Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

މައިންބަފައިންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދެމިތިބުމުގެ މުޙިއްމުކަން

3 ޖުލައި 2017 - 09:47

އަބްދުލްޙަމީދު އަބްދުއްރަޙީމް

ދަރިއަކަށް މައިމީހާ ބަލިވެ އިންނަކަން އެނގޭ ހިސާބުން ދެމަފިރިން ވެސް އެކުއްޖާފުޅު ދުނިޔެއަށް އުފަންވާނެ ވަގުތަކަށް އިންތިޒާރުކުރަން ފަށައެވެ. ބައެއް ފަހަރަށް ބަލިވެ އިނދެ ވިހެއުމާއި ދެތެރޭ މައިމީހާ އުޅެނީ ވަރަށް ޙާލުގައެވެ. އަދި އެފަދަ ވަގުތުތަކުގައި ފިރިމީހާގެ އަޅާލުން އެއަނބިމީހާއަށް ވަރަށް ގާތުން ނުހަނު ލޯތްބާއިއެކު ދޭތަން ފެނެއެވެ. ދަރިފުޅު ދުނިޔެއަށް ނޭވާލާން ވާއިރަށް ދެމަފިރިންގެ ވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނުވައެވެ. ޙަރަދު ބަރަދު ތައް ހަމަޖައްސާނެ ގޮތަކާއި އެކުއްޖާފުޅަށް ޙިދްމަތްކުރުމަށްޓަކައި ކަންކަން ކުރާނެ ގޮތާއި، އެކުއްޖާފުޅަށް ހޯދާނެ ސާމާނާއި ދޭތެރޭ އެދެމީހުން މަޝްވަރާ ނުކުރާ އެންމެ ދުވަހެއް އެންމެ ރެއެއް ނުދާނެއެވެ. ވާނީވެސް އެހެންތާއެވެ. މިއުޅެނީ ޢީދެއް އަންނަ ވަރުގެ ކަމެއް ވާންވީއްޔާއެވެ. އެދިގު އިންތިޒާރުގައި ހުރިހާ ކަމަކާ މަޝްވަރާކުރާއިރު ގިނަ ފަހަރަށް އަލިއަޅުވާނުލެވޭ އެހެނަސް މުޙިއްމު ކަމެއް އެބައޮތެވެ. އެއީ ކުއްޖާ ތަރުބިއްޔަތު ކުރުމަށް ކުރާނެ ކަންކަމެވެ.

ކުޑަކުޑަ ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތު މައިންބަފައިންނަށް އެކުރެވޭ އިޙްސާސްތައް ވަރަށް ވެސް އާދަޔާއި ހިލާފްވާނެއެވެ. އެއި ޔަޤީން ކަމެކެވެ. އެހެން ނަމަވެސް އެއީ އުފާވެރި ކަމުގެ އާދަޔާއި ޙިލާފް އިޙްސާސް ތަކެވެ. އެދަރިފުޅަށްޓަކައި ކުރި އުއްމީދު ތައް އާލާވެގެން ދާނެއެވެ. ދަރިފުޅު ބޮޑުވުން ލަސްވެގެން ވެސް އުޅޭ މައިންބަފައިން މަދެއް ނޫނެވެ.

ދަރިފުޅުގެ ޢުމުރުން 1 އަހަރު ވާން ވާއިރަށް އެދަރިފުޅު ވާހަކަ ދައްކަން ފަށާނެކަމަށް އުއްމީދު ކުރާ މައިންބަފައިން މަދެއް ނޫނެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އެބީދައިން ކަންކަން ވެފައި ހުރުމުންނެވެ. އަދި އެޢުމުރުގައި ވާހަކަ ދައްކަން ނުފަށާ ކުދިންގެ މައިންބަފައިން ބައެއް ފަހަރަށް މާޔޫސްވެ އެކަކު އަނެކަކާ ޝަކުވާކުރާތަން އާދެއެވެ. ނަމަވެސް މިއީ އެއްވެސް މައްސަލައެއް ނޫނެވެ. ދެމީހުން އެދަރިފުޅު ހޭލާ ހުންނަ ވަގުތުތަކުގައި ދަރިފުޅާ މުޙާތަބްކޮށް ގިނަގިނައިން ވާހަކަ ދައްކާ ކަމުގައިވަނީނަމަ އެދަރިފުޅު ވާހަކަ ދައްކަން ފަށާލެއް އަވަސްވާނެއެވެ.

ދަރިފުޅު ވާހަކަ ދައްކަންފެށުމަކީ އަނެއްކާވެސް މައިންބަފައިންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމެކެވެ. އެއީ ކުއްޖާ އެޢުމުރުގައި ޙާއްސަކޮށް ވާހަކަ ދައްކަން ފަށައިގަނެ ވާހަކަ ދައްކާލެވޭ ހިސާބަށް ދާއިރު މީހުން ދައްކާ ވާހަކަ ކޮޕީ ކުރަން ފަށާނެއެވެ. އަދި ކުރާ ކަންތައްވެސް ކޮޕީ ކުރަން ފަށާނެއެވެ. މިއީ ރައްކާތެރިވާންޖެހޭ ޙާލަތެކެވެ. މައިންބަފައިންނަކީ ޒުވާބުކުރާ ބަސްމަގު ހަޑި ބަޔަކަށް ވެއްޖަނަމަ އެކުއްޖާ އެހިސާބުންވެސް ނަގައިގަންނަން ފަށާނީ އެ ބޭ އަދަބީ ގޮތެވެ. އެއީ ކުއްޖާގެ މައްސަލައެއް ނޫނެވެ. އެކުއްޖާ އުޅޭ މާޙަޢުލުގައި އެފަދަ ކަންކަން ހިނގާނަމަ އެކުއްޖާއަށް ދަސްވާނީ އެއީ އެގޮތެވެ. އަދި ޤަބޫލުކުރާނީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. ސަބަބަކީ އެކުއްޖާދެކޭނެ ގޮތުގައި އެކުއްޖާގެ މަންމަ އާއި ބައްޕަ ގޯސްކަމެއް ނުކުރާނެއެވެ. އެހެންވީއިރު އެމަންމަ އާއި ބައްޕަ އެދައްކައިދެނީ އެންމެ ރިވެތި ނަމޫނާ ކަމުގައި ޤަބޫލުކޮށް އެގޮތަށް އެކުއްޖާ ބައްޓަންވާން ފަށައެވެ. މިހެން މިވާ އަނެއް ސަބަބަކީ ކުއްޖާގާތު އަބަދު މަންމަ ވެސް ބައްޕަވެސް ދައްކާނެ ވާހަކައަކީ ހަޑިކޮށް ދަރިފުޅު ނޫޅެއްޗޭ ، އޭރުން މަންމަމެން ދެރަވާނެއޭ. މަންމަ މެން ވެސް ބަސްއަހައިގެން ނޫންހޭމ މިއުޅެނީ. މިގޮތަށް ކިޔާދީފައި މަންމަ މެން އެހެން ޢަމަލެއް ދައްކާނަމަ އެދައްކާ ވާހަކަ އަށް ވުރެ ޢަމަލަށް ދަރިފުޅު ބަރޯސާ ވާލެއް އަވަސްވާނެއެވެ.

ދަރިފޅުގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރާ ގޮތަކީ ދަރިފުޅުގެ ޢުމުރާ އެއްވަރުގެ ކަންކަމަށް ވުމަކީ މުޙިއްމު ކަމެވެ. ދީނީ ކަންކަމަށް ދަރިފުޅު ހޭލުންތެރިކޮށް އެކަންކަން ހިތުގައި އަށަގެންނެވުމަކީ ހަމަ ކޮންމެ މައެއްގެ ވެސް އަދި ބަފައެއްގެ ވެސް ވާޖިބެކެވެ. މިހެން ކަން އޮތް ނަމަވެސް އެކަން ހިނގަނީ ޤަބޫލުކުރަންވެސް ދަތި ގޮތަކަށެވެ. ދަރިފުޅަކީ ގޭތެރޭގައި އެހެންމީހުން ޓީވީ ބަލަން އިންނައިރު އަޑުމަޑު ކުރަންޖެހޭ ކުއްޖަކަށް ވާއިރު އެދަރިފުޅު ޓީވީ ބަލާގަޑީގައި އެހެން މީހުން އަޑުގަދަކޮށް އެކުއްޖާއަށް އުނދަގޫވާ މިންވަރަށް އެކަންކަން ކުރާ ކަމުގައި ވަނީ ނަމަ އކުއްޖާއަށް ދަސްވާނީ އިޙްތިރާމް ކުރުމަކީ ނެތް ކަމެއް ނުވަތަ ވަކިބަޔަކަށް އޮތް ކަމެއް ކަމުގައެވެ. ކުއްޖާ ކިޔަވާ ގަޑިއަކީ އެހެން އެންމެނަށް ވެސްމުޙިއްމު ވަގުތެއް ކަމުގައި ވާކަން އެކުއްޖާއަށް ފެންނަނަމަ އެވަގުތަކީ ކުއްޖާ އިސްނަގައިގެންވެސް އެކުއްޖާގެ މަސްއޫލިއްޔަތު އަދާކުރާނެ ވަގުތަކަށް ވާނެ ކަން ޔަޤީނެވެ. ވީމާ އިޙްތިރާމް ކުރަން ކުއްޖާއަށ ދަސްކޮށްދޭން ބޭނުންނަމަ ފުރަތަމަ އިޙްތިރާމް އަދާކުރުން ވެސް ޢަމަލީ ގޮތުން ދަރިފުޅަށް ފެންނާން ޖެހެއެވެ. ނޫންނަމަ އަޅުގަނޑުމެން އެންމެ އެދޭފަދަ ކުއްޖަކަށް ނުވުމަކީ ގާތް ކަމެކެވެ.

ކުއްޖާ ކުރާކަންތައްތައް ފާހަގަކުރުމަކީ ކުއްޖާގެ ކުރިމަގު އެކުއްޖާ އަމިއްލަ އަށް ބައްޓަންކުރުމަށް އެހީވެދޭ ކަމެކެވެ. ކުދިން އެކިޢޫމުރުގައި އެކިކަހަލަ ގޯސް ކަންތަކާއި ރަނގަޅު ކަންތައް ކުރާނެއެވެ. މިގޮތުން އެކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެކުދިންނަށް ހިތްވަރު ދިނުމަކީ އެފަދަ ރަނގަޅުކަންކަން އިތުރުކުރުމަށް އެކުއްޖާއަށް ބާރުލިބިދޭ ކަމެކެވެ. ހަމަ މިގޮތަށް އެކުއްޖާއަށް ކުރެވޭ ގޯސްކަންކަން އެއީ ގޯސްކަމެއްކަން އެކުއްޖާއަށް ވިސްނައިދޭނެ ޖެހެއެވެ. ހަމައެކަނި އެކުރެވުނީ ގޯސްކަމެއްކަން ބުނެލުމުގެ ބަދަލުގައި އެކަން ގޯސްކަމަކަށް ވީ ސަބަބު އެކުއްޖާއަށް ބުނެދޭން ވާނެއެވެ. މީގެން ލިބޭނެ ފައިދާއަކި އޭނަގެ ޢުމުރުގެ އެހެން ކުއްޖަކު އެފަދަ ކަމެއް ކުރާތަން ފެނިއްޖަނަ އެއީ ގޯސް ކަމެއްކަން އެކުއްޖާއަށް ބުނެދިނުމުގެ ޤާބިލްކަން ލިބޭނީ އޭރުންނެވެ. އޭރުން އެކުއްޖާ ބޮޑުވެގެން އަންނައިރު ކުށްކުރުމުގެ ވެއްޓާއި ވަރަށް ދުރުވާނެ ކަން އެއީ ޔަޤީން ކަމެކެވެ.

ކުއްޖާ ކުރާ ކަންތަކަށް މަންމަ އާއި ބައްޕަ ދެގޮތަށް ވާހަކަ އެކުއްޖާގެ ކުރިމަތީ ދެއްކުމަކީ ކުއްޖާއަށް ނޭދެވޭ ބަދަލުތަކެއް އަންނާނެ ކަމަކެވެ. ކުއްޖާ ގޯސްކަމެއް ކުރެވިގެން އަދަބެއް ދިނުމުން އެކުއްޖާގެ ދިފާޢުގައި އަނެކަކު އެކުއްޖާގެ ކުރިމަތީގައި ވާހަކަ ދެއްކުމުން އެކުށް ތަކުރާރު ކުރުމަށް ކުއްޖާއަށް ހިތްވަރު ލިބިގެން ދެއެވެ. މިފަދަ ދަނޑިވަލުތަކުގައި އެންމެ ރަނގަޅުގޮތަކީ އެކުއްޖާގެ އަދަބު ވަގުތު ހަމަވުމުން އެއަދަބު ލިބުނު ސަބަބާއި މެދު އެކުއްޖާއާއި ސުވާލުކޮށްލުމެވެ. އަދި އެކުށް ދެވަނަ ފަހަރަށ ތަކުރާރު ނުކުރުމަށް ނަސޭޙަތްތެރިވެ އެކުރެވުނު ކުށަށް މަޢާފަށް އެދުމަށް ހިތްވަރު ދޭންޖެހޭނެއެވެ. މީގެ ސަބަބުން އެކުއްޖާއަށް ދަސްވާނީ ތިމާގެ ފުށުން ކިތަންމެ ކުޑަކަމެއް އަނެކާއަށް ކުރިމަތި ކުރެވުނު ނަމަވެސް އެކަމަށް މަޢާފަށް އެދުމުގެ ރިވެތި އަދަބުތަކެވެ.

ކުއްޖާއަކީ އެންމެ ކުޑަ ދުވަހެކޭ އެއްގޮތަށް ކިތަންމެ ބޮޑު ވިޔަސް މުޙިއްމު ކުއްޖެއްކަމަށް ޤަބޫލުކުރާކަން އެކުއްޖާއަށް ހާމަކޮށްދޭން ވާނެއެވެ. ޕްރީ ސްކޫލުން ފެށީގެން ގްރޭޑް 3 އާއި ހިސާބަށް ދަރިފުޅު ބައިވެރިވާ ކުޅިވަރު މުބާރަތްތަކާއި އެހެނިހެން ކަންކަމުގައި މަންމައާއި ބައްޕަ އެއްވަރަކަށް ކަހަލަ ގޮތަކަށް ބައިވެރިވާތަން ފެނެއެވެ. ނަމަވެސް ގްރޭޑް 7 ހިސާބަށް ކުއްޖާއަންނައިރު މިކަން މަޑުމަޑުން ދުރަށް ދެއެވެ. މީގެ ސަބަބުން ކުދިންނާއި ގުޅި ބައެއް ކަހަލަ ނުރަނގަޅު ކަންކަމާއި ދިމާލަށް ދެވޭ ގޮތްވެއެވެ. ޙާއްސަކޮށް ސެކަންޑަރީ އެޑިއުކޭޝަން ޙާޟިލްކުރަމުންދާއިރު ކުއްޖާގެ ބެލެނިވެރިޔާ ހޯދަން ގިނަފަހަރަށް ސްކޫލްއިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ކުއްޖާގެ އަތަށް ބެލެނިވެރިޔާ އާއި ހަވާލުކުރަންދޭ ސްލިޕްކޮޅުގެ މުޙިއްމުކަން އެންމެ ފުރަތަމަ ދުވުހުއްސުރެ ކިޔާދެވިފައިވާ ނަމަ އަދި އެކިޔާިދނުން ކޮންމެ ދުވަހަކު ތަކުރާ ކުރާނަމަ ( މިދެންނެވީ ސްލިޕްކޮޅެއް ދިންތޯ ) އަހާލާނަމަ އެކުއްޖާއަށް އެކަން އެއީ މުޙިއްމު ކަމެއް ކަމުގައި ޤަބޫލުކުރެވޭނެއެވެ. ބާއްވާ ބައްދަލުވުންތަކަށް މަތީ ގްރޭޑް ތަކުގެ ބެލެނިވެރިން ނުދާކަމީ ސްކޫލުން ބާއްވާ އެކިއެކި ކަންކަން ކުދިންނަށް ވެސް މުޙިއްމު ނުވާނެކަމުގެ އިޙްސާކުރެވި އެކަން އެގޮތަށް ޤަބޫލުކުރެވިދާނެ ކަމެއް ކަމުގައި ވުމަކކީ އެކަށީގެންވާ ކަމެކެވެ.

ކުއްޖާއަކީ ދުރޫސުލް އަހުލާޤުގެ މަތީގައި ބަހައްޓަން ބޭނުންވާ ކުއްޖެއްކަމުގައި ވާނަމަ މައިންބަފައިންގެ ޒިންމާތަކުގެ ތެރެއިން ކުދިންނަކި ޒިންމާދާރު ބަޔަކަށް ހަދަންޖެހެއެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ފެންނާނީ އެންމެ ބެނުންވާ މަންޒަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން