Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

އަހަރެންގެ އަތް ބުރިކޮށްލީ އަހަރެންގެ އަވައްޓެރިއެއް – މަރިއަމް ސްޓެފޯޑް ބަންޑަބާ

19 ޖޫން 2017 - 13:53

މަރިޔަމް ލައިސާ

މަރިއަމް ސްޓެފޯޑް ބަންޑަބާ އަކީ އަލްބިނިޒްމް ނަމަކަށް ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންދާ އަންހެނެކެވެ. އޭނާ ދިރިއުޅެމުން އަންނަނީ ޓަންޒޭނިއާ ގައެވެ. ދެ އަތް ބުރިވެފައިވި ނަމަވެސް އޭނާ އަކީ މިހާރު އެއްޗެހި ވިއަމުން ދާ ހީވާގި އަދި ހިތްވަރުގަދަ އަންހެނެކެވެ. އޭނާގެ ދެ އަތް ބުރިކޮށްލީ ފިރިހެން ގްރޫޕަކުން އަލްބިނިސްމް ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ގުނަވަންތަކަކީ ޖާދޫ އެކުލެވޭ ގުނަވަންތަކެއް ކަމަށް ޤަބޫލުކޮށްގެންނެވެ. އެއީ އެހިސާބުގަނޑުގައި ގިނަބަޔަކު ދެކޭ ގޮތެވެ. އޭނާ ވަނީ އޭނާ އަތް ބުރިކޮށްލި ގޮތުގެ ހިތްދަތި ވާހަކަ އޭނާއާއި ކުރެވުނު އިންޓަވިއު އެއްގައި ހިއްސާކޮށްފައެވެ.

"ގްރޫޕެއް އައިސް އަހަރެން ދިރިއުޅޭ ގެއަށް ވަދެ އަހަރެންގެ ކޮޓަރިއަށް ވަތް. ދެން ފެށީ އަހަރެންގެ އަތް ބުރިކުރަން. ތެޅި ފޮޅުނުއިރު އަހަންނަށް ވަރަށް ވަރުން އަނެއް ފަރާތަށް އެނބުރެވުން. އަދ އެތަނުން އެކަކުގެ މޫނަށް ބަލާލެވުން. އަހަންނަށް އޭނާ އެނގުން. އެއީ އަހަރެންގެ އަވައްޓެރިއެއް. މަދުވެގެން 10 އަހަރުވަންދެން އަވައްޓެރިއެއްގެ ގޮތުގައި ދިރިއުޅުނު މީހެއް." މަރިއަމް ވާހަކަ ކިޔާދެމުން ގެންދިޔައެވެ.

"އޭނާ އަހަރެންނާއި އަދި އަހަރެންގެ އާއިލާއާއި ވަރަށް ގާތް ވާނެ. ކަތި ވަޅި އޮތީ އޭނާގެ އަތުގައި. އަހަރެންގެ އަތް ބުރިކޮށްލުމަށްފަހު ކައިރީގަ ހުރި މީހާ އަތަށް އަތުގެ ބައި ދިން." މަރިއަމް ކިޔައިދިނެވެ. "ދެން އެމީހުން އަހަރެން ހަސްފަތާލަށް ގެންދިޔައިރު ފަރުވާ ދެވޭ ވަރެއް ނުވި. އަހަރެންގެ ހާލު ފެނިފައި ފުރަތަމަ ޑަކްޓަރު ވެސް ފިލީ. ފަހުން ޑަކްޓަރު ބުނީ އޭނާ ބިރުން އަހަންނާއި ގާތް ވާން ނުކެރުނީ ކަމަށް." އޭނާ ކިޔައިދެމުން ދިޔައެވެ.

"ފުރަތަމަ އަހަރެންގެ އަތް ނެތީމަ ވަރަށް އުނދަގޫ ތަކާއި ކުރިމަތިވި. އަހަރެން ޖެހުނީ ކަމެއް ނުކުރެވިފަ އިނދެ ދެން ނިދަން. ނަމަވެސް މި ވިއަން ބޭނުންކުރާ މެޝިނު ގެނައި ފަހުން އައު ހިތްވަރެއް ލިބުނު އަދި އަލުން މަސައްކަތްކުރެވޭނެ ކަމުގެ އުއްމީދުވެސް ލިބުނު." އޭނާ ކުރަން ފަށައިގެން އުޅޭ މަސައްކަތުގެ ވާހަކަ ފާހަގަ ކޮށްލަމުން އޭނާ ބުންޏެވެ.

"މި މެޝިނުން ސްވެޓަރ، ބުރުގާ އަދި އެހެން ކަހަލަ އަންނައުނު ވެސް އަހަރެން ވިއަން. މި ދަގަނޑު އަތް މީ އަހަންނަށް ވަރަށް ބޮޑު އެހީއެއް. ފުރަތަމަ ކަމަކަށް އަހަންނަށް މިއަތުން ވަރަށް ހިތްވަރު ލިބޭ. އެއީ މިހާރު އަހަރެންގެ އަތް ނެތް ދުވަސްކޮޅާއި އަޅާ ކިޔާއިރު މިހާރު އަހަރެން މީ ތަފާތު މީހެއް ކަމަށް އިހުސާސް ކުރެވޭތީ." އޭނާގެ މަސްނޫއީ އަތުގެ ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

"މިހާރު ގިނަ ބަޔަކު ދަނީ އަލްބިނިޒިމް ބަލީގެ ސަބަބުން އަންނަ މައްސަލަތަކަށް ހޭލުންތެރިވަމުން. އަދި އެ ބަލިޖެހިފައިވާ މީހުންގެ ރައްކާތެރތިކަމަށްވެސް ހައްލު ހޯދުމަށް ކޮންމެވެސް ވަރަކަށް މަސައްކަތްކުރެވިފައިވޭ. ނަމަވެސް މިވަރަކުން ނުފުދޭ. މި ބަލި ޖެހިފަ ހުރި ވަރަށް ބައިވަރު ކުޑަކުދިން ރައްކާތެރި ކުރުމަށް ޙާއްސަކުރެވިފައިވާ ގެތަކުގައި އެބަ ދިރިއުޅޭ. އެހެންނަމަވެސް މިބަލި ޖެހިފައިވާ މީހުންނަށް ވަރަށްވެސް ބިރު ބޮޑު. މިކަމުގެ ބިރުން އާއިލާއާވަކިވެ ގެއިން ފިލާފައި ތިބި ކުދިންވެސް އުޅޭ. ވަކި ކޭމްޕް ތަކުގައި އުޅޭ ކުދިންވެސް ހުރޭ، ނަމަވެސް ރަށުގައި އަމިއްލަ ގޭގައި އުޅޭ ކުދިންނަށް އޮންނަ ބިރު ވަރަށް ބޮޑު" އޭނާ ގެ ބައްޔާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

މަރިއަމް އަކީ ކިހާ ހިތްވަރުގަދަ މީހެއްކަން މި އިންޓަވިއު ނިމުނު އިރުގައި ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ އެ ކުރަމުން ގެންދާ މަސައްކަތުގައި އޭނާއަށް ކުރިއެރޭނެ ކަމަށް އޭނާ ވަރަށް އުއްމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން