Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ހަޤީޤީ ދިރިއުޅުމުގެ ވާހަކަ

ބޭނުންވެގެން ވިހޭ ދަރިފުޅު އެއްލާލީ އެކުއްޖާގެ ގައިގައި ހުރި ބަލީގެ ސަބަބުން!

27 ޖޫން 2017 - 16:36

މަރިޔަމް ލައިސާ

މަންމައަކު 9 މަސް ދުވަސް ވަންދެން ބަނޑުގައި ކުއްޖަކު އުފުލުމަށްފަހު ބޭނުން ނުވާތަން ހިޔާލަށް ގެނައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން ކަށަވަރެވެ. އެތައް ދުވަހެއް ވަންދެން އެ ކުއްޖާ ބަނޑުގައި ބާއްވައިގެން ބޮޑުކޮށް އެ ކުއްޖާ އުފަންވާނެ އިރަކަށް އިންތިޒާރުކޮށް ވިހެއުމަށްފަހު އެ ކުއްޖާ އެ މަންމަ ބޭނުން ނުވެދާނެ ކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ.

ނަމަވެސް ކަން މިއޮތީ މިހެން ވެފައެވެ. އިންޑިއާގެ ހުޅަނގު ރަށަކަށް ދުވަސްނުފުރާ ވިހޭ ކުއްޖެކެވެ. އޭނާގެ ހަންގަނޑު ވަނީ ކުރަކި ވެފައެވެ. ހީވަނީ މުސްކުޅިވެފައި އޮތް ކުއްޖެއް ހެންނެވެ. އެ ކުއްޖާ އަށް މިހެން ވެފައި އޮތީ ކްރޮމޮސޯމަލް އެބްނޯމަލިޓީ އަދި އިންޓްރާ ޔޫޓަރިން ގްރޯތް ރީޓާޑޭޝަން ގެ ސަބަބުންނެވެ. މިހެން ދިމާވަނީ ރަހިމަށް ބޭނުންވާ ނިއުޓްރިޝަންސް އަދި އޮކްސީޖެން ނުލިބިގެން ދަރިފުޅު ރަނގަޅަށް ފެންދުލީގައި ނުއުފެދުމުންނެވެ.

ނަމަވެސް މިކަމުގައި މި ތުއްތު ކުއްޖާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އިންޑިއާގެ ގިނަ ހިސާބުތަކުގައި ކަންތައްތައް ހުންނަ ގޮތުން އެމީހުންނަށް މުހިއްމު ވަނީ އެމީހުންގެ އަގާއި އިއްޒަތެވެ. އެންމެން އެކުއްޖާ އުފަންވުމާއި އެކު ޤަބޫލު ކުރަން ފެށީ އެއީ ބަދު ދުޢާ ޖެހިފައި އޮތް ކުއްޖެއް ކަމަށެވެ. ނުވަތަ ވަރަށް ބޮޑު ބައްޔެއް ޖެހިފައި އޮތް ކުއްޖެއް ކަމަށެވެ. މިއީ ދުރު މީހުން ދެކުނު ގޮތެވެ. ނަމަވެސް ހިތްދަތިވީ މި ކުއްޖާގެ އާއިލާ މި ކުއްޖާއާއި ދޭތެރޭ ކަންތައް ކުރި ގޮތުންނެވެ. އެމީހުން އެ ކުއްޖާ ބަލައިގަންނަށް ލަދު ގަތީއެވެ. އެ ރަށުގެ މީހުން ކިޔާފާނެ އެއްޗަކާއި ދޭތެރޭ ވިސްނާފައި އެކުއްޖާ ބަލައި ނުގަތީއެވެ. އެ ކުއްޖާ ވިހޭ މައިމީހާ އެ ކުއްޖާ އަށް ގާތުން ކިރު ދޭން ވެސް ހެދީ ދެކޮޅެވެ.

ހީވީ އެ ކުއްޖާއަށް ދެން އެއްވެސް ގޮތެއް ނޯންނާނެ ހެންނެވެ. ނަމަވެސް މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރެއްނުކުރައްވާނެއެވެ. މިއީ ޔަޤީން ކަމެކެވެ. އެ ކުއްޖާ ބަލައިގަތީި އޭނާގެ 50 އަހަރުގެ ކާފަ، ޑިލިޕް ޑޯޑް އެވެ.

އޭނާ ވަނީ އެ ކުއްޖާ މުމްބާއީ ގެ ހަސްފަތާލަކަށް ގެންދެވެންދެން (2 ހަފްތާ ވަންދެން) ކުއްޖާއަށް ސަމްސަލަކުން ބަކަރީގެ ކިރު ދީފައެވެ.

"އަހަންނަށް އެނގޭ އެ ކުއްޖާގެ ކުށެއް ނޫންކަން އެއީ އެހެން އުފަންވުން. އެހެންވެ އަހަރެން އޭނަ ބަލަން ފެށީ." އޯގާވެރި ޑިލިޕް ވާހަކަ ދައްކަމުން ބުނެފައިވެއެވެ. "އަހަރެންގެ ހަމަ އެކަނި އުއްމީދަކީ އޭނާގެ ބަލި ރަނގަޅުވެ އާދައިގެ ދިރިއުޅުމެއް އޭނާއަށް ވެސް އުޅެވެން ފެށުން." ޑިލިޕް ބުނެފައިވެއެވެ.

"އަހަރެން އިތުރަށް މަސައްކަތް ކުރާނަން އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާ ބަލައިގަންނާނެ ގޮތް ހެދުމަށް. ނަމަވެސް ދެންވެސް އެމީހުން ބަލައި ނުގަނެފި ނަމަ އަހަރެން އެ ކުއްޖާ ބަލައި ބޮޑުކުރާނަން. އެ ކުއްޖާ އެހެން އުފަންވުން އެއީ އޭނާގެ ކުށެއް ނޫން. އެހެންކަމުން އަހަރެން އޭނާ އެއްލައެއް ނުލާނަން"، ޑިލިޕް ބުނެފައިވެއެވެ.

އިންސާނިއްޔަތުކަން މިޙާރު ފެންނަމުން ދަނީ މަދު ބައެއްގެ ފަރާތުންނެވެ. ޑިލިޕް އަކީ އިންސާނިއްޔަތު ކަމުގައި ދެވަނައެއް ނެތް މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން