Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ކާމިޔާބީގެ ފިޔަ

ވަޒީފާއަށް އިންޓަވިއު އަކަށް ދިއުމުގެ ކުރިން ވިސްނަންވީ ކަންތައް

8 އޮގަސްޓް 2017 - 21:31

ޙައްވާ އަޒްލީނާ ޢަލީ

 

ވަޒީފާއާއި ބެހޭ މަޢުލޫމާތު ރަނގަޅަށް ހޯދުން

ކޮންމެ ވަޒީފާއަކަށް ދާއިރުވެސް އެވަޒީފާއާއި ބެހޭ މަޢުލޫމާތު ރަނގަޅަށް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަޒީފާ ދެއްވާ ފަރާތުން ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގައި ހުންނަން ބޭނުންވާ ގާބިލިއްޔަތުކަމާއި ސިފަތައް ރަނގަޅައް އޮޅުންފިލުމަކީ އިންޓަވިއުއަށް ތައްޔާރުވުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި ވަޒީފާ ދޭފަރާތް  ނުވަތަ ކުންފުނީގެ ވަނަވަރު އޮޅުން ފިލުވުން މުހިންމެވެ. 

 

ލާނެ ރަނގަޅު ހެދުމެއް ޚިޔާރުކުރުން

އިގިރޭސިން ބުނެއުޅެއެވެ. "ފަސްޓް އިމްޕްރެޝަން އިޒް ދަ ލާސްޓް އިމްޕްރެޝަން" އެވެ. މީގެ މާނައަކީ މީހަކާ ފުރަތަމަ ބައްދަލުވާއިރު އެމީހާ ތިމާއާއި މެދު ކަނޑައަޅާ ގޮތް ބަދަލުކުރަން އުދަނގޫވާނެއެވެ. އޮފީހެއްގެ މެނޭޖަރެއްގެ ވަޒީފާ ހޯދަން އިންޓަވިއުއަށް ދާއިރު ސޯޓަކާއި ޓީޝާޓެއް ލައިގެން ގޮސްފިނަމަ ފުރަތަމަ ފަހަރަށް ފެންނަ ފެނުމަށް ތިބާއަކީ ފަރުވާކުޑަ މީހެއްގޮތަށް ވަޒީފާ ދޭތަނުން ކަޑައަޅާފާނެއެވެ. މިއީ އެންމެ އިންސާފްވެރި ގޮތްކަމުގައި ނުވިޔަސް ހަޤީގަތެވެ. އެހެންކަމުން އިހްތިރާމް ލިބޭގޮތަށް ހެދުން އަޅަން ފަރުވާ ބަހައްޓާށެވެ.

 

އިންޓަވިއު ޕްރެކްޓިސްކުރުން

ރައްޓެއްސެއް ނުވަތަ ގާތްމީހަކާއި އެކު ދާން އުޅޭ އިންޓަވިއުގައި ކޮށްފާނެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުވާށެވެ. އާންމުކޮށް އަހާނީ ވާޒީފާއަށް ބޭނުންވާ ހުނަރު ހުރިތޯ އާއި ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި މެދުގައެވެ. އަދި މީގެ އިތުރުން މީހާ ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ވާހަކަވެސް އަހާފާނެއެވެ. 

 

އިންޓަވިއު އަށް ގެންދާނެ ތަކެއްޗާއި މެދު ވިސްނުން

އިންޓަވިއުއަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީތަކާއި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެކަމުގެ ލިޔުމާއި ނޯޓްކުރާނެ ފޮތެއް ގެންދަންވާނެއެވެ. ފޮތުގައި ވަޒީފާ ދޭފަރާތާއި ކުރަންޖެހޭ ސުވާލެއް އޮތްނަމަ ނޯޓްކޮށްގެން ދިއުން ބުއްދިވެރިއެވެ. އަދި ދާހިއްލާނަމަ ޓިޝޫ ނޫނީ ރުމާލެއް ގެންދާށެވެ. އަދި ކުޑަ ފެންފުޅިއެއް ގެންދިއުންވެސް މުހިންމެވެ. 

 

އިންޓަވިއު ކުރާ ފަރާތަށް އިހްތިރާމްކުރުން

މާތް ބަހުރުވައިން ވާހަކަ ދެއްކުމުގެ އިތުރުން ހަށިގަނޑުގެ ހަރަކާތްތަށް ކޮންޓްރޯލްކުރަން މަސައްކަތްކުރާށެވެ. ގޮޑީގައި ހަށިގަނޑު ތެދަށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ. ކުރުގެޅިގެން އިންނަ ނަމަ އަމިއްލަ ނަފްސަށް އިތުބާރު ނެތް ފަރުވާ ކުޑަ މީހެއްގޮތުގައި ސިފަ ވެގެންދާނެއެވެ. އަދި އަތްފައި ބޭކާރު ގޮތުގައި ގުޑުވައި ނަހަދާށެވެ. އޭރުން މީހާއަކީ އަވަހަށް ބިރުގަނެ ޖެހުލުންވާ މީހެއްގޮތުގައި ސިފަވެގެންދާނެއެވެ. އަދި ހިނިތުންވުމާއެކު ލޮލާއި ލޯ ދިމާކޮށްގެން ވާހަކަދައްކަން ސަމާލުކަންދޭށެވެ. އަދި ފޯނު ސައިލެންޓަށް ލާފައި ބޭއްވުމަށް ހަނދާންކުރާށެވެ.  

 

އިންޓަވިއު އަށް ދާންޖެހޭ ތަނާއި ގަޑި އޮޅުން ފިލުވުން

މިއީ ހަމަޖެހިލައިގެން ގަޑިއަށް އިންޓަވިއުއަށް ދިއުމަށް މުހިންމުކަމެވެ. ގަޑިއަށް ނުދެވިއްޖެނަމަ ވަޒީފާ ދޭފަރާތުން ހިތްހަމައެއް ނުޖެހޭނެއެވެ. 

 

މީގެ އިތުރުން ރަނގަޅަށް ކައިގެން ދިއުމަށް ހަދާންކުރާށެވެ. ބަނޑުހައިކަމާއެކު ކަންކަމަށް ސަމާލުކަންދޭން އުދަނގޫވެދާނެއެވެ. މިފަހަކަށް އައިސް ރަނގަޅު ވަޒީފާއެއް ހޯދުމަކީ އުދަނގޫކަމެކެވެ. އެހެންކަމުން ރަނގަޅަށް ތައްޔާރުވެގެން އިންޓަވިއުއަށް ދާން ސަމާލުކަންދޭށެވެ. 

 

 

ކިޔުންތެރިންގެ ހިޔާލުތައް

×

ދޮނާ | 9 އޮގަސްޓް 2017 - 17:40

ވަރަށް ރަގަޅު ލިޔުމެއް،

ޓްރެންޑިން