Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ރަނގަޅު ބައްޕައަކަށް ވެވޭނީ މިކަންތައްތައް ކޮށްގެންނެވެ.

24 ސެޕްޓެމްބަރ 2017 - 18:00

ފާތިމަތު މުހައްމަދު

މިއަދުގެ ތަހުޒީބު ވަމުންއަންނަ މުޖުތަމަޢުތަކުގައި ދަރިންތަރުބިއްޔަތު ކުރުމުގައި މަންމައިން ކުރާ މަސައްކަތަށްވުރެ ބައްޕައިން ކުރާ މަސައްކަތް ކުޑައެވެ. ގިނަ ފިރިހެނުން ޤަބޫލުކުރާ ހަޤީޤަތަކީ އަންހެނުންނަކީ ކައިވެނިކުރުމަށްފަހު ދަރިން ބަލަން ގޭގަ ތިބެންޖެހޭ ބަޔަކު ކަމުގައެވެ. ތަރުބިއްޔަތުގެ މަރުހަލާއަކީ ހަމައެކަނި އަންހެނުންގެ ވާޖިބެއްކަމުގައެވެ. ނަމަވެސް މީގެ ތަފާތަކީ އަންހެނުން ވޭންއަޅައި ދަރިފުޅު ވިހެއި ކަމެވެ. ތަރުބިއްޔަތުގެ ދާއިރާގައި މަންމައާއި ބައްޕަގެ މަސްއޫލިއްޔަތު ތަފާތު ނުވެ އެއްވަރަކަށް ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. މިގޮތުން ރަނގަޅު ބައްޕައަކަށް ވުމަށްޓަކައި މިކަންތައްތައް ކުރުން މުހިއްމެވެ.

ދަރިންގެ މަންމައަށް އިހުތިރާމްކުރާށެވެ.

ދަރިންނަށްޓަކައި ކޮށްދެވޭނެ އަދި އެކުދިންނަށްޓަކައި ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އެކުދިންގެ މަންމައަށް އިހްތިރާމްކުރުމެވެ. ކައިވެނީގެ ގޮށުން ބަދެވިގެން ޒަވާޖީ ހަޔާތް ވޭތުކުރަންޖެހޭ އެއް ސަބަބެއްކަމުގައި ވަނީ އެ ދަރިންނެވެ. އެގޮތުން އާއިލީ މައްސަލަތަކުން ހެޔޮގޮތުގައި ރައްކައުތެރިވެ ކައިވެނި ރޫޅިޔަނުދީ ހިފަހައްޓަންޖެހެވެ. ދަރިންގެ މައިމީހާކަމަށް ވީތީ އޭނާއަށް ވެވުނުމިންވަރަކުން އެހީތެރިވާންޖެހެއެވެ. ލޯތްބާއި އޯގާތެރިކަމުގެ އެސްފިޔަ ތިރިކުރަންޖެހެއެވެ.

ދަރިންނާއިއެކު ވަގުތު ހޭދަކުރާށެވެ.

ފާހަގަވެގެންދާ ބޮޑު މައްސަލައަކީ ބައްޕައިންގެ ބިޒީ ޝެޑިއުލްތަކުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ފުރިހަމަ ވަގުތުތައް ނުދިނުމެވެ. މިއީ މަންމައިންގެ ވެސް އަދި ދަރިންގެ ވެސް ވަރަށް ބޮޑު ޝަކުވާއެކެވެ. ގިނަ ފިރިހެނުން ޤަބޫލުކުރާ ގޮތުގައި އެދަރިންނަށްޓަކައި ހޯދާ ފައިސާތަކަކީ އެކުދިންނަށް ދެވޭ ލޯބިކަމުގައެވެ. ނަމަވެސް އެހެނެއް ނޫނެވެ. އެހެންކަމުން ދަރިންގެ ޙައްޤުގައި ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަންދިނުމަކީ ނިހާޔަތަށް މުހިއްމުކަމެކެވެ. ދަރިންނާއެކު ވަގުތު ހޭދަކުރުމުން ދުރުހެލިވެއްޖެނަމަ، އެކުދިން ދެކޭނީ އެ ކުދިންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވެނީކަމުގައެވެ. މިފަދަ ބަފައިން ދަރިންދެކެ ލޯބިވާކަމަށްބުނެ ކިތަންމެވަރަކަށް އެދަރިން ބުނާކަންތައްތައް ކޮށްދިންނަމަވެސް މި ޙާލަތުގައި އެ ކުދިންގެ ވިސްނުން ހުންނާނީ އެހެން މިސްރާބަކަށެވެ.

ލޯތްބާއެކު ތަރުބިއްޔަތު ކުރާށެވެ.

ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ލޯތްބާއި އޯގާތެރިކަން އިސްކުރާށެވެ. ހެޔޮގޮތް ބުނެދިނުމަކީ އަދަބުދޭން ޖެހުމުން އެކަނި ކުރާކަމަކަށް ނަހަދާށެވެ. އެކުދިން އުޅެންވީ ހެޔޮގޮތް އަބަދުވެސް އޮޅުންފިލުވައިދޭށެވެ. ރަނގަޅަށް އުޅުމުން އެކަމުން ލިބޭނެ ލާބަޔާއި މަންފާ އޮޅުންފިލުވައިދޭށެވެ.

ކުދިންނަށް ނަމޫނާއަކަށްވާށެވެ.

ކުދިންގެ ނަމޫނާއަކަށްވުމަށް ބައްޕައިންގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު މަސައްކަތެކެވެ. ކުދިން ނަމޫނާއަކަށް ބަލާނީ ހަމައެކަނި މަންމައެއް ނޫނެވެ. އަދި ރައްޓެހިންނެއްވެސް ނޫނެވެ. އެކުދިންގެ ބައްޕަގެ ކޮންމެ ހަރަކާތަކަށްވެސް ބަލާނެއެވެ. މިގޮތުން ބައްޕަގެ ލޯބި ފުރިހަމައަށް ލިބެމުންދާ އަންހެންދަރިފުޅަކުނަމަ އެ ދަރިފުޅަކު ފިރިހެންކުދިންނަށް އިޙްތިރާމްކޮށް ޤަދަރުކުރާނެއެވެ. އަދި ފިރިއެއްގެ ކިބައިން އެ ކުދިން ދެކެން ބޭނުންވާނެ ސިފަތައް އެ ބައްޕަގެ ކިބައިން ހޯދާ ދަސްކުރާނެއެވެ.

ބައްޕަގެ ޒިންމާ ނިމުނީކަމަށް ހީނުކުރާށެވެ.

ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަކަށް ފައިނަގާ ހިސާބަށް ދިޔަނަމަވެސް، ބައްޕަގެ ތަޖުރިބާއާއި ނަސޭޙަތުގެ ބޭނުން ހިފުމަށް އެދިތިބޭނެކަން ހަނދާންނައްތާ ނުލާށެވެ. ސްކޫލުގެ ކަމެއްގައި ނުވަތަ އައު ވަޒީފާއަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ހިނދު ނުވަތަ ކައިވެނިކުރުމަށް ތައްޔާރުވަމުންދާހިނދު ނަމަވެސް ކުދިންގެ ޙަޔާތުގައި ބައްޕައިންގެ ދައުރަކީ މުހިއްމު ދައުރެކެވެ.

އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅޭށެވެ.

ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށްޓަކައި އެކުގައި އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. ދުވާލުގެ ބުރަކަމުގެ ތެރެއިން ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެން ދިއުމުގެ އިތުރުން، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކުރުމާއި އަދި ކުރަން ގަސްތުކުރާ ކަންކަން ޙިއްސާކުރުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން