Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މޯލްޑިވްސް ޓްމޯރޯ

ކަނޑުތަކުން މަސް ހުސްވަނީތަ؟

11 އޮގަސްޓް 2017 - 19:34

ޙައްވާ އަޒްލީނާ ޢަލީ

 

މަސްތަކުގެ އަބާދީ ނެތިގެން ދަނީ ހެއްޔެވެ؟ މިޒަމާނަށް އައިސް ތަފާތު ގައުމުތަކުގައި ވިޔަފާރިއަށް މަސް ބާނަމުންދާ މިންވަރު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ކުރިން އާދައިގެ މަސްވެރިން އެމީހުންގެ ކެއުމަށާއި އާންމުދަނީ ހޯދުމަށް މަސްވެރިކަން ކުރިއަސް ގިނައަދަކަށް މަސް ބާނާއި އޭގެ ވިޔަފާރިކުރާ ފަރާތްތަށް ދަނީ އިތުރުވަމުންނެވެ. މިމީހުން ގެންގުޅޭ އުޅަނދުތަކުގައި މަސް ހޯދައި ލޮކޭޓް ކުރުމަށް ތަފާތު އާލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރަމުންދެއެވެ. އާންމުކޮށް މީހުން މަސްބޭނުމޭ ބުނުމުން ހިތަށް އަންނަނީ ދޯންޏެއްގައި އަރާމުކޮށް އިނދެ ބުޅީގައި މަހެއްޖެހުމުން އެމަސް ބޭނާލުމަށެވެ. ނަމަވެސް މިހާރުގެ މަސްވެރިކަން ބޮޑަށް ވައްތަރީ ހަނގުރާމަޔަކާއެވެ. އެމީހުން މަސް ބާނަން ބޭނުންކުރާ ރާޑަރާއި ސޯނަރ ސިސްޓަމްސް އާއި ހެލިކޮޕްޓަރަކީ ފުރަތަމަ ހަނގުރާމަކުރުމަށް އުފެއްދި އުފެއްދުންތަކެކެވެ.

ރާއްޖޭގައި ދާޖަހައިގެން މަސް ބޭނުން މަނާކުރެވިފައި ވީ ނަމަވެސް ގިނަ ގައުމުތަކުގައި މަސްވެރިކަން ކުރެވެމުންދަނީ މިގޮތަށެވެ. މިގޮތަށް މަސްބާނާއިރު ހިމާޔަތް ކުރެވިފައިވާ މަހާއި ވެލާ ކަހަނބު އަދި ކޯމަސް ދަލުގައި ޖެހެއެވެ. އަދި ގިނަ އަދަދަކަށް މަސް ވިއްކާ ކުންފުނިތަކުން ބަންދުކޮށް ވިއްކަން ބޭނުން ނުވާ މަސްތައް ދަލުގައި ޖެހެއެވެ. ބޭކާރު ގޮތެއްގައި އެތައް މަހެއް ބާނައި އުކާލެވެއެވެ. 1950 ހުން ފެށިގެން މިހާ ތަނަށް ކަނޑުމަހުގެ އާބާދީގެ 50 އިންސައްތަ ވަނީ މަދުވެފައެވެ. އަދި އެޓްލާންޓިކް ކަނޑުގައި އުޅޭ ނޫއުރަހަ ކަންނެލި ނެތި ހިގައިދިއުމުގެ ބިރު މިހާރު އެބައޮތެވެ.  

މިކަމަށް ހައްލެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކަމަކީ އިންސާނުންގެ އަމިއްލަ އެދުމާއި ފައިސާއަށް ދަހިވެތިވުމުން ގުދުރަތީ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު އެމީހުންނަށް ވިސްނައިދިނުމެވެ. ދުނިޔޭގެ މަހުގެ %31 މަސް މިވަނީ ބޭނުންވާ ވަރަށްވުރެ އިތުރަށް ބާނައި ހުސްވެފައެވެ. އިހި ފަދަ ތަކެތި ގިނައިން ބާނައި އުޅެނީ ފުޓްބޯޅަ ދަނޑެއްގެ ބޮޑުމިން ހުންނަ ދަލެއް ބޭނުންކޮށްގެންނެވެ. އިއްސަކީ ކަނޑުގެ އެންމެ އަޑީގައި އުޅޭ އެއްޗެއްކަމުން އެމީހުން ކަނޑުގެ ވެލިގަނޑުގައި ޖައްސައި ކަހާލައިގެން އިހި ނަގައެވެ. މިހެން ކަންތައްކުރުމުން މުރަކަތަކާއި އެތައް ދިރުމެއް ފަނާވެ ނެތެމުން އެބަދެއެވެ. އަދި ބޭކާރު ގޮތުގައި ކަނޑުން ނަގާ އެތައް ދިރުމެއް އަނބުރާ ކަނޑަށް އުކާލެވެއެވެ.

މަސްތަކުގެ އާބާދީ ހިމާޔަތްކުރުމަށް ސަރުކާރުތަކުން ވަރަށް ގިނަ ކަންތައް ކުރެވިދާނެއެވެ. އެގޮތުން މަސްބާނަން ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެންމެ ގިނައިން މަސްބޭނޭނެ އަދަދުވެސް ކަނޑައެޅިދާނެއެވެ. އަދި މަސްބޭނުމަށް ބޭނުންކުރާ ބައެއް އާލާތްތަށް މަނާކުރެވިދާނެއެވެ. ޚާއްސަކޮށް ދާޖަހައި ކަނޑުގެ ވެލިގަނޑު ކަހާލައިގެން މަސްބޭނުން މުޅިން މަނާ ކުރެވިދާނެއެވެ. އަދި ޤަވާއިދާ ޚިލާފަށް މަސް ބާނައި ވިއްކާ ކުންފުނިތައް ބޯއިކޮޓް ކުރެވިދާނެއެވެ.

 މިމަސައްކަތަށް ހުރިހާ ގައުމުތަކެއްގެ އެއްބާރުލުން ބޭނުންވާނެއެވެ. ސަބަބަކީ މަހަކީ ދެގައުމެއްގެ ދެމެދުގައިވާ ބޯޑަރަކަށް ސަމާލުކަންދޭނެ އެއްޗެއް ނޫނެވެ.  ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ކަނޑުގެ ދިރުމާއި އިގްތިސާދާއި ގިނަ އަދަދެއްގެ ރައްޔިތުންގެ އާންމުދަނީއާއި ދިވެހިންގެ ކެއުންބުއިމުގެ އަގުތައް ވަނީ މަސްވެރިކަމާއި ގުޅިލާމެހިފައެވެ. އެހެން ކަމުން އަހަރެމެންގެ އަޑުތައް މިކަމުގައި އުފުލައި މަސް ބާނާ ފަރާތްތަށް ޒިންމާދާރުވެރި ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ދޮނާ | 12 އޮގަސްޓް 2017 - 11:35

ވަރަށް ރަގަޅު ލިޔުމެއް، ހިތާމައަކީ މިފަދަ ކަންކަމާމެދު މީހުން ނުވިސްނާތީވެ، ސަރުކާރުތަކުންވެސް އަދި މަސްބާނާ މީހުންވެސް

މަސްވެރިޔާ | 12 އޮގަސްޓް 2017 - 14:47

މަސް ބާނާ ބާނާ ހުސްވަނީ އެވެ. ކުރާނެ ކަމެެެއްނެތެވެ. ދަންޑުވެރިކަން ކުރަންވީ އެވެ. ސަލާމެވެ.

ޓްރެންޑިން