Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުދިން ތަރުބިއްޔަތުކުރުމުގެ ކުރިން އެކުދިންގެ މިޒާޖު ދަސްކުރޭ

9 އޮގަސްޓް 2017 - 15:30

ޙައްވާ އަޒްލީނާ ޢަލީ

 

ދަރިންނަކީ ނިޢުމަތެކެވެ. މައިންބަފައިންނަށް ދެއްވާފައިވާ އަމާނާތެކެވެ. ކޮންމެ މަޔަކާއި ބަފައެއްވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަކީ ބަސްއަހާ ކިޔަމަންތެރި އަދި ކާމިޔާބު ދަރިންނަށް ވުމަށެވެ. ނަމަވެސް ބައެއްފަހަރު މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނާނުލެވި ކަންތައް ކުރެވޭ ގޮތްވެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. މިޒާޖާއި އުޅުން ތަފާތުވާނެއެވެ. ތިރީގައި މިވަނީ ތަފާތު މިޒާޖުގެ ކުދިންނާއި އެކުދިން ތަރުބިއްޔަތުކުރުމުގައި ވިސްނަންވީ ކަންތަކެވެ.

ސަމާލުކަން ބޭނުންވާ ކުދިން

މިކުދިންގެ މިގޮތަށް ކަންތައްކުރުމުގެ މައިގަނޑު މަޤްޞަދަކީ މައިންބަފައިންގެ ސަމާލުކަން ހޯދުމެވެ. މިކުދިންނަށް ރަނގަޅުގޮތުގައި މައިންބަފައިންގެ ސަމާލުކަން ހޯދަން ނޭގެނީއެވެ. އެހެންކަމުން އެކުދިންނަށް ރަނގަޅު ގޮތުގައި މައިންބަފައިންގެ ސަމާލުކަން ހޯދަން ދަސްކޮށްދޭށެވެ. މިފަދަ ކުދިން ރަނގަޅު ކަމެއް ކޮށްފިނަމަ އެކަމަށް ސަމާލުކަންދީ ހިތްވަރުދޭށެވެ. ގޯސްކަމެއް ކުރާނަމަ ސަމާލުކަންނުދޭށެވެ. އޭގެ ބަދަލު އެހެން ކަމެއްގައި ބައިވެރިކުރާށެވެ. މިސާލަކަށް ދަރިފުޅު ކައިރީ ބަސްއަހައިގެން ނުފުމެ އިންނާށޭ ބުނުމުން އިރުކޮޅަކަށް އެކަންތައް ހުއްޓާލަފައި އަނެއްކާ ފަށާފާނެއެވެ. މިހެން ހަދާނަމަ އިތުރަށް ނުބުނެ ކުއްޖާ ކެއްކުމުގައި ނުވަތަ ގަސްއިންދުން ފަދަ ކަމެއްގައި ބައިވެރިކުރާށެވެ. އަދި ކުއްޖާ އެކަމުގައި ބައިވެރިވުމުން ހިތްވަރުދީ ތަޢުރީފްކުރާށެވެ.

ބާރު ބޭނުންވާ ކުދިން

މިކުދިންނާއި މުޢާމަލާތްކުރުމުގައި ވަރަށް ވިސްނަންޖެހޭނެއެވެ. މިކުދިންނަކީ ވަރަށް ބޮޑަށް އަމިއްލައަށް ކަންތައް ނިންމަން ބޭނުންވާ ކުދިންނެވެ. ގިނަފަހަރަށް މިކުދިންގެ އުޅުން ހުންނަ ގޮތް ފެނުމުން މައިންބަފައިން ރުޅިއައިސް އެކުދިންނާއި އެއްޗެހި ކިޔަން ދިމާވެއެވެ. މިކުދިންގެ ވިސްނުމަކީ ތިމަންނަ ހިތްހަމަޖެހޭނީ ތިމަންނައަށް ކަންކަން ނިންމުމުގެ ބާރު ލިބުމުންނެވެ. ވީހާވެސް މިކުދިންނާއި ދެބަސްނުވެ އުޅެވޭތޯ ބަލާށެވެ. އޭގެ ބަދަލު ކުދިންނަށް ރަނގަޅަށް ކަންތައް ނިންމަން ދަސްކޮށްދޭށެވެ. މިސާލަކަށް ކުއްޖާ ހަފްލާއަކަށްދާން ލާނެ އެއްޗެއް އަމިއްލައަށް އިހްތިޔާރުކޮށްފައި ދިނުމުގެ ބަދަލުގައި ދެތިން ހެދުމެއް ދައްކާފައި އެއިން ހެދުމެއް އިހްތިޔާރުކުރުމަށް ކުއްޖާއަށް ފުރުޞަތު ދޭށެވެ. އޭރުން ކުއްޖާއަށް ތިމާއަށްވެސް ކަންކަން ނިންމުމުގެ ބާރު ލިބިފައިވާކަމުގެ އިހްސާސްކުރެވިދާނެއެވެ. މަންމަ ނުވަތަ ބައްޕަ ބޭނުންވާ ގޮތަށް ކަމެއް ކުރަން ދެކޮޅު ހަދައިފިނަމަ ރުޅިއައިސް އިންޒާރުދިނުމުގެ ބަދަލުގައި ވަކިގޮތަކަށް ކަންތައް ނިންމި ސަބަބު މަޑުމައިތިރި ކަމާއެކު އޮޅުން ފިލުވައިދޭށެވެ.

ބަދަލުހިފަން ބޭނުން ކުދިން

މިކުދިންނަކީ އެކުދިންނަށް ދިމާވެފައިވާ ކަމެއްގެ ސަބަބުން އަވަހަށް ރުޅިއަންނަ ކުދިންނެވެ. މިކުދިންނަކީ މީހަކު އެކުދިންނަށް ކުރާ ކަމަކީ އިންސާފެއްނެތި ކުރާ ކަމެއް ގޮތަށް އިހްސާސްވެއްޖެނަމަ ބަދަލުހިފުމުގެ ރޫޙް އަށަގަންނަ ކުދިންނެވެ. ގިނަފަހަރަށް މިކުދިންގެ އަމަލުތައް ހުންނަ ގޮތުން ގަބޫލުކުރަންވެސް ދަތިވެދާނެއެވެ. މިކުދިންގެ ވިސްނުން ހުންނާނެ ގޮތަކީ އެހެން މީހުން އަހަރެން ދެރަކޮށް ބާކީ ކޮށްފިއެވެ. އެހެންވީމާ އަހަރެން އެމީހުން ދެރަކޮށް އަނިޔާކުރާނަމެވެ. މިފަދަ ކުދިންނާއި ރަނގަޅަށް ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުއްޖާގެ އިހްސާސްތައް އެނގޭކަމަށާއި މަންމައަށް ނުވަތަ ބައްޕައަށްވެސް އެފަދަ އިހްސާސްތައް ކުރެވޭކަން ކުއްޖާއަށް ކިޔައިދޭށެވެ. މިކުދިންނަށް އަދަބު ދިނުމަކީ ވަރަށް ބޮޑު ގޯހެކެވެ. އޭގެ ބަދަލު ކުއްޖާދެކެ ލޯބިވާކަން އިހްސާސްކޮށްދޭށެވެ. އާއިލާތެރޭ ވާހަކަ ދައްކާ މަޝްވަރާކުރާށެވެ. މަންމަ ނުވަތަ ބައްޕަގެ ފަރާތުން ކުއްޖާ ދެރަވާ ކަމެއްކުރެވިފައި އޮތްނަމަ މާފަށް އެދޭށެވެ. އަދި މާފްކުރަން ދަސްކޮށްދޭށެވެެ. 

މަސައްކަތްކުރަން ބޭނުންނުވާ ކުދިން

މިކުދިންގެ މައްސަލައަކީ އެކުދިން ބޭނުންވާ މިންވަރަށް ކަމެއް ހާސިލްނުވުމުން އަވަހަށް ހިތްވަރު އެލުމެވެ. ކުއްޖާ "އޭ" ރިޕޯޓެއް ހޯދަން މަސައްކަތްކުރަނިކޮށް "ބީ" ރިޕޯޓެއް ލިބިއްޖެނަމަ ދެން މަސައްކަތްކުރާ ހިތްކެޑިދާނެއެވެ. ކުރިން މަސައްކަތަށް ބެހެއްޓި ފަރުވާ ނުބަހައްޓަފާނެއެވެ. އަދި މަސައްކަތް ނުކޮށް "ނޭގޭ" ނުވަތަ "ނުވާނެ" މިފަދަ ގޮތަކަށް ވާހަކަ ހުރެދާނެއެވެ. މިފަދަ ކުދިންނަށް އެއްޗެހި ކިއުމުން ދުރުވާށެވެ. މިކުދިންނަށް ބޭނުންވަނީ ހިތްވަރެވެ. ކިތަންމެ ކުޑަ ކަމެއް ރަނގަޅުކުރިއަސް ފާހަގަކޮށް ހިތްވަރުދޭށެވެ. ކުއްޖާއަށް ކަންތައް ހާސިލްކުރެވޭނެކަމަށް ޤަބޫލްކުރާކަން އަންގައިދޭށެވެ. އަދި ކުއްޖާ ގަޔާވާ އިތުރު ހަރަކާތްތަކަށް ހިތްވަރުދޭށެވެ. ސްކޫލުގައި ރަނގަޅު ނަތީޖާ ނުލިބޭ ކުއްޖެއްނަމަ އެކަމަށް ހިތްވަރުދިނުމާއެކު ކުއްޖާއަކީ ކުރަހަން މޮޅު ކުއްޖެއްނަމަ އެކަމަށް ހިތްވަރުދީ ތަޢުރީފްކުރާށެވެ.  

 

ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރުމަކީވެސް ހުނަރެކެވެ. މިހުނަރު އަށަގަންނުވަން ބޭނުންވާ މަޢުލޫމާތު ހޯދައި ހޭލުންތެރިވުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ޒިންމާއެކެވެ. ދަރިން ވީހާވެސް ކުޑައިރު ތަރުބިއްޔަތުކުރަން ފެށުމަކީ މުހިންމުކަމެކެވެ. އަދި ތިމާގެ ދަރިފުޅުގެ ކިބައިން ކިތަންމެ ހިތްހަމަނުޖެހޭކަމެއް ދިމާވިޔަސް މާޔޫސްވެ ހިތްވަރު އެލުވާނުލާށެވެ. ތިމާގެ ދަރިންނަށް ރަނގަޅު ނަމޫނާ ދައްކައި ލޯބިދީ އަޅާލާށެވެ. އެކުދިންނަށް ހެޔޮ މަގުދައްކައިދީ ހެޔޮ ދުޢާކުރާށެވެ. ޞާލިހު ދަރިއެއް ބަލައި ބޮޑުކުރުމަކީ މައިންބަފައިން ސުވަރުގެއަށް ދާން ކޮށޭ މަގެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން