Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

ކައިވެނީގެ ގުޅުން ހީނަރުކުރުމަށް ސޯޝިއަލް މީޑިއާގެ ދައުރު ބޮޑު

11 އޮކްޓޯބަރ 2017 - 12:00

ފާތިމަތު މުހައްމަދު

ސޯޝަލް މީޑިއާއަކީ މިއަދު ގިނަބައެއްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ދިރިއުޅުމަށް ބަދަލު ގެނުވާ މީޑިއާއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރީތިކޮށް ކައިވެނީގެ ގޮށެއް ޖަހާލެވުނުކަމުގައި ވިޔަސް ސޯޝައަލް މީޑިއާގެ ނުފޫޒު އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ގަދަވެ ބައިވެރިންގެ މެދުގައި ފިތުނަ ފަސާދަ އުފެދި ގުޅުން ޚަރާބުވެ ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި އެއިގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. ފަހަރެއްގައި މިއީ ވަފާތެރިކަންނެތިގެން ގޮސް ކުރިމަތިވާ މައްސަލަތަކެއްކަމަށްވެސް ވެދާނެއެވެ. ފިރިމީހާއަށް ފޭސްބުކްގެ ޕާސްވޯޑް ނުދީގެން އަނިޔާކޮށް އަތް ބިންދާލާފައިވާ އަނބިންގެ މައްސަލަތައްވެސް ފެންމަތިވަމުންދެއެވެ.

ހަމައެއާއެކު ކާވެނި ރޫޅޭ ސަބަބުތަކުގެ ތެރޭގައި ދެމަފިރިން އެކަކު އަނެކަމަށް ސިއްރުން އިންޓަރނެޓް ޗެޓް ރޫމްތައް ބޭނުންކުރުން ހިމެނޭކަމަށާއި އަދި ފިރިމީހާ ފޯނޮގްރަފީއަށް ދެވިހިފާފައިވާތީ ފިރިމީހާ ކައިރިން ވަރިވާން އެދޭ އަންހެނުން އުޅޭކަމީވެސް އަޅުގަނޑުމެން އާއިލާތަކުން ފެންނަ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އެމެރިކަން އެކަޑެމީ އޮފް މެޓްރިމޯނިއަލް ލޯޔާސްއިންބޭއްވި ބައްދަލުވުމުގައި ބައިވެރިވި 350 ވަރީގެ ވަކީލުންގެ ތެރެއިން 3/2 މީހުން ބުނެފައިވަނީ ކުރެވިފައިވާ ގިނަ ވަރިތަކުގެ ވަރަށް މުހިއްމު ދައުރެއް އިންޓަރނެޓް ވަނީ އަދާ ކޮށްފައިކަމުގައެވެ. މިގޮތުން ވަރީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލަ ކުރިމަތި ވެފައިވަނީ އާދަޔާޚިލާފު ޝަޢުޤުވެރިކަމާ އެކު އޮންލައިންކޮށް ބަދުއަޚުލާޤީ ފިލްމުތައް ބެލުމުންނެވެ. ޑިވޯރސް އޮންލައިން 2014 އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ފޭސްބުކްއާއި ގުޅުންހުރި ވަރިތައް އިނގިރޭސިވިލާތުގައި އިންތިހާއަށް އިތުރުވަމުން އާދެއެވެ. އެގޮތުން ކުރާވަރިތަކުގެ 33 އިންސައްތަ ފޭސްބުކްއާއި ގުޅުންހުންނަކަމަށް މި ދިރާސާއިން ދައްކައެވެ. އަދި 2009 ވަނަ އަހަރު ކުރި މިފަދަ ދިރާސާއަކުން ދައްކާގޮތުގައި އިގިރޭސިވިލާތުގައި ކުރާވަރީގެ 20 އިންސައްތަ ވަރި ގުޅިފައިވަނީ ފޭސްބުކާއި މިފަދަ ސޯޝަލް މީޑިއާއާއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން