Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ނިދި

އިންސޯމްނިއާ

2 މޭ 2017 - 14:52

މަރިޔަމް ލައިސާ

"އަހަންނަށް މިހުރީ އިންސޯމްނިއާ ޖެހިފައިތަ؟" މި ސުވާލަކީ، ނުނިދޭ ނުވަތަ ނިދި ހަމަނުވާ އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.


އިންސޯމްނިއާ މި ބައްޔަކީ، ނިދަން އުނދަގޫވެ، ނިދި ހަމަނުވެ، ނިދާފައި ނޯވެވުމެވެ. މި ބައްޔަކީ ގިނަ ފަހަރަށް ޑިޕްރެޝަންގެ ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް، ގަސްތުގައި ނުނިދާ އޮތުމުގެ ސަބަބުން ވެސް މި ބަލި ޖެހުން އެކަށީގެންވެއެވެ. އަދި މި ނޫނަސް، ބަލި ހާލަތުގެ ސަބަބުންނާއި، ނަފްސާނީ ކަމެއްގެ ސަބަބުންވެސް މި ބަލި ޖެހިދާނެއެވެ.


އިންސޯމްނިއާ، މި ބަލީގެ ދެ ވައްތަރެއް ވެއެވެ. އެއީ އެކިއުޓް އިންސޯމްނިއާ އާއި ކްރޯނިކް އިންސޯމްނިއާއެވެ. އެކިއުޓް އިންސޯމްނިއާ އަކީ ކުރު މުއްދަތަކަށް ދެމިގެންދާ ބާވަތެވެ. އެކިއުޓް އިންސޯމްނިއާ، މި ބަލި ގިނަ ފަހަރަށް ޖެހެނީ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތަކުންނެވެ. މިސާލަކަށް، ފިކުރު ކުރުމުގެ ސަބަބުން، ނުވަތަ ކަމަކާއި ހާސްވެގެން ނުނިދާހުރުމުގެ ސަބަބުން މި ބަލި ޖެހުން އެކަށީގެންވެއެވެ. އަދި އެކިއުޓް އިންސޯމްނިއާއަކީ، ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ، ފަރުވާ ނުހޯދާ ރަނގަޅު ކުރެވޭ ބާވަތެކެވެ.


ކްރޯނިކް އިންސޯމްނިއާ އަކީ ދިގު މުއްދަތަށް ދެމިގެންދާ ބާވަތެވެ. ކްރޯނިކް އިންސޯމްނިއާ، މި ބަލި ޖެހުމުން، ހަފްތާއަކު މަދުވެގެން 3 ދުވަހު މިބަލީގެ އުނދަގޫތައް ދިމާވެއެވެ. އަދި މަދުވެގެން 3 މަސް ވަންދެން މި ބަލި ދިގުދެމިގެން ދެއެވެ. މި ބަލި ޖެހުމަށް އެތައް ބައިވަރު ސަބަބުތަކެއް ވެއެވެ. މާހައުލު ބަދަލުވުމާއި، ނުނިދާ ހޭލާ ހުރުމާއި، ޝިފްޓް ޑިއުޓީ މަސައްކަތާއި، ސިއްހީ މައްސަލަތަށް އަދި ބައެއް ބާވަތުގެ ބޭހުން ވެސް މި ބަލީގެ ޝިކާރައަކަށްވުން އެކަށީގެންވެއެވެ. އަދި މި ބައްޔަކީ ކޮންމެސް ވަރެއްގެ ފަރުވާއެއް ހޯދައިގެން ރަނގަޅުކުރެވިދާނެ ބައްޔެކެވެ. މި ބައްޔަށް އަމަލީގޮތުން، ނަފްސާނީގޮތުން، ބޭސް ބޭނުންކޮށްގެން، ނުވަތަ މި ތިން ކަންތައް އެއްފަހަރާ ކޮށްގެންވެސް ފަރުވާ ހޯދިދާނެތެވެ. މި ބައްޔަކީ ޑޮކްޓަރެއްގެ ލަފާ ދަށުން، ފަރުވާ ހޯދޭ ބައްޔެކެވެ.
އިންސޯމްނިއާ ގެ ސަބަބުން، ހިތް ނުތަނަވަސްވެ، ވަރުބަލިވެ، ކަންތައްތަކަށް ސަމާލުކަން ދިނުން ކުޑަވެ، މަސައްކަތުގައާއި، ސުކޫލުގައި ފަރުވާކުޑަވެ ކަންތައްތައް ވެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި %68 ގެ 18-29 އާއި ދޭތެރޭގެ އުމުރުފުރައިގެ މީހުންވަނީ އިންސޯމްނިއާ ތަޖުރިބާ ކުރާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި 30-64 އާއި ދޭތެރޭގެ އުމުރުފުރައިގެ މީހުންގެ ތެރެއިން %59 މީހުން ރިޕޯޓް ކޮށްފައި ވާއިރު، 65 އަހަރުން މަތީގެ މީހުންގެ ތެރެއިން %44 މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ބޮޑަށް ފާހަގަ ކުރެވިފައިވާ ގޮތުގައި، މި ބަލި ޖެހިގެން ގިނަފަހަރަށް ރިޕޯޓް ކޮށްފައި ވަނީ ދަރިން ތިބޭ މީހުންނެވެ.


މި ބައްޔަކީ ފަރުވާ ހޯދޭ ބައްޔެކެވެ. އަދި މިބައްޔަށް ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ. އެހެނީ، އެއްވެސް ބައްޔަކަށް، އެބަލީގެ ސަބަބުން އެ މީހާއަށް ކުރާ އަސަރު ދެނެނުގަނެ ރަނގަޅު ފަރުވާއެއް ނުހޯދޭނެތީއެވެ. އެހެންކަމުން، ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު ޑޮކްޓަރުގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުން ވަރަށް މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން