Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހިމާޔަތްކުރެވިފައިވާ ތަންތަން

ހަނިފަރު ބޭ: އަޖައިބުން ފުރިފައިވާ ގުދުރަތުގެ ރީތިކަން

30 އޭޕްރީލް 2017 - 15:42

ބާ އަތޮޅު ހަނިފަރާއި އެތާނގެ ވަށައިގެންވާ ހިސާބަކީ އެތަނުގައި އުޅޭ އާދަޔާޚިލާފު ކަނޑުގެ ދިރުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސަރަހައްދެކެވެ. ހަނިފަރު "ބޭ" ނުވަތަ ދިވެހިން ކިޔާގޮތުން ނަމަ "ވަނދުމާފަރު އަޑި" އަކީ އެންމަޑިއާއި ފެހުރިހި އާންމުކޮށް ވަރަށް ގިނައިން ފެންނަ ސަރަހައްދެކެވެ. ފަތުރުވެރިންނާއި ކަނޑުގެ ދިރުންތައް ދިރާސާކުރާ މީހުންގެ ތެރޭގައި މި ސަރަހައްދު އެހާ މަޝްހޫރުވަނީ މިހެންވެއެވެ.


ހަނިފަރު ބޭ ގައި އޮއި ދައުރުވާގޮތުން ކަނޑުގެ ދިރުންތަކުގެ އާންމު ކާނާ ކަމަށްވާ ޕްލޭންކްޓަން އަކީ މިތަނުގައި ވަރަށް ތިޔާގި އެއްޗަކަށް ވަނީ ވެފައެވެ. އެންމަޑި އާއި ފެހުރިހި ފަދަ "ފިލްޓަރ ފީޑާރސް" ގެ ކެއުން މުޅިންހެން ބިނާވެފައި އޮންނަނީ ޕްލޭންކްޓަންގެ މައްޗަށެވެ. ކޮންމެ އަހަރެއްގެ މޭ އާއި ނޮވެމްބަރާއި ދޭތެރޭ ގައި ދިޔަ ބޮޑުވާއިރު ހަނިފަރު ބޭގައި ޕްލޭންކްޓަން ގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެއެވެ. އެއާއެކު އެހިސާބުގަނޑުގައި އުޅޭ އެންމަޑީގެ ޢަދަދު 200 އަށް ވުރެ މައްޗަށް އަރާ ކަމަށް ވެއެވެ. މިއީ ފެހުރިހިވެސް އެންމެ އާންމުކޮށް ފެންނަ ދުވަސްވަރެވެ.


ފުޓުބޯޅަ ދަނޑެއްވަރުވާ ކުޑަ ތަންކޮޅެއްގައި ފުޅާމިނުގައި 3.5 މީޓަރު ހުންނަ މިހާ ބައިވަރު އެންމަޑި އެއްވާ އެހެން އެއްވެސް ތަނެއް ހަނިފަރު ބޭ ފިޔަވާ ދުނިޔޭގައި ވާކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން ހަނިފަރު ބޭ ކަނޑައަޅާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު "މެންޓާ ރޭ ފީޑިންގ ސްޓޭޝަން" ގެ ގޮތުގައެވެ.
މިތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިން ހަނިފަރު ބޭ ސިފަ ކުރަނީ ޤަބޫލު ކުރަން ދަތި، ތަފާތު ތަޖުރިބާ އެއްގެ ގޮތުގައެވެ. އެހާ ބޮޑެތި ބައިވަރު ކަނޑުގެ ދިރުންތަކެއް އެއްތަނަކުން ފެނުމުން ގިނަ މީހުން އަޖައިބު ވެއެވެ. ފެހުރިއްސާއި އެންމަޑި އަކީ ސައިޒުން ކިތަންމެ ބޮޑު ވިޔަސް ވަރަށް މަޑުމައިތިރި ދިރުންތަކެއް ކަމުން ބިރެއްނެތި ވަރަށް ކައިރިން އެއެއްޗިހީގެ ޤުދުރަތީ ވެށީގައި އުޅޭގޮތް ބަލާލުމުގެ ފުރުސަތު ލިބެއެވެ.


ހަނިފަރު ބޭ ފަތުރުވެރިންގެ ތެރޭގައި މަޤްބޫލުވެގެން ދިޔުމާއެކު ޑައިވް ކޮށް ސްނޯކެލް ކުރާ މީހުންގެ އަދަދު އިތުރުވެ އެހިސާބުން ދަތުރުކުރާ ސަފާރީ ތަކާއި ދޯނިތައް ގިނަވުމުގެ ސަބަބުން އެންމަޑިއާއި ފެހުރިހި ފެންނަ މިންވަރު 2011 ވަރަށް ބޮޑަށް ދަށަށްގޮސްފައި ވެއެވެ. އޭގެ ފަހުން ސަރުކާރުން ވަނީ އާ ޤަވާއިދު ތަކެއް ތަންފީޒުކޮށް ހަނިފަރުގައި ޑައިވް ކުރުން މުޅިން މަނާކޮށްފައެވެ. ނަމަވެސް ޚާއްސަ ހުއްދަ އެއް ނަގައިގެން ސްނޯކެލް ކޮށް ކަނޑުއަޑީގެ މަންޒަރުތައް ފޮޓޯ ނެގޭގޮތް ހަމަޖައްސާފައި ވެއެވެ. 2011 އަހަރުން ފެށިގެން ޔުނެސްކޯގެ ވޯލްޑް ބަޔޮސްފިޔާ ރިސާރވްއެއްގެ ގޮތުގައި ހަނިފަރު ބޭ އާއި އެކު މުޅި ބާ އަތޮޅު ވަނީ ކަނޑައަޅާފައެވެ.

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން