Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

މަންޝާ 1 (ފަންސާސްވަނަ ބައި)

8 ނޮވެންބަރ 2017 - 12:00

ޢާއިޝަތު ޝާޒްލީން (ޝާޒް)

އެހުރިހާ ވާހަކައެއް ދައްކައިފިއްޔާ ކަންތައް ވެދާނެގޮތަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އަދި މަޑުމަޑުން މަންޝާގެ އަތުގައި ފިރުމާލެވުނެވެ. ޒޭބާ އޭނާގެ އަތުގައި ހިފި ދިމާ ހުރީ ފާޑަކަށް ކަޅުވެފައެވެ. ހީވަނީ ހަންގަނޑު ފިހިފައި ހުރިހެނެވެ.
އެނދުކައިރިއަށް ޑޮކްޓަރުންގެ ޓީމެއް އެވަގުތު އެއްވީ އެތަނުގައި އަޑުގަދަ ވުމުގެ ސަބަބުންނެވެ. އެހެންކަމުން މަދީހާއާ މުނީރާ އަވަސް ފަރުވާދޭ ކޮޓަރިން ނުކުތެވެ. ޑޮކްޓަރުންތައް އައިސް މަންޝާއާ އަޒީމާ ވާހަކަ ދެއްކިއެވެ. މަންޝާގެ ހަނދާނުން ހަތަރު ދުވަސް ތެރޭ ހިނގާފައިވާ ކަންތައްތައް ނެތްކަމަށް އަޒީމް ބުންޏެވެ. އެހެންކަމުން ޑޮކްޓަރުންގެ ޓީމް މަންޝާއަށް ވީ ގޮތެއް ބެލުމުގައި އަވަސްވެގަތެވެ.
*** *** *** *** *** ***
ވައިބްރޭޓް ވަމުން ދިޔަ ފޯނު ކޯލަށް ޖަވާބުދޭން ކަންފަތުގައި ޟިރާރު އެފޯނު ޖައްސާލިއެވެ.
"ކީކޭ އަލިބޭ؟.. އަހަރެން ބުނި އެއްކަލަ ފޮތްތައް އަހަރެންނަށް މިއަދު ލިބިއްޖެ.... އެ ފޮތްތައް ހިފައިގެން ދާންކަމަށް އުޅުނީ އެކަމަކު ނުދެވިގެން އުޅެނިކޮށް މީރާ ހޮސްޕިޓަލަށް ގެނެސްގެން މިއުޅެނީ... މިތަނުުން ހަމައަކަށް އެޅޭއިރަށް އެފޮތްތައް އަހަރެން ގެންގޮސް ދޭނަން... އަންނަ ހުކުރުވިލޭރޭ ކިޔެވެލި ކިޔެވޭ ވަރަށް ހުރިހާ ކަމެއް ހަމަޖެއްސެން ވާނެ..." ޟިރާރު ބޭނުންވާ ގޮތް ހާމަ ކުރިއެވެ.
"ތިކަން އޮތީ ތިހެން... މިކަން އަވަސްކުރިވަރަކުން ކުދިންނަށް ލިބޭ އަނިޔާތަކުން އަވަހަށް ސަލާމަތްވެވޭނީ... އަހަރެން މިކަހަލަ މަސައްކަތް ކޮށްއުޅެނީ ވަރަށް ބަލައިގެން... މިވަރުގެ ބޮޑުު ކަންތައްގަނޑެއް ކުރަން ވިސްނާއިރު މީ ކިހާ ވަރެއްގެ ކަމެއްތޯވެސް އަހަރެން ބަލަން ޖެހޭ..." އަލިބެގެ ވާހަކަ އެހިސާބުން މެދުކެނޑުނީ ޟިރާރު ވާހަކަ ދައްކަން ފެއްޓުމުންނެވެ. "އަލިބޭ ހާސްނުވޭ.. އަލިބެ ބުނި އަދަދަކަށް އަހަރެން ފައިސާ ދީފާނަން...."
"މިވަރުގެ ކަމަކީ ހެޔޮ އަގެއްގަ ކޮށްދެވޭނެ ކަންކަމެއް ނޫން... ދެން އަގު ކިޔާނީ މަސައްކަތް ނިންމާފަ ދޯ... އަލިބެ ކަންބޮޑުވަނީ މިކަމުގެ ބޮޑުކަމުން.... މިކަމުން އައިސްދާނެ ހުރިހާ ކަންތައްތަކަކަށް ފުރިހަމައަށް ތައްޔާރުވާން އަހަރެން ބޭނުން... އަހަރެންނަށް އެއްވެސް ކަމެއް ސިއްރުު ނުކުރައްޗޭ!..." އަލިބެގެ އަޑުގައި އެކުލެވިފައިވާ ހާސްކަން ޟިރާރަށް ފާހަގަވިއެވެ.

އިތުރު ވިސްނުމަކާ ނުލާ ޟިރާރުގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. "އަލިބެއަށް އަހަރެން ސިއްރުކުރަން ޖެހޭވަރުގެ ކަމެއް ނޯންނާނެ.... އަލިބެއަށް ހުރިހާ ކަމެއްވެސް އަހަރެން ކިޔައިދީފަ އޮންނާނީ... ރޫހީއަށް ދިމާވި ހުރިހާކަމެއްވެސް އަލިފުން ޔާއަށް ކިޔައިދިނިން..."

ޟިރާރުގެ ޖަވާބު އަޑުއެހުމަށްފަހު އަލިބެ ފުންނޭވާއެއް ބޭރުކޮށްލިއެވެ. "އަހަރެން ބެލި ބެލުމުގަ ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ... ޟިރާރުގެ އާއިލާއާ މިދިމާވާ ކަންތައްތަކާ އެކުއްޖާއާ ވެސް ގުޅުމެއް އެބަވޭ..." އަލިބެގެ ވާހަކަ މިހިސާބަށް ދިޔަ އިރު ޟިރާރަށް ހުރެވުނީ ގަބުވެފައެވެ. އަލިބެ އެބުނި އެއްޗެއް ޟިރާރުގެ ކަންފަތުގައި ދެ ބުރަކަށް ގުގުމާލިއެވެ. "ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ..."

އެހުރި ފިޔަވަޅު މައްޗަށް ޟިރާރު ހުއްޓުން އެރިއެވެ. މާޒީގެ އެތައް އަހަރުތަކެއް އޭނާގެ ސިކުނޑިިތެރޭ އެނބުރިގެން ދިޔައެވެ. އަލިބެ އެބުނާ އޭނާގެ ދަރިއަކީ ކާކުކަން އޭނާ ހޯދާނީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ ފަހުގެ ނިންމުމަކަށް އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ފާލުބެލުމެވެ. އަލިބެ ގާތު ފަހުން ގުޅާނަމޭ ބުނެ ޟިރާރު އެފޯނު ކަނޑާލިއިރު އޭނާ ހުރީ ބޮލަށް ބަރުވެފައެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރުވެސް ޟިރާރަށް ވިސްނެމުން ދިޔައީ އެކަންތަކާ މެދުގައެވެ. އަވަސްފަރުވާ ދޭ ކޮޓަރިއަށް ވަންނަން ޟިރާރު ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ގޮނޑިބަރީގައި ތިބި އަންހެނުންތަކެއް ދައްކަމުން ދިޔަ ވާހަކަ ޟިރާރުގެ ކަންފަތުގައި ޖެހުމުންނެވެ.

"މުނީރާ އަހަރެންގެ މަންޝާ... އެމަންޖެ އެއްވެސް ކަމެއް ހަނދާނެއް ނެތް... އަޅެ... މަ ބުނި ހެނެއްނު އެވީ.. އައްޑޫ މީހުންނާ ޖެހުނީމަ ވަކި މޮޅުތަކެއް ވެއްޖެތަ.. އެއީ ވަރަށް ނުބައި ބައެއް... އެއީ ބޭވަފާތެރިން... އަޒީމެކޭ ޟިރާރެކޭ ކޮބާ ތަފާތަކީ... މިއަދު މަންޝާއަށް އެހެން އެވީ އަހަރެން ބުނި ބަސް ގަބޫލު ނުކޮށް ގޮސް އައްޑޫ މީހަކާ ކައިވެނި ކުރީމަ... އަހަރެންނަށް ހެދީ ކިހިނެއް..އެ ޟިރާރު އޮޅުވާލީ މަކަރު ހެދީ..." ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔަ މަދީހާގެ ބަސްތައް ހުއްޓުނީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ.

ގޮނޑީގައި އިށީނދެގެން ތިބި މުނީރާއާ މަދީހާއަށް ބަލާލެވުނީ ކުރިމައްޗަށް ހުއްޓުނު މީހާއާ ދިމާއަށެވެ. ފައި ކޮޅުން ފެށިގެން މައްޗަށް މަދީހާ ބަލާލިއެވެ. އެސޫރަ ފެނުމުން މަދީހާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. "ޟިރާރު..."

އަށާވީސް އަހަރުފަހުން މަދީހާ ފެނުމުންވެސް ޟިރާރަށް އެއީ ކާކުކަން ދެނެގަންނަން އެނގުނެވެ. "މަދީހާ.... މާލޭގަ ކީއްކުރަނީ..." މަދީހާމެން ދެއްކި ވާހަކަ ސާފުކޮށް ޟިރާރަށް އަޑު އިވުނެވެ. މަދީހާ ދެއްކި ވާހަކަތަކުން ޟިރާރަށް ކަމެއް ޝައްކުވާ ގޮތްވިއެވެ. ނަމަވެސް ޟިރާރުގެ ހިތުގައި އުފެދެމުން ދިޔަ ވަހުމް ޔަގީން ކުރަން ބޭނުންވާތީ އޭނާ ބޭނުންވީ މަދީހާއާ ރީއްޗަށް ވާހަކަ ދައްކާށެވެ.

ތުންގަނޑު ވިކާލަމުން މަދީހާ އަނެއް ފަރާތަށް އެނބުރިލިއެވެ. މުނީރާ ގޮނޑީގައި ހިމޭނުން އިނީ ބުނާނެ ވަކި އެއްޗެއް އޭނާގެ ދުލަށް ނައިމައެވެ. އެއްފަހަރު ޟިރާރުގެ މޫނަށް އަނެއްފަހަރު މަދީހާގެ މޫނަށް ބަލަން މުނީރާ އިނީ ގަބުވެފައެވެ.

"މަދީހާ... ރުޅިއައިސްފަތަ... ވާހަކަ ދައްކަބަލަ؟... ކޮބާތަ ފިރިމީހާ؟... މަންޝާ އެއީ މަދީހާގެ ދަރިއެއްކަން މަށަށް ކުރިންވެސް ޝައްކުވި... މަދީހާއާ އޭނާ ވައްތަރީ... ކަޅަކަސް މަދީހާއެކޭ ހަމައެއްވެސް ތަފާތެއް ނެތް..." ޟިރާރު ވާހަކަ ދަައްކަމުން ދިޔައީ ވަރަށް މަޖާވެފައެވެ. އެއަޑު އަހަން ހުރި މަދީހާއަށް އަނގައިން ނުބުނެ މަޑަކުން ނުހުރެވުމެވެ.

"ރުޅިއައިސްފަހޭ... ރުޅި ނާންނަވަރެއްތަ؟... ލަދެއް ނުގަނޭތަ ފިރިމީހާ ކޮބާހޭ އަހާކަށް... މަންޝާއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ލަދެއް ނުގަނޭ ދޯ... ބަލަ މިހާރުތަ މަންޝާ ފެނިގެން ތިއުޅެނީ... މަންޝާއަކީ ކާކުކަން އެނގޭތަ؟..." މަދީހާއަށް ވާހަކަ ދައްކަމުން ދިޔަ އިރުއޭނާއަށް ރޮވެން ފެށިއެވެ. މަންޝާ ބަލިވެގެން އެޑްމިޓް ކުރިފަހުން މަދީހާ ހުރީ އެކަމާ ވިސްނާވިސްނާ ބޯ ގޮވާފައެވެ. އަޒީމް ވީ ބޭވަފާތެރިކަން އެނގުމުން އޭނާ ހުރީ އައްޑޫ މީހުންދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. މި ފަދަ ވަގުތެއްގައި ޟިރާރުު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިހުރެ މަންޝާއާ ބެހޭގޮތުން ވާހަކަ ދެއްކުމުން މަދީހާގެ ރުޅި ދެގުނައަށް ގަދަވެގެން ދިޔައެވެ.

ސުވާލުން ފުރިފައިވާ ނަޒަރަކުން މަދީހާއާ ދިމާއަށް ޟިރާރު ބަލަން ހުރީ އޭނާއަށް މިވާނުވާ ނޭނގޭތީއެވެ. އަނެއްކާވެސް އެހަމަހިމޭންކަން ނަގާލީ މަދީހާއެވެ. "މަންޝާ ހޯދަން ތިއައީ ކީއްކުރާކަށް... އަހަރެން އެކަނިމާ އެކަނި އޭނަ ބޮޑު ކުރީމަތަ މިއަދު ތިއައީ..." އެތައް އަހަރެއް ވަންދެން ސިއްރު ކުރި ވާހަކަ އޭނާގެ ދުލުން ބޭރުވާން ފެށުމުން މަދީހާ ހުއްޓުނެވެ.

"ކީކޭތަ ތި ކިޔަނީ؟... ތި ކިޔާއެއްޗެއް ސާފުކޮށް ބުނެބަލަ..." އެތަނުންދާން ހިނގައިގަތް މަދީހާގެ އަތުގައި ހިފަމުުން ޟިރާރު އަހާލީ މަދީހާ ކިޔާ އެއްޗެއް ސާފުކުރަން ބޭނުންވީމައެވެ.

"ދޫކޮށްލާ..." މަދީހާ މަސައްކަތް ކުރީ އޭނާގެ އަތް ފޮޅުވާލާށެވެ. ނަމަވެސް ޟިރާރު އެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ފެންކަޅިވެފައި ހުރެ ޟިރާރާ ދިމާއަށް ބަލާލަމުން މަދީހާ އެންމެ ފަހުން ބުނެލިއެވެ.

"މަންޝާއަކީ ޟިރާރުގެ ކުއްޖެއް... އަހަރެން ކައިވެންޏެއް ނުކުރަން..." އެހިސާބުން މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. ޟިރާރަށް އެ އިވުނު ޖުމްލައިން މަދީހާގެ އަތުގައި ހިފާފައިވާ އަތް ދޫކޮށްލެވުނެވެ. މަދީހާ އަވަސް ފިޔަވަޅުތަކެއްގައި އަވަސްފަރުވާދޭ ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލިއެވެ. މަދީހާ ހުއްޓުންއެރީ އަވަސްފަރުވާދޭ ކޮޓަރި ކުރިމަތީ ހުރި އާމިނަ ފެނުމުންނެވެ.

ޟިރާރާ މަދީހާގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އާމިނައަށް އަޑުއިވުނެވެ. ޟިރާރު އެނބުރެމުން މަދީހާއަށް ގޮވާލިއެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެވި ހުއްޓުން އެރީ މަދީހާގެ ފަހަތުގައި ހުއްޓިގެން ހުރި އާމިނަ ފެނުމުންނެވެ.

ޟިރާރު ކަރުކެހިލިއެވެ. ދެލޯ ބޮޑުވި ނަމަވެސް މާ ބޮޑުކަމެއް ނުހިނގާ ކަމަށް ހަދަން އޭނާ މަސައްކަތްކުރިއެވެ. އާމިނަ އެއްފަރާތަށް ޖެހިލުމުން މަދީހާ އަވަސްފަރުވާދޭ ކޮޓަރި ތެރެއަށް ވަދެގެން ދިޔަތަން ބަލަން އިން މުނީރާވެސް ގޮނޑިން ތެދުވެ މަދީހާ ފަހަތުން އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. އާމިނަ ކުރިއަށް ޖެހިލަމުން ޟިރާރާ އެއްހަމައަކަށް އައިސް ހުއްޓުނު އިރު އާމިނަ ހުރީ ފެންކަޅި ވެފައެވެ.

"އެއީ ދީ ކާށިދޫ މަދީހާ.." (އެއީ ދޯ ކާށިދޫ މަދީހާ....) އާމިނަ މިހެން ބުނުމަށްފަހު އަނބުރާ އެތެރެއަށް ވަންނަން ހިނގައިގަތީ ޟިރާރުގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް މަޑުވެސ ްކޮށްނުލައެވެ.

ޟިރާރުގެ ބޮލުގައި ރިއްސާލީ އެހިސާބުންނެވެ. ޟިރާރަށް ހީވީ ދުނިޔެވަށާ އެނބުރެން ފެށި ހެންނެވެ. އެތައް އަހަރުތަކަކަށް ފަހު އޭނާގެ އިތުރު ދަރިއެއް ހުރިކަން އެނގުމުން އޭނާ އަޖައިބު ވިއެވެ. އާމިނަ ފަހަތުން ޟިރާރު އެތެރެއަށް ވަނީ މަދީހާއާ ވާހަކަ ދައްކަން އާމިނަ މަސައްކަތް ކޮށްފާނެތީއެވެ.

އާމިނަ ގޮސް ހުރީ މީރާގެ އެނދު ކައިރީ ކަމުން ޟިރާރު މަޑު ހިނގުމެއްގައި ގޮސް މަންޝާ އެނދުކައިރީ މަޑުކޮށްލިއެވެ. އެމަންޒަރު ބަލަން އާމިނަ ހުރީ ހިތްމަތީ ގާ ބުރިއެއް ބާއްވައިގެންނެވެ.

އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ޟިރާރެވެ. "މަންޝާ... މިހާރު ކިހިނެއްތަ؟..."

ޟިރާރު ކުރި ސުވާލަށް ޖަވާބު ދިނީ އަޒީމެވެ. "ދެން އަދި ނޭނގެދޯ ވާގޮތެއް... ކޮބާ ރިޔާޒް؟.. އަހަރެން މިދަނީ ގެއަށް... ޔުނީފޯމް ބަދަލުކޮށްލައިގެން އަންނާނަން..." އަޒީމް ބޭރަށް ދާން ހިނގައިގަތުމުން ޟިރާރު ބަލާލީ އަނެއް ފަރާތުގަ ހުރި މަދީހާގެ މޫނަށެވެ. މަދީހާ ހުރީ އެއްފަރާތަށް މޫނު އަނބުރައިގެންނެވެ. ޟިރާރާ ދިމާއަށް އޭނާ ބަލަން ބޭނުން ނުވާ ކަހަލައެވެ. މަދީހާ ހުރި ގޮތުން ޟިރާރު އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އެހެންކަމުން ޟިރާރު ނުކުތީ މީރާގެ އެނދު ކައިރިއަށް ދާށެވެ.

ރިޔާޒް އައިސް އެމަޖެންސީ ކޮޓަރިއަށް ވަދެ މީރާ އެނދުމަތި ކޮށްފައިވާ ދިމާއަށް ގާތްވެލިއެވެ. އޭރު އެދިމާއަށް އިތުރުއެނދެއް ކައިރިކޮށްގެން އުޅުނީ މީރާ ރޫމަށް ބަދަލުކުރާށެވެ. ދެން އެމީހުން އަވަސްވެގަތީ ލިފްޓާ ދިމާއަށެވެ. މީރާއަށް ލިބުނީ ފަސްވަނަ ފަންގިލާގައިވާ ކޮޓަރިއެކެވެ.

މަދީހާ ހުރީ އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އޭރު މަންޝާ އޮތީ ދެލޯ މަރާލައިގެންނެވެ. ނިދާ އިންޖެކްޝަންގެ ބާރުން އޭނާއަށް ވަނީ ނިދިފައެވެ. މަންޝާއޮތީ ނިދާފަކަން ޔަގީން ވުމުން މުނީރާއަށް ހިމޭނަކުން ނުހުރެވުނެވެ. "މަދީހާ... ޟިރާރަކަށް މަންޝާ ހުރިކަމެއް ނޭނގެންޏާ ކިހިނެއްތަ އޭނާ މަދީހާއާ އަޅާލާނީ... އަހަރެން ހީކުރީ މަދީހާ އޭނައަށް ގުޅާފަ ބަނޑުބޮޑު ވާހަކަ ބުނިކަމަށް... ނުބުނަންޏަކާ ނޭނގޭނެ ދޯ... ޟިރާރުދެކެ އައި ރުޅީގެ ވަރު މިހާރު ތިބާލަނީ އަޒީމަށް... އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެއްނު.."

މުނީރާ ވާހަކަ ދައްކަން ފެށުމުންވެސް މަދީހާ އެ ހުރިގޮތަށް ހުރީއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މުނީރާއާ ދިމާއަށް މަދީހާ ބަލާލިއެވެ. "މަންޝާއާ އެކީ އުޅެމުން އޭނަ އެހެން އަންހެނަކާ ހިތާވީމަ އެއީ މަންޝާއަށް ލިބޭ ކިހާބޮޑު ގެއްލުމެއް... އެއަންހެން ކުއްޖާއަށް މީނަ މީހަކާ އިނދެގެން ހުރިކަންވެސް ނޭނގިދާނެދޯ.. އެކަމަކު އަޒީމަށް އިނގެއެއްނު އޭނާގެ އަންބެއް ހުރިކަން... އެއަށް ކިޔަނީ މަކަރުހަދާ އޮޅުވާލުން.. ދެން އަހަންނަކަށް ނުފެނޭ އޭނަ މިތަނަށް އަންނާކަށް... މަންޝާއަށް އޭނަ ފެނުނީމަ ވާނީ ދެރަ.. އަންނާނީ ރުޅި.. އެކަން އެންމެ ރަނގަޅަށް އިނގޭނެ މީހަކީ އަހަރެން..."

"މަންޝާ ބަނޑުވެސް ބޮޑު.. މި ވަގުތު އެދެމަފިރިން ދުރުކުރުމަށް ވުރެ ރަނގަޅު ވާނީ އެދެމަފިރިން ކައިރި ކުރިއްޔާ... އެހެންނޫނީ މަންޝާވެސް އޭނާގެ ދަރި އެކަނިމާ އެކަނި ގެންގުޅެން ޖެހިދާނެ... ދައްތައަށް އިނގޭނެ ދައްތަ އުޅުނު ހާލު... ތީކީ އެންމެ ރަނގަޅު ގޮތެއް ނޫން.. އެންމެންނަކީ ޟިރާރެއް ނޫން... އަޒީމަށް ފުރުސަތެއް ދިނުން މީގަ ރަނގަޅުވާނީ... އަހަރެމެން އެއްޗެކޭ ބުނުމަށްވުރެ މަންޝާ ބޭނުންވާގޮތެއް ބެލިއްޔާ ކީއްތަ.... މަންޝާއަށް ދޯ އިނގޭނީ އަޒީމަށް މައާފް ކޮށްފަ އޭނައާ އެކީ އުޅެން ބޭނުންވަންޏާވެސް... އަހަރެމެން އެކަމަށް ފާޑެއް ކިޔާކަށް އަހަންނަކަށް ނުފެނޭ.." މުނީރާ ދިޔައީ އެކި ގޮތްގޮތަށް މަދީހާއަށް ވިސްނައިދެމުން، މަދީހާގެ ހިޔާލު ބަދަލުކޮށްލެވޭތޯއެވެ.

އެދެމީހުން ވާހަކަ ދައްކަން ތިއްބާ އެތަނަށް ނަރުސްކުދިންތަކެއް އައެވެ. އެއްކުޖަކު އަތުގައި ހުރި ތަބަކުގެ ތެރޭގައިވަނީ އައިވީ ގުޅަން ބޭނުންކުރާ ސާމާނުތަކެވެ. އެތަބަށް އެނދުކައިރީ ހުރި ކަބަޑުމަތީ ބެހެއްޓުމަށްފަހު އައިސް މަންޝާގެ ވައަތަށް ނަރުސްކުއްޖާ ބަލާލިއެވެ. އެއަށްފަހު މަދީހާ ގާތުގައި އެއީ ކިހިނެއްވެފަ ހުރިތަނެއްތޯ ސުވާލުކޮށްލިއެވެ. މަދީހާ އޭނާގެ ކޮނޑު އަރުވާލަމުން ނަރުސްކުއްޖާ ހިފަހައްޓައިގެން ހުރި އަތަށް ބަލާލީ ހައިރާންވެ ހުރެއެވެ. އެއީ މީގެ ކުރިން މަންޝާގެ އަތުގައި ހުރިތަނެއް ނޫންކަން މަދީހާއަށް އެނގެއެވެ.

މަންޝާގެ އަތްތިލަ މަތިން ބައެއްވަނީ ފިހިފައެވެ. އެހެންކަމުން ނަރުސް ކުއްޖާ ކެނިއުލާ ގުޅަން ގާތްވެލީ މަންޝާގެ ކަނާއަތަށެވެ. ނަރުސްކުއްޖާ ގޮވާލުމުން މަންޝާގެ ނިދި ބަރުވެފައިވާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ނަރުސް ކުއްޖާ ކެނިއުލާ ގުޅަނީ ކަމަށް ބުނުމުން މަންޝާ ބޯ ޖަހާލިއެވެ. އަދިއެއަށް ފަހު އަނެއްކާ ދެލޯ މަރާލިއެވެ. ދެން ހުރި ނަރުސްކުއްޖާ މަންޝާގެ ލޭގެ ޕްރެޝަރ ބަލަން ގާތްވެލަމުން މަންޝާ ރޫމަށް ބަދަލުކުރަން އުޅޭ ވާހަކަ ބުނެލިއެވެ.

މަންޝާވެސް ބަދަލުކުރީ ފަސްވަނަ ފަންގިފިލާގައިވާ ކޮޓަރިއަކަށެވެ. ކޮޓަރިއަށް އެމީހުންނަށް ދެވުމުން މަދީހާ އަޒީމްގެ ނަންބަރަށް ގުޅާލުމަށްފަހު މަންޝާ ބަދަލުކުރެވުނު ކޮޓަރީގެ ނަންބަރު ބުނެދިނެވެ. އަޒީމް އިރުކޮޅަކުން މިއަންނަނީ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. މަދީހާ، އަޒީމަށް ގުޅުމުން އެކަމާ އެންމެ ބޮޑަށް ހިތްހަމަޖެހުނީ މުނީރާއެވެ. މުނީރާ ދެއްކި ވާހަކައިން މަދީހާގެ ނިންމުމަށް ކޮންމެވެސް ބަދަލެއް ގެނެސްދެވިއްޖެ ކަމަށް އޭނާގެ ހިތަށް އެރިއެވެ.

އެ ކޮޓަރީގައި ހުރި ގޮނޑީގައި މުނީރާ އިށީންދެގެން އިނުމުން މަދީހާ ގާތްވެލީ ކޮޓަރީގެ އެއް ފަރާތުގައި ހުރި ސޯފާއާ ދިމާއަށެވެ. ގޮނޑީގައި ފޫޖައްސާލުމާއި އެކީ މަދީހާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގާ ކަންފަތުގަ ޖަހާލަމުން ހަލޯއޭ މަދީހާ ބުނެލީ ވައި އަޑުންނެވެ. އެކޮޅުން އެ ވާހަކަ ދައްކަނީ މަދީހާގެ މަންމަ ހަދީޖާއެވެ. ވައި އަޑުން ދައްކާ ވާހަކައެއް ހަދީޖާއަކަށް ނީވޭނެތީ މަދީހާ ކޮޓަރިން ބޭރަށް ނުކުންނަމުން މުނީރާ ގާތު ކޮޓަރީގައި މަޑުކޮށްލައްޗޭ އަތުގެ އިޝާރާތުން ބުނެލިއެވެ. މަދީހާ އެ ކޮޓަރިން ނުކުތީ މަންޝާއަށް ހޭލެވިދާނެތީއެވެ.

ކޮޓަރިން ބޭރަށް ނުކުމެ ދޮރު ރަނގަޅަށް ލައްޕާލުމަށްފަހު މަދީހާ ވާހަކަ ދެއްކިއެވެ. "އަމާ... އަހަރެންނަށް ނުދެވުނީއްޔޭ... ބޮލުގަ ރިއްސާތީ މަޑުކުރީ.. ދެން އަހަރެން ހުޅުމާލެ ދާނީ އަންނަ ހަފްތާ ބަންދުގަ..." ފޯނުގަ ހުރެ ވާހަކަ ދައްކަމުން އެކޮރިޑޯއިން ބޭރަށް ނުކުންނަ ދިމާއަށް ދާން މަދީހާ ހިނގައިގަތެވެ. މަންޝާއަށް ދިމާވި ކަންތައް ހަދީޖާއާ ހިއްސާކުރަން މަދީހާ ފަސްޖެހުނެވެ.

*** *** *** *** *** ***

ކޮޓަރީގެ ދޮރު ލެއްޕުނު އިރު ޒިބާނާ ތަޒްކިޔާއަށް ހުރެވުނީ މަންޝާ އެނދުމަތި ކޮށްފައިވާ ކޮޓަރި ތެރޭގައެވެ. ކޮޓަރިތެރެއަށް ޒިބާން ބަލާލިއެވެ. އެވަގުތު ގޮނޑީގައި އިށީނދެގެން އިން މުނީރާ ފެނުމުން ޒިބާން ބަލާލީ އެނދުމަތީގައި ނިދިފައި އޮތް މަންޝާއަށެވެ. ތަޒްކިޔާ އެނދުގެ އެއްފަރާތުގައި ހުއްޓެމުން މަންޝާ އެއޮތީ ނިދާފަ ކަމަށް ބުންޏެވެ.

"ކެހެނަކަށް ދެން މަންޝާއި ވާހަކަ ދައްކާނެއި... ހިނގައު އެބޭއް... ބައްޕާއި ބޮޑޮދައިތާއި ހިންނަހެއް ޒިބާން އޭތިކޮށް އިންތިޒާރެ..." (ކިހިނެއް ދެން މަންޝާއާ ވާހަކަ ދައްކާނީ.. ހިނގާ ދާން... ބައްޕައާ ބޮޑުދައިތަ ހުންނާނެ ޒިބާން އަންނަންދެން އިންތިޒާރުގަ...)

"މަޑޮކެރަ.. މަށް މަންޝާއި ވާހަކަ ދެއްކޭހެ..." (މަޑުކުރޭ ...އަހަންނަށް މަންޝާއާ ވާހަކަ ދެއްކޭނެ...) މިހެން ބުނަމުން ޒިބާން އައިސް މަންޝާގެ ވާއަތުގައި ހިފާލިއެވެ. މަންޝާގެ އަތުގައި ޒިބާން ހިފާލުމާ އެކު މަންޝާގެ އަތުގެ އިނގިލިތަށް މުށްކަވާލަމުން ބާރުކޮށްލިއެވެ. ފޮތެއް ހިފައިގެން ކިޔަން އިން މުނީރާއަށް މަންޝާ ގުޑިލިހެން ހީވުމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެތަނުން މުނީރާއަށް މަންޝާ ފިޔަވާ އިތުރު މީހަކު ނުފެނެއެވެ. މަންޝާ އޮތީ އޭރުވެސް ގަދައަށް ނިދާފައެވެ.

ޒިބާން ދެ ލޯ މަރާލުމުން ތަޒްކީޔާ ސޯފާ ކައިރިއަށް ޖެހި އެތާ މަޑުކޮށްލިއެވެ. ޒިބާނާ މާންޝާއާ ދިމާލަން ތަޒްކިޔާ ބަލާލިއެވެ. އެވަގުތު މަންޝާގެ އެސްފިޔަތަކަށް ބާރުކޮށްލިއެވެ. ދެލޯ މެރިފައިވީ ނަމަވެސް މަންޝާގެ ކަޅި ދެއަތަށް ދަތުރުކުރަމުން ދިޔައިރު ހީވަނީ އޭނާ އޮތީ ހުވަފެނެއްގައި ހެނެވެ.

އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދީގެން އޮތުމަށްފަހު ކުއްލިއަކަށް ދެލޯ ހުޅުވާލަމުން ވަށައިގެން މަންޝާ ބަލާލިއެވެ. އޭރުވެސް އޭނާގެ އަތުގައި މީހަކު ހިފާފާ ހުރިކަމުގެ އިހްސާސް ކުރެވުނެވެ. ފެންނަމުން ދިޔަ މަންޒަރުން މަންޝާ ހައިރާން ވިއެވެ. އެއީ ހާދަ ރީތި މަންޒަރެކެވެ. ފިލްމުތަކުން ނޫނީ މަންޝާއަށް ނުފެންނަ މަންޒަރެކެވެ. އެއީ ރާއްޖޭގެ މާހައުލެއް ނޫނެވެ. އެ ވޯޓަރފޯލްއިން ފައިބަމުންދިޔަ ފެންތަކުގެ އަޑު އެހިސާބުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. ވަށައިގެން ވަނީ ފެހިކަމެވެ. ވައިސާފު ރީތި މާހައުލެކެވެ. ދޫނިތައް ގޮވާ އަޑުތައް އިވެމުން ދިޔައެވެ.

މަންޝާ ދެން ބަލާލީ އޭނާގެ ފަހަތަށެވެ. އޭރު ފަހަތުގައި ހުއްޓިގެން ހުރި ޒިބާން ފެނުމުން މަންޝާ ހީލިއެވެ. ޒިބާންގެ އަތުގައި ހިފަމުން މަންޝާ ގާތްވެލިއެވެ. "ޒިބާން... އައި މިސްޑް ޔޫ..." ޒިބާންއާ މަންޝާއާ ދެމީހުންވެސް ހުރީ ހުދުކުލައިގެ ހެދުމެއްގައެވެ. މަންޝާގެ ހުދުކުލައިގެ ހެދުމުގެ ފަސްބައި ވަރަށް ދިގެވެ. ބިންމަތީގައި އޮތް ފެހިކަން ގަދަ ވިނަގަނޑުމަތީގައި ހެނދުން ކޭއްތިލަކޭއްތިލަ އޮތެވެ. ޒިބާންވެސް ހުރީ ހުދުކުލައިގެ ޓީޝާތަކާ އައިސްބްލޫކުލައިގެ ޖިންސެއްލައިގެންނެވެ.

"އައި މިސްޑް ޔޫ ޓޫ... މަން... މިހާރު ކިހިނެއްވަނީ.. ބޮލުގަ ރިއްސާތަ..." ޒިބާން އަހާލިއެވެ. މަންޝާ އޭނާގެ ބޮލުގައި އަތް ޖައްސާލިއެވެ. ކުޑަ ތަދުކަމެއް ހުރިކަން މަންޝާއަށް އެނގުނެވެ.

"ޒިބާން.. އަހަރެންނަށް ކިހިނެއްތަވީ... އަޒީމްމެން ބުނި ރަށުން އައިފަހުން ހަފްތާއެއް ވަނީޔޯ... އަދި އިނގޭތަ އެ އަޒީމް ރައްޓެހިވެގެން އުޅޭ ޒޭބާ ގަނޑު އައި.. އަހަންނާ ބައްދަލު ކުރަން.. އޭނައަކީވެސް ޖިންނިއެކޯ ބުނީ.. އަދި މީ ޒިބާންގެ ދަރިއެއްކަންވެސް އިނގެޔޯ... އޭނަ ވަރަށް ބިރުވެރި ގޮތަކަށް ހުންނަނީ... އެއީ ކޮންކަހަލަ ކުއްޖެއްތަ؟..." މަންޝާ ސުވާލުކޮށްލަމުން ޒިބާންގެ މޭގައި ބޯ އަޅާލިއެވެ.

"މަން... އެއީ ޒޭބާ.. އަހަރެންގެ ކޮއްކޮ... އަސްލު އޭނަ މަންގެ ހަށިގަނޑަށް ވަނީ ބަދަލުހިފަން ބޭނުންވެގެން.. އެކަމުގެ ސަބަބުން މަންގެ ހަނދާނުން އެ ދުވަސްތައް ފޮހެވިފަ ތިހުރީ... ދެން އެކަމާ މާ ބޮޑަށް ނުވިސްނާ... އެ ދުވަސްތައް ހަނދާންކުރަން އުޅުނަސް ހަނދާނެއް ނުވާނެ.. ސަބަބަކީ އެ ދުވަސްތަކުގަ މަންގެ ހަށިގަނޑުގެ ބޭނުން ހިފާ ދުނިޔޭގަ އެކިކަންތައްތައް ކުރަމުން ދިޔައީ ޒޭބާ..." މަންޝާގެ އިސްތަށިގަނޑުގަ ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ.

"ދެން ކީއްވެ އޭނަ އަހަރެން ގަޔަށް ވަނީ.. ކޮން ބަދަލެއް ހިފަން.. އަޒީމައްތަ؟... ދެން އޭނަ އަހަރެން ގައިން ނުކުތީ ކިހިނެއް؟..." މަންޝާ އިތުރު ސުވާލުތައް ކުރަމުން ޒިބާނާ ދުރަށް ޖެހިލަމުން ޒިބާންގެ މޫނަށް ބަލާލިއެވެ.

"އެއީ އަޒީމަށާ މަންޝާގެ އަސްލު ބައްޕައަށް ހިފާ ބަދަލެއް... އަހަރެން އޭނައަށް ވަރަށް ވިސްނައިދީގެން އޭނަ މަންޝާ ގައިން ނުކުތީ... ދެން އެވާހަކަ ބާއްވަ...އަހަރެން މިއައީ މަންއާ އެކީ ލޯބީގެ ވަގުތު ކޮޅެއް ހޭދަކޮށްލަން... އިނގޭތަ މީކޮންތަނެއްކަން..." ވަށައިގެން ވާ މާހައުލަށް އިޝާރާތްކޮށްލަމުން ޒިބާން އަހާލިއެވެ.

"ނޭނގެ.. މީ އިންޑިޔާގެ ތަނެއްހެން ހާދަ ހީވެޔޭ... ކޮންމެވެސް ފިލްމަކުން ފެނުނުތަނަކާ ވަރަށް ވައްތަރު..." މަންޝާ އެހެން ބުނެލީ އެތަނުގައިވާ ތަފާތު ކުލަތަކަށް ބަލަމުންނެވެ. ތަންކޮޅެއް ދުރުގައި ހުރި ބިޔަ ރަތްމަލުން ފުރިފައިވާ ބެރެބެދިގަސް ފެނުމުން ޒިބާން އެދިމާއަށް މަންޝާ އުރާލައިގެން އުދުއްސައިގަތެވެ. "ވާއު... ދިސްއިޒް ސޯ ބިއުޓިފުލް..." މަންޝާއަށް އެހެންބުނަމުން ޒިބާންގެ ކޮލުގައި ބޮސްދިނެވެ.

ގަހާ ހަމައަށް ދެވުމުން ޒިބާންގެ ހަށިގަނޑު ގަސްދަށަށް ތިރިކޮށްލީ މަޑުމަޑުންނެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލިއަރައިގެން ދިޔައެވެ. މަންޝާ ބިންމަތީ ބެހެއްޓުމުން އެ ގަހަށް މަންޝާ ރަނގަޅަށް ބަލާލިއެވެ. އެއީ މަންޝާމެން ރަށުގައި ހުރި ގަހަށްވުރެ ބިޔަ ބޮޑު ގަހެކެވެ. އެ ގަސްވަނީ ރަތްކުލައިގެ ބެރެބެދިމަލުން ފުރިފައެވެ. އިރު އޮއްސެމުން އައި ވަގުތަކަށްވެފަ އެ މަންޒަރުވަރަށްވެސް ރީއްޗެކެވެ.

ގަސްދަށުގައި ވެރިފައިވާ މާތަކުގެ މަތީގައި މަންޝާ އިށީނެވެ. ޒިބާން މަންޝާގެ ގާތުގައި އިށީންނަމުން މަންޝާގެ އަތުގައި ހިފާ އަތްތިލަ ހުޅުވާލީއެވެ. "މަންޝާ... މީ އަހަރެން މަންޝާއަށް ދޭ ވަރަށް ހާއްސަ ހަދިޔާއެއް... މިހަދިޔާ ރަމްޒުކޮށްދެނީ އަހަރެމެންގެ ލޯބި..." ޒިބާން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

މަންޝާގެ އަތްތިލަމަތީ ބޭއްވި ފަށަށް މަންޝާ ބަލާލިއެވެ. އޭގައިވަނީ ބިއްލޫރި ފުލެކެވެ. އެފުލުގެ ތެރޭގައިވަނީ ރަތްކުލައިގެ ބެރެބެދިމަލެކެވެ. ފަށުގައި ހިފާ މަންޝާ އެ ފަށް އުފުލާލަމުން ފުލުގައި ހިފާ އަނބުރާލިއެވެ. ބެރެބެދިމާ ވަށާ އެނބުރެމުންދިޔަ ރަންކުލައިގެ ކުނޑިތައް ފެނުމުން މަންޝާ ހިނިތުންވެލިއެވެ. "ވަރަށް ލޯބި... ތޭންކްސް..." މަންޝާއަށް އެ ހަދިޔާ ވަރަށް ކަމުދިޔައެވެ. އެވަގުތު އެމީހުން އެތިބި ގަސްދަށަށް ދިމަދިިމާލުން އަލިފާން ކޮކާތައް ފާޅުވިއެވެ. ޒިބާންގެ އުނގުގައި މަންޝާ ބޯއަޅާލަމުން ދެލޯ މަރާލިއެވެ.

*** *** *** *** *** ***

މަދީހާ ފޯނުގައި ހުރެ ލިފްޓާ ދިމާލަށް ނުކުމެވޭ ހިސާބަށް ދެވުނުމުން މަދީހާ ފެންފުޅިއެއް ގަންނަންޖެހޭކަން ހަނދާންވިއެވެ. ތިރިއަށްދާން ހިތަށް އަރާ ހުރެ ފޯނު ހައުސްކޯޓުގެ ޖީބަށްލަމުން މަދީހާ އެދޮރުން ބޭރަށް ނުކުތެވެ. ލިފްޓުގެ ދޮރު ހުޅުވަން ހަދަންވީ ގޮތެއް މަދީހާއަކަށް ނޭނގުނެވެ. ދޮރު ކައިރީ މަޑުކޮށްގެން ހުއްޓާ ފަހަތުން މީހަކު ގޮވާލިއަޑަށް މަދީހާ ފަސްއެނބުރި ބަލާލިއެވެ. އެއީ ޟިރާރުކަން އެނގުމުން މަދީހާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެހާ ދުވަސް ވުމުންވެސް މަދީހާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރަން ފެށިއެވެ.

"އަހަރެން ވާހަކަ ދައްކާލަން ބޭނުން... މަދީހާ ބޭނުމިއްޔާ ފަހުންވެސް ވާހަކަ ދެއްކި ދާނެ..." މަދީހާގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވެފައި އިން ޟިރާރު ވާހަކަ ދައްކަމުން އޭނަ އިށީނދެގެން އިން ގޮނޑިއާ ޖެހިގެން ހުރި ހުސް ގޮނޑި ދައްކާލިއެވެ. "މަންޝާވެސް އޮތީ މި ބުރީގަ ކަން އިނގޭތީ މިތާ މަޑުކޮށްގެން މިހުރީ މަދީހާއާ ބައްދަލުކުރަން..." މަޑު ފިޔަވަޅުތަކެއްގައި އައިސް މަދީހާ އެ ގޮނޑީގައި އިށީނެވެ. ކަޅިޖަހާނުލާ މަދީހާގެ މޫނާ ދިމާއަށް ބަލަން ޟިރާރު އިނެވެ.

"މަދީހާ އަހަރެންނަށް އެންމެ ފަހަރަކު ގުޅާލި ނަމަވެސް.... އަހަރެން އައީމުސް..." ޟިރާރު ވާހަކަ ދައްކަން ފެއްޓިއެވެ. އޭނާގެ ޖުމްލަ ނިމުނު ލަފްޒު އަޑުއިވުމުން މަދީހާ ކުއްލިއަކަށް ޟިރާރާ ދިމާއަށް ބަލާލިއެވެ.

"ދެން ތިބުނީ އެހެންނޫންނަމަ ނާންނާނަމޭތަ؟... އަސްލު އިންނާނަމޭ ބުނެ އެނބުރި ރަށަށް އަންނާނަމޭ ބުނީ އެއީ އަހަރެން ހައްލާލަން ދެއްކި ވާހަކައެއްނު ދޯ... އަހަރެން ކައިރިއަކަށް ނާންނާނެ... އެހެން ނޫންނަމަ... އަހަރެން އެވާހަކަ ނުބުންޏަސް އާދެވެންޖެހޭނެ.... އެދުވަހު ވީގޮތް ކިޔައިދޭންވީތަ... އަހަރެން ޟިރާރަށް ގުޅިން...."

----------------------------------------------------------------

ކާށިދޫގައި ސަރުކާރުން ކުރަމުން ދިޔަ މަސައްކަތެއްގައި ޟިރާރު އެރަށަށް ދިޔައީ ސުޕަވައިޒަރެއްގެ ވަޒީފާގައެވެ. އެރަށަށް ގޮސް ޟިރާރު ހުރީ މަދީހާމެން ގޭގައެވެ. މާ ގިނަ ދުވަސްތަކެއް ނުވެ މަދިހާއާ ޟިރާރާ ދެމެދުގަ ލޯބީގެ ގުޅުންތަކެއް ހިނގަން ފެށިއެވެ. މަދީހާއަކީ ދުވަހަކުވެސް އެހެންފިރިހެނަކާ އެކީއެފަދަ ގުޅުމެއް ހިންގާފައިވާ މީހެއް ނޫނެވެ. ޟިރާރަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. މަދީހާ ހުރީ ޟިރާރުގެ ލޯބީގައި ދިވާނާ ވެފައެވެ. ހަ މަސް ދުވަހުގެ މުއްދަތަށް އައިސްހުރި ޟިރާރު ރަށުން ފައިބައިގެން ދަމުން އެނބުރި އަންނާނަންކަމަށް މަދީހާ ގާތު ވައުދު ވިއެވެ.

އިންތިޒާރުގައި މަދީހާ ދުވަސްތައް ގުނަން ފެށިއެވެ. އެއްމަސް ދުވަސް ވީ އިރުވެސް ޟިރާރުގެ ޚަބަރެއް ނުވިއެވެ. ރަށު އޮފީހުގައި އުޅޭ ރައްޓެއްސެއް މެދުވެރިކޮށް ޟިރާރަށް ގުޅޭނެ ނަަންބަރެއް ހޯދީ އެތައް އާދޭހެއް ކޮށްގެންނެވެ. ރަށަށް އޭރު މަސައްކަތު އައިސްތިބި މީހުންގެ މައުލޫމާތު ލިޔެފައިވާ ފޮތެއް ނަގާ ހާވާލަމުން ޟިރާރަށް ގުޅޭނެ ނަންބަރެއް މަދީހާއަށް ދިނެވެ. އެންމެފަހުން މަދީހާއަށް ނަންބަރު ލިބުމުން ޟިރާރަށް ގުޅީ ރަށު އޮފީހުންނެވެ. އެ ނަންބަރަކީ ޟިރާރުމެން ގޯތި ނަންބަރެވެ. އެހެންނަމަވެސް އެފޯނު ނެގީ ޟިރާރެއް ނޫނެވެ. އެއީ މަދީހާއެކޭ ދާދި އެއްއުމުރެއްގެ އަންހެނެކެވެ.

"ހަލޯ.... ޟިރާރާ ބައްދަލު ކޮށްލެވިދާނެތޯ؟..." މަދީހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނަމަވެސް އޭނާގެ ހިތުގެ ވިންދުވަނީ އިންތިހާއަށް އަވަސްވެފައެވެ. މަހަކަށްފަހު ޟިރާރާ ވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބުމުންނެވެ.

"ޟިރާރު މިވަގުތު ވީ ނަމާދަށް ގޮސް.... ތީ ކޮން ކުއްޖެއް... ޟިރާރު އައިމަ އަޅުގަނޑު ބުނެލާނަން..." އެ އަންހެން މީހާ ވާހަކަ ދައްކަމުން ދިޔަ އިރު ފަހަތުން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ.

"އަޅުގަނޑުގެ ނަމަކީ މަދީހާ... މީ ކާށިދޫ ކުއްޖެއް... ޟިރާރާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން... އަޅުގަނޑު މާދަމާ ހަވީރު 4 ޖަހާއިރު ގުޅާނަން... ޟިރާރު ގާތު ބުނެދެއްވާތި..." މަދީހާ ފޯނު ބޭއްވީ ވަރަށްއުފަލުން ހުރެއެވެ. މާދަމާ ޟިރާރާ ވާހަކަ ދެއްކޭނެ ކަމުގެ އުންމީދުގައެވެ.

ޖެހިގެން އައި ދުވަހު ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު ރީތިވެގެން ހަވީރު ހަތަރެއް ޖެހުމުގެ މާކުރިން މަދީހާ އޮފީސް ދަށަށް ދިއައެވެ. ގަޑީގެ ކަށިހިނގާލެއް ލަސްކަމުން މަދީހާ އިރުއިރުކޮޅުން ގަޑިއަށް ބަލާލައެވެ. މަދީހާގެ އެކުވެރިޔާ އޮފީހުން ބޭރަށް ނުކުތީ ބަރާބަރު ހަވީރު ހަތަރެއް ޖެހުމުންނެވެ. ދުވެފައި މަދީހާ އައިސް ޟިރާރަށް ގުޅައިދިނުމަށް އެދުނެވެ. މަދީހާގެ މޭގަނޑު ތެޅޭ ވަރުން ވާހަކަ ދައްކަންވެސް އުނދަގޫވެފައިވާ ކަހަލައެވެ. ހެވި ދިލިފައިހުރެ މަދީހާ ފޯނު އަތްގަނޑު ކަންފަތުގައި ޖައްސާލިއެވެ. އަދި ގުޅަންޖެހޭ ނަންބަރުތަކަށް އިނގިލި ކޮށްޕާލުމަށްފަހު އަނބުރާލީމެވެ. މިގޮތަށް ހަ ނަންބަރު އަނބުރާލުމާއެކީ ފޯނުން ރިންގްވާ އަޑު އިވެން ފެށިއެވެ. މަދީހާ އިނީ ކެތްމަދުވެފައެވެ. އެކޮޅުން ފޯނު ނެގުމާ އެކީ ދެއަތުން ކަންފަތުގައި ޖަހާފައިވާ ފޯނުގެ އަތްގަނޑުގައި ހިފާލަމުން މަދީހާ ވާހަކަ ދެއްކީ ހާސްވެފައި ހުރި ވަރުންނެވެ. "ޟިރާރުތަ؟..."

ނަމަވެސް އެކޮޅުން އިވުނީ ޟިރާރުގެ އަޑެއްނޫނެވެ. "ތީ ކާކު؟.. ޟިރާރު ކިހިނެއް ދަންނަނީ؟.." އެއީ މަދީހާއަށް ކުރިން ދުވަހުވެސް އިވުނު އަަޑެވެ.

ލަދުން ހުރެ އިސްޖަހާލަމުން މަދީހާ ޖަވާބު ދިނެވެ. "އަޅުގަނޑުގެ ނަމަކީ މަދީހާ... ޟިރާރާ އަޅުގަނޑާ ރައްޓެހިވެގެން އުޅެނީ...ކައިވެންޏަށް ތައްޔާރުވާން ބުނެފަ އޮތީމަ މިގުޅީ ޚަބަރެއް ނުވާތީ..."

"މަދީހާ... ރަނގަޅުވާނީ ތިކަން ކުރަން ނޫޅުނިއްޔާ... އަހަންނަކީ ޟިރާރުގެ އަންހެނުން... ޟިރާރު އަހަންނަށާ މަދީހާއަށްވެސް އޮޅުވާލީ.. އަހަރެންގެ ތުއްތު ފިރިހެން ކުއްޖެއްވެސް އެބަހުރި... އެސޮރު ވިހޭ އިރުވެސް ޟިރާރެއް ނާދޭ... އެކަމަކު ފަހުން ގުޅާފަ ލިބުނީ ފިރިހެން ކުއްޖެއްކަން އެނގުނީމަ ވަރަށް އަވަހަށް އައިސްފި... އަހަރެންނަށް އަަހަރެން ފިރިމީހާ އަނބުރާ ލިބުނީ މިދަރިފުޅުގެ ސަބަބުން... މަދީހާ ހެޔޮނުވާނެ... މިއާއިލާ ރޫޅާލަން ނޫޅޭ... އާދޭސް ކޮށްފަ މިބުނަނީ... އަހަރެންގެ މިކައިވެނި ހަލާކުވެއްޖިއްޔާ އަހަރެން އުޅޭނީ ކިހިނެއް..." ރޮމުން އެކޮޅުން އެ އަންހެންމީހާ ވާހަކަ ދެއްކިއެވެ. މަދީހާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ގަބުވެފަ އެހުރިގޮތަށް ހުރެވުނީއެވެ. ފޯނުގެ އަތްގަނޑު އަތުން ދޫވިއެވެ. ދެން ވީގޮތެއް މަދީހާއަށް އެނގުނު އިރު އޭނާ އޮތީ އޭނާގެ ގޭގައެވެ. އޭރު އެނދުގެ ދެފަރާތުގަ ތިބީ މަދިހާގެ މަންމައާ މުނީރާއެވެ. ކިހިނެއްވީތީ ބަލަން އެމީހުން ސުވާލުކުރަމުން ދިޔައިރު ހަދީޖާ ދިޔައީ އަތުން އަނބުރާ ފައްކާއަކުން މަދީހާގެ މޫނަށް ވައި އަރުވަމުންނެވެ.

ނޭނގެއޭ ބުނެ މަދީހާ އޮތްތަނުން ތެދުވިއެވެ. "ދަރިފުޅުގެ ބައްޕަ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފަ..." އެހެންބުނަމުން ހަދީޖާ އެކޮޓަރިން ނުކުތެވެ. ނަަމަވެސް މުނީރާ މަޑުކުރިއެވެ. އަދި ހަދީޖާ ބާއްވާފަ ދިޔަ ފަންކާ ނަގަމުން ވިހުރުވަން ފެށިއެވެ. "ޟިރާރުބެއަށް ގުޅިއްޖެތަ؟... ކޮންއިިރަކުންނޯ ކައިވެނީގެ ކަންތައް އޮތީ...." މުނީރާ ވާހަކަ ދެއްކިއިރު އޭނާ ހުރީ އެކަމާ ވަރަށް ގަޔާވެފަކަން އެނގުނެވެ. މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. މުނީރާގެ ގައިގާ އޮޅުލައިގަނެ ރޯން ފެށިއެވެ. "މުނީރާ... އޭނަ އަހަންނަށް މަކަރުހެދީ.. އޭނާ ނާންނާނެ... އޭނާ ނާންނާނެ... އަހަރެން ބަނޑުވެސް ބޮޑު..."

އެކޮޓަރި ދޮރުމަތީ ހުއްޓިގެން ހުރި ފިކުރީއަށް އެވާހަކަތައް އަޑު އިވުނެވެ. އޭނާއަށް އެކަމުން ވަރަށް އަސަރު ކުރިއެވެ. ކޮޓަރިއަށް ނުވަދެ ނުކުންނަން އެނބުރި ލި ވަގުތު ފިކުރީ ޚަބަރު ހުސްވެ ތަޅުންމައްޗަށް ވެއްޓުނެވެ. އެއަޑަށް މުނީރާ ދުވެފައި ކޮޓަރިން ނުކުތެވެ. މަދީހާ އެނދުން ނުތެދުވެ އިނީ އަދިވެސް ބޯއަނބުރާތީއެވެ. ބޭރުން މުނީރާ ރޮއެގެންއަޑު މަދީހާގެ ކަންފަތުގައި ޖެހުނެވެ.

"ބައްޕާ.... ބައްޕާ.... ނޫން.. ނޫން... އަމާ... ބައްޕައަށް ގޮތެއް ވެއްޖެ....އަވަހަށް އާދެބަލަ..."

----------------------------------------------------

"އެދުވަހު ބައްޕަ ނިޔާވީ... އަހަރެން ޟިރާރަށް ނުގުޅި ސަބަބަކީ ޟިރާރުގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ... ޟިރާރު އަހަރެންނަށް އޮޅުވާލީ..." މަދީހާ ލޮލުން ފޭބި ކަރުނަތައް ބުރުގާގެ ކަނުން ފޮހެލިއެވެ.

"މަދީހާ... އަހަންނަށް މާފްކުރޭ.. އާމިނަ އަހަރެންގާތު މަދީހާ ގުޅި ވާހަކައެއް ނުބުނޭ.. ވެދާނެ އަހަރެން ގެއްލިދާނެކަމުގެ ބިރު ހިތުގައި އޮތީމަ ކަމަށްވެސް.. އަހަރެން މިކުރި ކަންތަކުގެ ޝަޒާ އަހަންނަށް މިލިބެނީ.. އަހަރެންގެ ހުރި އަންހެން ދަރިފުޅު ރޫހީ މަރުވިތާ އަދި މާގިނަ ދުވަހެއްވެސް ނުވޭ... އަހަރެމެންގެ ދިރިއުޅުން މިވަނީ ފަޅުވެފަ... މަންޝާއަށް ގޮތެއްވާކަށް އަަހަރެން ބޭނުމެއް ނޫން..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

"މަންޝާއަށް ދެރަގޮތެއް ނުވާނެ.. ކީއްވެ ޟިރާރު ތިހެން ތިބުނީ..." މަދީހާ ވާހަކަ ދެއްކީ ހައިރާންވެފަހުރެއެވެ. ޟިރާރު އެ ކިޔާއެއްޗެއް މަދީހާއަކަށް ނަގައެއް ނުގަނެވުނެވެ. މަންޝާ ކައިރިއަށް ދާން ހިނގާށޭ ބުނެ މަދީހާ ގޮނޑިން ތެދުވިއެވެ. އެވަގުތު އެމީހުންގެ ކަޅި ހުއްޓުނީ ލިފްޓުކައިރީ މަޑުކޮށްގެން ތިބި އަޒީމާ ރިޔާޒް ފެނުމުންނެވެ.

"މަންޝާއެއީ އަހަރެންގެ ކޮއްކޮތަ؟... އަހަރެން ވަރަށް އުފާވެއްޖެ... މަންޝާއާ ބައްދަލުކުރަން ދަމާ... ދައްތާ އަޅުގަނޑުމީ ރިޔާޒް... ބައްޕަގެ ދޮށީ ފިރިހެން ކުއްޖާ.... މަންޝާ އަޅުގަނޑަށްވުރެ ކުޑަވާނެ ދެއްތޯ..." މަދީހާއާ ސަލާމް ކޮށްލަމުން ރިޔާޒްމެން ހިނގައިގަތީ މަންޝާ އޮތް ކޮޓަރިއާ ދިމާއަށެވެ. ރިޔާޒްގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި ގާތްކަން ފެނި މަދީހާއަށް އުފަލުން ރޮވުނެވެ. އެމީހުންނަށް އެކޮޓަރިއަށް އައިސް ވަދެވުމާއި އެކީ މަންޝާ ލޯ ހުޅުވާލިއެވެ. އަތްތިލަ މުށްބާރު ކޮށްލީ މަންޝާގެ އަތުގައި އެއްޗެއް އޮތްކަން އިހްސާސް ވުމުންނެވެ. އެހެންކަމުން މަންޝާ އެއަތުގައި އޮތް ފަށް ގައި ދަށަށް ކޮށްޕާލަމުން ކޮޓަރިއަށް ވަތް މީހުންނާ ދިމާއަށް ބަލާލިއެވެ.

ޟިރާރު އައިސް މަންޝާގެ އެނދުކައިރީ ހުއްޓުމުން މަންޝާ ހިނިތުންވެލިއެވެ. އެ އެންމެން ކޮޓަރި ތެރެއަށް ވަނުމުން މަންޝާގެ ހަށިގަނޑަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެކަން ފޮރުވަމުން މަންޝާ ވާހަކަ ދެއްކިއެވެ. "ރިޔާޒްގެ ބައްޕަ ދޯ؟.."

"ދަރިފުޅާ... މީ މަންޝާގެ ވެސް ބައްޕަ... މީ މަންޝާގެ އަސްލު ބައްޕަ... ބައްޕައަށް އަދި ކިރިޔާ މިއެނގުނީ... ދެން އެވާހަކަ ބާއްވާ ދަރިފުޅު އަވަހަށް ރަނގަޅުވާންވީ..." ޟިރާރު ބުނި ޖުމްލަ އަޑު އިވުމުން މަންޝާ ދެލޯ ބޮޑުކޮށްލަމުން ބަލާލީ މަދީހާއާ ދިމާއަށެވެ. އޭރު މަދީހާ ހުރީ ބުރުގަލުގެ ކަނުން އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހޭށެވެ. މަންޝާގެ ބަލާލުމުން އެބުނީ ކީކޭކަން މަދީހާއަށް ދެނެގަންނަން އެނގުނެވެ. ބަހެއް ނުބުނެ މަދީހާ ބޯ ޖަހާލީ އެއީ ތެދެކޭ ބުނާ ފަދައިންނެވެ. އެތައް ދުވަހަކަށްފަހު މަންޝާއަށް އޭނާގެ އަސްލު ބައްޕަ ފެނުމުން ބަޔާންކުރަން ދަތި އެތައް އިހްސާސެއްކުރިއެވެ. މަންޝާގެ ދެލޯ ފޮހެލަން އޭނާގެ އަތް ހިއްލާލިއެވެ. އެވަގުތު ރިޔާޒްގެ ލޮލުގައި މަންޝާގެ އަތްތިލައިގައިވާ ކަޅު ލަކުނު އަޅައިގަތެވެ.

"މީ ކިހިނެއް ކޮން އިރަކު ވީކަމެއް.... ބައްޕާ... ބަލާބަލަ.. މީރާގެ މޭމަތީގަ އިނީ ހަމަ މިކަހަލަ ތަނެއް..." މަންޝާގެ އަތްތިލަމަތި ޟިރާރަށް ދައްކާލަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. ޟިރާރު އެތަނަށް ބަލާލަމުން މަންޝާގެ މޫނަށް ބަލާލިއެވެ. އަލިބެ ދެއްކި ވާހަކަތައް ޟިރާރުގެ ކަންފަތުގައި ގުގުމާލިއެވެ. "އަހަރެން ބެލި ބެލުމުގަ ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ... ޟިރާރުގެ އާއިލާއާ މިދިމާވާ ކަންތައްތަކާ އެކުއްޖާއާ ވެސް ގުޅުމެއް އެބަވޭ..."

ޟިރާރު މަޑުމަޑުން ތުންތަޅުވާލިއެވެ. ހިތުން އަލިބެ ބުނެފައިވާ ކަހަލަ ކިއެވެއްޔެއް ކިޔަވާލިއެވެ. އެކަމުން މަންޝާއަށް އުނދަގޫވާ ގޮތްވިއެވެ. ހާސްވެ މީހާ ތެޅެން ފެށިއެވެ. މިމަންޒަރު ބަލަން ކައިރީގައި ހުރި ޒިބާނަކަށް ކެތެއް ނުކުރެވުނެވެ.

"އޯއި... ކޮން ކިޔެވެލިއަށް ތެ ކިޔަވަނީ... ތެ ކިޔެވެލި ކިއުން ހުއްޓަލަ.. ތަތެ ހިނގަނީ މަ މަރަލާށާ..." (އޭ... ކޮން ކިޔެވެއްޔެ ތި ކިޔަނީ... ތި ކިއެވެލި ކިޔުން ހުއްޓާލާ... ކަލޭ ތިއުޅެނީ އަހަރެން މަރާލަންތަ...) މަންޝާގެ ދުލުން ނުކުތް ބަސްތައް އަޑުއިވިފަ އެންމެން ތިބީ ހައިރާންވެފައެވެ. ޟިރާރު އަނގައިން ބަހެއްވެސް ނުބުނެ އެކޮޓަރިން ބޭރަށް ނުކުތެވެ.

"ކިހިނެއް އެވީ... މަންޝާ... މަންޝާ.. ކީކެތަ ތި ކިޔަނީ... ކޮން އިރަކު މަންޝާ އައްޑޫ ބަސް ދަސްކުރީ..." މަންޝާގެ ގައިގާ ހިފާ ތަޅުވަމުން އަޒީމް ވާހަކަ ދެއްކިއެވެ.

"ކީކޭ... ކިހިނެއްވީތަ؟... އަހަރެން ކީކޭތަ ކިއީ؟..." މަންޝާ އެހެން ބުނުމުން އެންމެންގެ ލޯ ބޮޑުވެގެން ދިޔައެވެ. މަދީހާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަށަށް ގޮސްގެން އުޅުނު އިރުވެސް މަންޝާގެ ފަރާތުން އާދަޔާޚިލާފް ކަންތައްތަކެއް ވަނީ މަދީހާއަށް ފާހަގަވެފައެވެ. ނަމާދެއްވެސް ނުކުރެއެވެ. އީދުނަމާދަށް އެންމެން ދިޔަ އިރުވެސް މަންޝާ ނުދިއުމުން މަދީހާމެން ހީކުރީ އޭނާ ބަލިވީމަ ވީކަމެއް ކަމަށެވެ. ރަށުގައި އުޅުނު ބައެއް މީހުން ޖިންނި މޮޔަވީމަ ކުރާ ކަންތައްތަކުގެ ވާހަކަ މަދީހާއަށް ވަނީ އަޑުއިވިފައެވެ. ކިތަންމެ ރެއަކު ކޮޓަރީގައި ހުރެ މަންޝާ އެކަނި ވާހަކަ ދައްކާ އަޑު މަދީހާއަށް ވަނީ އިވިފައެވެ.

"އަޒީމް... މަންޝާ.. ސަލާމަތްކޮށްދީ.. ތީ ރަނގަޅު ކަމެއް ނޫން..." މަދީހާއަށް ރޮއިގަނެވުނެވެ. މަންމައަށް ވަމުން ދިޔަ ގޮތް ފެނި މަންޝާ އިނީ ގަބުވެފައެވެ. އެވީ ކުޑަ ވަގުތުކޮޅު ތެރޭގައި އޭނައަށް ކުރެވުނީ ކީއް ކަން ނޭނގުނީ ކީއްވެހެއްޔެވެ.

"މަންޝާގެ މަންމާ... ހާސް ނުވޭ.. އަހަރެމެން މިއުޅެނީ މީރާއަށްވެސް މިއެތި އުނދަގޫ ކުރާތީ... ކުރިން އަހަރެންގެ ކޮއްކޮވެސް މަރުވީ ފަރުވާ ނުފެށެނީސް.. އެހެންވެ އަހަންނަށް ފެންނަނީ މިކަން ލަސްނުކޮށް އަވަސްކުރަން... ބައްޕައާ ވާހަކަ ދައްކައިގެން އަލިބެ ގެންނަންވީ... އަހަރެން މިކަންތަކުގަ މަންޝާގެ ގާތުގަ ހުންނާނަން... މަންޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން... އަހަރެންގެ ދެން ހުރި ކޮއްކޮ ގެއްލޭކަށް އަަހަރެން ބޭނުމެއް ނޫން..." ރިޔާޒް ވާހަކަ ދައްކަމުން މަދީހާ ސޯފާގައި ބޭންދިއެވެ. އެވަގުތު މުނީރާ މަދީހާއާ ގާތްވެލިއެވެ.

"މަންޝާ.. ދެން ނިދާލާ....މާ ބޮޑަށް ނުވިސްނާ..." އަޒީމް މަންޝާގެ ގައިމަތީގަ ފޮތިގަނޑު އަޅައިދިނުމަށްފަހު ރިޔާޒާ އެކީ ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

*** *** *** *** *** ***

އެތައް އަހަރެން ފަހުން މަންޝާއަކީ ޟިރާރުގެ ދަރިއެއްކަން އެނގުނު ދުވަހު މަންޝާއަށް މިވަނީ އެ ޖިންނީގެ ދުއްތުރާ ޖެހިފައެވެ. ފޯނު ނަގާ އަވަހަށް އަލިބެއަށް ޟިރާރު ގުޅާލިއެވެ.

"އަލިބެ ބުނީ ރަނގަޅަށް... އަހަރެންގެ އިތުރު އަންހެން ކުއްޖެއް އެބަހުރި... އޭނާއެހުރީ ޖިންނި މޮޔަވެފަ.. ރޫހީ ވާހަކަ ދެއްކި ދުވަހެކޭ ތަފާތެއް ނެތް.... އެއީ ހަމަ އެ ޖިންނި.. ކިއެވެލި ކިޔެވުމުގެ ކަންތައް އަވަސްކުރަންވީ... ދެން މިކަން ލަސްކުރާނެ ކަމެއް ނެތް...." ޟިރާރު އަލިބެއާ ވާހަކަ ދައްކާ ނިންމާލިއިރު ރިޔާޒާ އަޒީމް އެކޮޓަރިން ނުކުތެވެ.

"ރިޔާޒް ކެހެނަކަށް މިވެނީ؟..، މިކަމާއި މަންޝާއި ގުޅުން އޮތީ ކެހެނެކަށް... މިވޭ ގޮތަށް މަށަސް ކިޔައިދެރެފެލަ..." (ރިޔާޒް ކިހިނެއްތަ މިވަނީ؟... މިކަމާ މަންޝާއާ ގުޅުން އޮތީ ކިހިނެއް... މިވާ ގޮތެއް މަށަށްވެސް ކިޔައިދީބަލަ...) އަޒީމް ހުރީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުންވެފައެވެ.

"މީ އަފިރިންގެ އާއިލާއި އެޑަގިނަގެން ހިނގާ ޖިންނިއަށް... މަންޝާއި މިއާ އަވަލުމަކީ އެކަށީގެންވޭކަމަށް... މަންޝާއަކީ ބައްޕާގެ ދާރަށްނު.. އެއާގެ މަގްސަދު އިނގޭނެއި ކިޔެވެލި ކިޔަވަގެ އެއާ ގެނާސްގެން... މީރާ ބާހިށުވެެގެން އަފިރިން ކިޔެވިން.. އެކަމަކި ކިޔަވަގެން އެކަހަލެއި ކަމަށް ނިކެރެވެނެ... ފަހަރަކި އެއީ ބައްޕާގެ އަސްލު ކޫދަކާ ނޫންވީމެއި އެހެންވެފޭހެއްދީ... ދެން މަންޝާ ބާއްވަގެން ކިޔަވަނިކޮށް މިކަން ވެފޭހެއްހެން ހީވެނީ..." (މީ އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން އުޅޭ ޖިންނިއެއް... މަންޝާއަށް މީތި އަވަލުމަކީ އެކަށީގެންވާ ކަމެއް... މަންޝާއަކީ ބައްޕަގެ ދަރިއެއްނު... އޭތީގެ މަގްސަދު ބެލޭނީ ކިޔެވެލި ކިޔަވައިގެން އޭތި ގެނެސްގެން... މީރާ ބަހައްޓާއިގެން އަހަރެމެން ކިޔެވިން... އެކަމަކު ކިޔަވައިގެން އެކަހަލަ ކަމެއް ނުކުރެވުނު... ފަހަރުގަ އެއީ ބައްޕަގެ އަސްލު ދަރިއެއްނޫން ވީމަ އެހެންވެދާނެދޯ.. ދެން މަންޝާ ބާއްވައިގެން ކިޔަވަނިކޮށް މިކަން ވެދާނެހެން ހީވަނީ...) އަޒީމަށް ކަންތައް ވެފައިވާ ގޮތް ރިޔާޒް ކިޔައިދިނެވެ.

އެކަލޯ... ބައްޕާ މިއެނީ އެފޮއްތައް ހިފަގަެން އަލިބެ އެކަހާ... މިތެއި ހޮސްޕިޓެލި ތެކުދިން މަޑޮކެރައު... ކަމަށް ގޯސްވޭފެހޭ ބައްޕާ ގުޅާހެތި..." (ދަރިފުޅާ ބައްޕަ މިދަނީ އެ ފޮތްތައް ހިފައިގެން އަލިބެ ކައިރިއަށް... މިތާ ހޮސްޕިޓަލުގަ ތިކުދިން މަޑުކުރޭ.. ކަމެއް ގޯސްވަންޏާ ބައްޕައަށް ގުޅާތި...) މިހެން ބުނެ ޟިރާރު ހޮސްޕިޓަލުން ނުކުތުމަށް ހިނގައިގަތެވެ.

ކޮރިޑޯގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި ޒިބާނާ ތަޒްކިޔާއަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. "ޒިބާން... ދެން ކެހެނަކަށް ހަދާނެއި... އެވެރިން ފަންޑިތަ ހަދާ އެ ހިނގަނީ..." (ޒިބާން... ދެން ކިހިނެއް ހަދާނީ... އެމީހުން ފަންޑިތަ ހަދަން އެއުޅެނީ...)

"މިކަމާއި ތާށި ވޭނެއި ޒޭބާ.. އޯނޯ... ހިނގައު ގެއް އެބޭ..." (މިކަމުގަ ތާށިވާނީ ޒޭބާ... އޯނޯ... ހިނގާ ގެއަށްދާން...) ޒިބާނާ އެކީ ތަޒްކިޔާ އެރީ ލިފްޓްގެ އެއްފަރާތުން ބޭރު ފެންނަގޮތަށްހުރި ކުޑަދޮރު މައްޗަށެވެ. ދެމަޚްލޫގުގެ އަތް ގުޅުވާލަމުން އެކީގައި މައްޗަށް ދާން މިސްރާބުޖެހިއެވެ.

(ނުނިމޭ)


(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލުތައް

×

ސުޕައިސީ ޕިއްޒާ | 13 ނޮވެންބަރ 2017 - 23:25

ވަރަށް ވަރަށް މޮޅު ވަރަށް ރީތި...ކަމަނާއަށް މިފަންނުގަ އިތުރު ކުރިއެރުމަށް އެދެން...

ޓްރެންޑިން