Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އިނޮވޭޝަން

18 އަހަރުގެ އިންޑިއާ ކުއްޖަކު ދުނިޔޭގެ އެންމެ ލުއި ސެޓަލައިޓު އުފައްދައިފި!

18 މޭ 2017 - 22:02

އައިޝަތު ޒާޔާ

ޒުވާން އުމުރުފުރައިގެ އިންޑިއާ ކުއްޖެއް ފުރިހަމައަށް މަސައްކަތްކުރާ ސެޓަލައިޓެއް ހެދުމުގެ ބައިނަލްއަޤްވާމީ މުބާރާތަކުން އެއްވަނަ ހޯދައިފިއެވެ. މި ސެޓަލައިޓެއް އުފެއްދުމުގެ އިތުރުން، އެނާ އީޖާދުކުރި ސެޓަލައިޓަކީ މިހާތަނަށް އެފައްދާފައިވާ އެންމެ ލުއި ސެޓަލައިޓެވެ. ނާސާ އިން ވަނީ މިއަންނަ މަހު މި ސެޓަލައިޓު ޖައްވަށް ފޮނުވާލުމަށް ހަމަޖައްސާފައެވެ.

18 އަހަރުގެ ރިފަތު ޝާރޫކް އުފައްދާފައިވާ ސެޓަލައިޓުގެ ބަރުދަނަކީ އެންމެ 64 ގުރާމެވެ. އަދި ހަތަރު ގަޑިއިރުގެ "ސަބް-އޯބިޓަލް މިޝަން" އެއްގައި ވަރްޖީނިއާގައި ޤާއިމުކުރެވިފައިވާ ނާސާގެ ވެލްޕްސް ފްލައިޓް ފެސިލިޓީ އިން 21 ޖޫނުގައި މި ސެޓަލައިޓު ފޮނުވާލާނެއެވެ. މި މިޝަންގެ އެންމެ ބޮޑު އަމާޒަކީ މި ކުޑަ ކުޑަ ސެޓަލައިޓުގެ ވަރުގަދަކަން އަދި ހަލާކުނުވެ ހިފަހައްޓާލެވޭނެ މުއްދަތު ހޯދުމެވެ.

ޝާރޫކް ވަނީ އެނާގެ މި އުފެއްދުން ތައުލީމާބެހޭ ކުންފުންޏެއް ކަމަށްވާ އައި-ޑޫޑްލްލާރންނިގް އިން ހިންގާ ނާސާ އާއި ކޮލޮރާޑޯ ސްޕޭސް ގްރާންޓް ކޮންސޯޓިއަމް އިން ޙިއްސާވާ، "ކިއުބްސް އިން ސްޕޭސް" ނަމަކަށް ކިޔާ މުބާރާތެއްގައި ހުށަހަޅާފައެވެ. މުބާރާތުގައި ކިޔަވާ ކުދިންނަށް ހަވާލުކުރި މައިގަނޑު މަސައްކަތަކީ 4 މީޓަރުގެ ކިއުބަކަށް ފެތޭވަރު ވަސީލަތެއް އުފެއްދުމެވެ. އަދި އެ ވަސީލަތް 64 ގުރާމްއަށް ވުރެ ބަރުނުވުންވެސް އެއީ މުބާރާތުގެ ޝަރުތެކެވެ. 

މުބާރާތަށް ހުށައެޅުނު ހުރިހާ ވަސީލަތްތަކުގެ ތެރެއިން އެއްވަނަ ހޯދި ޝާރޫކް ގެ އީޖާދަށް ދެވިފައިވާ ނަމަކީ "ކަލާމްސެޓް" އެވެ. އެއީ އިންޑިއާގެ ނިއުކްލިއަރ ސައިންޓިސްޓެއް އަދި ކުރީގެ ރައީސްއެއް ކަމަށްވާ އޭ.ޕީ.ޖޭ އަބްދުލް ކަލާމް އަށް ނިސްބަތްކޮށް ދެވިފައިވާ ނަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން