭޝަންޓްގެ ހާލު އެހާ ރަނގަޅެއް ނޫން... ލޭގެ ޕްރެޝަރ ވަރަށް ދަށްވެފަ ހުރީ... މާބަނޑު ދުވަސްވަރު ކުރީކޮޅު ވަރަށް ގިނަ ޕޭޝަންޓުންނަށް ވާކަމެއްމީ... ހޯމޯންސް ލެވެލް މަތިވެގެން ދާފަދަ ދުވަސްވަރެއްގައި ޕޭޝަންޓް ޑީހައިޑްރޭޓް ވުމުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ ބޯއެނބުރުމަކީ އެކަށީގެންވާ ކަމެއް... އެހެންވެ ޕޭޝަންޓް އެޑްމިޓްކޮށްގެން މޮނިޓަރކުރަން ޖެހޭނީ... މި ވަގުތު އޭނައަށް ބޭނުންވަނީ އަރާމް... އަދި ބަނޑުބޮޑުވުމަށްފަހު ހަދަންޖެހޭ ލޭގެ ޓެސްތުތައްވެސް ނުހަދާ ހުރުމުން އެ ޓެސްޓުތައް ހަދަން ޖެހޭނީ..." ޑޮކްޓަރ ވާހަކަ ނިންމާލުމަށްފަހު އަވަސްފަރުވާދޭ ކޮޓަރީގައި ހުރި ކައުންޓަރަށް ގާތްވެލިއެވެ. އެވަގުތު އަޒީމް އަަތަށް ނަރުސްކުއްޖެއް ގެނެސްދިނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސާ ފޯމެވެ. އެ ފޯރމް ހިފައިގެން އަޒީމް ބޭރަށް ނުކުންނަމުން ރިޔާޒް ގާތު ލޭގެ ޓެސްޓު ހަދަން ދާން ހިނގާށޭ ބުނެލިއެވެ.

ދެމީހުން އަވަސްވެގަތީ ކައުންޓަރާ ދިމާއަށެވެ. މެމޯކޮޅެއް ހައްދާލުމަށްފަހު އެމީހުން އަވަސްވެގަތީ ލެބޯޓްރީއަށެވެ. މީރާއަށް ލޭދިނުމަށް ކްރޮސްމެޗް ދިމާވޭތޯ ހަދާ ލޭގެ ޓެސްޓުތައް ހެދުމަށެވެ. އެއަށްފަހު އެދެމީހުން ނުކުތީ އެޑްމިޝަން ކަންތަކުގައެވެ. "އެމަރޖެންސީގަ އޮތް ޕޭޝަންޓް މީރާގެ ރޫމް ހަމަޖެހޭނީ ކޮންއިރަކު..." އަޒީމާ އެކީ ކައުންޓަރާ ގާތްވެލަމުން ރިޔާޒް އަހާލިއެވެ.

"ކުޑަ އިރުކޮޅަކުން ހަމަޖެހޭނެ.. ހަމަޖެހޭއިރަށް ތިފަރާތުން ދެއްވާފައިން ނަންބަރަށް ގުޅާލާނަން..." އަދަބުވެރިކަމާއެކު ކައުންޓަރުގަ އިން ކުއްޖާ ވާހަކަ ދެއްކިއެވެ. އެވަގުތު ރިޔާޒްގެ ފޯނަށް މެސެޖެއް އައިސްގެން ރިޔާޒް ފޯނަށް ބަލާލިއެވެ.

"އަޒީމް... މަ އެބޭނީ އެތެރަށް... ތެކަންތައް ނިންމަލެއި ބައިވާ... މަންމާ އެ މެސެޖް ކެރީ ލެއިދޭއް ބެނި އަނެއް ކޮއްޔާ އާސްގެން... ރިޕޯތްތައް ލިބެނެމެއި ގުޅާށުން.. އެބޭނީވާ..." (އަޒީމް އަހަރެން ދަނީ އެތެރެއަށް... ތިކަންތައް ނިންމާލަފަ އާދޭ އިނގޭ... މަންމަ އެ މެސެޖް ކުރީ ލޭ ދޭން ބުނި އަނެއްސޮރު އައިސްގެން.... ރިޕޯޓްތައް ލިބުނީމަ ގުޅާނަން... ދަނީ އިނގޭ...) ރިޔާޒް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ.

އަވަސްފަރުވާދޭ ކޮޓަރިއަށް ރިޔާޒް ވަތްއިރު އެތަނަށް ޞަފޫރާ ގުޅައިގެން ގެނައި މީހާ އައިސް ހުއްޓެވެ. އެހެންކަމުން ރިޔާޒް އަވަސްވެގަތީ އެމީހާ ގޮވައިން ލޭގެ ޓެސްޓުތައް ހަދަން ދިއުމަށެވެ. ރިޔާޒް ނުކުތް އިރު އެތަނަށް މުނީރާ އައިސް ވަންނަނީއެވެ. މުނީރާ އައިސް ވަނީ މަންޝާ އެނދުމަތި ކޮށްފައިވާ ދިމާއަށެވެ. މަދީހާ އޭރު ހުރީ އެތާ އެކަންޏެވެ. މުނީރާ އައިސް މަދީހާ ގާތަށް ހުއްޓެމުން ވާހަކަ ދައްކަން ފެށިއެވެ. "މިހާރު މަންޝާ ކިހިނެއްތަ؟... ކިހިނެއްވެގެން ވީކަމެއްތަ މީ؟..."

ކުއްލިއަަކަށް މަންޝާއަށް މިދިމާވި ކަންތަކުން މުނީރާވެސް ހުރީ އަޖައިބުވެފައެވެ. "ޑޮކްޓަރުން ބުނީ ލޭމަދުވަނީއްޔޯ... އަދި ޓެސްޓުތައް ހެދީމަ ވާނުވާ އިނގޭނީ..." މަދީހާގެ ވާހަކަ މެދުކެނޑުނީ އެވަގުތު މަންޝާގެ މެރިފައިވާ ދެލޯ ހުޅުވާލުމުންނެވެ.

އެހެންކަމުން މަދީހާ އަވަހަށް ނަރުސްކުއްޖަކަށް ގޮވާލަމުން މަންޝާ ގާތަށް ކައިރިވެލިއެވެ. މަންޝާގެ އަތުގައި މަދީހާ ފިރުމާލިއެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާއަށް ބަލާލެވުނީ އޭނާ އޮތްތަން ގަބޫލު ނުކުރެވުމުންނެވެ. ވަށައިގެން މުޅިތަނަށް ބަލާލަމުން ކައިރީގައި ހުރި މަދީހާއާ ދިމާއަށް މަންޝާ ބަލާލިއެވެ.

"ކީއްވެ އަހަރެން ހޮސްޕިޓަަށް ގެނައީ..." މަންޝާއަށް އޭނާގެ ބަނޑުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަނެއްކާ ބޭބީއަށް ކަމެއްވީތަ؟..." ހާސްވެފައި އޮވެ މަންޝާއަށް އެހެން އަހާލެވުނީ ވީ އެއްވެސް ކަމެއް އޭނާގެ ހަނދާނަށް ނާންނާތީއެވެ.

"މަންޝާއެއް ނޫންތަ މަންމައަށް ގުޅާފަ ބުނީ ބޮލުގަ ރިއްސާ ވާހަކައާ ހޮސްޕިޓަލަށް ދާން އަވަހަށް އަންނާށޭ..." އޭރު ވީ ކަންތައް މަންޝާއަށް ހަނދާންކޮށްދޭން މަދީހާ ވީގޮތް ކިޔައިދިނެވެ. ގަދައަށް ބޮލުގަ ރިއްސުމުުގެ ސަބަބުން މަންޝާއަށް އެވަގުތު ވާނުވާ ނޭނގުނީ ކަމަށް މަދީހާއަށް ގަބޫލުކުރެވުނެވެ.

"ކޮންދުވަހެއްގެ ވާހަކައެއް ތި ބުނަނީ... އަހަރެެން މިއަދު ރަށުން އައީ... ރަށުން އައިސް ގޭގަ ހުއްޓާ ޒުހާ އައި... ދެން... ދެން..." މަންޝާ ދެލޯ ބާރުކޮށްގެން އޮވެ އޭރު ވީކަންތައް ހަނދާން ކުރަން މަސައްކަތް ކުރިއެވެ. މަންޝާގެ ބޮލުގެ އެއްފަރާތަށް ތޫނު ތަދެއް އަރަމުން ދިޔައެވެ. އެތަދަށް ކެތް ނުކުރެވޭތީ ބޮލުގައި މަންޝާ އަތް ޖައްސާލިއެވެ.

"އެކަމަކު ދަރިފުޅާ ރަށުން އައިތާ މިހާރު ހަތަރު ދުވަސް މިވީ...." މަދީހާއަށް އެހެން ބުނެވުނު އިރު އެ އެނދު ކައިރިއަށް ޑޮކްޓަރަކާއި އެކީ ނަރުސް ކުއްޖެއް އައެވެ.

"ހެއި މަންޝާ... ކިހިނެއްތަ؟..." ޑޮކްޓަރ މަންޝާއާ ސުވާލުކޮށްލަމުން މަންޝާގެ މޫނަށް ބަލާލިއެވެ. އެއަށްފަހު މަންޝާގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓާލަމުން ވިންދު ބަލާލިއެވެ.

"ރަނގަޅު... އާހް... އެކަމަކު ވަރަށް ބޮޑަށް ބޮލުގަ ރިއްސާ..." މަންޝާ ވާހަކަ ދައްކަމުން އެނާގެ އަތުގެ ހުދުހަން ކަހަން ފެށިއެވެ.

"މަންޝާ... އާ ޔޫ ހެވިން އެނީ ސްޓްރެސް އެޓް ހޯމް... ބަނޑުބޮޑު ދުވަސްވަރު ކަންކަމާ މާ ބޮޑަށް ފިކުރުކޮށް ވިސްނުމަކީ މާ ބަނޑުމީހާއަށާ ބަނޑުގައިވާ ކުއްޖާއަށް ރަނގަޅު ކަންތައްތަކެއް ނޫން.. މަންޝާގެ ހަށިގަނޑުން ވަރަށް ފެންމަދުވެފަ ހުރިކަން ފާހަގަ ވޭ... ވަރަށް ބޮޑަށް ޑީ ހައިޑްރޭޓް ވެފަ ތިހުރީ... ގިނައިން ދިޔާ އެއްޗިސް ބޭނުން ކުރަން ވާނެ.. އަދި ރަނގަޅު ކާނާވެސް ބޭނުން ކުރާންވާނެ... މަންޝާގެ އަތް ތިހެން ވަރަށް ގަދައަށް ކަހާތަ؟..." މަންޝާ ނުހުއްޓި އޭނާގެ އަތް ކަހަމުން ދާތީ ޑޮކްޓަރ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

"ނޭނގެ... މިހާރު ވަރަށް ކަހާ..." މަންޝާ ނުކަހަން މަސައްކަތް ކޮށްގެން އޮތް ނަމަވެސް އެނާއަށް އަތް ނުކަހާ އޮވެވޭ ގޮތެއް ނުވިއެވެ.

"ނާރސް ޕްލީސް ޑޫ ހާ ލިވަރ ފަންކްޝަން ޓެސްޓް ވިތުދި އަދަރ ޓެސްޓްސް... އެންޑް ސްޓަރޓް އެން އައިވީ.... އަޅުގަނޑު މަންޝާ އޮބްޒަވޭޝަންގަ ބާއްވާލާނަން... ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ އަދި ވަކި އެއްޗެއް ބުނަން އިނގޭނީ... ދިޔާ އެއްޗިސް ގިނައިން ނަގަން ފަށާ..." ޑަކްޓަރ މިހެން ބުނަމުން އެ ތަނުން ނުކުތެވެ.

*** *** *** *** *** ***

މަންޝާގެ އެޑްމިޝަން ފޯރމް ކައުންޓަރާއި ހަވާލުކުރުމަށްފަހު އަޒީމް އަވަސްވެގަތީ އޭ.ޑީ.ކޭއިން ބޭރަށް ނުކުންނާށެވެ. އަޒީމްގެ ފޯނު ނަގާ އޭނާގެ އޮފީހުގެ ނަންބަރަށް ގުޅާލަމުން މިއަދު އޮފީހަށް ނުދެވޭނެ ކަމަށާ އަޒީމް މިވަގުތު މިއުޅެނީ އަންހެނުން ބަލިވެގެން ހޮސްޕިޓަލުގައި ކަމަަށް ބުނަމުން ހަފްތާއެއްގެ ޗުއްޓީ ހަމަޖެއްސޭތޯ އަޒީމް މަސައްކަތް ކުރިއެވެ. އެ ފޯނަށް ވާހަކަ ދައްކަދައްކާ ހުއްޓާ އަޒީމްގެ ޖީބުގައިވާ މަންޝާގެ ފޯނު ރިންގް ވާތީ އެފޯނުނަގާ ބަލާލިއެވެ. މަންޝާގެ ފޯނަށް އެ ގުޅަނީ ނަވާފް ކަމުން އަޒީމް މަޑުޖެހިލިއެވެ. އޮފީހަށް ގުޅައިގެން އިނކޯލު ނިންމާލުމަށްފަހު ނަވާފްގެ ކޯލު ނަގާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

"ހެއި މަން.. އަހަރެމެން މިތިބީ އެއަރޕޯޓުގަ..ބިޒީކަމުން ނުގުޅުނީ... އެކޮޅަށްގޮއްސަ ގުޅާނަން އިނގޭ..." އެކޮޅުން ވާހަކަ ދެއްކީ ޒުހާއެވެ. އަޒީމް އެ ކޯލަށް ޖަވާބު ދިނެވެ. ކުއްލިގޮތަަކަށް މަންޝާ ހޮސްޕިޓަލަށް ގެނައި ވާހަކައާ ޑޮކްޓަރުން އަދި ވަކި ޖަވާބެއް ނުދޭ ކަމަށްވެސް ބުންޏެވެ. އަޒީމް ޒުހާގެ ފޯނަށް ވާހަކަ ދައްކަމުން މަޑު ފިޔަވަޅުތަކެއްގައި އޭ.ޑީ.ކޭގެ ގޯތިތެރެއިން ބޭރަށް ނުކުމެ ސޯސަންމަގުގެ ދެފަރާތަށް ބަލާލިއެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ދުރުދުރުން ހޮސްޕިޓަލާ ދިމާއަށް ހިނގާފައި އައި ޟިރާރެވެ.

"އަޅެ... މަށަށް ވާނުވާ ވައިބާރ ކުރާތި... އަހަރެން އެކޮޅަށް ގޮޮއްސަ އަޒީމަށް ގުޅާނަން.. އޭނައަށް ރަނގަޅަށް ބަލާތި... މަންޝާއަށް ކަމެއްވާކަން އަހަންނަށް ފާހަގަވާތާ ދުވަސްކޮޅެއްވެއްޖެ.. އޭނަ އަހަންނާ ވަރަށް ދުރުވެއްޖެ... އެއީ އެހެންޏާ މަންޝާ އުޅޭ ގޮތެއް ނޫން... ދެން ބޭއްވީއޭ... ފުރަންދާން މިދަނީ.. ބާއި..." ޒުހާގެ ފޯނު ކަނޑާލަމުން އަޒީމް މަޑުކޮށްލީ ޟިރާރާ އެކީ އެތެރެއަށް ވަންނާށެވެ. ޟިރާރު އެ އަންނަނީ މީރާ ގާތަށް ކަން އަޒީމަށް އެނގުނެވެ.

"އަޒީމް... ކެންކެރަނީ؟... މިތެއި މީރާ ތެބޮށް އެޑްމިޓްކޮށްފެއި..." (އަޒީމް... ކީއްކުރާނީ؟.. މިތާ މީރާ އެބައޮތް އެޑްމިޓްކޮށްފަ....) އަޒީމާ އަރާ ހަމަވުމުން ޟިރާރު ވާހަކަ ދައްކަން ފެއްޓިއެވެ.

"ހާން.. ތެކަން އެނގެއި... މަމިއައީ މަންޝާ ބެނޑުވަގެން... އެޔަ ހެއިނެތިގެން... އަދި ވޭ ގޮތަށް އެނގޭނެއި ޓެސްޓުތަކަށް ފަހި... މިތަނަށް އައިތަނުން ރިޔާޒާއި ދިމާވެގެ... މިކޯ މީރާ ގާށް ލެއި އެޑާ ޖެހިގެން އެހިނގަނީ... ލެއި މަދޮވެނީޔައު..." (އާން ތިކަން އިނގޭ... އަހަރެން މިއައީ މަންޝާ ގޮވައިގެން.. އޭނާ ހޭނެތިގެން.. އަދި ވާގޮތެއް އެނގޭނީ ޓެސްޓުތަކަށް ފަހުން... މިތަނަށް އައިތަނުން ރިޔާޒާ ދިމާވެއްޖެ... މީހާރު މީރާ ގަޔަށް ލޭ އަޅަން ޖެހިގެން އުޅެނީ... ލޭ މަދު ވަނިއްޔޯ...) ޟިރާރާ ސަލާމްކޮށްލަމުން މީރާގެ ހާލަތު އަޒީމް ބަޔާންކުރިއެވެ.

"އެހެނާ... މިކޯ ލެއި ދޭނެ މީހަކާ ވެގެއި؟..." (އެހެންތަ... މިހާރު ލޭ ދޭނެ މީހަކު ވެއްޖެތަ؟...) ޟިރާރުގެ ސުވާލު ވަރަށް ކުރެވެ.

"ހާން... މާއި... އަދިއަސް އެހެންމީހަކާއި..." (އާން... އަހަރެންނާ... އަދިއެހެންމީހަކުވެސް ވެއްޖެ...) އަޒީމް އަތުގައި އޮތް މަންޝާގެ ފޯނު އޭނާގެ ޖީބަށް ލަމުން ހޮސްޕިޓަލު ތެރެއަށް ވަންނަން އެނބުރިލިއެވެ.

"ކޮންތާކި މަންޝާ އޮތީ؟... ހިނގަފެލަ އެކޮއްޔާ އެކަހާއު އޭ... މަންޝާސް ބަނޑޮބޮޑޮދީ... މީރާއި މަންޝާއި މި ބަނޑޮބޮޑޮވީ އެކީ އެއްކޮށްދީ..." (ކޮންތާކު މަންޝާ އޮތީ؟... ހިނގާބަލަ އެމަންޖެ ކައިރިއަށް ދާން... މަންޝާވެސް ބަނޑުބޮޑު ދޯ... މީރާއާ މަންޝާއާ މި ބަނޑުބޮޑުވީ ދާދި އެކުއެކީގަ ދޯ...) ޟިރާރުގެ ވާހަކަ އެހިސާބުން މެދުކެނޑުނީ އޭނާގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ޟިރާރު ބަލާލިއެވެ. އެހިސާބުން ޟިރާރުގެ ފިޔަވަޅު މަޑުޖެހުނެވެ.

" އެމަންޖެންސީ ރޫމެ.... މީރާ ޖެހިގެން އެނައު އެނދެ މަންޝާ އޮތީ..." (އެމަރޖެންސީ ރޫމްގަ... މީރާ އާ ޖެހިގެން އަނެއް އެނދުގަ މަންޝާ އޮތީ...) ވާހަކަ ދައްކަމުން އޭރު އަޒީމް އެތެރެއަށް ވަންނަން ހިނގައިގަތީއެވެ. އަޒީމަށް ގޮވާލަމުން ޟިރާރު މިދަނީ ކަމަށް ބުނެލިއެވެ.

އަޒީމް އެތެރެއަށް ވަދެގެން ދިޔައީ އޮފީހުން އެދުނު ފަދައިން އެމީހުންގެ މެނޭޖަރުގެ ނަންބަރަށާ އެޗް.އާރުގެ ނަންބަރަށް މެސެޖެއް ކުރަމުންނެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވަދެ އޭނާ ގާތްވެލީ މަންޝާއޮތް އެނދާ ކައިރިއަށެވެ. އަޒީމަށް އެހިސާބަށް ދެވުނު އިރު މަންޝާމެން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް އަޑުއިވުނެވެ.

"މުނީރައްތަ ކޮބާ އަފްނާނު؟... ހަސަންބެގެ ޚަބަރެއް ނުވޭތަ؟..." މަންޝާ ވާހަކަ ދެއްކީ މަދީހާމެންނާއެވެ. ރަށުން އައި ފަހުން އަފްނާންމެންނަށް ދިމާވި ކަންތައް މަދީހާ ގުޅާފަ ކިޔައިދިން ނަމަވެސް އެއިން އެއްވެސް ވާހަކައެއް މަންޝާއަކަށް ނޭނގެއެވެ. އޭނާގެ ހަނދާނުގައި ހުރީ އީދު ދަތުރު ނިންމާފަ މާލެއަށް އައި ދުވަހާ ހަމައަށެވެ.

"އަޅެ މަންޝާއަށް މަންމަ ގުޅާފަ ކުރިން ދުވަހުވެސް ވާހަކަ ދެއްކިން... އެއިން އެއްވެސް ކަމެއް ހަނދާން ނުވަނީތަ؟..." މަދީހާ ހުރީ އަންތަރީސް ވެފައެވެ.

"ކޮންއިރަކުތަ މަންމަ ގުޅީ؟..." މަންޝާ ދެބުމަގޮށް ޖަހާލަމުން ވާހަކަ ދެއްކިއެވެ.

"ހަސަންބެގެ މަރަށްފަހު އަފްނާން ގެއިން ފިލައިގެން ހިނގައްޖެ... މަންޝާއަށް ކިހިނެއްތަ ވީ؟... ކޮން ކަމެއްތަ އެންމެފަހު ހަނދާނަކަށް ހުރީ...." މަދީހާ ހުރީ ހާސްވެފައެވެ. މި ފަހުން ހިނގި އެއްވެސްކަމެއް މަންޝާގެ ހަނދާނުގަ ނެތްކަން އެހިސާބުން މަދީހާއަށް ޔަގީން ވިއެވެ.

"ރަށުން އައި ދުވަހު ޒުހާ އައި.. ޒުހާ ދިޔަ ފަހުން ދެން ގެއަށް އައީ.... ޒޭބާ... އާން ޒޭބާ... ކޮބާތަ އަޒީމް؟.." އެނދުމަތިން ބޯ ހިއްލާލަމުން އަޒީމް އެތާ ނެތްކަން އެނގިގެން އަޑަށް ބާރުލަމުން މަންޝާ އަހާލިއެވެ.

"ކީކޭ؟... ކޮން ދުވަހަކު މަންޝާއާ ޒޭބާއާ ދިމާވީ؟..." ދުރުގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އަޒީމަށް އެކަމުން ލިބުނީ ހައިރާންކަމެކެވެ. އެހެންކަމުން އަޒީމް މަންޝާ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

"މިއަދު ދިމާވީ... އޭނަ އައިސް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން... އަހަރެން ރަށުން އައީ މިއަދެއް ނޫންތަ... އޭނައާ އަޒީމާ އޮތް ގުޅުން ދިޔަ ހިސާބު އޭނަ ވަރަށް ރަނގަޅަށް ކިޔައިދިން...." އެހިސާބަށް ވާހަކަ ދިޔައިރު މަންޝާގެ ލޮލުން ކަރުނަ ފޭދުނެވެ.

"ހަމަޖެހިބަލަ... މަންޝާ.... މިއަދަކު ނޫނޭ ރަށުން އައީކީ.. މަންޝާ ރަށުން އައިތާ ހަތަރުދުވަސް ވީ... ޒުހާ މިއަދު ގެއަށް އައި.. އެކަމަކު މަންޝާ އެންމެ ފަހަރަކުވެސް ޒުހާއާ ވާހަކަ ދައްކަން ބޭރަށްވެސް ނުނިކުމޭ... މަންޝާއަށް ތިކިއޭ ނުކިއޭ އިނގޭތަ..." މަންޝާއަށް ވިސްނައިދޭން އަޒީމް މަސައްކަތް ކުރިއެވެ. މިއަދު ވީ ކަންތައްތައް ހަނދާންކޮށްދޭން މަސައްކަތް ކުރިއެވެ. މަދީހާއާ މުނީރާގެ ކުރިމަތީގައި ޒޭބާގެ ވާހަކަ ދެއްކުމުން އަޒީމް ހުރީ ހިސާބަކަށް ލަދުގަނެފައެވެ.

"ކޮންމެހެން އެއީ ނުވާކަމަށް ހެދޭނެ ކަމެއް ނެތް.. އަހަަރެން ރަށަށް ދިޔަ އިރުވެސް ތިމީހުން ރައްޓެހިވެގެން ހުޅުމާލެއަށް ބައްދަލުކުރަން ދާކަން މަށަށް އިނގޭ.. ރަށުގަ ހުރި އިރުވެސް އަޒީމް އަހަންނަށް ގުޅާވެސްނުލާ.. ކޮބާތޯވެސް ބަލާ ނުލާ... އަހަރެންނަށް އިނގޭ އަޒީމް ހުރީ ކިހާ ހިސާބެއްގަކަން.. ރަށުުގަ ހުއްޓާ ގުޅި ދުވަހުވެސް އަޒީމް ހުރީ އެ ޒޭބާ ގޮވައިގެން... މިއަދު އޭނައައިސް އަހަރެން ގާތުގަ ދެއްކި ހުރިހާ ވާހަކައެއް އަހަރެން ހަނދާން އެބަހުރި... އޭނަ ބުނީ...އޭނަ ބުނީ..." އެހިސާބަށް ވާހަކަ ދިޔައިރު މަންޝާއާ ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ހަނދާނަށް އައެވެ. ޒޭބާއަކީ އިންސާނެއް ނޫންކަމާއި، މަންޝާގެ ބަނޑުގައިވާ ދަރިފުޅުގެ ހަގީގަތް ޒޭބާއަށް އެނގޭކަމާއި، ޒޭބާގެ ބަނޑުގައި ވަނީ އަޒީމްގެ ދަރިއެއްކަމުގެ ވާހަކައެވެ. އަދި އެއަށްފަހު މަންޝާގެ އަތުގައި އޭނާ އަތް އެޅިކަމާއި އެހިސާބުން މަންޝާއަށް ނޫކުލައިގެ އަލިކަމެއް ފެނި އޭގެތެރެއަށް ގެނބިގެން ދެވުނުކަމެވެ.

އެހުރިހާ ވާހަކައެއް ދައްކައިފިއްޔާ ކަންތައް ވެދާނެގޮތަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އަދި މަޑުމަޑުން މަންޝާގެ އަތުގައި ފިރުމާލެވުނެވެ. ޒޭބާ އޭނާގެ އަތުގައި ހިފި ދިމާ ހުރީ ފާޑަކަށް ކަޅުވެފައެވެ. ހީވަނީ ހަންގަނޑު ފިހިފައި ހުރިހެނެވެ.

އެނދުކައިރިއަށް ޑޮކްޓަރުންގެ ޓީމެއް އެވަގުތު އެއްވީ އެތަނުގައި އަޑުގަދަ ވުމުގެ ސަބަބުންނެވެ. އެހެންކަމުން މަދީހާއާ މުނީރާ އަވަސް ފަރުވާދޭ ކޮޓަރިން ނުކުތެވެ. ޑޮކްޓަރުންތައް އައިސް މަންޝާއާ އަޒީމާ ވާހަކަ ދެއްކިއެވެ. މަންޝާގެ ހަނދާނުން ހަތަރު ދުވަސް ތެރޭ ހިނގާފައިވާ ކަންތައްތައް ނެތްކަމަށް އަޒީމް ބުންޏެވެ. އެހެންކަމުން ޑޮކްޓަރުންގެ ޓީމް މަންޝާއަށް ވީ ގޮތެއް ބެލުމުގައި އަވަސްވެގަތެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން