Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

މަންޝާ 2 (ތިރީސްވަނަ ބައި)

9 ނޮވެންބަރ 2017 - 09:00

ޢާއިޝަތު ޝާޒްލީން (ޝާޒް)

"ކޯއްޗެކޭ ކިޔާކަށް ކަލޭތީ މާތާހިރު މީހެއްނު... ކަލޭ ގެއަށްގޮސް ޝާކިރަށް ހުރިހާ ވާހަކައެއް ކިޔައިދިނަސް މަށަށް ވަރިހަމަ.. ހަމަ ކިޔަންވީ... ކަލޭގެ ދަރިއަށް ކަލޭ ހެދި ފަންޑިތަ އެނގުނީމަ ޝާކިރު އެންމެ ރުޅި އަންނާނީ ކަލޭ ދެކެ.. އަޅެ ގަޓެއް ހުރިއްޔާ ފުއްޕާފަ ދޭބަލަ..." ޟިރާރު އެނދުމަތިން ތެދުވެ ގަމީހާ ފަޓުލޫނު ހިފައިގެން އެ ގިފްޓިގެއިން އޭނާ ނުކުތެވެ. ލަތީފާއަށް ހައިރާންކަމެއް ލިބުނީ ހެއްދެވިގޮތަށް ހުރެ ޟިރާރު ބޭރަށް ނުކުތުމުންނެވެ. ޟިރާރުގެ ގައިގާ ހުރި ލޭތަކާ އެކީ އޭނާ އެދިޔައީ ކޮންތާކަށް ހެއްޔެވެ. އޭނާ ދިޔަ ދިމާއެއް ބަލަން ލަތީފާ ވަގުވަގަށް ބޭރަށް ބޯދިއްކޮށްލިއެވެ.

މަޑުހިނގުމެއްގައި ގޮސް ޟިރާރު މޫދަށް އެރުނެވެ. ހަމަ އެއާ އެކު ހޭޅިފަށުގައި ހުރި ގަސްތަކުގައި ޖައްސާފައިވާ ވާތައް އުދުއްސައިގެން ދިޔަތަން ފެނުމުން ލަތީފާގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ.

*** *** *** *** *** ***

ކައިގެން ހޫދު ގެއަށް ވަދެ އެނދުގައި ޖައްސާލައިގެން އޮތީ ސީލިންގަށް ބަލާށެވެ. ރާއިދުގެ މަންމަގެ ނަން އަދިވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެކި ހިޔާލުތަކަށް ގެއްލިފައި އޮއްވާ ހޫދުގެ ސިކުނޑިއަށް އައީ އޭނާއަށް ކުރިން ދުވަހަކު ކިއިފައިވާ ޖުމްލަތަކެކެވެ.

"އަފްނާން ކިޔަވާ ހިތެއް ނުވޭ... ސްކޫލަށް ދާކަށް ބޭނުމެއް ނުވޭ.... ބައްޕަ އަފްނާނަށް ވަރަށް ރަނގަޅު... މަންމަ މަސައްކަތް ކުރަނީ އަފްނާން ކޮންރޯލް ކުރަން އައި ޖަސްޓް ހޭޓް އިޓް...."

ހޫދުގެ ސިކުނޑީގައި އެ ބަސްތައް ތަކުރާރުވާން ފެށުމުން އެނދުގައި އޮވެ ބޯ ހިއްލާލާފައި ޑްރެސިންގް ޓެބަލްއާ ދިމާއަށް އޭނާ ބަލާލިއެވެ. މަންޝާގެ ކޮޓަރި ތެރެއިން ހޫދު ނަގައިގެން އައި އެ ޑައިރީގައި އަފްނާންގެ ނަން އައިސްފައިވެއެވެ. އެހެންކަމުން ހޫދު އަވަހަށް ގޮސް ޑައިރީ ނަގައިގެން ކިޔަން ފެށިއެވެ.

އަފްނާންގެ ވާހަކަތައް ކިޔަމުން ދިޔަ ވަރަކަށް ހޫދުގެ ވިސްނުމަށް އެތައްކަމެއް ވަންނަމުން ދިޔައެވެ. ބައެއް ގަނޑުތަކުގައި ހުރި ބައިތައް ކިޔަމުން ގޮސް ހޫދަށް އެ ބައިތައް ކިޔަން އުނދަގޫވުމުން ދެތިން ގަނޑު އުކާލާފަ އަނެއްބައި ކިއުމަށް އަވަސްވެގަތެވެ.

*** *** *** *** *** ***

ރާއިދްއާއި އޭނާގެ ބައްޕައަށް ކާން ހެދުމަށްފަހު އަފްނާން ސިޓިންގް ރޫމުގައި މަޑުކޮށްލީ އެ ދެބަފައިން ކާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި ތިބި ދެބަފައިން އަދި ކާނީ ފަހުންކަމަށް ބުނުމުން އަފްނާން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ.

މޫނު ބުރުގާ ނަގަމުން އަފްނާން ކޮޓަރިއަށް ވަދެ ފޯނު ނަގައިގެން އޭގައިވާ ފޮޓޯތައް ބަލަން ގެލެރީ ބައި ހުޅުވާލިއެވެ. އޭނާގެ މަންމައާ މާމަމެންނާ އެކީ ނަގާފައިވާ ފޮޓޯތައް ފެނުމުން އަފްނާނުގެ ލޮލުން ކަރުނަ ނީރާލިއެވެ. އެފޮޓޯތައް ބަލަމުން ގޮސް އޭނާއަށް އޭނާގެ ބައްޕަ، ހަސަނުގެ ފޮޓޯ ފެނުމާ އެކީ ދެލޯ މަރާލިއެވެ. ބައްޕަގެ ފާފަތައް ފުއްސަވާ ދެއްވާތޯ ހިތާހިތުން ދުއާ ކުރުމަށްފަހު އެނދުގައި އޮށޯވެ ނިތްކުރިމަތީ އަތް ބާއްވާލިއެވެ.

އޭނާގެ އެ އާއިލާއާ ދުރަށް ދާން ޖެހުނީ އޭނާއަށމި ދިރިއުޅުން ހިޔާރުކުރަން މަޖުބޫރު ވީމައެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރި އަރުވާލަމުން އަފްނާނުގެ އަތުގެ ކުޑަހުޅާ ދިމާއަށް ބަލާލިއެވެ. އޭނާގެ އަތުގައި ފާހަގަވާނެހެން ފާޅުކޮށް ފެންނަން ހުރި ބޮޑު ލަކުނުގެ މަތީގައި އޭނާގެ އަތުގެ އިނގިލިތައް ހާކާލިއެވެ. އެ ލަކުނު ފެންނަ ކޮންމެ ފަހަރަކު މާޒީގެ އެހިތި ތަޖްރިބާ އޭނާގެ ލޯ މައްޗަށް އައިސް ހުއްޓޭ ކަހަލައެވެ. ދިރިއުޅުން މަތިން ފޫހިވެ މަރުވާން ހިތަށް އެރި ދުވަސްތައް ހަނދާންވެއެވެ.

*** *** *** *** *** ***

އެއީ މީގެ ވިހިއަހަރު ކުރިއެވެ.

އަފްނާންގެ ފޯނުން އެއްކަލަ ގޮތް ނޭނގޭ ނަންބަރަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ އެތައް އިރެއް ވީފަހުންނެވެ. "ކޮބާ... ކަލޭ އަހަރެންނަށް ފޮނުވަން ބުނި މެސެޖް އަދިވެސް ނުލިބޭ... އަހަރެން ބުނިން ދޯ އަވަސް ކުރާށޭ.... އައިޑޯންޓް ހޭވް ޓައިމް..." ވައިއަޑުން އަފްނާން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އޭނާ ހުރީ ރުޅިއައިސްފައިކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ގަނޑުން އެނގެއެވެ.

ފޯނު ކަނޑާލުމަށްފަހު ސޯފާ މައްޗަށް ފޯނު ހޫރާލިއެވެ. އަދި އަމިއްލަ އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ބާރުކޮށްލިއެވެ. އަފްނާން ވަނީ ގޮތް ހުސްވެފައެވެ. އޭނާ ހަދާންވީގޮތެއް ޚުދު އޭނާއަކަށްވެސް ނުވިސްނުނެވެ. ބައްޕަގެ މަރުގެ ސަބަބަކީ އަފްނާން ކަމަށް އޭނާ ކުށްވެރިކުރާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އަރައެވެ. ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް އަފްނާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު މޭޒު ކައިރީ އިށީނެވެ.

ފޮތަކާ ގަލަމަކާ ނަގައިގެން އިން އިރު އޭނާ ދިޔައީ އެކި ޒާތްޒާތުގެ އެއްޗެހި އެ ގަނޑުގައި ލިޔެ ކުރަހަމުންނެވެ. ބައެއް އަކުރުތައް މަތިމަތިން ލިޔެ ދެލީގެ ކުލަ ފަވަމުންނެވެ. އެ ގަނޑުގައި ވަނީ ހިތްތަކެއް ކުރަހާފައެވެ. ދަން ޖެހިފައިވާ މީހަކުވެސް ކުރަހާފައެވެ. އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ލިޔުމުގައި ވަނީ 'އައި ކާންޓް ޓޭކް ދިސް އެނީމޯ.. ފޮގިވްމީ... އައިވޮނަ ޑައި..' (ދެން ކެތެއް ނުކުރެވޭނެ.. އަހަންނަށް މައާފްކުރޭ.. އަހަަރެން ބޭނުމީ މަރުވާން...) މިހެންނެވެ. މޭޒުމަތީ ބޯ އަޅައިގެން ރޯލަ ރޯލަ އަފްނާން އޮތީ ގޮތްހުސްވެފައެވެ. އެވަގުތު އަފްނާނުގެ ލޮލުގައި އަޅައިގަތީ މޭޒުގެ އެއްފަރާތެއްގައި އޮތް ކަތުރެވެ.

ކަތުރު ނެގުމަށްފަހު ގޮނޑިން ތެދުވެ އަލަމާރީގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާންގެ ދިގު އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލީ އެއްވެސް ތަރުތީބެއް ނެތް ގޮތަކަށެވެ. ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ސިފައަށް ބަލާލިއެވެ. އޭނާއަށް ފެންނަނީ މުޑުދާރު މީހެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އަފްނާން ލޮލުގައި އަނދުން އަޅާލިއެވެ. އޭނާގެ ސިފަ ބަދަލުކުރަން އުޅޭ ކަހަލައެވެ. އެވަރަކުން އަފްނާން ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އަތުން ޖަހާ މޭޒުމަތީ ހުރި ފޮތްތަކާ ގަލަން އަޅާފަހުރި ތަށިތައް ބުރުވާލިއެވެ. އަދި ކަކޫޖަހާ ތިރިވެ މޫނު ނިވާކޮށްލަމުން އިސްޖާހާލީ ރޮމުންނެވެ. އޭނާ ބިރު ގަންނަނީ މަންމައަށް ފޯނު ލިބިއްޖިއްޔާ ވާނެ ގޮތެއް ނެނގޭތީއެވެ. އަފްނާނު އޭނާގެ ބައްޕައަށް ފޮނުވި މެސެޖް މަންމައަށް ފެނިއްޖިއްޔާ ޒިންދަގީގައި ހަކުރުލާނެކަން އެނާއަށް އެނގެއެވެ.

މޫނުމަތިން ދެއަތް ނަގަމުން އަފްނާން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައިވާ ގަނޑުތަކަށް އޭނާ ބަލާލިއެވެ. މުޅި ކޮޓަރި ތެރޭގައިވަނީ ފޮތްކާއި ގަނޑުތަކެވެ. އެތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ބިންމަތީގަވާ ފޮތްތައް ކައިރީ އޮތް ކަޓަރެވެ. ކަޓަރު ނަގާ އެއް އަތުން އޭގެ ތިލަ ހުޅުވާލިއެވެ. އަނެއް އަތް މުށްބާރުކޮށްލަމުން ކުރިއަށް ދިއްކޮށްލި އިރު ކަޓަރުގެ ތިލަ އަތާ ގާތްކޮށްލިއެވެ. އަފްނާންގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.

އެތިލަ އަތުގެ ކުޑަހުޅު ކައިރީ ޖައްސާލުމަށްފަހު ހުރަހަށް ދަމާލިއިރު އަތުން ލޭފޭދިގެން ދިޔައެވެ. އަތް ތިލައިން ފައިބަމުން ދިޔަ ލޭތަކަށް ބަލަން ހުރެ އަނެއްކާވެސް ކަޓަރުގެ ތިލަ އަތުގެ މެދެއްހާ ހިސާބުގައި ޖައްސާ ފިއްތާލިއެވެ. އަފްނާންގެ އަތަށް ބާރުލަމުން ދިޔައީ އަތުގައި ހުރި ނާރުތައް ބުރިކޮށްލާނަމޭ ހިތާއެވެ. ދެލޯ މަރާލީ އެންމެ ފަހުގެ ނޭވާ ދޫކޮށްލަން އަޒުމް ކަނޑައަޅައިގެންނެވެ. ކަޓަރު ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ އަތަށް މާ ބޮޑު ހަރަކާތެއް ނެގެނެވެނީސް އިވުނީ މޭޒުމަތީ އޮތް އަފްނާންގެ ފޯނު ރިންގްވާން ފެށިއަޑެވެ. ކަޓަރު އަތުން ދޫކޮށްލުމުން ބިންމައްޗަށް އޭތި ވެއްޓުނުކަންވެސް އަފްނާނަށް ނޭނގޭ ކަހަލައެވެ. ދަގައްފާނަށް ދަގަނޑު ދަމާ ފަދަ ބާރަކުން އޭނާ ގޮސް ހުއްޓުނީ ފޯނު އޮތް މޭޒު ކައިރިއަށެވެ.

އެ ގުޅަނީ ތަންކޮޅެއް ކުރިންވެސް އަފްނާން ވާހަކަ ދެއްކި މީހާއެވެ. ފޯނު ނަގާ އަފްނާން ކަންފަތުގައި ފޯނު ޖަހާލީ ގަބުވެފައި ހުރި މީހަކު ފަދައިންނެވެ. އޭރުވެސް އަފްނާންގެ އަތުން ހިފެހެއްޓުމެއް ނެތި ލޭތައް ފައިބަމުންދިޔައެވެ. "އަފޫ... ކީއްކުރަނީ؟.. ކޮންތާކު ތިހުރީ..." އެމީހަކު އަފްނާންއާ މުހާތަބުކޮށް ވާހަކަ ދެއްކިއިރު އޭނާ ހުރި ކަމަކާއި ހާސްވެ ކަންބޮޑުވެފައިކަން އެނގުނެވެ.

"އަހަރެން އަހަރެންގެ ހާލާއެކީ ދޫކޮށްލާ... މީހުންގެ މަލާމާތް ލިބުން ނޫންކަމެއް ނުވާނެ... އަހަރެންގެ މަންމަ އަހަރެން ދެކެ އެހާ ރުޅިއާދޭ.. އަދި އަހަރެން ހުރި ހާލަތު މަންމައަށް އެނގިއްޖިއްޔާ އަހަރެންނަށް މަންމަ ދުވަހަކުވެސް މައާފެއް ނުކުރާނެ... ތީނައަށް އެނގޭތަ އަހަރެން ބަނޑުވެސް ބޮޑު.. މިހާލުގަ އަހަރެން ކިހިނެއް އުޅޭނީ... އަހަރެން ބޭނުމީ މަރުވާން..." ރޮމުން ދިޔަ އަފްނާނުގެ ދުލުން ނުކުންނަމުން ދިޔައީ އޭނާގެ ހިތުގެ އުދާސްތަކެވެ.

"އޭ ހުއްޓާލަބަލަ.. އަހަރެން ތިޔަށް ވުރެއް މޮޅު ގޮތެއް އެބައޮތޭ ބުނެފިއްޔާ އަހަރެން ބުނާ ކަމެއް ކޮށްފާނަންތަ؟..." އެ ޒުވާނާގެ އަޑުގައި ހުރި އަބުއިކަން ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ އަފްނާނަށް އޭނާ އެބުނަން އުޅެނީ ކިހާވަރެއްގެ ކަމެއް ބާވައޭ ހިތަށް އެރިއެވެ.

އަފްނާންގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތް އޭނާ ހާމަކުރީ ދެއަތަށް ބޯހޫރުވަމުންނެވެ. "ނޫން... އަހަރެން އެބޯޝަންއެއް ނުހަދާނަން... އެއީ މިކަމަށް އޮތް ހައްލެއް ނޫން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރު ފާފައެއް ކުރާކަށް... އަހަރެންގެ މިހާލަށް އަހަރެން ދޫކޮށްލާ.. އަހަރެން ބޭނުމީ މަރުވާން..."

"ސާބަސް.. އަހަރެން ނޫޅެން އަފްނާން ލައްވާ އެބޯޝަންއެއް ހަދުވާކަށް... މަރުވުމަކީ ބޮޑު ފާފައެއް ނޫންތަ؟... އަހަރެން ދައްކާ ވާހަކަ ކަނުލާ އަޑުއަހާ... އަހަރެންނަކީ ދަރިން ނުލިބޭ މީހެއް... އެހެންވެ އަހަރެން ބޭނުމީ އަފްނާން ވިހައި ގަދަވުމުން އަފްނާނާ ކައިވެނި ކުރަން.. އަހަރެންގެ އަމިއްލަ ދަރިއެއް ފަދައިން ތި ކުއްޖާ ބަލައިދޭނަން... އަފްނާން މިކަމަށް ވިސްނާފަ އަހަންނަށް ޖަވާބެއްދީ... ބޭނުމިއްޔާ އަފްނާންގެ އާއިލާއަށް ނުފެންނަ ހިސާބަކަށް އަފްނާން ގޮވައިގެން އަހަރެން ހިނގައިދާނަން... ރަނގަޅު ޞާލިހް މީހަކަށް އަފްނާން ހަދަން އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން... މީ އަހަރެން މާތްﷲ އަށްޓަކައި ކޮށްދޭކަމެއް... އަހަރެންގެ ހަޔާތަށް ބައިވެރިއަކު ގެނެވެން ނެތީ އަހަރެނގެ ހުރި ނުކުޅެދުންތެރިކަމުން... އެކަމކު މިކަން ކުރާނީ އަފްނާން މިކަމާ ރުހެންޏާ.." އެޒުވާނާގެ އެދެމުން ދިޔަ ކަންތަކަށް އަފްނާން ވިސްނާލަން ބޭނުންވިއެވެ.  

ދުނިޔެމަތީގައި އެހާ މާތްމީހުންވެސް އުޅޭ ހެއްޔެވެ. އޭނާގެ މުޑުދާރު އަމަލުތައް އެނގިހުރެ އޭނާ ބަލައިގަންނަން އެ ޒުވާނާ އެހުރީ ތައްޔާރަށެވެ. ފޯނު ކަނޑާލުމަށްފަހު އަފްނާންގެ އަތުގައި ބެންޑޭޖް އަޅާ ލޭ މަނާކުރަން ބާރު ބާރަށް އައްސާލިއެވެ. އެނދުގައި ހަމަޖެހިގެން އިށީނދެގެން އިނދެ އެ ޒުވާނާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނާލިއެވެ. ތައުބާވެ ރަނގަޅު މީހަކަށް ވާން އަފްނާން ބޭނުމެވެ. އެފަދަ ހެޔޮލަފާ ދަރިއަކަށް ވެވުނު ދުވަހަކުން އޭނާގެ މަންމަ ގާތަށް އަންނަން އަޒުމް ކަނޑައެޅިއެވެ.

*** *** *** *** *** ***

ސިއްސައިގެން ގޮސް ހެދުމުގެ އަތުކުރި ތިރިކޮށްލަމުން ދޮރާ ދިމާއަށް އަފްނާން ބަލާލީ އެ ކޮޓަރި ތެރެއަށް މީހަކު ވަތްކަމުގެ އިހްސާސް ވުމުންނެވެ. ދޮރުމަތީ ހުއްޓިގެން ހުރި ރާއިދު ފެނުމުން އަފްނާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ތެދުވެ މޫނުމަތީ އަތްހާކާލިއެވެ.

"މަންމާ... ބަލީތަ؟..." އަފްނާންގެ ރަތްވެފައިވާ ދެލޮލާއި މޫނަށް ބަލާލަމުން ރާއިދު ވާހަކަ ދެއްކީ ވަރަށް ދެރަވެފައި ހުރެއެވެ. އަފްނާނުގެ މަގަތުގައި ރާއިދް އިށީނުމުން އަފްނާން އިސްޖަހާލީ އޭނާގެ ދަރިފުޅަށް އެމޫނުމަތިން ކަމެއް ފާހަގަ ވެދާނެތީއެވެ.

"ކޮބާ ބައްޕަ؟.. ކައިފިންތަ؟..." މައުލޫ ބަދަލުކޮށްލަން އަފްނާން ސުވާލުކުރީ ރޭގަނޑުގެ ކެއުމާއި ބެހޭގޮތުންނެވެ.

"އާން ކައިގެން މިއައީ... ބައްޕަ ނުކުމެއްޖެ ބޭރު ޖޯލިފައްޗަށް... މަންމާ.. އަޅުގަނޑު އެބަ އަންނަން ބޭރަށް ގޮސްލާފަ... އެންމެ ރަނގަޅުތަ؟.." ރާއިދަކީ ބޭރަށް ދަންޏާ އެނާގެ މަންމަ ގާތުން ހުއްދަ ހޯދާފަ ނޫނީ ދާ ކުއްޖެއްނޫނެވެ. އަފްނާންމެން ދެމަފިރިންނަށް ރާއިދަށް ދެވިފައިވާ ތަރުބިއްޔަތުގެ ފުރިހަމަ ނަތީޖާ މިއަދު ފެންނަމުން މިދަނީ އެ ކުއްޖާގެ ކިބައިގައި ހަރުލާފައިވާ ރީވެތި އަޚްލާގުންނެވެ.

"އެހާ ލަސްނުކޮށް އަންނައްޗޭ!..." އެހެންޏާ ރާއިދު ދަނީ ކޮންތާކަށްތޯ ސުވާލުކުރާ އަފްނާނަށް އިތުރު ސުވާލެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. ރާއިދުގެ ބުރަކަށީގައި އަފްނާނު ފިރުމާލުމުން އޭނާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. އެނދުން ތެދުވަމުން ގޮނޑިމަތީ އަޅުވާލި ބުރުގާ ނަގާ ބޮލަށް މަހާލަމުން އަފްނާނު ބޭރަށް ނުކުތީ ކާމޭޒުމަތީ ހުރި ތަށިތައް ނަގާށެވެ.

ރޭގަނޑުގެ ކެއުމަށްފަހު މަޖުދީ ބޭރު ޖޯއްޔަށް ނުކުމެ ޖައްސާލީ ދުފާތަބަށް އުނގަށް ލައިގެންނެވެ. ތަބަކުތެރޭގައި ހުނިފުޅި ނެތުމުން މަޖުދީ އަޑުބާރުކޮށް އަފަނާނަށް ގޮވާލިއެވެ. "އަފްނާން... ގެނެސްދީބަލަ ހުނި ފުޅި..." މޫނު ނިވާކުރާ ފޮތިކޮޅު ތިރިކޮށްލަމުން އަފްނާން ބޭރަށްނުކުމެ މަގާ ދިމާއަށް ބަލާލިއެވެ. ހުނި ފުޅި މަޖުދީ އަތަށް ދިއްކޮށްލުމުން އެފުޅީގައި މަޖުދީ ހިފަމުން އަފްނާންގެ މޫނަށް ބަލާލިއެވެ.

"އާދެބަލަ މިތާ އިށީންނަން... ކޮން ކަމަކާ ތި ވިސްނަނީ... ފަހަކަށް އައިސް އަފްނާން މާ މަޑުން ހުންނާތީ.. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟.." މަޖްދީގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަފްނާން ދެއަތަށް ބޯ ހޫރާލިއެވެ. "މިރޭ ކެމްޕޭންކުރާ ތަނަށް ނުދަނީތަ؟..." އަފްނާންގެ ވާހަކަ ދެއްކުމުގައި ވަނީ މަޑުމައިތިރި ކަމެވެ.

"އާން. ދުފާލައިގެން އެދިމާއަށް ދާން މިދަނީ... މިރޭ އެކަމަކު އެހާ ލަހެއް ނުވާނަން... އިނގޭ... ކޮބާތަ ރާއިދު.. މަ އެސޮރަށް ގުޅާފަ ބުނާނަން ލަސްނުކޮށް ގެއަށް އަންނާށޭ..." ޖޯލިން ތެދުވެ މަޖުދީ ގެއިން ބޭރަށް ނުކުންނަން ދަމުން ވާހަކަ ދެއްކީ ފަސްއެނބުރެއް ބެލުމެއް ނެތިއެވެ. މަޖުދީ ގޮސް ލޮލުކޮޅަށް ގެއްލެން ދެން އެދިމާއަށް ބަލަން އަފްނާން ހުރުމަށްފަހު ދުފާތަބަށް ހިފައިގެން ގޭތެރެއަށް ވަންނަން އޭނާ މިސްރާބު ޖެހިއެވެ.

*** *** *** *** *** ***

ތެޅެމުން ފޮޅެމުން ލަތީފާ ގެއަށް އައިސް ވަނެވެ. ގޭތެރޭގައި ޝާކިރު ނެތްކަން އެނގުމުން އަވަހަށް ތުވާލި ހިފައިގެން އޭނާ މިސްރާބު ޖެހީ ގިފިއްޔާ ދިމާއަށެވެ. ގިފިއްޔަށް ވަންނަން އުޅުނު ލަތީފާގެ ފިޔަވަޅު މަޑުޖެހުނީ ގޭތެރެއިން އޭނާއަށް ސީމާ ފެނުނުބާއޭ ހިތަށް އެރުމުންނެވެ. އެނބުރި ގޭތެރެ ބަލާލަން ދާން ހިތަށް އެރި ނަމަވެސް ލަތީފާ ހުރީ އެއަށްވުރެއް ގައިން ތާހިރުވާން ބޭނުންވެފައެވެ. އެހަންކަމުން ގިފިއްޔަށް ވަދެ ބޮކި ދިއްލާލީ ދޮރުގެ ތަންޑު އެޅުވުމަށްފަހުއެވެ. ލައިގެން ހުރި ދިގުހެދުން ބޭލުމަށްފަހު ވަޅުމަތީ އަޅުވާލިއެވެ. ދާނި ނަގާ ވަޅުތެރެއަށް ކޮށްޕާލުމަށްފަހު ފެންދާންޏެއް ނަގާ ބޮލަށް އޮއްސާލިއެވެ.

ހަށިގަނޑަށް ފިނިކަމާއި އަރާމްކަމެއް ލިބުނު ނަމަވެސް ލަތީފާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ ޟިރާރުގެ އަމަލުތަކެވެ. އޭނާ ކިޔައިދިން ވާހަކަތެކެވެ. ސީމާ ރަނގަޅު ނުވާ ކަމާއި ލަތީފާގެ ސިއްރު ފަޅާ އަރާފާނެތީއެވެ. އެދުވަހަކުން ޝާކިރު އޭނާ މަރާނެއެވެ.

ފެންވަރައިގެން ގިފިލިން ނުކުމެ ލަތީފާ ގޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. ގޭތެރެއަށް ވަންނަން ދިޔަ މަގުމަތީ ބަދިގެ ފަރާތުގައި މީހަކު އުޅޭތޯ ޔަގީންކުރަން އެފަރާތަށް ލަތީފާ ބޯދިއްކޮށްލިއެވެ. "ދަރިފުޅާ ސީމާ... ހިނގާ ކާން... ކާން ހަދަންތަ... މަންމަ މި ދަނީ ބަދިގެ ފަރާތަށް އަވަހަށް ނުކުމޭ... ކައިގެން ދެން ނިދާނީ..." ގޭތެރެއަށް ވަންނަމުން ލަތީފާ ގޮވާލިއެވެ.

އިސްތަށިގަނޑުގައި އޮޅާފައިވާ ތުވާލި ނައްޓާލަމުން އިސްތަށިގަނޑު ނިއުޅުވާލިއެވެ. ހަށިގަނޑު ގުދުކޮށްލާފަ އިސްތަށިގަނޑު ތިރިއަށް ވައްޓާލަމުން ދެބުރަކަށް ތަޅުވާލީ އިސްތަށިގަނޑުގައިވާ ފެންތައް ފޮޅާލާށެވެ. އަތުން އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާލަމުން ކޮނޑެއްގައި އަޅުވާފައިވާ ބުރުގާ ނަގާ ބޮލަށް މަހާލުމަށްފަހު ގެއިން ބޭރަށް ނުކުންނަން ލަތީފާ ހިނގައިގަތެވެ.

"ސީމާ... ދެން އަވަހަށް އާދޭ ކާން ދާން... ރޭގަވެސް ނުކައިއޮވެ ނިދީ.. ނުކައި އުޅެ އުޅެ މީހާ ހިކިގެންގޮސް ސިފަ ގެއްލިފަ ތިހުރީ... ނުކައި ނިދައިގެން ނުވާނެ..." ބަދިގެއަށް ގޮސް ތެލިތަކުގެ މަތި ނަގާ ބަލާލި އިރު އޭގައި ހުރީ މަދު ބަތްކޮޅެކެވެ. ސީމާއަށް ވާނެވަރަށް ބަތްކޮޅެއް ތައްޓަށް އެޅުމަށްފަހު ޖެހިގެން ހުރިގެއަށް ލައިގެން ކާއެތިކޮޅެއް ލިބޭތޯ ބަލަން ބޯ ތައްޓެއް ހިފައިގެން ބޭރަށް ނުކުންނަން ލަތީފާ އަވަސްވެގަތެވެ.

*** *** *** *** *** ***
ޝާޔާގެ ހުން މަޑުވެ އެ ކުއްޖާ މުޅިން ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް ފަހަކަށް އައިސް އެކަނި ހުންނަން އޭނާ ބޭނުންނުވާކަން ފާހަގަ ވެއެވެ. ފާހާނާއަށް ވަނަސް ޝީން ގާތުގައި ކޮޓަރިން ނުދާށޭ ބުނެއެވެ. ފާހާނާ ދޮރު ލައްޕާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

"ދޮންތި އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..." ފޯނުގެ ސްކްރީނަށް ބަލަން ހުރެ ޝީން މިހެން ބުނީ އެކޮޓަރިން ނުކުންނަށް ދޮރާ ދިމާއަށް ހިނގައިގަންނަމުންނެވެ.

ފާހާނާ ތަށިމަތީ ހީސްލާން އިން ޝާޔާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އަވަސްއަވަހަށް ފާހާނާ ތަށިމަތިން ފޭބުމަށްފަހު ހީސްދޮވެ ޖަންގިޔާ އަރުވަމުން އޭނާ ފާހާނާއިން ނުކުމެ ކޮޓަރި ތެރެއަށް ބަލާލިއެވެ. "ދޮންތީ...." ޝީން ބޭރަށް ނުކުތީކަން އެނގުމުން ޝާޔާއަށް ރޮވޭ ގޮތް ވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ޝާޔާ ކޮޓަރިން ނުކުންނަށް ދުއްވައިގަތެވެ. ދޮރު ހުޅުވުމަށްފަހު ބޭރަށް ނުކުންނަމުން އޭނާ ވަގުވަގަށް ކޮޓަރި ތެރެއަށް ކަޅިއެއް އެއްލީ އެތާ މީހަކު އުޅޭ ހެން ހީވުމުންނެވެ.

ދޮރުމަތީ މަޑުކޮށްގެން ހުރި ޝާޔާގެ ކަޅި އަމާޒުވެފައިވަނީ ކޮޓަރިއާ ދިމާއަށެވެ. ބަދިގެއިން ނުކުތް ޝީންއަށް ޝާޔާ ހުއްޓުން އަރާފައި ހުރިތަން ފެނުމުން ޝާޔާއަށް ގޮވާލިއެވެ. ޝީންއާ ކައިރިއަށް ގޮސް ޝީންގެ އުނަގަނޑުގައި ދެއަތް ވަށާލާ ބާރުކޮށްލަމުން ޝާޔާ ބޮޑާހާކަން ފެށިއެވެ. "ދޮންތި ކައިރީ ކޮއްކޮ ބުނީމެއްނު ކޮއްކޮ އެކަނި ބަހައްޓާފަ ނުދާށޭ..."

ޝާޔާ ގައިގަ ފިރުމާލަމުން ޝީން ކޮޓަރިއަށް ވަންނަމުން އޭނާ ރުއްސޭތޯ ވާހަކަ ދެއްކިއެވެ. "ދޮންތި ދިޔައީ ފެންފޮދެއް ބަލައޭ... އެހާ ލަހެއްވެސް ނުވެއެއްނު... ކީއްވެތަ ކޮއްކޮ އެހާ ބިރުން ތި އުޅެނީ... ބުނެބަލަ... ދޮންތި ނުލާހިކު ބާރުގަދަވާނެ... ކާކު ކޮއްކޮއަށް އުނދަގޫ ކުރަނީ..."

އެނދުމަތީ ޝާޔާ ބައިންދަމުން ޝާޔާގެ މަގަތުގައި ޝީން އިށީނދެ ވާހަކަ ދެއްކީ އެ ތުއްތު ކުއްޖާއަށް ވަމުންދާގޮތް ހޯދުމުގެ ބޭނުމުގައެވެ. ޝަހާދަތް އިނގިލި ތުންފަތްމަތީ ހުރަސްކޮށްލަމުން ޝާޔާ ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދާލިއެވެ. "ޝްޝްޝްޝް... އެވާހަކަ ނުދައްކާށޯ ބުނީ... އެވާހަކަ ކޮއްކޮ ދައްކައިފިއްޔާ ބައުކަލޯ ބުނީ މަންމި ގެންދާނަމޯ..."

ޝާޔާ އެބުނި އެއްޗެއް ޝީންއަށް ދެނެގަންނަން ނޭގުނަސް އެކަމަކީ ނައުރީންއާ ގުޅުންހުރި ކަމަކާއި ވައްތަރުވިއެވެ. ކޮންމެ ރެއަކު ދަންވަރު ނައުރީން ބޭރަށް ދިއުމާއި. ފަތިސްވުމުގެ ކުރިން ގެއަށް އަންނައިރު ނައުރީން ހުންނަ ގޮތް ފެންނަ މީހަކު މޮޔަވާނެއެވެ. ދުވާލުދާ ހަތަރުދަމު ކޮޓަރީގަ އެކަނިމާ އެކަނި އޮތުމާ، ބޭރަށް ނުނިކުމެ މީހުންނާ އެކަހެރިކޮށް އުޅެމުން ދިއުން އެއީ ފަހަކަށް އައިސް ނައުރީންގެ ފަރާތުން ޝީންއަށް ފާހަގަވަމުން އަންނަ ކަންތައްތަކެކެވެ.

"އެހެންތަ! އެހެންވީ އިރު ހިނގާ ކުރުސި ކިޔައިގެން ނިދަން ދޯ... މާދަމާ ޤުރުއާން ކްލާހަށްވެސް ދާން ވާނެއްނު.... އިނގޭތަ.. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާ ނަމާދުކުރާ ކުދިންނަށް އެއްވެސް ދެރަކަމެއް ނުވާނެ.. ބިރުގަންނަ ކަންތައްތަކެއްވެސް ނުވާނެ... މިހާރުވެސް މާލަސްވެއްޖެ... އަވަހަށް ނިދާފަ ފަތިހު ހޭލައިގެން ދޮންތިއާ އެކީ ނަމާދުކުރާނީ.. ހޭލެވޭނީ އަވަހަށް ނިދީމައެއްނު ދޯ... އާދޭ އޮށޯންނަން..." ބާލީސް ރީތިކޮށްލަމުން ޝީން އެދުނު ކަންތަކާ އެއްބަސްވަމުން ޝާޔާ މަޑުމަޑުން އޮށޯވެ ކުރުސި ކިޔަން ފެށިއެވެ. ޝާޔާއަށް ނިދެންދެން ޝާޔާގެ ގާތުގައި އޮށޯވެގެން އޮތް ޝީންގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ އެ ތުއްތު ކުއްޖާ ދެއްކި ވާހަކަތަކެވެ.

"ބައުކަލޯ ބުނީ މަންމި ގެންދާނަމޯ..."

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލުތައް

×

ކިޔުންތެރިއެއް | 9 ނޮވެންބަރ 2017 - 09:05

ތަންކޮޅެއް ދިގުކޮށް. ޕްލީޒް

އިނާ | 9 ނޮވެންބަރ 2017 - 10:46

ޝާޒް....ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ...ކިޔާހިތުންްް

ކަމަނަ | 13 ނޮވެންބަރ 2017 - 10:56

ކޮބާ ަތަ އަނެއް ޕާޓް

ޓްރެންޑިން