Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

އުރީދޫގެ ޙިއްސާތައް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް ގަނެވިއްކުމަށް މިއަދު ހުޅުވާލައިފި

9 އޮގަސްޓް 2017 - 11:30

އާޝިޔާ މުޙައްމަދު

އުރީދޫ މޯލްޑިވްސްގެ ޙިއްސާތައް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް ގަނެވިއްކުމަށް މިއަދު ހެނދުނު 8.30 ގައި ހުޅުވާލައިފިއެވެ. އުރީދޫގައި މިއަދު ބޭއްވުނު ޕްރެސް ކޮންފްރެންސް ގައި އުރީދޫގެ ސީ.އީ.އޯ ނަޖީބު ޚާން އަދި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަސަން މަނިކު ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.

އުރީދޫގެ އައިޕީއޯ ވަރަށް ކާމިޔާބުކަމާއެކު ނިންމާ ޖުމްލަ 8257 ޙިއްސާދަރުންނަށް، 14,045,260 ޙިއްސާ ވިއްކާ 421,357,800 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެ ކުންފުނިން ދޫކޮށްފައިވާ ޙިއްސާގެ %9.5 އެވެ.

އައިޕީއޯ މެދުވެރިކޮށް ޙިއްސާ ނުގަނެވުނު ފަރާތްތަކަށް، ސެކަންޑަރީ މަރކެޓު ޓްރޭޑިންގ މެދުވެރިކޮށް އުރީދޫގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އުރީދޫއަކީ މިހާރު ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓު ކުރެވިފައިވާ އެންމެ ބޮޑު އެއް ކުންފުނިކަމަށާއި އަދި އެއީ އެންމެ ބޮޑު ފްރީ ފްލޯޓު އެޖަސްޓަޑް މާކެޓު ކެޕިޓަލައިޒޭޝަން އެއް އޮތް ކުންފުނި ކަމަށް އުރީދޫގެ ސީ.އީ.އޯ ނަޖީބު ޚާން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ. އަދި ޙިއްސާދަރުންގެ ފަރާތުން ލިބޭ ތަރުޙީބަށް ވަރަށް އުފާފުޅު ވާކަމަށާއި ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ގޮތުގައި މަސައްކަތްކުރަނީ ޙިއްސާދާރުންނަށް އެންމެ ފައިދާ ކުރުވަނިވި ގޮތަށް ކަމަށް ވިދާޅިވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަސަން މަނިކުވާހަކަފުޅު ދައްކަވަމުން އުރީދޫގެ އައިޕީއޯ އަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ ކެޕިޓަލް މާރކެޓަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އުރީދޫގެ އައިޕީއޯގެ 8257 ޙިއްސާދާރުންގެ ތެރެއިން 6000 ޙިއްސާދަރުންނަކީ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވެވަޑައިގެންނެވި ފަރާތްތައް ކަމުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ޙިއްސާ ގަނެވިއްކުމުގައި އެމްއެސްއީ ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އުރީދޫ އިން ރާއްޖޭގެ ސްޓޮކު އެކްސްޗޭންޖުގައި ބައިވެރިވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޙިއްސާ ގަނެވިއްކުމުގެ މާކެޓު އިތުރަށް ކުރިއަރާނެ ކަމަށް އުންމީދުކުރެވޭކަމަށްވެސް ވަނީ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން