Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ޅަ ޢުމުރުގެ ކުށްވެރިން ބިނާ ކުރީ އަހަރެމެންގެ އަތުން ނޫންބާ؟

13 އޮގަސްޓް 2017 - 22:01

ޞޮފާ (ފަތިސްތަރި ޞޮފާ)

ދިވެހި މި މުޖްތަމަޢުގައި މީގެ ކުރިން ދެކެމުން އައި ގޮތުގައި ފިރިހެން ކުދިންނަކީ ފަންސަވީސްއަހަރުވަންދެންވެސް ޅަ ކުދިންނެވެ. ޒުވާން ކުދިންނެވެ. ޢާއިލާގެ ލޯތްބާއި އަޅާލުން ލިބިގެން ތިބޭ ކުދިންނެވެ. އެކުދިންނަކީ މީހަކަށް ނުރައްކަލެއް ދޭނެބައެއް ނޫނެވެ. އެކުދިން ފެނުމުން މީހުން ސިހުންވެ ޖެހިލުމެއް ނުވެއެވެ. އެއް ޢުމުރެއްގެ ކުދިން ދެކެމުން އައީ އެއީ ރަޙްމަތްތެރިންކަމުގައެވެ. ނޫނީ ރަޙްމަތްތެރިކަން އުފައްދަންވީ މީހުން ކަމުގައެވެ. ޢުމުރުން ދޮށީ މީހުން ދެކެމުން އައީ އެ ކުދިންނަކީ ދަރިންތަކެއްފަދަ ކުދިން ކަމުގައެވެ. އެއީ ޤައުމުގެ މުސްތަޤްބަލް ކަމުގައެވެ. މުޅި މުޖްތަމަޢުގެ އުއްމީދު ކަމުގައެވެ. ހިތްތަކާއި ލޯތަކުގެ ފިނިކަން ކަމުގައެވެ.

 

ނަމަވެސް މިހާރު އެހެންތޯއެވެ؟ ނޫނެކެވެ. ޒަމާން ބަދަލުވެއްޖެއެވެ. މިބުނި ޢުމުރުތަކުގެ ކުދިންނަކީ ނުވަތަ އެ ޢުމުރުގެ ޒުވާނުންނަކީ މިހާރުގެ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފައްދާ ޒުވާނުންނެވެ. ފެނުނަސް ޖެހިލުންވެއެވެ. ކައިރިން ދަންޏާ ސިހުން ވެއެވެ. ވަކި ސިފަސިފަޔަށް ހެދިގެން ތިބޭ ކުދިންނާއި ދޭތެރޭ އެންމެން ދެކޭ، ޢާއްމު ގޮތްތަކެއް ވަނީ  ތަޢާރަފްވެ އެންމެންނަށް ފަރިތަ ވެފައެވެ.

ކޮންމެ މީހަކަށް ޒުވާނަކު ފެނުނަސް ހިތާހިތާ އެ ޒުވާނަކު ވަކި ގޮޅިއަކަށް ލެވެއެވެ. އޭގެ ތެރޭގައި އިސްތަށިގަނޑު ދިގުކޮށް ހުންނަ ވައްތަރު، ތުނބުޅިދިގުކޮށް ބޮލުން ހުޅި ޖެހި ވައްތަރު، ގަޔަށް ދޫ އަތްދިގު ގަމީސްލާ ވައްތަރު، ގަޔަށް ބާރު ޖިންސު ލާ ވައްތަރު، ބޮލުގެ އިސްތަށިގަނޑު ހަތައެއްހެން ހަދައިގެން އަބަދު ސައިކަލްތައް މަތީ ބޮލަށް އަތްބާނައިގެން ތިބޭ ވައްތަރު، ސިގިރޭޓް ބޯ ވައްތަރު، އެނަރޖީ ޑްރިންކް ބޯ ވައްތަރު، މަސްތުވާތަކެތި ބޭނުން ކުރާ ވައްތަރު އަދިވެސް މި ނޫން އެތައް ވައްތަރެކެވެ. މިއީ އަހަރެމެންގެ ދިވެހިންގެ މުޖްތަމަޢުތަކުގައި ޒުވާން ފިރިހެންކުދިންނަށްޓަކައި އިތުރު ކުރެވުނު ބައިބައި ތަކެކެވެ.  އަދި މި ބުނެވުނު އެއްވެސް ބަޔަކަށް ލެވިއްޖެ ޒުވާނަކީ ރަނގަޅު މީހެއްކަމަކަށް އަހަރެމެން ނުދެކެމުއެވެ. ސަބަބަކީ މިހާރުގެ ޒުވާން ޖީލުގެ ގިނަ ބަޔަކީ ކުށްވެރިންގެ ސިފައިގައި ފެންނަ ޒުވާނުން ކަމަށް ވާތީއެވެ. އެފަދަ ޒުވާނުންގެ ދެބައިކުޅަ އެއްބަޔަކީ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނެވެ. ތިންބައިކޮށްފަ ދެބަޔަކީ ވައްކަން ކުރުމާއި ފޭރުމާއި ތަޅާފޮޅުންތަކުގެ ބައިވެރިންނެވެ. މިއީ މިއަދުގެ ޙާލަތެވެ.

 

އެހެންނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ އަހަރެމެންނަށް މި ކުރެވޭ ކަމުގެ ހުރި ހަމަނުޖެހޭ މިންވަރެވެ. މި ބުނެވިދިޔަ ޒުވާނުންނަކީ ހަމަ އަހަރެމެންގެ ގޭގޭގައި އުޅެ ބޮޑުވެ، ގެއިން ބޭރަށް ނުކުންނަ ޢުމުރަށް ދިއުމުން ބޭރަށް ފަރިތަވި ކުދިންނެވެ. އަހަރެމެންގެ ދަރިންނެވެ. އަހަރެމެންގެ ބޭބެމެންނާއި ކޮއްކޮމެންނެވެ. ނޫނީ ތިމާގެ ކުދިންނެވެ. އެކުދިން ބައްޓަން ކުރީ އަހަރެމެންނެވެ.

އަހަރެމެން ރަނގަޅަށް ބަލާލައިފިނަމަ ފެންނާނީ މި ދެންނެވި ޒުވާނުންގެ ތެރޭގައި ގާތްގަނޑަކަށް އެއް ޢުމުރު ފުރައެކެވެ. މާނައަކީ އެއީ އެއް ޖީލެކެވެ. ނުވަތަ ދެ ޖީލެކެވެ. އެ ޖީލުތަކުގެ އުފަން ޒަމާނަށް ބަލާލާއިރު،އެއީ އަހަރެމެންގެ ތެރެއަށް އާ ކަންތައްތަކެއް ތަޢާރަފްވެ، އެ ކަންތައްތަކަށް ދިވެހިން ވަން ދުވަސްވަރެވެ.

 

ބަދަލުވެގެން އައި ވައްޓަފާޅިގެ އަސަރު

ބަދަލުވަމުން އައި ޒަމާނާއެކު އަހަރެމެންގެ ގެތައް ބައިބަޔަށް އަޅަން ފެށިއެވެ. ކައިވެންޏެއްގައި ތިބި ކޮންމެ ބަޔަކަށްވެސް އުޅޭނެ ވަކިތަންކޮޅެއް ބޭނުންވާތީ ބައިބަޔަށް ގޯތިތައް ބަހަން ފެށީއެވެ. އެއީ ކޮންމެހެންވެސް ކުރަން ޖެހުނު ކަމަކަށް ވިއެވެ. އެހިސާބުން މާމަ ކާފަމެނާއި ކުޑަކުދިން ވަކިވީއެވެ. އެކުގައި އުޅޭ ބަޔަކީ މަންމައާއި ބައްޕަގެ އިތުރުން ގެންގުޅޭ މީހެކެވެ. އުނިވެގެން ދިޔައީ މާ ބޮޑު އެއްޗެކޭ ހީނުވިނަމަވެސް މާމަ ކާފަމެނާއި ވަކިން ކުޑަކުދިން ގެންގުޅެން ފެށި ހިސާބަކީ ޅަ ޖީލަށް ދެވުނު ގެއްލުމެކެވެ.

ގެތައް ބަހަންފެށުމުން އެއްބަޔަކަށް ބޮޑެތި ބިންކޮޅުތައް ލިބުނަސް ގިނަބަޔަކަށް ކުރިމަތިވީ ދަތި ކަމެކެވެ. ދެމަފިރިންނަށް ކޮޓަރި ނަގާފައި ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ހެދޭވަރަކަށް ޖާގައެއް ނޯވެއެވެ. ގިނަ ޢާއިލާތަކަކީ ދެ ކުދިންނަށްވުރެ ގިނަ ކުދިން ހުރި ޢާއިލާތަކެވެ. ނަތީޖާއަކަށްވީ ކުދިން އެއްކޮޓަރިއަށް ލުމެވެ. އެވަރުވެސް ނުވި މައިންބަފައިން އުޅުނީ އެއްކޮޓަރީގައި ކުދިންނާވެސް އެކުގައެވެ.

ޒުވާންވެ ބޮޑުވަމުން އަންނަ ކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކޮންމެހެންވެސް ބޭނުން ވެއެވެ. ނަމަވެސް އެކަމަށް ހޭހަންކުރަން މައިންބަފައިންވެސް ނުކުޅެދިފައިވިއެވެ. ގަސްތަކާ ނުލާވިޔަސް ކުދިންނަށް ދެވުނު ސަމާލުކަމުން އަތްފޮޅާލެވުނީއެވެ. ކުދިން ނުކުތީ ރައްޓެހިން ހޯދުމަށް ނުވަތަ މަގުމައްޗަށެވެ. ދެން ފެނުނުހާ މަންޒަރެއްގެ ތެރެއިން ބޭނުންކަމެއް ނަގުލުކުރަމުން އައީ ހުރަހެއް ނެތޭ ނުވަތަ ހުރަހެއް ހުއްޓަސް ފަރުވާލެއް ނެތޭ ބުނާ ފަދައިންނެވެ.

ކުރުގޮތަކަށް ބުނާނަމަ، ގޭތެރެއިން ލިބެންވާ އަޅާލުމާ، ރައްކާތެރިކަމާ، ޙިމާޔަތާ ލޯބި އެކުދިންނަށް ނުދެވުނީއެވެ.

ކޮންމެ ޢާއިލާއެއްވެސް ވަކިން އުޅެން ޖެހުމުން، ކޮންމެ ބަޔަކުވެސް އެބަޔެއްގެ ހުރިހާ ޚަރަދުބަރަދު ހަމަޖައްސަން ޖެހުމުގެ ނަތީޖާވެސް ފެނިގެން ދިޔައީ ހިތިކޮށެވެ. ދެމަފިރިން ވަޒީފާއަށް ދާންޖެހުމުން ކުދިންކޮޅަށް ޤަވާޢިދުން ކައްކާފަ ކާންދިނުމަށް އައީ ނުކުޅެދެމުންނެވެ. ޢާއިލާ އެކުގައި ނުވަތަ ވަކިންވިޔަސް ޤަވާޢިދުން ގެއިން ކާން ލިބެން ހުރުމަކީ، ކިތަންމެ ބޯދާ ޚިޔާލެއްކަމަށް އެއްބަޔަކު ޤަބޫލު ކުރިނަމަވެސް، އަދިވެސް މިއަދުވެސް އަދި މާދަމާވެސް ފައިދާހުރި ފައިދާ ކުރާނެ ކަމެކެވެ. ކޮންމެ ތާކު އުޅެފައިވެސް ގެއަށް އަންނައިރު ގެއިން ކާން ލިބެން ހުންނާނެކަމުގެ ޔަޤީންކަން ދަރިންނަށް ލިބުމަކީ ކިހާވަރެއްގެ ޙިމާޔަތެއްކަން އެނގޭނީ މިއަދުގެ މަދުބަޔަކަށެވެ.

 

އަމިއްލައަށް އަމިއްލަ ޙިމާޔަތް ހޯދަން ޖެހުން

ގޭތެރެއިން ނުކުމެ މަގުތައްމަތިން ކަންކަން ދެކެން ފެށި ޒުވާނުންނަކީ ގޭތެރެއިން އެކަށީގެންވާ ޙިމާޔަތް ނުލިބުނު ކުދިންނެވެ. އެހެންކަމުން އެ ކުދިންގެ ތެރެއިން އެއްބަޔަކު ވެގެން ދިޔައީ އެހެން މީހުންނަށް އެކިކަހަލަ އުނދަގޫކޮށްގެން ހިތްހަމަޖެހުން ލިބިގަތް ކުދިންނަށެވެ. އަނެއްބަޔަކު ވެގެން ދިޔައީ އަމިއްލަ ޙިމާޔަތުގައި އަމިއްލައަށް ނުކުތް ކުދިންނަށެވެ. ދެވައްތަރަކީވެސް އިންތިހާ ނުރައްކާތެރި ދެގޮތެވެ.

އަނެކުންނަށް އުނދަގޫކުރަމުން ފުރައްސާރަ ކުރަމުން އެކަމުން އުފާލިބިގަތް ކުދިންނަކީ މިކިޔާ "ބުލީ" ކުރުމުގައި އެންމެ އިސް ސަފުގައި ތިބި ޒުވާނުންނެވެ. މި ޒުވާނުންގެ ނަޒަރުގައި އެމީހުންނަށް ނުލިބުނު މޮޅެއް އެމީހުންފަދަ އެހެން ޒުވާނަކަށް ކޮންމެހެން ލިބޭކަށް ނުޖެހޭނެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ ޢާއިލާއަކުންވެސް އެފަދަ ޒުވާނުންނަށް ބިރުގަނެއެވެ. އަމިއްލަ ދަރިން ފޮރުވައިގެން ގެންގުޅެވޭތޯ ބަލަމުއެވެ.

އަމިއްލަ ޙިމާޔަތަށް ނުކުތް ޒުވާނުން ދެކޭގޮތުގައި މުޖްތަމަޢަށްޓަކައި، ޤައުމަށްޓަކައި އަދި ކީއްހެއްޔެވެ. ޢާއިލާއަށްޓަކައިވެސް އެމީހުން ކޮށްދޭން ޖެހޭ ކަމެއް ނޯންނާނެއެވެ. އޮންނާނީ މުޅިންވެސް އެމީހުންގެ ޙައްޤުތަކެވެ. އެމީހުންގެ ޙައްޤުތައް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެ ޒުވާނުން ތިބެނީ ތައްޔާރަށެވެ. އެއީ ހެޔޮގޮތުގައި ހޯދާ ޙައްޤެއްތޯ ނޫންތޯ ބެލުން އެފަދަ ޒުވާނުންނަކަށް މުހިއްމެއް ނޫނެވެ.

ދަރިންނަކީ އަހަރެމެންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ތިބެން ޖެހޭ ބައެކެވެ. އެކަމަކު އެކަން އަހަރެމެންނަކަށް ކޮށް ނުދެވުނެވެ. މިއަދު އަހަރެމެންގެ ޒުވާނުން އެދަނީ އެކުދިންނަށް ނުލިބުނު ޙިމާޔަތް އެހެން ކުދިބަޔަކަށް ލިބިޔަނުދޭން ޢަޒުމްކަނޑައަޅައިގެންނެވެ. އެއީ އެކުދިންގެ ހިތުގައި އުފެދުނު ރުޅިއެކެވެ. ނަފްރަތެކެވެ. ފޫއްސެކެވެ.

އަހަރެމެންގެ ދަރިން ހަލާކު މިކުރެވުނީ އަހަރެމެންގެ އަތުން ނޫންތޯއެވެ.

 

ޒުވާނުންނަށްޓަކައި ކަންކަން ނެތުން

ގްރޭޑް ތިނެއް ހަތަރަކުން ފާސް ނުވެގެން ނުވަތަ އެ ޢުމުރުގައި ސްކޫލަށް ހާޟިރު ނުވެގެން ކަނޑާލާ ކުއްޖާއަކީ ކުށްވެރިއެއް ނޫނެވެ. އެކަމުގައި ކުށްވެރިވާނީ މައިންބަފައިންނެވެ. ނުވަތަ ބެލެނިވެރިންނެވެ. އެ ޢުމުރުގެ ކުއްޖަކު އެފަދަ ކަންތަކުން މަނާވެގަންނާނެ ބައިވަރު ސަބަބުތައް ހުންނާނެއެވެ. އިހުމާލުވި ބަޔަކުވެސް ތިބޭނެއެވެ. ނަމަވެސް އެކަންކަމަށް އަހަރެމެން ނުބަލަމުއެވެ.

ބެލެވުނީ އެއީ ބަސްނައަހާ ކުއްޖެއްގެ ގޮތުގައެވެ. ގޯސް ކުއްޖެއްގެ ގޮތުގައެވެ. ކިޔަވަން ނޫޅޭ، މައިންބަފައިންނަށް ކިޔަމަން ނުވާ ކުއްޖެއްގެ ގޮތުގައެވެ. މިއީ ހެދޭ ގޯހެކެވެ.

އެއަށްވުރެ މަތީ ގްރޭޑްތަކުންވެސް ނުކިޔެވިގެން ނުވަތަ ނުކިޔަވައިގެން ކަނޑާލާ ކުއްޖާ އާއި ސްކޫލަށް ނުގޮސް ހުއްޓާލާ ކުއްޖާގެވެސް ސަބަބުތަކެއް ހުންނާނެއެވެ. ޤުދުރަތީގޮތުން ނުކުޅެދޭ ކުއްޖެއް ނޫންނަމަ އެ ކުއްޖަކާއި ދޭތެރޭ އަހަރެމެންނަށް އިހުމާލެއް ވެވުމުން ނޫނީ ކުދިން ސްކޫލަށް ނުގޮހެއް ނުތިބޭނެއެވެ. ނުކިޔަވައެއްވެސް ނުތިބޭނެއެވެ.

ނަމަވެސް މި ދެ ޢުމުރު ފުރައިގަވެސް ސްކޫލާއި ވަކިވާ ކުއްޖާއަށްޓަކައި ދެން ދައްކާނެ މަގެއް އަހަރެމެންނަށް ފެނިފައެއް ނެތެވެ. ކޮންމެ ކުއްޖަކީ ޑިގްރީ ހޯލްޑަރަކަށް ނުވެދާނެއެވެ. ކޮންމެ ކުއްޖަކީ ޑިޕްލޮމާއެއް އޮތް ކުއްޖަކަށްވެސް  ނުވެދާނެއެވެ. ނަމަވެސް ޔަޤީންވާ ކަމަކީ ކޮންމެ ކުއްޖަކީވެސް ކޮންމެވެސް އެއްކަމަކަށް މޮޅުވާނެ ކުއްޖެއްކަމެވެ. ކޮންމެ ކުއްޖަކުވެސް ކުރަން ޝައުޤުވެރިވާ ކަމެއް އޮންނާނެއެވެ. އަހަރެމެންގެ ޒިންމާއަކީ އެކަމެއް އެކުއްޖާއަށް ފަހިކޮށްދީ، މުޖްތަމަޢުގައި އެކުއްޖާއަކީ ބޭނުންތެރި ކުއްޖަކަށް ހެދުމެއް ނޫންތޯއެވެ. އެ ކުއްޖާއަށް ހެވާ ނުބައި ވަކިކޮށްދީ ހެދުމެއް ނޫންތޯއެވެ.

 

އަމިއްލަ ދަރި ދޮންފުތު ކުރުން

އެއްވެސް ކުއްޖަކީ ކުށްވެރިއެއް ނޫނެވެ. އެކަމަކު އެކުދިންވިޔަސް ކުށެއް ކޮށްފިއްޔާ ވާނީ ކުށަކަށެވެ. އެއީ އަހަރެމެން ކޮންމެމީހަކުވެސް ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ.

ކުށަށް އިޢުތިރާފްވާން ޖެހޭ ހިސާބަކީ، ކުށަށް އަރައިގަންނަ ކޮންމެ ކުއްޖެއްގެވެސް އަދި  ކޮންމެ ޒުވާނެއްގެވެސް ޙަޔާތުގެ އެންމެ ނާޒުކު ހިސާބެވެ. މިއީ އެކުދިންގެ މަޢުސޫމްކަމުގައި ސިއްކަ ޖަހަން ނުވަތަ އެކުއްޖާއަކީ މަޢުސޫމް ކުއްޖެއްގެ ގޮތުގައި ޢުމުރު ދުވަހު ބަހައްޓަން ގޮތް ނިންމަން ޖެހޭ ދަނޑިވަޅެވެ.

މިއީ އެ ކުއްޖާ ނުވަތަ އެ ޒުވާނުން ދޫކޮށްފައި ޢާއިލާއާއި ތިމާގެ މީހުން ދާންވީ ވަގުތެއް ނޫނެވެ. މިއީ އެކުދިންނަށް ކުރެވުނު ކުށަކީ ހަގީގަތުގައިވެސް ކުށެއްކަމަށް ޤަބޫލުކޮށް، އެފަދަ ކަމަކާއި ދެވަނަ ފަހަރަށް އެކުދިންނަށް ކައިރިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަންވީ އެ ނާޒުކު ވަގުތެވެ. ހިތްދަތި ވަގުތެކެވެ. ތާޒާ ޒަޚަމެއްފަދައިން ހިތުގައި އަބަދާ އަބަދަށްވެސް ބިންވަޅުނެގޭނެ ވަގުތެކެވެ. ނަމަވެސް މިއީ ކުރަން ޖެހޭ ކަމެކެވެ.

އެހީތެރިވާން ތިބޭ ފަރާތްތަކާއި، މުއައްސަސާތަކާއި އޮފީސްތަކަށް އަންގަންޖެހޭ ކަމެއްނަމަ އަންގައި އެކަންކަމާމެދު ވާހަކަ ދައްކައި ދެން އަޅަން އޮތް ފިޔަވަޅަކީ ކޮބައިތޯ ބަލައި އެކަންކަމުގައި ޢާއިލާގެ އެއްބާރުލުން ކޮންމެހެންވެސް އެފަރާތްތަކަށް ދޭން ޖެހެއެވެ. ނޫނީ އެފަދަ ކުދިންނަށް ދެވޭނީ ނުބައިމަގުންދާން ދެވޭ ފެހި ކާޑެކެވެ. ދަރިފުޅުވިޔަސް ދޮންފުތުކުރުން އެއީ މި ޙާލަތުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

 

މިއީ އަހަރެމެންގެ މި މުޖްތަމަޢުގެ މިއަދުގެ ޙާލަތެވެ. އަހަރެމެންގެތެރެއިން ފެންނަ، ހިތްހަލާކުވާފަދަ ކަންތައްތަކެވެ.

ވައްކަން ކުރުމާ މަގުފޭރުމުން ފެށުނު ޖީލުގެ އެ ޢަމަލުތައް ތަރައްޤީވަމުން ވަމުން އައިސް މިހާރު މި ފެންނަނީ ޒުވާނުން އެކަކު އަނެކަކަށް ކަތިލާހިސާބުގައި ތިބިތަނެވެ. ކޮންމެވެސް ޒުވާން ގުރޫޕެއްގެ އަނިޔާވެރި ޢަމަލުތަކުން ޒުވާނަކު މަރާނުލާމަހެއް ނުދެއެވެ. ރަޙުމެއް ކުލުނެއް އެ ހިތްތަކުގައިނެތީ ކީއްވެތޯއެވެ. އެ ޒުވާނުންގެ އިންސާނިއްޔަތުކަން ގެއްލުނީ ކިހިނެއްތޯއެވެ؟ އެއީ ހަމަ އަހަރެމެން މުސްލިމް މަންމައިންނާއި ބައްޕައިންނަށް ލިބުނު ދަރިންނެވެ. އެކަމަކު އެކުދިންގެ ކިބައިގައި ދީނުގެ އެއްވެސް ސިފައެއް ހަރުލާފައި ނެތީ ކީއްވެތޯއެވެ.

މިކަންކަމުގައި އިހުމާލުވެވުނީ ހަމަ އަހަރެމެންނަކަށް ނޫންތޯއެވެ؟މިއީ ހަމަ އަހަރެމެންގެ ދަރިން ނޫންތޯއެވެ؟ މި ޖީލު ބިނާކުރީ ހަމަ އަހަރެމެން ނޫންތޯއެވެ؟

----------  (ނިމުނީ) ------------

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން