Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ޓެކްނޮލޮޖީ

ޑިޖިޓަލް އެހީތެރިން!

10 މޭ 2017 - 11:40

ޢައިޝަތު ނައުރާ

ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލާފައި، ބޭނުންކުރެވޭ ބަހަށް ނަޒަރުހިންގާލަމާތޯ؟!

ޓެކްނޮލޮޖީއާއި ގުޅިގެން މުޖްތަމައުއަށް އަންނަ ބަދަލުތައް އެހާމެ ގިނައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކަކީ މުޢާމަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކާއި، އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތަށް އަންނަމުންދާ ބަދަލުތަކެވެ. ކުރުގޮތަކަށް ބުނާނަމަ ޓެކްނޮލޮޖީ އައިސް އަހަރެމެން ބޭނުންކުރާ ބަސް އެއްކޮށް އާކޮށްލައިފިއެވެ.

މިކަން މިހާރު ބަސްކޮށާރަށް އަލަށް ތާރަފުވެފައިވާ އައު ޓެކްނޮލޮޖީއާ ގުޅުން ހުރި ބަސްތަކުންނާއި، “މެސެޖު” ފަދަ ކުރީގައި އާއްމު ނޫން ބަސްތައް ބޭނުން ކުރާވަރު ގިނަވެފައިވާ މިންވަރުން ފެނިގެންދެއެވެ. މިގޮތުން "އެންޑްރޮއިޑް"، "އައި-ފޯނު" ފަދަ ބަސްތަކަކީ މިހާރު އަނގަމަތީ ބަސްތަކަކަށް ވެއްޖެއެވެ. ނުވިތާކަށް ޓެކްނޮލޮޖީ އާ ގުޅުވައިގެން ހަދާފައިވާ ހަރު ބަސްތައް ވެސް މަދެއް ނޫނެވެ.

ޓެކްނޮލޮޖީގެ ސަބަބުން މުޖްތަމައުގެ ގުޅުންތަކާއި ހަމަތަކަށް ކުރާ އަސަރުތައްވެސް ބައިވަރެވެ. މިހާރަކަށް އައިސް މަޝްހޫރުވެގެން އުޅޭ "ގްލާސް ހޯލް"އަކީ މީގެ ރަނގަޅު މިސާލެކެވެ. އެނަން ރައްދުވަނީ ގޫގުލްއިން ވަރަށް ފަހުން ތަޢާރަފް ކުރި "ގޫގުލް ގްލާސް އިންޓަރފޭސް" ބޭނުންކުރާއިރު އެހެންމީހުން ގެ އިޙްސާސްތަކަށް ނުބަލާ މުޖްތަމައު ގަބޫލުކުރާ އަހުލާގީ ފެންވަރަށް    ނުފެތޭ ގޮތަށް އަމަލު ކުރާ މީހުންނަށެވެ.

ނުވިތާކަށް ޓެކްނޮލޮޖީއަށް މިހާރުދޭ އަހަންމިއްޔަތުކަން އިސްތިހާރުތަކާއި މީޑިއާއިން ފެނެއެވެ. އިސްތިހާރުތަކާއި މީޑިއާއިން ދައްކުވައިދޭ މަންޒަރުތަކުން ގިނަފަހަރަށް، އާންމުންނަށް ފޯރުކޮށްދޭ މެސެޖަކީ ޓެކްނޮލޮޖީއަކީ ހުރިހާވެސް އެއްޗެއްކަމެވެ. އަދި އެއާ ނުލާ އެއްވެސް ކަމެއް ފުރިހަމައަށް ނުކުރެވޭނެ ކަމެވެ. މިގޮތުން އެއް އާރޓިކަލްގެ ސުރުހީގައި ލިޔެފައިވެއެވެ. " ރިއަލް ހިއުމަންސް އަދި ސުމާޓު ޓެކްނޮލޮޖީ، ދަތުރުކުރުން ފަސޭހަ އަދި މަޖާ ކަމަކަށް ހަދާދެއެވެ" މިތާނގައި އެބުނެވެނީ ނޭނގި ނަމަވެސް ޒަމާނީ ވަސީލަތްތާކާއި ނުލާ ދަތުރު ފުރިހަމައެއް ނުވާނެއެވެ. ބަޔަކަށް އެއްޗެއް ވިއްކާއިރު މިހެން ބުނުމުން އެ ލަނޑުދަނޑި ހާސިލު ވެދާނެއެވެ. ނަމަވެސް ހަގީގަތުގައި މި އިބާރާތުން ދެވޭ މެސަޖަކީ އެހާ އެދެވިގެން ވާ މެސެޖެއް ނޫނެވެ. އޭގެން އިންސާނާ އަމިއްލައަށް އެއްވެސް ކަމެއް ކުރެވޭނެ ކަމާމެދު ސުވާލު އުފައްދައެވެ. ކުރިއަށް އޮތް ތަނުގައި ވަސީލަތްތައް ބާޒާރުގައި ވިއްކާއިރު، މީހުންނާއި އޮންނަ ގުޅުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އައު ޓެކްނޮލޮޖީތައް ތައާރަފު ކުރާނެއެވެ. އެދުވަހު މީހަކާ ވާހަކަ ދެއްކުމުގެ ހިތްހަމަ ޖެހުން ވަސީލަތެއް މެދުވެރިކޮށް ހޯދަން ފަށާނެއެވެ.

 މިކަމުގެ އަލާމަތްތައް ދަނީ މިހާރުވެސް ފެންނަމުންނެވެ. 2014 ވަނަ އަހަރު ކުރެވިފައިވާ ދިރާސާއަކީ މީގެ ހެއްކެކެވެ. އެ ދިރާސާއިން ފެނުނު ގޮތުގައި "ޗެޓް ބޮޓް" ނުވަތަ "ވާރޗުއަލް އެސިސްޓަންޓް" އެއް 13 އަހަރުގެ ޔޫކްރޭނިއަން ކުއްޖަކަށް ވެގެން 5 މިނެޓައް ވާހާކަ ދެއްކުމަށްފަހު އެކަމަށް އިންސާފު ކުރަން ތިބި މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް އެއީ އަސްލު އިންސާނެއްކަން ގަބޫލުކުރެވޭ ފެންވަރަށް ވަނީ ވާހަކަދައްކާފައެވެ.

ނަމަވެސް ގިނަބަޔަކަށް މިކަން މިހެންވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ "ޗެޓް ބޮޓް" ނުވަތަ "ވާރޗުއަލް އެސިސްޓަންޓް" އެކަށީގެންވާ ވަރަށް އިންސާނެއްގެ ބަދަލުގައި ގިނަ ވަގުތުތަކަކަށް ބޭނުން ކުރެވޭނެ ފެންވަރު އަދި ނެތުމުންނެވެ.

ހަމަޔަގީނުންވެސް، "ވާރޗުއަލް އެސިސްޓަންޓް" އަށް އަހަރަމެން ކުރާ އިތުބާރު ވަރަށް ކުޑައެވެ. އަހާލެވެނީ މޫސުމާއި ބެހޭގޮތުން ނޫނީ ލަވައެއް ޖަހާލުމަށެވެ. ނަމަވެސް ކުއްލިއަކަށް ދިމާވާ މައްސަލައެއް ހައްލުކުރުމަށްޓަކައި އެހީއަށް އެދޭނީ އިންސާނެއްގެ ގާތުންނެވެ.

ނަމަވެސް، މިކަމާއި ބެހޭގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި 2021 ވަނަ އަހަރާއި ހަމައިން ޑިޖިޓަލް އެހީތެރިން މުޅި ދުނިޔެއަށް ވެރިވެގަނެގެން ދާނެއެވެ. މިއީ ތެދަކަށް ވާނަމަ ކުރިއަށް އޮތް 5 އަހަރުތެރޭގައި 8 ބިލިއަން ޑިޖިޓަލް އެހީތެރިން ދުނިޔެއަށް ތަޢާރަފްވާނެއެވެ.

މިފަދަ ދިރާސާތަކުން، ވިޔަފާރިކުރުމަށާއި އެހެނިހެން ކަނަތައްތަކަށް އިންސާނުންގެ ބަދަލުގައި "ވާރޗުއަލް އެސިސްޓަންޓް" ނުވަތަ ޑިޖިޓަލް އެހީތެރިންގެ ފައިދާ ބޮޑު ވާހަކަ ދައްކަމުންދާ މީހުންނަށް ފިސާރި އެއްބާރުލުމެއް ދެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން