Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަވަދިނެތް ދިރިއުޅުން

މަންމައަކަށް، އާއިލާއާއި، ވަޒީފާގެ ޒިންމާތައް 'ބެލެންސް' ކުރެވިދާނެ ގޮތްތައް!

15 ޖޫން 2017 - 15:00

ޒުލައިޚާ އަޙްމަދު

މިހާރުގެ ގިނަ މަންމައިންނަކީ ވަޒީފާއަށް ދަމުން ދަރިންނާއި ގޭގެ ކަންކަން ކުރަމުން ގެންދާ ބައެކެވެ. މިއީ އެއްވެސް ހާލެއްގައި ފަސޭހަކަމެއް ނޫނެވެ. މަސައްކަތާއި، އާއިލާއާއި ދަރިންގެ ޒިންމާތައް ހަމަހަމަކަމާއި އެކު އަދާކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ގިނަފަހަރަށް އާއިލާ އާއި އަދާކުރާ ވަޒީފާއަށް ހަމަހަމައަށް ވަގުތު ދިނުމަކީ މުސްތަހިއްލު ކަމެކެވެ. އެއްކޮޅުން އޮންނާނީ ވަޒީފާއަށް ފަރުވާ ކުޑަ ކުރެވިފައެވެ. އެހެންނޫނީ އާއިލާ އާއި ދަރިންނަށް ދޭންވާ ފުރިހަމަ ސަމާލުކަން ނުދެވިފައެވެ. އަދި މިކަމުގެ ސަބަބުން އަމިއްލައަށް ބޮލުގައި ތަފާތު އިލްޒާމް އެޅުވި މީހާ ހާސްކަމެއްގެ ތެރެއަށް ގަންބާލައެވެ.

އެހެންކަމުން މިބަލާލަނީ މަންމައަކަށް، އާއިލާއާއި، ވަޒީފާގެ ޒިންމާތައް ހަމަހަމައަށް 'ބެލެންސް' ކުރެވިދާނެ ގޮތްތަކަށެވެ.

އަމިއްލަ ނަފްސު ކުށްވެރިކުރުމުން ދުރުހެލިވުން

"އަހަރެން މިހިރީ ދަރިފުޅާ ދުރުގައެވެ." މިހެން ނުވިސްނާ ތިމާ އަދާކުރާ ވަޒީފާގެ ސަބަބުން ތިމާގެ އާއިލާއާއި ދަރިންނަށް ލިބޭ ފައިދާތަކާމެދު ވިސްނާށެވެ. ހަމަގައިމުވެސް މިއީ އާއިލާއަށް އިތުރަށް ފައިސާ ވަންނާނެ މަގެކެވެ. އަދި ތިބާގެ ދަރިންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދެވޭނެ މަގަކަށް މިކަން ވެގެންދާނެއެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް ރަނގަޅު ދުވަސްތަކާއި ގޯސް ދުވަސްތައް އަންނާނެއެވެ. މާބޮޑަށް ހިތަށް އުނދަގޫ ވާނަމަ ބައިވެރިޔާ އާ ނުވަތަ ގާތް ރައްޓެއްސަކާ ހިއްސާކޮށްލައްވާށެވެ.

ގޭގައި ނޫޅޭ ގަޑީގައި ދަރީން ބަލަން އިތުބާރު ކުރެވޭ، ރަނގަޅު މީހަކު ހޯދުން

ވަޒީފާއަށް ދާގަޑީގައި ދަރިފުޅު ބަލަން މީހަކު ހޯދާނަމަ، ނުވަތަ ގޭގައި އުޅޭ މީހަކު ދަރިފުޅު ބެލިޔަސް އެމީހަކީ އިތުބާރު ކުރެވޭ ތިމާ ބޭނުންވާ ސިފަތައް ހުރި މީހެއްކަން ޔަޤީން ކުރާށެވެ. މިގޮތުން މީހަކު ހޯދާނަމަ އެއީ ކުދިން ބެލުމުގެ ތަޖުރިބާ ހުރި މީހެއްކަން ޔަޤީން ކުރާށެވެ. އަދި ކުދިން އެމީހަކާ އެކީ އެކަނި ދޫކޮށްލުމުގެ ކުރިން އެމީހަކާއި ދަރީންނާއެކީ ތިބާ ހުރެގެން ވަގުތު ހޭދަކުރާށެވެ.

ހެނދުނުގެ ވަގުތު ރަނގަޅަށް ހަމަޖެހިލައިގެން ކަންކަން ކުރުން

ގިނަފަހަރަށް ވަޒީފާއަށްދާ މަންމައިންނަށް ހެނދުނުގެ ވަގުތަކީ އެންމެ ބުރަ، އަދި ބިޒީ ގަޑިއެވެ. އެހެންކަމުން ހެދުނު ކުރަން ހުންނަ ބައެއް ކަންކަން އޭގެ ކުރީ ރޭ ނިދުމުގެ ކުރިން ކޮށްލާށެވެ. ދަރީންގެ އިންޓަވަލަށް ދޭނެ އެއްޗެއް އޭގެ ކުރީރޭ ތައްޔާރުކޮށްފައި ބަހައްޓާށެވެ. އަދި ތިބާ އޮފީހަށްދާން ލާނެ ހެދުމެއްވެސް ކަނޑައަޅައި ރެޑީކޮށްފައި ބާއްވާށެވެ. އޮފީސް ދަބަހާއި، ކުދިން ސްކޫލަށް ގެންދާ ދަބަސްތައްވެސް ތައްޔާރުކުރުވާފައި ބަހައްޓާށެވެ. އަދި އެދުވަހަކު ކައްކާނެ އެއްޗެއްވެސް ރޭގަނޑު ކަނޑައަޅައި ކުރިއާލާ ތައްޔާރު ކުރެވޭނަމަ އެކަންވެސް ކުރާށެވެ. މިހެން ކަންތައް ކޮށްފިނަމަ ހެނދުނު ނިކަން ހަމަޖެހިލައިގެން، ދަރީންނާ އެކީ ނާސްތާކޮށްގެން އޮފީހަށް ދެވޭނެއެވެ.

އާއިލީ ކަލަންޑަރެއް ތައްޔާރުކޮށް ގެންގުޅުން

ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަލަންޑަރެއް ތައްޔާރުކޮށް ކޮންމެ ހަފްތާއަކު އެ ހަފްތާއެއްގައި ކުރަން ޖެހޭ ކަންކަން ލިސްޓުކުރާށެވެ. އެގޮތުން ގޭގެ ބިލްތައް ދައްކަން ޖެހޭ ދުވަހާއި، ކުދިންގެ ސްކޫލުގެ އެކިއެކި ބައްދަލުވުންތައް އޮންނަ ދުވަސްތަކާއި، އުފަންދުވަސްތައް ފަދަ ދުވަސްތައް މި ކަލަންޑަރުގައި ފާހަގަ ކޮށްފައި ބަހައްޓާށެވެ. އޭރުން ބިޒީކޮށް އުޅެމުންވެސް ކުރަންޖެހޭ ކަންކަން ހަނދާން ހުންނާނެއެވެ. އަދި މި ކަލަންޑަރު އެންމެނަށް ފެންނާނޭހެން ތަނެއްގައި ތަތްކޮށްފައި ބަހައްޓާށެވެ.

ވަޒީފާ ދިން ފަރާތާ ވާހަކަ ދައްކާލާ އެއްބަސްވުމަކަށް އައުން

އާއިލާ އާއި ދަރިންގެ ހާލަތު ވަޒީފާ ދިން ފަރާތައް އެނގިފައި އޮތުމަކީ ބޭނުންތެރި ކަމެކެވެ. އޭރުން ވަޒީފާގައި ހުރެފައި ދަރިފުޅު ބަލާ ސްކޫލަށް ދާން ޖެހުނަސް އޮފީހުގެ މީހުންނަށް އެކަން ވިސްނޭނެއެވެ. އެހެންނަމަވެސް އަމިއްލަ ވާހަކަތައް އޮފީސް މީހުންނާ ހިއްސާ ކުރަންވާނީ އަމިއްލައަށް ބޭނުންވާނަމައެވެ.

އެކުގައި ނުވިޔަސް ދަރިފުޅާ ގުޅުން ބާއްވާށެވެ

ދަރިފުޅާ އެކީ ގޭގައި ނުހުރެވުނަސް ދަރިފުޅާ އޮންނަ ގުޅުން ހީނަރުވިޔަ ނުދޭށެވެ. ސްކޫލަށް ނުދާވަރުގެ ތުއްތު ކުއްޖެއް އޮންނަ ނަމަ ކުޑަކުދިންގެ ވާހަކައެއް ތިބާ ކިޔާތަން، ނުވަތަ ލަވައެއްފަދަ އެއްޗެއް ރިކޯޑް ކޮށްފައި ވަޒީފާއަށްދާ ގަޑީ ކުއްޖާއަށް އަޅުވަދޭށެވެ. ސްކޫލަށް ދާ ކުއްޖެއްގެ މުހިއްމު ކަމެއް، މިސާލަކަށް ސްޕީޗެއްފަދަ އެއްޗެއް ކުއްޖާ ދޭތަނަށް ވަޒީފާގެ ސަބަބުން ތިބާއަށް ނުދެވޭނަމަ 'ގުޑްލަކް' ނޯޓެއް ފަދަ އެއްޗެއް ލިޔެފައި ކުއްޖާ ސްކޫލަށް ދާގަޑީގައި އަތަށް ދޭށެވެ. އަދި ފަހުން ބަލާލެވޭ ގޮތަށް ކުއްޖާގެ ސްޕީޗް ރިކޯޑު ކުރެވޭނެ ގޮތެއް އޮތިއްޔާ އެކަން ކުރާށެވެ. ގޭގައި ނޫޅުނަސް ލިބޭ ހުސްވަގުތުގައި ކުދިންނަށް ގުޅާ ވާހަކަ ދައްކާލާ ހަދާށެވެ. އޭރުން ކުދިންނަށްވެސް މަންމަ ގާތުގައި ހުރިކަމުގެ އިހުސާސް ކުރެވޭނެއެވެ. އަދި ތިބާއަށްވެސް ދުވަހާއިގެން ކުރިއަށް ދިއުމަށް ފަސޭހަވެގެންދާނެއެވެ.

ވަގުތު ބޭކާރުކުރުމާއި ބޭކާރު ކަންތައް ކުރުމުން ދުރުވާށެވެ

ޓީވީ ބެލުން ނުވަތަ ފިލްމެއް އެއްޗެއް ބަލާލުން ހަފްތާއަކު އެއްފަހަރު ކުރާ ކަމަކަށް ހަދާށެވެ. އަދި ލިބޭ ހުސްވަގުތުތައް ދަރިންނާއި ބައިވެރިޔާއާ އެކީ ހޭދަ ކުރާށެވެ. އަދި ކުދިންނާ އެކީ ހޭދަކުރާ ވަގުތުގައި އިތުރު ކަންކަން ކުރުމުން ދުރުހެލިވާށެވެ. އަދި ހުރިހާ ސަމާލުކަމެއް އެކުދިންނަށް އެގަޑީގައި ދޭށެވެ. އޮފީހުގައިވެސް ފޭސްބުކަށްވަނުން ފަދަ ބޭކާރު ކަންތައް ނުކޮށް މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލެވޭތޯ ބަލާށެވެ. އޭރުން ހުސްވަގުތު އިތުރުވެ އަމިއްލަ ނަފްސަށް ލުއިކަން އިހުސާސްވެގެންދާނެއެވެ.

އާއިލާ އެންމެން އެކީ ކުރެވިދާނެ ބައެއް ކަންކަން ރާވާލާށެވެ

ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުދިންނާއެކީ ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ކޮންމެވެސް އެއް ކާގަޑިއަކީ އާއިލާގެ އެންމެން އެކީ ކާމޭޒުމައްޗަށް އަރާ ވަގުތެއްކަމުގައި ހަދާށެވެ. އަދި ކުދިންނާ ގުޅުން ބަދަހި ކުރުމަށް 'ފެމިލީ ނައިޓެއް' ހަދާލާށެވެ. އެރޭގައި ކުދިންނާއެކީ ތަފާތު ގޭމްކުޅުން، ނުވަތަ ފިލްމެއް ބަލާލުން ފަދަ ކަމެއް ކުރެވިދާނެއެވެ. އާއިލާ އާ އެކީ ހޭދަ ކުރާ މި ވަގުތުގައި ވަޒީފާގެ ވާހަކަ ދެއްކުމާއި، ފޯނާ ދުރުހެލިވާށެވެ. އޭގެ ބަދަލުގައި ކުދިންގެ ރައްޓެހިންނާއި، ސްކޫލާއި، ހިތްއެދޭ ކަންތަކާ ބެހޭގޮތުން ސުވާލުކޮށް ގުޅުން ބަދަހި ކުރާށެވެ.

ބައިވެރިޔާއަށްވެސް ވަގުތުދޭށެވެ

ކުދިންގެ ކަންތަކާއި ވަޒީފާގެ ކަންތަކުގައި އުޅެން ޖެހިގެން އެންމެ ގިނަފަހަރަށް އެންމެ އަވަހަށް ފަރުވާކުޑަކޮށްލެވެނީ ފިރިމީހާއާ މެދުގައެވެ.  އެހެންކަމުން މަހަކު އެއްފަހަރު ނަމަވެސް ބައިވެރިޔާއާއެކީ ބޭރަށް ގޮސްލާ 'ޑޭޓްނައިޓް'އެއް ހަދާލާށެވެ. ނުވަތަ ގޭގައި ދެމީހުން އެކީ އެއްޗެއް ކައްކާލުން ފަދަ ކަމެއް ކޮށްލާށެވެ. އަދި ވަޒީފާއާއި ދަރީންގެ ވާހަކަ ނޫން ކޮންމެވެސް އެހެން ވާހަކައެއް ދެއްކުމަށް ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކޮށްލާށެވެ.

އަމިއްލަ ނަފްސަށްވެސް ވަގުތުކޮޅެއް ހުސްކޮށްލާށެވެ.

ލިބޭ ހުރިހާ ވަގުތެއް އާއިލާއާއި ދަރީންނަށް ހުސްކުރުމަކީ ރުޅިގަދަވެ، މޫޑީ ކުރުވާނެ ކަމެކެވެ. އޭގެ ބަދަލުގައި ވަގުތު ރަނގަޅަށް ބަހާލައިގެން ކަންކަން ކުރުމުން އަމިއްލަ ނަފްސަށް ހުސްކޮށްލާނެ ވަގުތު ލިބޭނެއެވެ. ބޮޑެތި ޒިންމާތައް ރަނގަޅަށް އަދާ ކުރުމަށްޓަކައި އަމިއްލަނަފްސަށް ފަރުވާތެރިވެ އަޅާލުމަކީ އެންމެ މުހިއްމުކަމެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތިމާ ކުރާހިތްވާ ކަމެއް ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ވާހަކަ ކިޔާހިތްވާ މީހެއްނަމަ ނިދުމުގެ ކުރިން ކުޑަކޮށް ވާހަކައެއް ކިޔާލާށެވެ. އަދި ކަސްރަތު ކުރުމަށް ސަމާލުކަންދޭށެވެ. ހަމައެހެންމެ ގަޑިން ގަޑިއަށް ކެއުމަށް ފަރުވާތެރިވެ، އަރާމުކުރަންވެސް ވަގުތު ހުސްކުރާށެވެ.

 

 

މި ލިޔުމާ ގުޅުންހުރި ލިޔުންތައް

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން